މި މަހުގެ ތިން ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ދައްކަން ފެށި ނިއުމާ މުހައްމަދުގެ ވަދާއީ ފިލްމު “ނިވައިރޯޅި” އަތޮޅުތަކުގެ ސިނަމާތަކުގައި މިރެއިން ފެށިގެން ޕްރިމިއާ ކުރަން ފަށާނެ އެވެ.

 

ދިވެހި ފިލްމު އިންޑަސްޓްރީގައި 21 އަހަރު ވަންދެން މަސައްކަތްކޮށް ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ނިއުމާ މުހައްމަދު ސްކްރީނަށް އަލްވަދާއު ކިޔާ ފިލްމް “ނިވައިރޯޅި” ނ. އަތޮޅު މަނަދޫގައި މިރޭ ޕްރިމިއާ ކުރާނެ އެވެ. ފިލްމު ޕްރިމިއާ އަށް މަނަދުއަށް ފިލްމުގެ މުހިއްމު ތަރިންތަކެއް ގޮސްފައި ވެއެވެ. އެގޮތުން ފިލްމުގައި ހަރަކާތެރިވި ލީޑު ތަރި ނިއުމާ މުހައްމަދު ގެ އިތުރުން ޒީނަތު، އަޒްމީލް، ޖުމައިހު، ރިޝްފާ އަދި ނުޒުހަތު ވެސް ބައިވެރިވާނެއެވެ.

 

މަނަދޫ ވިލަރެސް ކުލަބުގައި ފިލްމު އަޅުވާއިރު ފިލްމުގެ ޓިކެޓް ‘ކޮމްބަސް ފިހާރަ’ އިން ލިބެން ހުންނާނެ ކަމަށް ފިލްމުގެ ޓީމުން މަޢުލޫމާތު ދެއެވެ.

 

ބ. އޭދަފުށީގައި “ނިވައިރޯޅި” އަޅުވާނީ އަންނަ ހުކުރު ދުވަހުގެ ރޭގަ އެވެ. މީގެ އިތުރުން ކ. ގުރައިދޫގައި ހޮނިހިރު ދުވަހުގެ ރޭ މި ފިލްމު އަޅުވާނެ އެވެ.

 

ނިއުމާ އާއި އޭނާގެ ދަރިފުޅު ޒޯޔާ ހަސަންގެ ފިލްމު ކުންފުނި ނިއުޒޯ ޕްރޮޑަކްޝަނުން ޕްރޮޑިއުސްކޮށް އުފައްދާފައިވާ “ނިވައިރޯޅި” އަކީ ޑައިރެކްޓަރު މޫމިން ފުއާދުގެ ފިލްމެކެވެ. ސްކްރިޕްޓާއި ޑައިރެކްޝަންގެ މަސައްކަތްތައް ކޮށްފައިވަނީ މޫމިން އެވެ. މީގެ އިތުރުން ފިލްމަށް ކާސްޓުން ނެގީވެސް މޫމިން ކަމަށް ފިލްމުގެ ޕްރޮޑިއުސަރ އަދި ލީޑް އެކްޓަރ ނިޢުމާ މަޢުލޫމާތު ދެއެވެ.

 

ރ. އިނގުރައިދޫ އާއި މާލޭގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ ހައުސްފުލް ޝޯ ތަކެއް އޮލިމްޕަހުގައި ދައްކާފައިވާއިރު މި މަހުގެ 11، 12، 14 އަދި 15 ގައި ހުޅުމާލޭ ޝްވެކްގައިވެސް ވަނީ ޝޯ ތަކެއް ދައްކާފައެވެ.

 

މި ފިލްމުގައި ނިޢުމާއަށް ވަރުގަދަ އެކްޓިން އެއް ދައްކައިލުމުގެ ފުރުޞަތު ލިބިފައިވާކަމަށް ވީޓީވީގައި ނިޢުމާ ބުނެފައި ވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.