މަޝްހޫރު މޫސީގާރު އިބްރާހިމް ޒައިދު ޢަލީ (ކުޑައިއްބެ) ކިޔާފައިވައިފާ ލަވަ “އެރޭ ނިދިން ބާކީވެފާ..” އަކީ ބޮޑު މަޝްހޫރު ކަމެއް ލިބިގެންދިޔަ، ރީތި ލަވައެކެވެ. ރާގާއި ޅެންވެރިކަމަށެވެ. އިއްބެގެ މިއުޒިކާއި އިއްބެގެ ހުށައަޅައިދިނުމުގެ ފެންވަރު ރަނގަޅުކަމުންނެވެ. ނަމަވެސް، ހިތްގައިމު މި ލަވައަކީ އިއްބެގެ އަމިއްލަ ރާގެއް ނޫނެވެ. މިއީ ސ. ފޭދޫއަށް އުފަން، މުހައްމަދު ރިޔާޒް (ރިޔާ – ކުޑަ ބޮރިސް)، މޫސީގީ ދާއިރާއަށް ފުރަތަމަ ދޫކޮށްލި ހިތްގައިމު ނޭވާއެއް ފަދަ ހިތްގައިމު ރާގެކެވެ. އެހާމެ ހިތްގައިމު ޅެމެކެވެ.

 

މުހައްމަދު ރިޔާޒް (ކުޑަ ބޮރިސް) މިއަދު މިވަނީ އޭނާގެ އެންމެ ފުރަތަމަ ލަވަ “އެރޭ ނިދިން ބާކީވެފާ..” ވެސް ހިމެނޭގޮތަށް ހަތް ލަވަ ހިމެނޭ އޭނާގެ އަމިއްލަ ލަވަ އަލްބަމެއް ނެރެފައެވެ. ރިޔާ ގެ އަމިއްލަ ރާގާއި، އަމިއްލަ ޅެންވެރިކަމާއި އަމިއްލަ އަޑުން ނެރެފައިވާ “ހާސިލް” އަލްބަމުން މޫސީގީ ދާއިރާގައި އޭނާގެ ދެވަނަ ފިޔަވަޅު ހާސިލްވެއްޖެ އެވެ.


ހާސިލް” އަކީ ބަޔަކަށް އަޑު އިވޭނެ ގޮތަށް އަލްބަމެއްގެ ސިފައިގައި އޭނާ ހެދި ފުރަތަމަ އަލްބަމެވެ. އެހެން ކަމުން ހުރިހާ ގޮތަކުންވެސް މިއީ ރިޔާ އަށް ވަރަށް ޚާއްސަ އަލްބަމެކެވެ. ރާއްޖޭގެ މިއުޒިކަށް ޚާއްސަ އެޕްލިކޭޝަން ލަވަފޮށީގައި މިދިޔަ ޑިސެމްބަރު 22 ގައި މި އަލްބަމް ރިލީޒް ކޮށްފައިވާއިރު، އަލްބަމްގެ ހުރިހާ ލަވަތަކެއް އެއްކޮށް ނިންމާލުމަށް 10 ވަރަކަށް އަހަރު ހޭދަވި ކަމަށް މުނިއަވަސް އާ ވާހަކަދައްކަމުން ރިޔާ ބުންޏެވެ.

 

ހާސިލް“ގެ ލަވަތަކަށް ވީޑިއޯ ހެދުމުގެ މަސައްކަތް ކުރުމަށް އުއްމީދުގައި ހުރި، ރިޔާ ބުނީ އަލްބަމްގެ މަސައްކަތް ނިންމައިލުމަށް އެހާ ގިނަ އަހަރުތަކެއް ވެގެން ދިޔައީ މިއުޒިކް ކޮމްޕޯސްކުރާ މީހުން ލިބުން ދަތިވުމާއި މާލީ ހާލަތު ތަންނުދިނުން ފަދަ ބައެއް ކަންތައްތައް ކުރިމަތިވެގެން ކަމަށެވެ.

 

“އެކަމަކު ކިތައްމެ ގިނަދުވަހެއް ވިޔަސް މި އަލްބަމްގެ މަސައްކަތް ކުރިއަށް ގެންދިޔައީ މިއުޒިކަށް ދެވޭ ލޯބީގެ ސަބަބުން”. “ހާސިލް” އަލްބަމްގެ ފޮނި ހުވަފެން ހާސިލް ކުރުމަށް ކުރެވުނު މަސައްކަތްތައް ކިޔައިދެމުން ރިޔާ ބުންޏެވެ.

 

ހާސިލް“ގެ މިއުޒިކް ހަދާފައިވަނީ ދާއިރާގެ މަގުބޫލު ތިން ފަންނާނުން ކަމަށްވާ، ޓްރޯ، ފަތޯ އަދި ހާޑީ އެވެ. އަލްބަމްގެ ލަވަތައް ލަވަފޮށްޓާއި ބައިސްކޯފު އެޕްލިކޭޝަން މެދުވެރިކޮށް މިހާރު އަޑު އެހޭނެ އެވެ.

 

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަމުން އަންނަ ރިޔާގެ “ހާސިލް“ގެ އެއް ލަވަ ވަނީ އޭނާގެ އުފަން އަތޮޅު އައްޑޫ ބަހުރުވައިން ކިޔައި، އަތޮޅުގެ ރައްޔިތުންނަށް ޚާއްޞަކޮށްފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.