މީގެ 17 އަހަރު ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާޚާނާ ތެރޭގައި މަރާލި އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާ ވެގެން ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކޮށް، އެކްޓް ކޮށްފައިވާ “ލީނާ” ފިލްމުގެ ފޭސްބްކް ޕޭޖްގައި މިރޭ އާއްމުކޮށްފައިވާ ފޮޓޯ އާއިމެދު ގިނަ ސުވާލުތަކެއް އުފެދިއްޖެ އެވެ.

 

ލެއިން ކަޅިވެފައިވާ ތަށިމުށި ޖެހި ތަޅުންގަނޑެއް ފެންނައިރު، ރީނދޫ ކުލައިގެ ހެދުމެއްގެ ބައެއް ފެންނަން ހުއްޓެވެ. ފެންނަން ހުރި ލެއަކީ ފިލްމުތަކުން ފެންނަ ލެއަށްވުރެން އަސްލާއި މާބޮޑަށްވެސް ވައްތަރު ލެއެކެވެ. ފޮޓޯގައި ކަޅުކުލައިގެ ބޮޑު ސުވާލުމާކެއް ޖަހާފައި ހުއްޓެވެ. ފޮޓޯއާއިއެކުގައި ލިޔެފައިވަނީ ތާރީޚެކެވެ. 01 ފެބްރުއަރީ 2019 އެވެ.

 

މިއީ މަރާލި އަޒްލީނާ ނަފީސްގެ ހަށިގަނޑު ފެނުނުއިރު އެތަނުން ނަގާފައިވާ އަސްލު ފޮޓޯއެއް ހެޔެވެ؟ ނޫނީ ފިލްމުގެ މަންޒަރެއް ހެއްޔެވެ؟ ފޯޓޯއިން ފެންނަން ހުރި ބޮޑު ސުވާލުމާކަށް ވުރެން ބޮޑު ސުވާލުމާކެއް އަހަރެންގެ ސިކުނޑިތެރޭގައި އެނބުރެން ފެށިއެވެ. މިއީ އަޅެ އަސްލު ހާދިސާގެ ފޮޓޯއެއް ހެއްޔޭ ހިތަށް އަރަންފެށިއެވެ.

 

ފެނުނު ފޮޓޯއާއި ފެނުނު ބޮޑު ސުވާލުމާކުން ހިތަށްވެރިވި ސުވާލުތަކަށް ޖަވާބެއް ލިބޭތޯ ބަލައިލުމަށް ފިލްމު “ލީނާ” ގެ ޑައިރެކްޓަރ އަދި ލީޑް އެކްޓަރ މުއާއަށް ގުޅައިލީމެވެ. ބޭކާރު ވާހަކަތަކެއް ނުދައްކައި ކުރަން ބޭނުންވި ސުވާލުކޮށްލީމެވެ.

 

“އެއީ އަސްލު ހާދިސާގެ އަސްލު ފޮޓޯއެއް ހެއްޔޭ” އަހައިލީމެވެ.

 

މުއާގެ ޖަވާބުން އިތުރުވީ ސުވާލު ތަކެކެވެ. ސީދާ ޖަވާބެއް ނުދީ މުއާ ބުނީ ފޮޓޯއިން ފެންނަ ސުވާލުމާކުގެ ޖަވާބު، އޭގައި އޮތް ތާރީޚްގައި ލިބޭނެ ކަމަށެވެ. މުއާ އިތުރަށް ބުނީ 01 ފެބްރުއަރީގައި ފިލްމުގެ ފުރަތަމަ ޓްރެއިލާ ދައްކައިލުން އޮންނާނެ ކަމަށެވެ. ފޮޓޯއިން ފެންނަ ބޮޑު ސުވާލުމާކުގެ ޖަވާބުވެސް ލިބޭނެ ކަމަށެވެ.

މުއާ ދިން ޖަވާބުން ހޯދަން ބޭނުންވި ޖަވާބެއް ނުލިބުނެވެ. މައްސަލައެއް ނެތެވެ. ފިލްމު ޑައިރެކްޓަރ އަދި އެކްޓަރ ގެ ހައިސިއްޔަތުން، މިވަރުގެ ބޮޑު ސަންޕެންސެއް އޮންނާނެ ކަމަށް ބެލެވޭ ފިލްމާއިމެދު އިތުރު ސަސްޕެންސެއް ފެންމަތިކޮށްލުމަކީ ފިލްމު ޕްރޮމޯޓް ކުރުމަށް ކުރާނެ ކަމެއްކަން އަހަންނަށް ވިސްނެއެވެ.

 

ނަމަވެސް “ލީނާ” ފިލްމު ފޭސްބްކް ޕޭޖަށް އަޕްލޯޑްކޮށްފައިވާ ފޮޓޯގެ އިތުރު މަޢުލޫމާތު ހޯދުމަށް އަހަރެން މަސައްކަތް ފެށީމެވެ. ހަވީރު ނޫހުގައި އޭރު މަސައްކަތް ކުރެއްވި މަޝްހޫރު ނޫސްވެރިޔާ އަދި މިހާރު ވީމީޑިއާގެ ޑިރެކްޓަރ ޖެނަރަލް އޮފް ނިއުސް އެންޑް ކަރަންޓް އެފެއާޒް އިމާދު ހަސަން ލަތީފް (އިމާދު ލަތީފް) އާ ވާހަކަދައްކައިލީމެވެ.

 

ވައިބަރުން އެ ފޮޓޯ ފޮނުވާފައި މިއީ މަރާލި އަޒްލީނާ އިންސިޑެންޓްގެ އަސްލު ފޮޓޯއެއްތޯ ސުވާލުކޮށްލީމެވެ.

 

“ތިއީ ވަރަށް ދުވަސްވެފަ އޮތް ކަމެއް ދޯ. އެހެންވީމާ ޔަގީންކަމާއެކު ބުނަން ދަތި. އެކަމަކު ހީވަނީ އެހެން ހެން.” އިމާދު ވިދާޅުވީ އެއީ އެ ހާދިސާގެ އަސްލުފޮ ޓޯއެއް ކަމަށް ހީފުޅުކުރެއްވޭ ކަމަށެވެ.

 

އެ ފޮޓޯ އަސްލަކާއި ވަރަށް ވައްތަރުކަމަށާއި ލީނާ ފިލްމުގެ ފޭސްބްކް ޕޭޖަށް އެ ފޮޓޯ ލައިގެން، އަދާހަމައެއް ކޮށްފައިވާކަމަށް ބުނީމެވެ.

 

“އާނ. ހީވަނީ ތީ އަސްލެއްހެން. ހެދުމުގެ ކުލަ ވެސް ފެމިލިއާ.” ފޮޓޯއާމެދު އިތުރަށް ވިސްނެވުމަށްފަހު އިމާދު ދެއްވި ޖަވާބެއް ކަމަށް ވިސްނުނީ އެ ދުވަސްވަރު އަޒްލީނާ އާ ވަރަށް ގިނައިން އަޒްލީނާގެ ގެއިންނާއި ހަވީރު ނޫހުގެ އިދާރާއާއި ޖެހިގެން ހުރި އަޒްލީނާގެ އޮފީސް ކައިރިން ފެންނަ ކަމަށް ވިދާޅުވުމުންނެވެ.

 

“ލީނާ” ފިލްމު ފޭސްބްކް ޕޭޖަށް އަޕްލޯޑްކޮށްފައިވާ ފޮޓޯ އާމެދު އުފެދުނު ސުވާލުގެ ފުރިހަމަ ޖަވާބެއް ނުލިބުނަސް، އަންނަމަހު އެއްވަނަ ދުވަހު ފުރިހަމަ ޖަވާބެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

 

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް ހަދާ “ލީނާ” ފިލްމު ޕްރޮޑިއުސް ކުރަނީ މުއާ އާއި ސައްޔާހު އައްބާސް ގުޅިގެންނެވެ. ފިލްމުގައި އަމިއްލަ ރާގުގެ ތިން ލަވަ ހިމެނޭނެ އެވެ.

 

ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.