ރާއްޖޭގައި މިހާތަނަށް އެންމެ އަގުބޮޑު ޚަރަދެއް ކޮށްގެން ތައްޔާރުކޮށް އަޒްހާން އިބްރާހީމް ގެނެސް ދިން ވީޑިއޯ ލަވަ “ހީލީމާ” ގެ އިތުރު ބައެއް “ބޭނުން ހީލީމާ އަގެއިން” ގެ ނަމުގައި އަންނަ މަހުގެ 14 ވަނަ ދުވަހު ރިލީޒް ކުރުމަށް ތައްޔާރުވެއްޖެ އެވެ.

 

“ހީލީމާ” އަކީ 2016 ވަނަ އަހަރު ރިލީޒްކޮށްފައިވާ ލަވައެކެވެ. “ބޭނުން ހީލީމާ އަގެއިން” ބެލުންތެރިންނަށް ގެނެސްދިނުމުގެ ފަހަތުގައި އޮތީ ފިލްމީ ދާއިރާ އަށް ވަރަށް ފަހުން ތައާރަފުވި ފިލްމު ސްޓޫޑިއޯއެއް ކަމަށްވާ ‘އިމޭޖިނޭޝަން ރިއަލިޓީ’ އެވެ.

 

“ގާތްގަނޑަކަށް ލަވައިގެ 70 ޕަސެންޓް ނިމިއްޖެ. ވަރަށް ފުރިހަމަ ރީތި ވީޑިއޯ ލަވައަކަށް ހެދުމަށްޓަކައި އަޅުގަނޑުމެންގެ ޓެކްނިކަލް ޓީމުން ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން ދަނީ.” މުނިއަވަސް އަށް މައުލޫމާތު ދެމުން އިމޭޖިނޭޝަން ރިއަލިޓީން ބުންޏެވެ.

 

އިމޭޖިނޭޝަން ރިއަލިޓީން މީގެ ކުރިން ވެސް ހިތްގައިމު ދެ ލަވައެއްގެ ވީޑިއޯ ވެސް ބެލުންތެެރިންނަށް ގެނެސް ދީފައިވެއެވެ. “އަންނާށޭ ހުންނާށޭ” އަކީ އެ މީހުންގެ ފުރަތަމަ މަސައްކަތެވެ.

“ބޭނުން ހީލީމާ އަގެއިން” އުފެއްދުމުގެ ތެރެއިން – ފޮޓޯ: ފޭސްބްކް

“ހީލީމާ” ލަވައިގެ ޑައިރެކްޓަރ އަޒްހާން މުނިއަވަސް އަށް ބުނީ ވީޑިއޯއެއް ޑައިރެކްޓް ކުރުމުގެ މަސައްކަތް މި ކުރަނީ ވަރަށް ދުވަހަށް ފަހުގައި ކަމަށެވެ.

 

“ތިން އަހަރު ފަހުން ޑައިރެކްޝަނެއް މި ހަދަނީ. މިފަހަރު ވެސް އަނެއްކާ ވަރަށް އާ ކްރައުޑެއް ސިނަމޮޓޮގްރަފީ، ވިޝުއަލް އިފެކްޓްސް އަދި އެކްޓިން އަށް މި ގެންގުޅެނީ. މިއީ ބޮޑު ޗެލެންޖެއް ނަމަވެސް ވަރަށް ޕޮޒިޓިވްކޮށް ނަގައިގެން މި އުޅެނީ. ކުރިއަށްވުރެން ރަނގަޅުވާނެ ކަމަށް ބަލައިގެން މިއުޅެނީ. އެގޮތަށް މަސައްކަތް މި ކުރަނީ.” އަޒުހާން ބުންޏެވެ.

 

“ކުރީ ލަވައަށް ވުރެން މި ލަވަ ތަފާތު ވާނެ. އެފަހަރު ލަވައިގަ ސްޓޯރީއެއް ނޯންނާނެ. ނަމަވެސް މިފަހަރު ސްޓޯރީ ބޭސްޑްކޮށް މި ހަދަނީ، ލަވައިން ބުނެދޭނެ ވާހަކައެއް. މިހާރު ލަވައިގެ ވިޝުއަލް އިފެކްޓްގެ މަސައްކަތް ކުރެވެމުންދަނީ. މި ހަފުތާގަ ލަވަ ނިމޭނެ. ފެބްރުއަރީ 14 ގަ ލަވަ ފެނިގެންދާނެ.” އިތުރަށް އަޒުހާން ބުންޏެވެ.

“ބޭނުން ހީލީމާ އަގެއިން” އިން ފެނިގެންދާނީ ރާއްޖޭގައި ފުރަތަމަ ބޭއްވުނު އިންޓަނޭޝަނަލް ފެޝަން މުބާރާތް ކަމަށްވާ ”ޓޮޕް މޮޑެލްސް މޯލްޑިވްސް 2018″ގެ ކާމިޔާބުކުރި ޖަމްޝީދާ ޖަމްޝީދުގެ އިތުރުން ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒުވާން ފިރިހެން މޮޑެލް މުހައްމަދު އިޝްފާނެވެ.

 

އަޒުހާން ކުރިންހެދި ލަވަ ރަޝިއާގެ އެޑެއިގޯ ޓީވީގެ ރަސްމީ ޓްވިޓާ އެކައުންޓްގައި އެފަހަރު ޕޯސްޓްވެސް ކުރިއެވެ. އެ ލަވައިގެ އިތުރުން ލަވައިގެ މޭކިން ވެސް ވަނީ އެ ޓްވީޓާ އެކައުންޓްގައި ޕޯސްޓް ކޮށްފަ އެވެ.

 

އަމިއްލަ ރާގުގެ އެ ލަވަ ކިޔާފައިވަނީ މުހައްމަދު އަބްދުލް ޣަނީ އާއި އޭނާގެ އަންހެނުން މަރިޔަމް އަޝްފާ އެވެ. ލަވައިގެ ކެމެރާ މަސައްކަތް ކޮށްފައި ވަނީ ސްޓްރީކް ސްޓޫޑިއޯއިންނެވެ. ލަވަ ނަގާފައިވަނީ ހުޅުމާލެ، ޅ. ހިންނަވަރު އަދި އއ. ތޮއްޑޫގަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.