އެސް ޕްރޮޑަކްޝަންސް އާއި ބައިސްކޯފް ގުޅިގެން “ސޯލް”ގެ ނަމުގައި އުފައްދަމުންދާ ކުރު ފިލްމުގެ ޓްރެއިލަރ އެއް ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މަޝްހޫރު އެކްޓަރ އަދި ފިލްމުގެ އެއް ޕްރޮޑިއުސަރު އަލީ ސީޒަން ބުނެފި އެވެ.

 

މުނިއަވަސް އަށް މަޢުލޫމާތު ދެމުން “ސޯލް”ގެ ޑައިރެކްޓަރ ސީޒަން ބުނީ ޓްރެއިލަރ ގެ މަސައްކަތް މިހާރު ކުރެވެމުން އަންނަކަމަށެވެ.

 

“މިހާރު ކުރެވެމުން ދަނީ ކަލަރ ގްރޭޑިންގ އާއި ޓްރެއިލަރގެ ޓައިޓްލްސް ގެ މަސައްކަތްް.” ބައިސްކޯފުން ފިލްމު ރިލީޒް ކުރުމަށްފަހު މި އަހަރުގެ ސާކް ފިލްމު ފެސްޓިވަލްގެ ކުރު ފިލްމުގެ ކެޓެގަރީގައި ހިމަނަން ނިންމާފައިވާ ފިލްމާ ބެހޭގޮތުން ސީޒަން ބުންޏެވެ.

 

ސީޒަން ބުނީ، ފިލްމުގެ ޕޯސްޓަރަކާއެކު ޓްރެއިލާއެއް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ދައްކާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ސީޒަން އިތުރަށް ބުނީ، މިހާރު “ސޯލް”ގެ އެޑިޓިން އަދި ސައުންޑްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށެވެ.

 

“ސޯލް” އަކީ ރާއްޖޭގެ ރަށެއްގެ ގެސްޓް ހައުސް އަކަށް ހަނީމޫން ހަދަން އަންނަ ސްރީ ލަންކާގެ ދެމަފިރިންގެ ވާހަކަތަކެއް ދައްކުވައިދޭނެ ވިހި ވަރަކަށް މިނެޓް ދިގު ފިލްމެކެވެ.

 

ފިލްމުގެ ގިނަ މަންޒަރުތައް އއ. މަތިވެރީގައި ނަގާފައިވާއިރު ކ. ތުލުސްދޫގައި ވެސް ފިލްމުގެ މަންޒަރެއް ވަނީ ނަގާފައެވެ. ސީޒަން ބުނީ، ފިލްމުގައި މައިގަނޑު ވާހަކަ ދައްކާނީ އިނގިރޭސި ބަހުން ކަމަށެވެ. އެހެން ނަމަވެސް ދިވެހި ޑައިލޮގް ތަކާއި ސިންގަޅަ ޑައިލޮގްތައް ވެސް ހުންނާނެ ކަމަށް އޭނާ ބުންޏެވެ.

 

އަންނަ މާޗު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި “ސޯލް” ރިލީޒްކުރުމަށް، މަސައްކަތް މެކުހަށް ޖަހާފައިވާ މިފިލްމުގައި ފިލްމީ ތަރި ޖުމައިހް (ޖުމާ)ގެ އިތުރުން ނުޒުހަތު ޝުއައިބު (ނުޒޫ) ފެންނާނެ އެވެ. މީގެ އިތުރުން ސްރީލަންކާގެ ފެޝަން ޑިޒައިނަރ، ޓޮޕް މޮޑެލް އަދި ފިލްމީ ފަންނާނެއްކަމަށްވާ އަމިލާ ކަރޫނާނަޔަކަ އާއި ސްރީލަންކާގެ މޮޑެލް، އެކްޓްރެސް އަދި ޓީވީ ޕްރެސެންޓަރ ނިޕްނިީ ވިލްސަން (ނިކީމިކީ) ހަރަކާތްތެރިވާނެ އެވެ. ނިޕްނީ ވިލްސަން އަކީ ’ދެރަނަ ސިޓީ އޮފް ޑާންސް ސީސަން ދޭއް’ ގައި މޮޅު ނެށުންތަކެއް ހުށައަޅައިދީފައިވާ ހުނަރުވެރި ނެށުންތެރިއެކެވެ.

 

މި ފިލްމުގައި ރާއްޖޭގެ ގުދުރަތީ ރީތިކަން ފެނިގެންދާނެ ކަމަށް ސީޒަން ބުނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.