ދިވެހި މިއުޒިކީ ފަންނާނުންނަށް ކުރިމަތިވާ މައްސަލަތައް ދެނެގަނެ އެކަންކަން ހައްލުުރުމާމެދު މަޝްވަރާ ކުރުމަށް ފަންނާނުންނަށް މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ބޭއްވި ފޯރަމް ވަރަށް ކާމިޔާބުކަމާއެކު ނިންމާޅައިފި އެވެ.

 

ރޭގެ ފޯރަމްގައި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވިދާޅުވީ ދިވެހި ފަންނާނުންނަށް ދިމާވާ މައްސަލަތައް ދެނެގަނެ ހައްލުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

 

މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓެޖާއި ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސް، (އެންސީއޭ) އިން އިންތިޒާމުކޮށްގެން “ފަންނާނުންގެ ފޯރަމް 2019″ގެ ނަމުގައި ބޭއްވި ބައްދަލުވުމުގައި މި ދާއިރާގައި އުޅޭ އެކި އުމުރުފުރާގެ ގިނަ އަދަދެއްގެ ފަންނާނުން ވަނީ ބައިވެރިވެ ދިމާވާ މައްސަލަތަކާއި ދާއިރާ ކުރިއެރުވުމަށް ބޭނުންވާ ކަންކަން ޙިއްސާކޮށްފައެވެ.

ފަންނާނުންގެ ފޯރަމް 2019 ގެ ތެރެއިން – ފޮޓޯ: މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް

ފަންނާނުް ހިއްސާކުރި ކަންތައްތަކުގެ ތެރޭގައި މި ދާއިރާއިން ކުރިއަށްދިއުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރި އެވެ.

 

ފަންނާނުން ބުނީ ޕްރެކްޓިސް ކުރުމަށާއި އެކަށީގެންވާ ތަމްރީނުތައް ހޯދަން ދަތިވާކަމަށެވެ. މީގެ އިތުރުން ރިސޯޓްތަކުގައި މިއުޒިކް ކުޅުމަށް ހުރި ދަތިތައް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

 

ޒަމާނަށް އައި ބަދަލާއެކު އިހުގެ ސަޤާފީ މިއުޒިކާއި ބޮޑުބެރުގެ އަސްލު އޮޅި އެ ސަޤާފަތްތައް އުވެމުންދާކަންވެސް ބައެއް ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.

 

ދިވެހި ފަންނާނުންގެ އަގުވަޒަންކުރެވޭނެ ގޮތެއް ހޯދަން ޖެހިފައިވާކަން ފާހަގަކޮށް ބައެއް ފަރާތްތަކުން ވަނީ ދާއިރާގައި ރަސްމީކޮށް މަސައްކަތްކުރާ ފަރާތްތަކަށް އެކަމުގެ އަގުވަޒަންކޮށް ޕެންޝަން ލިބޭނެ އިންތިޒާމެއް އޮތުމުގެ މުހިންމު ކަންވެސް ފާހަގަކޮށްފައެވެ.

ފަންނާނުންގެ ފޯރަމް 2019 ގެ ތެރެއިން – ފޮޓޯ: މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް

މި ފޯރަމްގެ ބައިވެރިންނާ މުޚާތަބްކުރައްވާ، ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ވޭތުވެދިޔަ އަހަރުތަކުގައި މިދާއިރާއަށް މާބޮޑު ސަމާލުކަމެއް ދެވިފައިނެތުމުން މި ދާއިރާގައި ގިނަ ކަންތައްތަކެއް ޙައްލުކުރަން އެބަހުރިކަމަށެވެ. އެގޮތުން ސަރުކާރުން މި މައްސަލަތައް ޙައްލުކުރުމަށް މަސައްކަތް ފަށާފައިވާކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، ފަންނާނުންގެ ރަޖިސްޓްރޭޝަން ހަރުދަނާކޮށް، ފަންނާނުންނަށް ޕްރެކްޓިސް ކުރެވޭނެ ތަންތަން ހޯދައިދިނުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާ ކަމަށެވެ.

 

“އަޅުގަނޑުމެން ތި އެންމެހާ ބޭފުޅުންގެ މައްސަލަތަށް ހައްލުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ. ފާހަގަކޮށްލަންޖެހޭ ހުރިހާ މައްސަލަތަކަކަށް އެއްފަހަރާ ހައްލެއް ލިބިގެން ނުދާނެކަން. އަޅުގަނޑުމެން ކުދި ކަންކަމުން ފަށައިގެން ޙައްލުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައި. އެގޮތުން ފަންނާނުންގެ ރަޖިސްޓްރީވުމުގެ މަރުޙަލާ ހަރުނާކޮށް، ފަންނާނުން ފަރިތަކުރާނެ ޕްރެކްޓިސް ރޫމްތަށް އިތުރުކުރުމުގެ މަސައްކަތް އަޅުގަނޑުމެން މިހާރު ކުރަމުން އެބަދަން.” މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ.

 

މި ފޯރަމްގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަހީދު ވިދާޅުވީ، ރާއްޖެއަކީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކަށް ވާއިރު، މިދާއިރާގެ ތަރައްޤީގައި ދިވެހި ފަންނާނުންނަކީ މުހިންމު ދައުރެއް އަދާކުރާ ބައެއްކަމަށެވެ. އެގޮތުން ޓުއަރިޒަމް މިނިސްޓްރީއިން މިހާރު ރާއްޖޭގެ ރިސޯޓްތަކާއި، ހޮޓާތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، މި މަސައްކަތާއެކު ދިވެހި ފަންނާނުނަށްވެސް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

“އަޅުގަނޑުމެންގެ އިންސްޕެކްޝަންތަކުގައި ރާއްޖޭގެ ރިސޯޓްތަކާއި ހޮޓާތަކުގެ މަސައްކަތްކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިކަމުން ދިވެހި ފަންނާނުންނަށް ފައިދާކުރާނެ. އަދި އަޅުގަނޑުމެން ދައުލަތުގެ މީޑިއާ މެދުވެރިކޮށް ދިވެހި ފަންނާނުންގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމަށް މަސައްކަތްވެސްކުރާނަން.” މިނިސްޓަރ ޢަލީ ވަޙީދު ވިދާޅުވިއެވެ.

 

ރޭގެ ފޯރަމްގައި ބައިވެރިވެލެއްވި ފަންނާނުންނަށް މިނިސްޓަރ ޔުމްނާ ވަނީ ޝުކުރުދަންނަވާފައެވެ.

“މިރޭ ފޯރަމްގައިި ބައިވެރިވެވަޑައިގެންދެއްވި، އަދި ޚިޔާލު ހުށަހަޅުއްވައިދެއްވި ފަންނާނުންނަށް ޝުކުރު ދަންނަވަން.. މިި ދާއިރާ ކުރިއެރުވޭނީ ތިޔަ ބޭފުޅުންގެ ޚިޔާލާއި ބައިވެރިވުމާއިއެކު.” މިނިސްޓަރ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

 

ރާއްޖޭގައި މިއުޒިކީ ދާއިރާ އިތުރަށް ތަރައްޤީކޮށް ކުރިއެރުވުމަށް، ދާއިރާގައި މަސައްކަތް ކުރާ ފަންނާނުންނަށް ޚާއްޞަ ފޯރަމެއް ބާއްވާފައިވާއިރު، ފިލްމީ ދާއިރާއާއި، ކުރެހުމާއި ވިޝުއަލް އާރޓްސް ދާއިރާގެ ފަންނުވެރިންނަށް ޚާއްޞަ ފޯރަމްތައް ކައިރި މުސްތަޤްބަލެއްގައި ބާއްވާނެކަން ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސް، އެންސީއޭއިންވެސް ވަނީ ހާމަކޮށްފައެވެ.

 

ރޭގެ ފޯރަމްގައި މިނިސްޓަރ ޔުމްނާ އާއި އަލީ ވަހީދުގެ އިތުރުން އެންސީއޭ އިން އިކްރާމާއި ވަލީދާ ބައިވެރިވެލެއްވިއެވެ. ހެރިޓޭޖުން ތާރިގު ބައިވެރިވެލެއްވި އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.