އީމާ ނިޔާވިފަހުން ގޭތެރެއަސް ވަނީ ފަޅުކަމެއް ގެނުވާފައެވެ. ދަންވަރުގެ ހަމަ ހިމޭން ވަގުތެވެ. ދަންވަރުގެ ހަމަހިމޭންކަމުގައި ޒީނާ ނިދާފައި އޮތީ ވަރަށްވެސް އަރާމު ނިންޖަކުންނެވެ. އީމާ ނިޔާވިފަހުން ޒީނާއަށް ހަމަޖެހިލައިގެން ނިދާނުލެވޭތާ ދުވަސްތަކަކަށްފަހު އެރޭ ޒީނާއަށް ނިދާލެވޭގޮތްވިއެވެ. ކުއްލިއަކަށް ޒީނާގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު މީހަކު އެތެރެއަށް ދެމިގަތެވެ. އެމީހަކު އާދައިގެ ހިނގުމެއްގައި ގޮސް ހުއްޓުނީ ޒީނާ ނިދާ އެނދުކައިރީގައެވެ. ނިދާ އެނދު ކޮޅުގައިވާ ސްވިޗަށް އެމީހާ ބަލައިލިއެވެ .ސްވިޗަށް ފިތާލުމާއެކު ދިއްލާފައިވާ ބޮކި ނިވިގެން ދިޔައެވެ. މުޅި ކޮޓަރިތެރެ އެކީގައި އަނދިރިވެގެން ދިޔައެވެ. އެމީހާ ޒީނާގެ ހަށިގަނޑަށް ފަރުވާތެރި ކަމާއެކު ނަޒަރު ހިންގާލިއެވެ. މަޑުމަޑުން އޭނަގެ އަތް ޒީނާގެ ހަށިގަނޑުގައި ހަރަކާތްކޮށްލިއެވެ. އޭރުވެސް ޒީނާ އޮތީ ގަދަ ނިދީގައެވެ. ނިދީގައި އޮވެ އަނެއް ފަރާށް ފުރޮޅިލިއެވެ.  ކައިރީގައި އޮތް ބާލީސް ނަގައި ޒީނާގެ މޫނުމަތީގައި ބާއްވަން އުޅުނު ވަގުތު ޒީނާއަށް ދެލޯ ހުޅުވާލެވުނީ މީހަކު ކައިރީގައި ހުރިކަން އިޙްސާސް ކުރެވިގެންނެވެ. ނަމަވެސް އެ ކަނު އަނދިރީގައި މީހަކު ފެންނަވަރެއް ނުވިއެވެ. ކުއްލިއަކަށް ތެދުވެ ފާރުގައި އަތްހާކަން ފެށިއެވެ. އެވަގުތު ސްވިޗް ބޯޑު އަތުގައި ޖެހުނެވެ. ވަގުތުން ހޮޅިބުރި ދިއްލާލިއެވެ. ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެމީހަކު ޒީނާއަށް ފެންނަގޮތެއް ނުވިއެވެ. ޒީނާ ކާކުހޭ ކިޔާ ހަޅޭއްވެސް ލަވައިގަތެވެ. ދޮރު ހުޅުވިފައި ހުރިތަން ފެނުމުން ކޮންމެވެސް މީހަކު ވަތްކަން އޭނައަށް ޔަޤީން ކުރެވުނެވެ..

 

ޒީނާ ހަޅޭއްލަވައިގަތް އަޑަށް ސަމާއާއި އަޒުލީމްއައިސް އެކޮޓަރިއަށް ވަނެވެ. ޒީނާ އުޅުނު ގޮތުން ކަމެއް ވެއްޖެކަން އެމީހުންނަށް އެނގުނެވެ. އެނދުން ތެދުވެގެން ގޮސް ކޮޓަރިން ބޭރަށް ނުކުތުމަށްފަހު ގޭތެރެއަށް ނަޒަރު ހިންގާލިއެވެ. އޭރު ބެލްކަނީގެ ދޮރު ހުޅުވިފައި ހުރިތަން ޒީނާ ގެ ލޮލުގައި އަޅައިގަތެވެ.

 

“މިގެއަށް މީހަކު ވަދެއްޖެ. ކީއްވެ ނިދުމުގެ ކުރިން ދޮރުތައް ތަޅުނުލަނީ. މިރޭވެސް ސަމާއެއްނު ޓީވީ ބަލަން އިނީ. ކީއްތަ ވާނީ ތަންތަން ތަޅުލާފަ ނިދަންވަންނަން.؟ މަވެސް ކޮޓަރި ދޮރު ތަޅުނުލާ ނިދުނީ. ގައިމު ވަގުންނަކަށް ނުވަދެވޭނެ ދޯ ބޭރު ދޮރުތައް ތަންޑު އަޅުވާފަ ހުންނަންޏާ. މިހާރު މިއީ މިގެއަށް މީހަކު ވަތް ދެވަނަ ރޭ..” ޒީނާ ކުދި ކިޔަމުން ގޮސް ކޮޓަރިއަށް ވަނެވެ. ސަމާ އެއްވެސް ވާހަކައެއް ނުދައްކާ ގޮސް ކޮޓަރިއަށް ވަނީ ޒުވާބު ކުރަން ބޭނުން ނުވާތީއެވެ. އެއީ ގެއަށް ވައްކަން ކުރަންވަތް މީހެއްކަމަށް ދެކި ނިދަން ގޮސް ވަނީއެވެ.

 

***

 

ދުވަހަކީ ވިއްސާރަ ވައިބާރު ދުވަހެކެވެ. ޒީނާ ވެސް ޑިއުޓީއަށް ނުގޮސް ގޭގައި އުޅޭ ދުވަހެކެވެ. ކުރާނެ މާބޮޑު ކަމެއް ނެތުމުން ހެނދުނު ނާސްތާ ކޮށްލައިގެން ޓީވީ ބަލަން ސޯފާގައި ޖައްސާލިއެވެ. ޓީވީ އިން އޭރު ދައްކަމުން ދިޔައީ އިންޑިޔާގެ ޗެނަލް އަކުން ދައްކަމުންދިޔަ ހިންދީ ޑްރާމާ ސިލްސިލާއެކެވެ. ސަމާ ވެސް ޑިއުޓީއަށް ދިއުމުން ޒީނާ ބޭނުންވީ ކުޑަކޮށް ހަމަ ޖެހިލައިގެން ޑްރާމާ ބަލާލާށެވެ. ވަގުތު ހުންނަ ގޮތުން ޓީވީން ދައްކާ އެއްޗެއް ބަލައިލާ ހިތްހަމަ ޖައްސާލުމަށްވެސް ލިބެނީ މަދު ވަގުތުކޮޅެކެވެ.

 

އަޒުލީމް ކޮޓަރިން ނުކުތީ ޒީނާ ޓީވީއަށް ގެއްލިފައި އިންދައެވެ. ޒީނާ ފެނުމުން އަޒުލީމުގެ މޫނުމަތިން ލާނެއް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެ ބެލުމުގައިވެސް ވަނީ ވަހުޝީ ގޮތްގަނޑެކެވެ. އޭނަގެ އެ ހިނިތުންވުމުން އެތައް މާނައެއް ނަގައިގަނެވޭނެއެވެ. ކޮޓަރީގައި ދޮރު ޖެހިއަޑަށް ޒީނާއަށް އެ ދިމާއަށް ބަލާލެވުނެވެ.

 

ވީ ފޫއްސެއްގެ ބޮޑުކަމުން ޓީވީ ނިއްވާލުމަށްފަހު ކޮޓަރިއަށް ދިއުމަށް ތެދުވެގެން ހިނގައިގަތެވެ. އެހިނދު އަޒުލީމު އޭނަގެ އަތުގައި ހިފިއެވެ.  ރުޅިއައިސްގެން އޭނަގެ ފައިން އަޒުލީމްގެ ކުރިމަތި ފަރާތުގައި ޖެހިއެވެ. ޒީނާ ހުރީ އަޒުލީމް ކަމެއް ކޮށްފާނެތީ ވަރަށް ހުޝިޔާރުވެގެންކަން އޭނަގެ އަމަލުތަކުން އެނގުނެވެ. ވީ ތަދުން އަޒުލީމަށް “އައްދޯތް” އޭވެސް ބުނެލެވުނެވެ. ކުރިމަތިފަރާތަށް ވީ ތަދުން އަޒުލީމަށް އެތަނުގައި އަތުން އަތްވެސް އުނގުޅާލެވުނެވެ.

 

“ތަދުވެއްޖެ ދޯ.. މަ ބުނިންދޯ މަގެ ގައިގަ އިނގިލިކުރި ޖައްސާލިއަސް ނިމުނީއޭ. ކަލޭ ހީކުރީ އޭރު މަ މަޑުން ހުއްޓަސް މިހާރު މަ މަޑުން ހުންނާނެ ކަމަށް. ބުނަން ދެންވެސް މަގޭ ގައިގަ އިނގިލި ޖައްސާލިއަސް ކަލޭގެ ތި ތަން ބުރިއަރުވާލާނަން. މަ ހިތަން އަރާ ކަލޭ މަގޭ ފަހަތުން ނައްޓާނީ ކޮންދުވަހަކުން ބާއޭ..” ޒީނާ ޖެހިލެއް ބާރުކަމުން އަދިވެސް އަޒުލީމަށް ކުރިމަތި ފަރާތުގައި އަތް އަޅައިގެން ހުރެވުނެވެ.

 

“ހަނދާން ކޮށްބަލަ. މީގެ ދެ އަހަރު ކުރިން ކަލޭ ކަންތައް ކުރަން އުޅުނު ގޮތް..” ޒީނާ އެހެން ބުނުމާއެކު އަޒުލީމަށް ފާޑަކަށް ޒީނާއަށް ބަލައިލެވުނެވެ. އޭނަގެ ހިތުގައި ކޮންމެވެސް ނުބައި ރޭވުމެއް ރާވަމުންދާކަށް އޭނަގެ މޫނަށް އަރަމުން ދިޔަ ކުލަވަރުތަކުން ފާޅުވަމުން ދިޔައެވެ. ޒީނާ އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ އެޕާރޓްމަންޓުން ނުކުތެވެ.

 

“ޒީނާ ހަނދާން ކުރާތި.. މިކަމުގެ ބަދަލު ހިފާނަން. މަގޭ މި އެތީގެ ވަރު އަދި ދައްކާލާނަން..” ކުރިމަތިފަރާތުގައި އަތުން ފިރުމާލަމުން އަޒުލީމް ލާނެއް ގޮތަކަށް ހުރެފައި ބުންޏެވެ.

***

 

“ޕްލީޒް ސާރާ. އަހަންނަށް ސާރާ ދެކެ ލޯބިވެވިއްޖެ. ސާރާ ވިސްނާލަން ވަގުތު ބޭނުން ވަންޏާ އެ ފުރުސަތުވެސް ދޭނަން..” އިޒުވާނު ފޯނުން ވާހަކަ ދައްކަމުން އާދޭސްކުރަމުން ދިޔައީ ސާރާގާތުގައެވެ. އިޒުވާނު އިނީ ޑޮމެސްޓިކް ޓާމިނަލް ކައިރީގައި ހުންނަ މަރިޔާދު ރެސްޓޯރަންޓުގައި ކޮފީ އެއް ބޯށެވެ. އެކަނި މޭޒެއްކައިރީގައި އިނދެ ވާހަކަ ދައްކަމުން ދިޔައިރު އިޒުވާނުގެ މޫނުމަތިން ފެންނަމުން ދިޔައީ ލޯބިންފުރިގެންވާ އަސަރުތަކެވެ.

 

“އައި ވިލް ތިންކް އެބައުޓް އިޓް..” ސާރާ ޖަވާބު ދިނެވެ. ހަމަ އެކަނި ބުނެލީވެސް އެހެންނެވެ. ސާރާ ފޯނު ކަނޑާލިއެވެ. ސާރާ އިނީ ގޭގައި ވާހަކަ ފޮތެއްކިޔާށެވެ. އިޒުވާނު ގުޅީވެސް ސާރާ އެ ވާހަކަފޮތް ކިޔަން އެނދުގައި އޮއްވައެވެ. ހުސްވަގުތުތަކުގައި ސާރާ ކުރާ ކަމަކީ ވާހަކަ ކިޔުމެވެ. ހާއްސަކޮށް އިނގިރޭސި ވާހަކަތަކެވެ. ވަޒީފާ ހަމަޖެހެންދެން ސާރާ ވަގުތު ހޭދަކުރަންނީ ވެސް ވާހަކަ ކިޔުމުގައެވެ. ގިނަވަގުތު ބޭރުގައި އުޅުމާއި ކޮފީތަކަށް ގޮސް އުޅުމަކީ ސާރާވެސް މާ ގަޔާވާ ކަންތައްތަކެއް ނޫނެވެ.

 

“ހައު ކެން އައި ސޭ ނޯ ޓު އިޒުވާން.. އިޒުވާނަކީ ހެންޑްސަމް މީހެއް. އެކަމް މަ ހަމައެކަނި ލައިކް ވަނީ. ލޯތްބެއް ނުވޭ. ވެދާނެ އޭނަގެ ގައިގަ ހުރި ކިއުޓް ގޮތަކުން ލައިކް ވަނީ ކަމަށް. އެޓް ލީސްޓް އައި ކެން ޓްރައި ލޯބި ވެވިދާނެތޯ. ނުވަންޏާއި ރީތިކޮށް ބުނެވޭނެތާ..” ސާރާގެ ހިތް ބުނަމުން ދިޔައެވެ. ސާރާ އަކީ ދިރިއުޅުމުގައި އަބަދުވެސް އާކަންތައް ދަސްކޮށް ތަޖުރިބާކޮށްލަން ބޭނުންވާ ކުއްޖެކެވެ. ކޮންމެ ކަމެއް ކުރަން ޖެހުނަސް ފެށީމަ ނޫނީ އޭގެ ހުރި އާރޯކަމާއި ބުރަކަމެއް ތަސައްވަރުވެސް ނުކުރެވޭނެއެވެ. ހަމަ އެގޮތަށް ސާރާ ވެސް ވިސްނާލީ ކަންތައް ވާނެ ގޮތެއް ނޭންގުނަސް އެކަމާވެސް ކުރިމަތި ލުމެވެ.

 

***

 

ޒުހުރީ ބޮކްސާ ރީތިކޮށްލަމުން ގޮސްވަނީ ފާހަނާއަށެވެ. އޭރު ހައުލާ އަޅަން ގެންގުޅޭ ކިރހިއްޕި އެނދުމަތިން ނަގައިގެން ހެޔޮވަރު ކޮށްލިއެވެ. އެނދުން ފައިބައިގެން ބިންމަތީގައި އޮތް އޭނަ ލާންގެންގުޅުނު ޖަނގިޔާ ނެގިއެވެ. އެ ލައިގެން ގޮސް އެތާހުރި ގޮނޑިމަތީގައި އޮތް ޒުހުރީގެ ބޮޑު ޓީޝާޓެއް ނަގައި ގަޔަށް ހެޔޮވަރުކޮށްލިއެވެ. މޭޒުމަތީގައި އޮތް ސިނގިރޭޓް ފޮށިން ސިނގިރޭޓެއް ނަގައިގެން ރޯކޮށްލިއެވެ. ދުނިޔޭގެ ލައްޒަތާއި އެދުންތަކަށް ވަކި ވަގުތެއް ނެތެވެ. ރޭނގަޑެއް ދުވާލެއް މެންދުރެއް ހަވީރެއް ނެތެވެ. ބޮލަށް އަރާފައި ހުންނަ ކޮންމެ ވަގުތެއްގައި އިޙްސާސްތައް ބޭރުކޮށްލުމުން އެމީހުންގެ ހިތްފުރިގެން ދެއެވެ.

 

“ޒުޒު މިރޭ ހިނގާބަލަ ސަފާރީއަށް ދާން.. ހާދަ ވަޔޭ..” ހައުލާ މަސްތު ހާލުގައި ހުރެ ޒުހުރީއަށް ގޮވާލުމަށްފަހު ވާހަކަ ދެއްކިއެވެ. އޭރު ޒުހުރީ ހުރީ ފާހަނާގައި ފެންވަރާށެވެ. އެދުންވެރިކަން ނިންމާލުމަށްފަހު ހަށިގަނޑަށް ފިނިކަމެއް ހޯދުމަށް ތާޒާވެލަނީއެވެ. ފެންވަރާ މާގަނޑުގެ އިސްކޫރު ބާރުކޮށްލަމުން ޒުހުރީ ތުވާލި އޮޅާލިއެވެ. އެހިނދު އޭނަގެ ހަށިގަނޑުގެ އެއްބައި ނިވާވެގެން ދިޔައެވެ. ރަނގަޅަށް ހަށިގަނޑުގައި ފެން ނުހިއްކާ ހުރުމުގެ ސަބަބުން އޭނަގެ ބޮލުން ފެންތިކިތަށް މޭމަތިން ފުރޭނިގެން ތުވާލި އަނދެފައި ހުރި ހިސާބަށް ރޮނގެހެން ދެމިގެން ދެއެވެ. ޒުހުރީ ފާހަނާއިން ނުކުތެވެ. ޒުހުރީ ފެނުމާއެކު ހައުލާއަށް ޒުހުރީއަށް ވަހުޝީގޮތަކަށް ބަލައިލެވުނެވެ. އޭރު ފޫޅާއި ދިމާލަށް ފެންތިކިތަށް ފައިބަމުން ދިޔަ މަންޒަރު ހައުލާއަށް ފެނުނެވެ. ޒުހުރީގެ ހަށިގަނޑަށް ހައުލާއަށް އެދެމުން ދިޔައެވެ. ހައުލާއަށް ބަލާކަށް ނުހުރެވުނެވެ. ޒުހުރީ ފެނުމާއެކު ގޮސް ކަންދުރާގައި ހިފައި ގެނެސް ތުންފަތުގައި އަނގަޖެހިއެވެ. އެވަގުތު ޒުހުރީ އަނދެގެންހުރި ތުވާލި ބިންމައްޗަށް ވެއްޓި ފެތުރިގެން ދިޔައެވެ.

 

***

 

ޒީނާ ޑިއުޓީ ނިންމާލީ ވަރަށް ހަމަޖެހިލައިގެންނެވެ. ދުވަހުގެ ގޮތުން އެހާ ބުރަކޮށްވެސް މަސައްކަތް ކުރާކަށްވެސް ނުޖެހުނެވެ. ޒީނާ ބޭނުންވީ ޑައެރީ ކްއީނަށް ގޮސް އައިސްކްރީމެއް ބޯލާށެވެ. އައިސްކްރީމެއް ގަނެގެން ނުކުތްއިރު އިޒުވާން މޭޒެއްކައިރީގައި ކާން އިންތަން ފެނުނެވެ. ހިތްވަރުކޮށްލާފައި ޒީނާ އެދިމާއަށް ހިނގައިގަތެވެ. އޭރު އިޒުވާނު އިނީ ތައިފުޑްއެއް ކަމުން ފޯނަށް ގެއްލިފައެވެ. ޒީނާ ގޮސް ގޮނޑީގައި އިށީނެވެ. ޒީނާ ކަރު ކެހިލިއެވެ. މީހަކު ކުރިމަތީގައި އިންކަން އިޙްސާސްކުރެވުނީ ދެނެވެ. ޒީނާ އައިސްކްރީމް ތަށި މޭޒުމަތީގައި ބަހައްޓަމުން ހިނިތުން ވެލިއެވެ.

 

“އިޒުވާން. ކިހިނެއް؟” ޒީނާ ކިތައްމެ ހަމަޖެހޭކަން ދައްކަމުން އިޒުވާނާއި ކުރިމަތިލިއަސް ޒީނާގެ ހިތް ރޮއްވަމުން ދިޔައެވެ. ޒީނާ އަށް ހިތްވަރު ކުރުން ނޫންގޮތެއް ނެތެވެ. ލޯތްބަށް އެދިއެދި ހިތް ގޮވަމުން ދިޔަ ނަމަވެސް އެކަން ހިތުގައި ފޮރުވަމުން ދިޔައީ އެއީ ތަޤުދީރުގައިވެސް ލިބެން ނެތް ލޯތްބަކަށް ވާތީއެވެ. އިޒުވާނު އާދައިގެ ގޮތަކަށް ހިނިތުން ވެލިއެވެ.

 

“ޒީ ކިހިނެއް؟ ގުޅާވެސް ލެވޭނީ ނަމްބަރު ދީފަ އުޅުނީމަ ދޯ. އައްސު ވަރަށް ބޭނުން ޒީގެ ކްލޯޒް މީހަށް ވާން. ތީ ވަރަށް ތަފާތު ކުއްޖެއް. ބެސްޓް ފްރެންޑް ވެސް މިހާރު އުޅެނީ ރާއްޖެއިން ބޭރުގަ. ދެން ކަމެއް ވިއަސް ވާހަކަ ޝެއަރ ކޮށްލާކަށް މީހަކު ނުހުރޭ. ޒީ އަކީ ރަނގަޅު ކުއްޖެއް. މަވެސް ބޭނުން ޒީގެ ތަންކޮޅެއް ކްލޯޒް މީހަކަށް ވާން..” އިޒުވާނުގެ ވާހަކަތަކުން ޒީނާގެ ހިތް ވިރިގެންފައިބާނެއެވެ. އެހެނަސް އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ހިނިތުންވުމެވެ. އުފާވެރިކަމެވެ. މިއަދު ޒީނާއަށް އެނޫން މަންޒަރެއް ދެއްކޭކަށްވެސް ނެތެވެ. ޒީނާއަށް އެގޮތުގައިވެސް ކެތްކުރެވޭނެކަން ހާމަވަމުން ދިޔައެވެ. ޒީނާގެ މުޅި އުމުރުގައިވެސް ކެތްކުރަން ޖެހުނަސް ކެތް ކުރާނެއެވެ. ޒީނާއަކީ އާދަޔާ ޙިލާފް ކުއްޖެކެވެ.

 

“ދެން ތިހާ ގިނަ ވާހަކަ ހުރިއްޔާ ހަމަ ކިޔައިދޭންވީތާ.. ޒީ ހަމަ ފްރީކޮށް މިހުރީ.. ބޭނުން އިރަކު ހަމަ މީޓްވެސް ކުރެވޭނެ.. ނަމްބަރު ދޭންވީ ދޯ..” ޒީނާ އެހެން ބުނުމުން އިޒުވާނު ފޯނު ނަގާ ޒީނާއަތަށް ދިއްކޮށްލިއެވެ. އެ ފޯނުގައި ނަމްބަރު ޖެހުމަށްފަހު ފޯނު އިޒުވާނު އަތަށް ދިނެވެ. އިޒުވާނު އޭނަގެ ފޯނުގައި ނަމްބަރު ރައްކާކޮށްލިއެވެ.

 

“ވެގެން މިއުޅޭ ގޮތަކީ ކުއްޖަކު ދެކެ ލޯބިވެވުނީ. އޭނަ ގާތު ލޯބިވާ ވާހަކަވެސް ބުނެފިން.” ޒީނާގެ މޭގަނޑު ތެޅިގަތެވެ. އެތަނުން ތެދުވެގެން ދާންވީއޭވެސް ހިތަން އެރިއެވެ. ނަމަވެސް ހާލަތު ހުރިގޮތުން ވާހަކަތައް އަޑުއަހަން މިފަހަރު މަޖުބޫރުވެއްޖެއެވެ. ކިތައްމެ ވަރަށް ހިތް ރުޔަސް ޒީނާއަށް އެވާހަކަތައް އަޑުއެހުން ނޫންގޮތެއް ނެތެވެ. ހިތްފަޅައިގެން ދިޔަ ނަމަވެސް ތެދުވެގެން ދާކަށް ނުކެރުނެވެ. ލޯތްބަކީ ހާދަ ފާޑެއްގެ އެއްޗެކެވެ.

 

“ދެން ކީކޭ އެކުއްޖާ ބުނީ..؟” ވާހަކަ ދައްކަން ކިތައްމެ އުނދަގޫވި ނަމަވެސް ހިތްވަރުކޮށްލާފައި ޒީނާ ވާހަކަ ދެއްކިއެވެ.

 

“އޭނަ ވިސްނާލަން ވަގުތު ކޮޅެއް ދީފިން. ހީވަނީ ރަނގަޅު ޖަވާބެއް ލިބޭނެހެން. ނޭންގެ ކީއްވެ ކަމެއް ހަމަ ޒީ ގާތު މިވާހަކަތައް ދައްކަން ބޭނުންވީ..” އިޒުވާނުގެ ވާހަކަތަސް އަޑުއަހަން ޒީނާއަށް އުނދަގޫވިއެވެ. އޭނައަށް ހީވީ އިޒުވާނު އޭނައަށް މަލާމާތް ކުރަމުން ދިޔަ ހެންނެވެ. އޭނަ ނޫން އެހެން މީހަކު ދެކެ ލޯބިވާ ވާހަކަ ބުނުމުން ޒީނާއަށް ކުރަމުން ދިޔަ ފުން އަސަރުތައް އޭނަ ނޫން އެހެން އެއްވެސް މީހަކަށް އިޙްސާސްވެސް ނުކުރެވޭނެއެވެ.

 

“ބެސްޓް އޮފް ލަކް… އަބަދުވެސް އެދެނީ އުފާވެރި ދިރިއުޅުމަކަށް…” އިތުރަށް ޒީނާއަށް ކެތެއް ނުކުރެވުނެވެ. ވަގުތެއްނެތޭ ބުނުމަށްފަހު ޒީނާ ތެދުވެގެން ހިނގައިގަތީ ފާހަނާތަށް ހުންނަ ދިމާއަށެވެ. އޭނަ ބޭނުންވީ ހިތްފުރޭވަރަށް ރޯލާށެވެ. ފާހަނާއަށް ވަދެވުމާއެކު ޒީނާގެ ބަޑި ފަޅައިގެން ދިޔައެވެ. ހިފަހައްޓަން މަސައްކަތްކުރި ކަރުނަތައްވެސް ކޯތާފަތް ތެއްމާލިއެވެ. ރޯން ބޭނުން ނުވިކަމުގައި ވިއަސް ރޮވުނެވެ. އެތައްފަހަރަކު ގޮސް ލޯބިވާ ވާހަކަ ބުނަން ޒީނާގެ ހިތް އެދެނީ ކީއްވެކަމެއް ޚުދު ޒީނާއަށް ވެސް ނޭންގެއެވެ. އެހެނަސް އިޒުވާނު އެވަނީ އެހެން މީހަކަށް އޭނަގެ ހިތް ހަދިޔާކޮށްފައެވެ. އޭނަގެ ނަފްސު އެދެނީ އެހެން މީހެއްގެ ލޯތްބަށެވެ.

 

ޑިއުޓީ ނިންމާލާފައި އެއަރޕޯޓުން ގެއަށްދެވުނު އިރު ސަމާގޭގައި ކާން އިނެވެ. އެކަނި އިނުމުން އަޒުލީމް ވެސް ގޭގައި ނެތްކަން އެނގުނެވެ. ކައިވެންޏަށްފަހު އަޒުލީމު އެގެއަށް ބަދަލުވިފަހުން ޒީނާ މުޅިންވެސް ވަގުތު ހޭދަކުރަމުން ދަނީ ކޮޓަރީގައެވެ.

 

ކޮޓަރިއަށްވަދެ ހެދުން ބަދަލުކޮށްލައިގެން  ކާންވެގެން ތައްޓެއް ހިފައިގެން ކެއުމަށް ތައްޔާރުވަމުން ދިޔައެވެ. އަޒުލީމް ނެތުމުން ޒީނާއަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ. ކާން ވެގެން މޭޒުކައިރީގައި އިށީނީ ދޮރުގައި މީހަކު ޓަކިދިނެވެ. ސަމާ ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ.

 

“ކޮބާ ޒީނާ…؟” އަންހެނަކު ވާހަކަ ދެއްކި އަޑު ޒީނާއަށް އިވުނެވެ. ސަމާ ހިނިތުންވުމަކާއެކު އެތެރެއަށް ވަނުމަށް އެދުނެވެ. އޭނަގެ އަތުގައި އޮތް ފޮށި ހިފައިގެން އެތެރެއަށް ވަނެވެ.

 

“މަންމާ. އަންގާވެސް ނުލާ..” ކާން އިން ބަތްތަށި ބެހެއްޓުމަށްފަހު ޒީނާ އައިގޮތަށް އައިސް އޭނަގެ މަންމަގެ ގައިގައި ބައްދާލިއެވެ. އޭނަގެ މަންމަ ފެނިފައި ޒީނާގެ ދެ ލޯ ފެންކަޅިވިއެވެ. ދުވަސްތަކަކަށްފަހު މަންމަ ފެނުމުން ޒީނާއަށް ލިބުނީ ބުނެދޭން ނޭންގޭހާ އުފާވެރި ކަމެކެވެ.

 

ކޮންމެ އިންސާނަކުވެސް އެމީހެއްގެ މަންމަ ދެކެ ލޯބިވާނެއެވެ. މަޔަކު ދަރިއެއް ނުވަމާއި ނުވަދުވަހަށްވުރެ ގިނަ ދުވަހު ބަނޑުގައި ގެންގުޅެ، ވިހަން އަޅާހާއި ވޭނާއި ބަލައި ބޮޑުކުރަން ކުރާ ބުރަ މަސައްކަތާއި، ރެޔާއި ދުވާލުހޭދަކުރާ ވަގުތުތައް، އޮހޮރާހާއި ކަރުނަތަކާއި މިހެން ގޮސް އެތައް ތަކުލީފެއް މަޔަކު ދަރިޔަކު ބެލުމުގައި ތަހައްމަލު ކުރާނެއެވެ. ޒީނާގެ އުމުރުން އެންމެ އެއް އަހަރުގައި ޒީނާގެ ބައްޕަ ނިޔާވުމުން ޒީނާ ބަލައި ބޮޑުކޮށްފަހުރީ ލޯތްބާއި އޯގާތެރި ފިރުމުންތަކުންނެވެ. ކުލުނާއި އަޅާލުން ދީގެންނެވެ. ޒުހުދާވީ ޤުރުބާނީ އަބަދުވެސް ޒީނާގެ ހަނދާނުގައި ހުރެއެވެ. ދަރިޔަކަށް އެވަރުގެ މަޔަކު ނުލިބޭނެ އޭ ބުނުމަކީ ދޮގަކަށްނުވާނެއެވެ.

 

‘އާދޭ ކާން މަންމާ…” ޒީނާ އޭނަގެ މަންމަ އަތުގައި ހިފައިގެން ގެންގޮސް ކާން މޭޒުކައިރީގައި ބޭންދިއެވެ. ސަމާ ވެސް ޒީނާގެ މަންމައަށް އިސްތިޤުބާލް އަދާކުރިއެވެ. ސަމާގެ އަތްމަތިވެސް އަވަސްކޮށްލިއެވެ.

 

“ދަރިފުޅު ހާދަ ހިކިއްޖެއޭ” ޒީނާއަށް ބަލައިލުމުން ޒުހުދާ ބުންޏެވެ. ދަރިޔަކަށް އަންނާނެ ކުޑަ ނަމަ ބަދަލެއް އެންމެ ފުރަތަމަ ފާހަގަ ކުރާނީ މައިމީހާއެވެ. އެކަން އެނޫން އިތުރު އެއްވެސް މީހަކަށް ނޭންގޭނެއެވެ. މައިވަންތަކަމުގެ ކުލުނަކީ ދުލަކުން ގަލަމަކުން ވެސް ބަޔާންކޮށް ނުދެވޭނެ މަތިވެރި ކުލުނެކެވެ.

 

“ތީ މަންމައަށް ހީވާގޮތް.. މަންމަވެސް އަންގާވެސްނުލާ ތި އައީ. އޭރުންދޯ ބަލާ ދާންވެސް އެނގޭނީ..” މޭޒުމައްޗަށް ކާން ތައްޔާރު ކުރަމުން ޒީނާ ޝަކުވާ ކުރަންފެށިއެވެ.

 

“މަންމައަށް އަދި އެކަނި އުޅެވޭ ވަރުވޭ. ބޯޓަށް އެރީމަ އޭތި އުދުހިފަ އާދޭ ގޮވައިގެން. ބަހަށް އަރާފަ ލާރި ދިނީމަ އެމީހުންވެސް ނެގެސްދޭ. ޓެކްސީއަށް ގުޅީމަ އެމީހުންއައިސް ބުނިތަނަކަށް ގެންގޮސްދޭނެ. އަދި އިރާދަކުރެއްވިއްޔާ މަންމައަށް އެކަނި އުޅެވޭވަރުވޭ. މަންމަ އެހާ ވަރަކުން ނުބުނެ މިއައީ ވެސް ހިތް ބިރުގަންނަވަރުން. އަބަދުވެސް ހިތަން އަރަނީ ދަރިފުޅަށް ކަމެއްވާން އުޅެނީއޭ. މަންމަ އަށް ކެތް ނުވެގެން މިއައީ ދަރިފުޅު ގާތަށް..” ޒުހުދާ ބަތްކާން ފެށިއެވެ. ސަމާ ތައްޓަކަށް ފެން އަޅައިގެން ގެނެސް މޭޒުމަތީގައި ބެހެއްޓިއެވެ. ޒުހުދާ ގެ ވާހަކަތަކުން ހީވަނީ ޒީނާއަށް ކޮންމެވެސް ބޮޑުކަމެއް ކުރިމަތިވަނީ ހެންނެވެ.

 

“މަންމަ ދައްކާ ވާހަކަ.. ޒީ ރަނގަޅޭ. ޒީ އަށް ކަމެއް ވެއްޖެތަ؟؟ އިރާދަކުރެއްވިއްޔާ އަދި ހުރިހާ ކަމެއްވެސް ރަނގަޅު” ޒީނާ އޭނަގެ މަންމަގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ.

 

****

 

“މަ އިޒުވާނަށް ޖަވާބެއްދޭން ވެގެން މިގުޅީ. މަށަކީ އެހާ ރޮމޭންޓިކް މީހެއްނޫން.” ސާރާ ފޯނުން ވާހަކަ ދައްކަމުން ބުންޏެވެ. އޭނަ ހުރީ އެގޭ ޓެރަސްމަތީގައެވެ. އެ ތަނުން މާލޭގެ ފުނިޖެހިފައިވާ އިމާރާތްތައް ރީއްޗަށް ފެންނަމުން ދިޔައެވެ.

 

“އެހެންތަ! ކޮބާ ސާރާގެ ޖަވާބަކީ؟؟”

 

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޙުސައިން އަސްލަމް
ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް