އިންޑޮނޭޝިޔާ އަންހެނެއް އޭނާގެ ފިރިމީހާގެ ފޯނުގެ ޕާސްވޯޑް ނުދިނުމުން ފިރިމީހާގެ ގަޔަށް ޕެޓްރޯލް އަޅައި ރޯކޮށްލައިފިއެވެ. މި ހާދިސާ ހިނގިތާ ދެވަނައަށް ވީ ދުވަހު ފިރިމީހާ ވަނީ ނިޔާވެފައެވެ.

 

އުމުރުން 26 އަހަރުގެ ޑެދީ ޕުރުނާމާ އާއި އޭނާގެ އަންހެނުން އިލްހާމް ކަހްޔާނީ 25 އަހަރު، ދިރިއުޅޭ ގޭގެ ފުރާޅު މަރާމާތު ކުރުމުގައި އަވަދިނެތި އުޅެނިކޮށް ޑެދީ ޕުރުނާމާގެ ފޯނުގެ ޕާސްވޯޑް ދިނުމަށް އެދުނެވެ. ޑެދީ އެކަމަށް ދެކޮޅުހެދި އެވެ. ދެމީހުންގެ ދެމެދުގައި ހޫނުގަދަ ޒުވާބެއް ހިނގަމުންގޮސް އަނބިމީހާގެ ގައިގައި ބާރު އެތިފަހަރެއް ޑެދީ ޖެހިއެވެ. އޭގެ ފަހުން އިލްހާމްގެ ސިނގުރުޅިގަނޑު ކޮންޓްރޯލް ނުކުރެވި، ފިރިމީހާގެ ގަޔަށް ޕެޓްރޯލް އަޅައި ރޯކޮށްލިއެވެ.

 

ޑެދީ ޕުރުނާމާ ނިޔާވީ މި ހާދިސާ ހިނގިތާ ދެވަނައަށް ވީދުވަހު އިންޑޮނޭޝިޔާގެ ވެސްޓް ނޫސާ ޓެންގައްރާ ގެ އީސްޓް ލޮމްބޮކް ރިޖެންސީ ރަށުގައެވެ.

 

އީސްޓް ލޮމްބަކް ފުލުހުންގެ ވެރިޔާ މަޑޭ ޔޯގީ ބުނީ އެ ދެމަފިރިންގެ ދެމެދުގައި ޒުވާބު ހޫނުވެ ޑެދީ ޕުރުނާމާ ފުރާޅުން ފުންމާލައިގެން ގޮސް އަނބިމީހާ އިލްހާމް ގެ ގައިގައި ޖެހިކަމަށެވެ. ހަމަ އެއާއެކު އިލްހާމް ކަހްޔާނީ ޕެޓްރޯލް ހަމެއް ނަގައިގެންގޮސް ފިރިމީހާގެ ގަޔަށް އަޅައިލާ ލައިޓަރަކުން ރޯކޮށްލީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

އޮޖީ ނަމަކަށް ކިޔާ މަންޒަރު ދުށް މީހަކު، ރިޕޯޓަރުން ކައިރީގައި ބުނީ ޕުރުނާމާ މެންގެ ގޭ ތެރެއިން އަލިފާންގަނޑު ފެނިގެން އެގެއަށް ވަދެ އަލިފާން ނިއްވައިލުމަށް މަސައްކަތް ކުރިކަމަށެވެ.

 

ކެރުއަކް ސިއްހީ މަރުކަޒަށް ޕުރުނާމާ ގެންގޮސް ދެދުވަސް ވާންދެން ފަރުވާ ދެވުނެވެ. އާއްމުވެފައިވާ ފޮޓޯތަކުން ފެންނަގޮތުން ޕުރުނާމާގެ ހަށިގަނޑުގެ މަތީބައިން ބޮޑުބައެއް ވަނީ ނުރައްކާތެރި މިންވަރަކަށް ފިހިފައެވެ.

 

މި ހާދިސާއާއި ގުޅިގެން އިލްހާމް ކަހްޔާނީ ހައްޔަރުކޮށް އީސްޓް ލޮމްބަކް ގެ ސަރަހައްދީ ފުލުހުންގެ އިދާރާގައި މިހާރު ހުރީ ހައްޔަރުކޮށްފައެވެ. ނަމަވެސް އޭނާގެ މައްޗަށް އެއްވެސް ދައުވާއެއް ކުރެވިފައިވާކަން އަދި ވަނީ އެނގޭގޮތް ނުވެފައެވެ. ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.