“މަ އިޒުވާނަށް ޖަވާބެއްދޭން ވެގެން މިގުޅީ. މަށަކީ އެހާ ރޮމޭންޓިކް މީހެއްނޫން.” ސާރާ ފޯނުން ވާހަކަ ދައްކަމުން ބުންޏެވެ. އޭނަ ހުރީ އެގޭ ޓެރަސްމަތީގައެވެ. އެ ތަނުން މާލޭގެ ފުނިޖެހިފައިވާ އިމާރާތްތައް ރީއްޗަށް ފެންނަމުން ދިޔައެވެ.
“އެހެންތަ! ކޮބާ ސާރާގެ ޖަވާބަކީ؟؟” އިޒުވާނު އިނީ ސައިކަލުގައި މަޑުކޮށްލައިގެން ފެރީ ގިމަތަ ސަރަހައްދުގައެވެ.
“އިޓްސް ޔެސް”” ސާރާގެ ޖަވާބުން އިޒުވާނުގެ ހިތް އުފަލުން ފޮޅުނެވެ. އެކަން އޭނަގެ މޫނުމަތިން ފާޅުވަމުން ދިޔައެވެ. އޭނައަށް ހީވީ މުޅި ދުނިޔޭގެ ހުރިހާ އުފަލެއް އެއްފަހަރާ އޭނަގެ މުށުތެރޭގައި ބަނދެލެވުންހެންނެވެ. ވީ އުފަލެއްގެ ބޮޑުކަމުން އުޅެވޭ ނޫޅެވޭގޮތެއްވެސް ނޭންގުނެވެ.
“އައްސުތަ؟ ވަރަށް އުފާވެއްޖެ. ހިޔެއްވެސް ނުކުރަން ސާރާގެ ޖަވާބަކީ ތީ ކަމަކަށް.. ވަރަށް ވަރަށް އުފާވެއްޖެ..” އުފަލުންގޮސް އިޒުވާނަށް ބުނަންވީ ކީކޭ ކަމެއްވެސް ނޭންގުނެވެ. އޭނަ ހުރީ އެހާމެ އުފާވެފައެވެ. އިޒުވާން ހިތުން އޭނަ އެއީ ކިތައްމެ ކާމިޔާބު މީހެއް ކަމަށް ދެކުނަސް ސާރާ އެގުޅުމަށް އެއްބަސްވީ އެއްވެސް ހާލެއްގައި އިޒުވާނު ދެކެ ލޯބިވާތީއެއް ނޫނެވެ.
***
“މަންމަ ދެންދޭ ފެންވަރާލައިގެން އަސްރު ނަމާދުކޮށްލަން.. މިހާރު މަޢްރިބް ނަމާދަށް ގޮވަން ވެސް ކައިރިވަނީ..” ޒުހުދާ ކައިނިމުމުން ޒީނާ ބުންޏެވެ. އީމާ ދިރިއުޅޭ ކޮޓަރިއަށް ޒުހުދާގެ ފޮށި ގެންގޮސްލާފައި ސަމާވެސް ގޮސްކޮޓަރިއަށް ވަނެވެ. ސަމާ ތަންކޮޅެއް ބަސްމަދުވެފައި ހުރި ނަމަވެސް އޭނައަށް ވީވަރަކުން ޒީނާއަށް އަތްގާތްކޮށްލަ ދިނެވެ. ޒީނާގެ މަންމައަށް މެހެމާންދާރީ އަދާކޮށްދިނެވެ.
ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ޒީނާއާއި ޒުހުދާ ޓީވީއަށް ގެއްލިފައި ތިއްބެވެ. އިރުއިރުކޮޅާ ޒުހުދާ ތާއްޔާ ޖެހެންފަށައެވެ. އޭނަގެ މޫނުމަތިން ދަތުރު ވަރުބަލިކަން ފާޅުވަމުން ދިޔައެވެ. ޒީނާ ބޭނުންވީ މަންމަ އަމިއްލަޔަށް ފެނިގެން ދާނެތޯ ބަލާށެވެ.
“މަންމާ ދޭ ނިދާލަން… ޒީވެސް ދާނަން ޑްރާމާ ގެ މިތަންކޮޅު ބަލާފަ. މާދަމާ ހެނދުނު ޒީވެސް ޑިއުޓީއަށް ދާން ޖެހޭނެ. މަންމަ މިހާރު ތިއޮށް ނިންޖައިގެން ހަލާކުވަނީ.. ދެން ދޭބަލަ ނިދާލަން…” ޒީނާ އޯގާތެރިކަމާއެކު ޒުހުދާގެ ބޮލުގައި ފިރުމާލަމުން ބުންޏެވެ. ޒީނާގެ އަމަލުތަކުންނާއި ވާހަކަދެއްކި ރާގުން އޭނަ މަންމަ ދެކެ ލޯބިވާކަން އެނގުނެވެ. ޒުހުދާ ލުއި ހިނިތުންވުމަކާއެކު ކޮޓަރިއަށް ގޮސްވަނެވެ. ޒީނާވެސް ޑްރާމާ ބަލަން އިނުމަށްފަހު ގަޑިއަށް ބަލައިލިއެވެ. އޭރު ގަޑިން ދިހަގަޑި ބައިވަނީއެވެ. ރިމޯޓްނަގާ ޓީވީ ނިއްވާލުމަށްފަހު ގޮސް ކޮޓަރިއަށް ވަނެވެ.
ޒީނާ އޮތީ އަރާމު ނިންޖަކުން ނިދާލާފައެވެ. ގޭތެރެއަށް ވެރިވެފައިވަނީ ހަމަ ހިމޭންކަމެވެ. ކުއްލިއަކަށް ޒީނާ ކޮޓަރީގެ ދޮރުކައިރީގައި މީހަކު ހުއްޓުނެވެ ތަނަށް ވެރިވެފައިވާ ފަނޑުއަލިން ތަނަށް ވެރިވެފައިވަނީ ހަމަ ހިމޭންކަމެވެ. އެމީހާ ދޮރުތަޅުގައި ހިފިއެވެ. ތަޅު އަނބުރާލި އިރު ދޮރު ހުރީ ތަޅުލާފައެވެ. އެވަގުތު އެމީހާ ކޮންމެވެސް އެއްޗެއް އޭނަގެ ޖީބުން ނެގިއެވެ. ދޮރުގެ ތަޅުގައި ހިފުމަށްފަހު ދޮރު ކޮށްޕާލިއެވެ. ވަގުތުން ދޮރު ހުޅުވުނެވެ.
އެމީހާގެ ކުޅަދާނަކަން އެވަރުންވެސް އެނގޭނެތާއެވެ. ޒީނާ އޮތީ ކުރު ސޯޓުކޮޅަކާއި ޓީޝާޓެއްލައިގެން އަރާމުކޮށް ނިދާލާފައެވެ. ޒީނާއަށް ބަލާލުމަށްފަހު އާދައިގެ ހިނގުމެއްގައި ގޮސް އެނދުކައިރީގައި ހުއްޓުނެވެ. ބަލަން ނުހުރެ އެތަނުގައި އޮތް ބާލިސް ނަގާ ޒީނާގެ މޫނުމަތީގައި އެޅިއެވެ. ޒީނާ ނޭވާ ހާސްވެގެން ތެޅިގަތެވެ. އެމީހާގެ އެއް އަތުން ޒީނާގެ ދެއަތުގައި ހިފާ ބާރުކޮށްލިއެވެ. ޒީނާއަށް ގުޑާ ނުލެވޭ ވަރަށް އަތަށް ބާރުލަމުން އެނދުމަތީގައި އޮތް ބެޑްޝީޓަކުން އައްސާލިއެވެ. އަނެއް އަތުން އޭނަ ލައިގެން ހުރި ސޯޓް ތިރިކޮށްލިއެވެ. ސަލާމަތްވުމަށް ޒީނާ ރޯ މަހެއްހެން ތެޅެމުން ދިޔައެވެ. ނަމަވެސް އެމީހާގެ ބާރު ގަދަކަމުން ޒީނާއަށް މާބޮޑުކަމެއް ކުރެވޭގޮތެއް ނުވިއެވެ. ސަލާމަތްވުމަށް ޒީނާ ތެޅިފޮޅެމުން ދިޔައެވެ. އެމީހަކު އޭނަ ލައިގެން އޮތް ކުރު ސޯޓު ގަދަކަމުން ބޭލުމަށް އެ މީހާ މަސައްކަތްފެށިއެވެ. އިސާހިތަކު އެކަންވެ ނިމިއްޖެއެވެ. ޒީނާ ސަލާމަތް ވުމަށް ހަޅޭއްލަވަން މަސައްކަތްކުރަން އުޅެން ފެށުމުން އޭނަ ލައިގެން ހުރި ގަމީހުގެ ޖީބުން ރުމާލެއްކަހަލަ ފޮތިގަނޑެއް ނަގައި ބޮނޑިކޮށްލުމަށްފަހު ޒީނާގެ އަނގަޔަށް ކޮށްޕާލިއެވެ. އެމީހާ އުޅުނު ގޮތުން ހީވަނީ އެކަމަށް އޭނަ ތައްޔާރުވެގެން ހުރިކަމެވެ.
ލަސްތަކެއް ނުވެ ވަގުތުގެ ބޭނުން އޭނާ ހިފާލިއެވެ. ޒީނާގެ އިއްފަތްތެރިކަން ވެއްޔާއި މޮޑެވިގެންދާކަށް މާގިނަ ވަގުތުތަކެއް ނުވިއެވެ. ޒީނާގެ ލޮލުން ކަރުނަ އޮހިގަތެވެ. އަންހެނެއްގެ އެންމެ އަގުބޮޑު އެއްޗަކީ އިއްފަތްތެރިކަމެވެ. ނަމަވެސް މިއަދު ޒީނާގެ އިއްފަތްތެރިކަން ގެއްލިގެން ދިޔައީއެވެ. އޭރުވެސް ޒީނާ މަސައްކަތްކުރަމުން ދިޔައީ ސަލާމަތްވެވޭތޯއެވެ.
***
ސަމާއަށް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. ފެންބޯންގެންގުޅޭ ފުޅީގައި ފެން ހުރިތޯ ބެލިއިރު އެވެސް ހުރީ ހުސްވެފައެވެ. އާދައިގެ މަތިން ކޮންމެ ރެޔަކުވެސް ނިދުމުގެ ސަމާ ފެންފުޅިއެއް ކޮޓަރިއަށް ވައްދާނެއެވެ. އެނދަށް ނަޒަރު ހިންގާލިއެވެ. އަޒުލީމް ކޮބައިތޯ ބަލައިލިއެވެ. ނަމަވެސް އެނދުގައި އޭނަވެސް ނެތެވެ. ފާހަނާއިން ފެން އޮހޭ އަޑުއިވޭތީ ފެންވަރަށް އުޅެނީ ކަމަށް ހީކޮށް ސަމާ ނުކުތީ ކޮޓަރިން ބޭރަށް ފެންފުޅިއެއް ބަލައެވެ. އަޒުލީމަކީ ދަންވަރަށް އާންމުކޮށް ފެންވަރަން އާދަވެފައި ހުންނަ މީހަކަށް ވާތީ ސަމާ އެކަމަށް މާބޮޑު ސަމާލުކަމެއް ނުދީ ނުކުތެވެ.
ގެނައި ހުސްފުޅި މޭޒުމަތީގައި ބެހެއްޓުމަށްފަހު ފުރިޖުން ފެންފުޅި އެއްނަގައި ތައްޓަކަށް ފެން އެޅިއެވެ. ފެންތަށި ތުނބުގައި ޖެހުނުތަނާހެން އިވުނީ ޒީނާގެ ކޮޓަރިން އެއްޗެއް ވެއްޓުނު އަޑެވެ. ޒީނާ ހޭލާ އުޅެނީކަމަށް ހީކޮށް ފެންތަށި ބޯލައިގެން އެ ކޮޓަރިއަށް ދިއުމަށް މިސްރާބުޖެހިއެވެ. ދޮރު ކައިރީގައި ކުޑައިރުކޮޅަކު ހުރުމަށްފަހު ތަޅުގައި ހިފިތަނާހެން ދޮރު ހުޅުވުނެވެ. ކޮޓަރިތެރެއަށް ވެރިވެފައިވަނީ އަނދިރިކަމެވެ. އެތެރެއަށް ވަންނަމުން ދޮރު ކައިރީގައި އިންނަ ސްވިޗްގައި އަތު ޖެހޭތޯ ފާރުގައި އަތްހާކާލިއެވެ. ސްވިޗް ބޯޑުގައި އަތް ޖެހުމާއެކު ސްވިޗަށް ފިތައިލިއެވެ.
ކޮޓަރިތެރެއަށް އަލިވެގެން ދިއުމާއެކު އަޒުލީމް ސިހިފައި ދޮރާއި ދިމާއަށް ބަލާލެވުނެވެ. އޭރު އޭނަ އޮތީ މިނިކާވަގެއްހެން ޒީނާގެ ގައިމަތީގައެވެ. އެއާއެކު ސަމާގެ ދެލޯ ދެކިބަ ކާއްޓަށް ވެގެން ދިޔައެވެ. ޒީނާގެ ގައިމަތީގައި ހެއްދެވިގޮތަށް އޮރިޔާމާ އޮތް އަޒުލީމް ފެނިފައި ސަމާއަށް އެމަންޒަރު ގަބޫލު ކުރަންވެސް ދަތިވެގެން ދިޔައެވެ. ސަމާއަށް ހީވީ ކޮޓަރީގެ ހަތަރުފާރު އައިސް އޭނަ ފިއްތާލިހެންނެވެ. އޭނަގެ ހަލާލު ފިރިމީހާ އެފަދަ ދަރަޖައަށް ވެއްޓިގެން ހިނގައިދާނެ ކަމަށް ގަބޫލުވެސް ނުކުރެވުނެވެ. ހިތަން އަރަމުން ދިޔަ އެއްޗެހިތަށް ދުލަކުން ބަޔާންކޮށް ދޭނެ ގޮތެއްވެސް ނޭންގުނެވެ.
އޭރު ޒީނާ އެނދުގައި މާނޭވާ ލެވި މީހެއްގެ އެހީއަށް އާދޭސް ކުރާ ހާލުގައި ރޮއިރޮއި އޮތެވެ. ސަމާ ފެނުމުން އަޒުލީމު އެނދުން ތެދުވެގެން އަވަހަށް އައުރަ ނިވާކުރެވޭތޯ އުޅުނެވެ. ޒީނާ އޮތް ހާލުފެނިފައ ސަމާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތްހެންނެވެ. އެފަކީރުގެ އިއްޒަތް ވެއްޔާއި މޮޑެވިގެން ހިގައްޖެއެވެ. ސަމާއަށްވެސް ރޮވޭގޮތް ވިއެވެ. ޒީނާ އޮތް ހާލުން ސަމާއަށް ބުނެދޭން ނޭންގޭ ގޮތްތަކެއް ވެގެން ދިޔައެވެ. އެވަގުތު އޭނައަށް ސިފަވެގެން ދިޔައީ އޭނަ އެތަނުގައި އެފަދަ ގޮތަކަށް ކަންތައް ވެއްޖެނަމަ ވާނެ ގޮތެކެވެ. އަންހެނެއްގެ އިއްފަތްތެރިކަން ގެއްލުމުން ކުރެވުނު އިޙްސާސް ޚުދު ސަމާއަށްވެސް ކުރެވުނެވެ.
ޒީނާ އެނދުން ތެދުވަން މަސައްކަތް ކުރަމުން ކަރުނަތައްފޮހެމުން ދިޔައެވެ. މޮޔައެއްފަދައިން ކޮޅުކޮޅަށް ބަލާ ހޯދަން ފެށިއެވެ. ޒީނާ ރޮމުން ރޮމުން ގޮސް ސަމާއަށް ނަޒަރުހުއްޓާލެވުނެވެ. ޒީނާ ދެއްކި ވާހަކަތަށް ހަނދާންވެ ސަމާއަށް އިތުރަށް އަސަރު ކުރަން ފެށިއެވެ. ނޭންގޭ ހަޤީގަތަކީ ޒީނާ އެގުޅުމަށް ނުރުހުނު ސަބަބެވެ. ކުށްވެސް ކުރީ ޚުދު ސަމާކަށް އޭނައަށްވެސް ގަބޫލުކުރެވުނެވެ. އެކަން ވިސްނުނު އިރު ވަގުތު ފާއިތު ވެއްޖެއެވެ. ޒީނާއަށް އިނީ ވަރުބަލިވެ ގިސްލެވޭ ވަރުވެފައެވެ. ސިންގާއެއްގެ ޝިކާރައަކުން ކުޑަ ޖަނަވާރެއް ސަލާމަތްވާން އުޅޭ މަންޒަރު ފެންނަ މީހަކަށް ޒީނާވެސް އެކަމުން ސަލާމަތްވާން ކުރަން އުޅުނު ހާލު ތަސައްވަރު ކޮށްލެވޭނެއެވެ.
އެނދުގައި އޮތް ބާލީހެއް ނަގައި ހަށިގަނޑު ނިވާކޮށްލަން އުޅުނު އިރުވެސް ޒީނާ އިނީ ފާޑަކަށް ބިރުންނެވެ. އޭރު އަޒުލީމް ލާން ގެންގުޅުނު ސޯޓުލައިގެން އެތަނުން ދިއުމަށް ދޮރާއި ދިމާއަށް ހިނގައިގަތެވެ. ސަމާއަށް ބަލަހައްޓައިގެން ހުރެވުނީ ފެނުނު މަންޒަރު ޤަބޫލު ނުކުރެވޭތީއެވެ. އިސް ޖަހައިގެން ހުރެ އަޒުލީމް ހިނގާލާފައި އައީ އެއްޗެކޭ ބުނަން ނުކެރޭތީ ހެއްޔެވެ؟ ނޫނީ ހުންނަ ގޮތްކުޑަކަމުން ބުނަން ބޭނުން ނުވަނީ ހެއްޔެވެ؟
އަޒުލީމް ނުކުންނަށް އުޅުނު ވަގުތު ސަމާ އޭނަގެ އަތުގައި ހިފިއެވެ. އެއްވެސް ވަގުތުކޮޅެއް ބޭކާރުކޮށްލާކަށް ސަމާ ބޭނުމެއް ނުވިއެވެ. އޭނަގެ ދަތްކުޑި ފިއްތާލިއެވެ. އައިސްފައިވާ ރުޅީގައި ފައި ހިއްލާލުމަށް އަޒުލީމްގެ ކުރިމަތި ފަރާތުގައި ފައިން ޖެހިއެވެ. ޖެހިލެއް ބާރުކަމުން އޭނައަށް ސަމާއަށް ލާނެއްގޮތަކަށް ބަލައިވެސް ލެވުނެވެ. އެވަރުންވެސް ސަމާގެ ހިތްފުރޭވަރެއް ނުވިއެވެ. އަޒުލީމުގެ މޭގައި އަޅާ ބާރަށް ކޮއްޕައިލިއެވެ. އަޒުލީމްގޮސް ޖެހުނީ ކޮޓަރީގައި ހުރި އަލަމާރީގެ ކޮޅުގައެވެ. އެވަރުންވެސް ސަމާގެ ހިތަކަށް ހަމަޖެހުމެއް ނުލިބުނެވެ. އަޒުލީމް ޖެހުނުލެއް ބާރުކަމުން ބުރަކައްޓަށް ތަދުވެފައިވާކަށް އޭނަގެ އަމަލުތަކުންނާއި އުޅުނުގޮތުން އެނގުނެވެ.
“ނަގޫބަޅ، ހައިވާނ.. އަދި މިވަރު ކުޑައޭ. ގޮތްކުޑަ މުޑުދާރު ކުއްތާ.. ހަޔާތްކުޑަ ބަކަރ..” ސަމާ ދިޔަގޮތަށް ގޮސް އަޒުލީމުގެ ކުރިމަތި ފަރާތުގައި އަތަށް ހެޔޮވަރުކޮށްލަމުން މުއްކަވާލިއެވެ. އަޒުލީމަށް އެވަރު ކުރަމުން ދިޔައިރުވެސް ކަމެއް ނުކޮށް އެހުރީ ކީއްވެބާއެވެ.؟ ހަޤީގަތުގައިވެސް އަޒުލީމް ސަމާ ދެކެ ލޯބިވަނީ ހެއްޔެވެ؟ ލޯބިވާ ނަމަ އެފަދަ ކަމެއް ނުކުރާނެތާއެވެ. ސަމާއަށް ހީވަނީ އާދަޔާ ޙިލާފު ބާރެއް ލިބިގެން އުޅޭހެންނެވެ.
“މިބަޅ މަރާލާފަ ނޫނީ ދުލެއް ނުކުރާނަން.. ކަލޭ މަގޭ އަތުން މަރުވާނެ. ވަލު ޖަނަވާރު..” ސަމާއަށް ކިޔޭ ނުކިޔޭއެއްވެސް ނޭންގުނެވެ. އެއްލި ކަޅިއަކުން ޑްރެސިން ޓޭބަލް ބަތީގައި އޮތް ހެއަރ ޑްރެސަރ ލޮލުގައި އަޅައިގަތެވެ. ސަމާގެ ހިތުގައި އަނދަމުންދިޔަ އަލިފާންގަނޑު ރޯވަމުން ދިޔަ ވަރަކަށް ސަމާ ދިޔައީ ހައްދުން ބޭރުވަމުންނެވެ. ބަލަން ނުހުރެ އޭތި ނަގާ އަޒުލީމުގެ ބޮލަށް ހޫނު ހަމަލާއެއް ފޮނުވާލިއެވެ. ވަގުތުން އަޒުލީމްގެ ބޯފަޅައިގެން ގޮސް ލޭ އަންނަފެށިއެވެ. އަޒުލީމް ބޮލުގައި ދެއަތް އެޅިއެވެ. އޭނަ އުޅެންފެށިގޮތުން އޭނަގެ ހެއަށް ގޮތްވާހެން ހީވާން ފެށިއެވެ. އެވަގުތު އަޒުލީމް ބިންމައްޗަށް ވެއްޓުނެވެ، އެހެނަސް އެވަރުންވެސް ސަމާއަށް ހިތްހަމަ ޖެހުމެއް ނުލިބުނެވެ. އެތަނުގައި ވަޅިއެއް އޮތްނަމަ އެވެސް އަޒުލީމްގެ ކަރަށް ހަރާލާނެކަން ސަމާގެ އަމަލުތަކުންވެސް އެނގިގެންދިޔައެވެ.
“ޖައްބާރު ކުއްތާ. ކަލޭ މަރަށް ތެޅެން ދޫކޮށްލިޔަސް ފާފައަކަށް ނުވާނެ. ރަނގަޅީވެސް ކަލޭ މަރުވިއްޔާ. ވަލު ޖަނަވާރު ހަރާން ކުއްތާ.. ކަލެއަށް ދަރިއެއް މިދުނިޔެއަށް ގެނައުމުގެ ކުރިން ކަލޭގެ ޖާހިލުކަން އެނގުނުކަން އެއި މަގޭ ނަސީބު. ހިމާރ..” ސަމާ އެހުރިހާ ހުތުރު އެއްޗެއް އަޒުލީމަށް ގޮވަމުން ދިޔައިރު އޭނަގެ އެއްވެސް ހަރަކާތެއް ނެތެވެ. ނަފުރަތުން ފުރިގެންވާ ނަޒަރަކުން ސަމާ އޭނައަށް ބަލަމުން ދިޔައެވެ. އަދިވެސް ސަމާގެ ހިތްފުރޭ ވަރުނުވަނީ ހެއްޔެވެ. ކުރިޔަށް ފިޔަވަޅު އަޅަމުން އަޒުލީމުގެ ދަށްބަނޑުގައި ފައިން ޖެހިއެވެ. އަޒުލީމުގެ އެއްވެސް ހަރަކާތެއް ނެތެވެ. މަރުވީ ކަމެއް ހޭނެތުނީ ކަމެއްވެސް ނޭންގެއެވެ.
ގިނަފަހަރަށް މީހުން ބުނާތީ އަޑުއިވޭނީ އަންހެނުންނަށް ކުރާ މިފަދަ އަނިޔާތަކުގެ ވާހަކަތަކެވެ. އެހެނަސް ސަމާ އަޒުލީމަށް ކޮށްލި ވަރު އެތަނުގައި އެހެން މީހަކު ހުރިނަމަވެސް އެވަރުކޮށްލާނެ ހެއްޔެވެ؟ ނޭންގޭ ހަޤީގަތަކީ އެވަރުގެ ޖާނުން ވަރުގަދަ ފިރިހެނަކު ސަމާ ކަހަލަ އަނހެންކުއްޖެއް ކައިރީގައި އަނިޔާލިބެން ހުރިކަމެވެ. ނުނީ އެ ފުރުސަތު އަޒުލީމަށް ނުލިބުނީތާއެވެ.
ޒުހުދާއަށް ވެސް ހޭލެވުނީ އެފުރަ ދަންވަރުގައި ގޭތެރޭގައި އަޑުގަދަވާހެން ހީވެގެންނެވެ. އެނދުން ތެދުވެގެން ލަސްފިޔަވަޅުތަކެއް އަޅަމުން ކޮޓަރިން ނުކުނަންނަން ހިނގައިގަތެވެ.
ސަމާއަށް ޒީނާ އިން ހާލުފެނިފައި ހަމްދަރުދީވެވުނެވެ. އެ ކައިވެންޏާއި ޒީނާ ނުޤަބޫލުވެ އެކަން ކުރަން އޭނަ އުޅުނު ގާތްކަމާއި ދިންހާ ނަސޭހަތް ހަނދާންވާން ފެށުމުން ސަމާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ސަމާ ފަޔަށް ބާރުލަމުން ޒީނާ ގާތަށް ގޮސް އޭނަ ގައިގައި ބާރަށް ބައްދާލިއެވެ. ނަމަވެސް މިހާރު ޒީނާ އިނީ އެއަށްވުރެ ބޮޑަށް ބިރުގަނެފައެވެ. ވާނުވާ ނޭންގޭ ހާލުގައެވެ.
“އައި އެމް ސޮރީ ޒީ. މަށަށް މަޢާފު ކުރޭ. މަށާ ހެދި ޒީގެ އަބުރާއި އިއްޒަތް މިއަދު ތިވަނީ ވެއްޔާއި މޮޑެވިފަ. ޒީ މީ އަހަރެންގެ ކުށް. އަހަންނަށް މަޢާފުކުރޭ. އެދުވަހު ޒީ ދެކެ ރުޅި ނައިސް މިހުރިހާ ކަމެއްގެ ހަޤީގަތް އެހި ނަމަ މިއަދު އެ ނުލަފާ މީހާގެ ޝިކާރައަށް ޒީ އެއްނުވާނެ..” ރޮމުން ވާހަކަ ދައްކަމުން ދިޔަ ސަމާގެ ވާހަކަތަށް އަޑު އަހަން ހުރި ޒީނާގެ މަންމައަށް ހީވީ މީހަކު އޭނަގެ ކަންފަތްބުޑުގައި ތާޅާފިއްޔެ ފުމެލިހެންނެވެ. ބިންމަތީގައި ވެއްޓިފައި އޮތް އަޒުލީމްގެ ހަށިގަނޑުވެސް ޒުހުދާގެ ލޮލުގައި އަޅައިގަތެވެ. ޒީނާ އިން ގޮތްފެނިފައި ޒުހުދާގެ ހިތަށް ހީވީ ތޫނު ހަންޖަރެއް ހަރާލިހެންނެވެ.
ޒީނާ ރުއިން ހުއްޓާލީ ކަމެއް ލޮލުން ކަރުން ހުސްވީ ކަމެއް ނޭންގެއެވެ. ގަބުވެފައި ބުދެއްހެން އިނީއެވެ. ސަމާ ދެއްކި އެއްވެސް ވާހަކައެއް ޒީނާއަށް އަޑު އިވުނުހެން ހީވެސްނުވިއެވެ. ޒީނާ އިން ގޮތްފެނިފައި ޒުހުދާގެ ފައި ބިމުގައިވެސް ހަރުވެސް ނުލިއެވެ. އޭނަގެ ހުރި ހަމަ އެކަނި ފުރާނަ މިއަދު އިނީ ދުނިޔެއަށް ގިނަވެފައެވެ. މައިމީހާގެ ހިތަށް ކުރި އަސަރު މަޔަކަށް ވުމުންނޫނީ އެ އަސަރުތަކެއް ބަޔާންކޮށެއް ނުދެވޭނެއެވެ. އޭނަގެ ދަރިފުޅަށް ކުރިމަތިވެގެން ދިޔަ ހާދިސާ ޚުދު ޒުހުދާއަށް ވެސް ސިފަވެގެންދިޔައެވެ. އެ ދަރި ސަލާމަތްވާން ތެޅޭނެ ތެޅުން ހިތަން އަރާފައި ޒުހުދާގެ ހިތް ފަޅައިގެން ދިޔައެވެ.
ސަމާގެ ވާހަކަތައް އަޑުއަހަން ހުރި ޒުހުދާއަށް ކުރިއަށް އަޅާލެވުނީ އެންމެ ފިޔަވަޅެކެވެ. އެއްފަރާތަކަށް އަރި އަޅާލި ގޮތަށް ޒުހުދާ ގޮސް ބިންމައްޗށް ޖެހުނެވެ. ސަމާއަށް އަޑެއް އިވުނުހެން ހީވެގެން ބަލާލިއރު ބިންމަތީގައި ޒުހުދާ ވެއްޓިފައި އޮތްތަން ފެނިގެން އެދިމާއަށް ދުއްވައިގަނެވުނެވެ. ސަމާއަށް ހަދާނެގޮތް ހުސްވިއެވެ. އޭރުވެސް ޒީނާ އިންގޮތަށް ގަބުވެފައި އިނެވެ. ސަމާ ދުވަމުން ކަހަލަ ގޮތަކަށް އައިސް ދެކަކޫ ޖަހާފައި ޒުހުދާ ގާތުގައި އިށީނެވެ. އެތަށް ފަހަރަކު ސަމާ، ޒުހުދާއަށް ގޮވަމުން ދިޔައެވެ. އިތުރަށް ސަމާ ހާސްވެ ބިރުގަންނަން ފެށިއެވެ. ޒުހުދާ ނޭވާލާތޯ ބެލީ އޭނަގެ އެއްވެސް ހަރަކާތެއް ނެތުމުންނެވެ. ނޭވާ ނުލައި އޮތުމުން ސަމާ މަސައްކަތްފެށީ އަވަހަށް ފަރުވާއެއް ދެވޭތޯއެވެ. ނޭފަތުގައި އޭނަގެ އަތް ޖައްސާލިއެވެ. ނަމަވެސް ނޭވާލުން ވަނީ ހުއްޓިފައެވެ. ވިންދުހުރިތޯ ބެލުމަށްފަހު އަނެއްކާވެސް އަވަސް ވެގަތެވެ. ޒުހުދާގެ ކަނާއަތުގައި ހިފާ ނަގަމުން ވިންދު ޖަހާތޯ ބަލަންފެށިއެވެ. އިތުރަށް ސަމާ ކަންބޮޑުވެ ހާސްވިއެވެ.
އަނެއްކާވެސް މަސައްކަތްފެށީ ޒުހުދާ އަށް ފަރުވާދެވޭނެ ގޮތެކެވެ. އަނގަޔަށް ނޭވާއަޅަމުން މޭގައި އަޅާ އޮއްބަމުން ޒުހުދާ ނޭވާލާތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ކުރި ހުރިހާ މަސައްކަތުންވެސް އެދެވޭ ނަތީޖާއެއް ނުފެނުނެވެ. ޒުހުދާގެ ފުރާނަ ނެތް މަސްގަނޑަށް ބަލާލަމުން ސަމާއަށް ރޮވެންފެށިއެވެ. ސަމާއަށް އޭނަގެ އަމިއްލަ ނަފުސުދެކެވެސް ފޫހިވާން ފެށިއެވެ. ޒުހުދާގެ މޫނަށް ބަލައިލެވުނެވެ. އޭނަގެ ދެލޯވަނީ މެރިފައެވެ. އޭނަގެ ސަބަބުން ޒީނާގެ މުޅި ދިރިއުޅުން އަނދާ އަޅިޔަށް ވެގެން ދިޔައީއެވެ. އެކަން ސަމާއަށް އިހްސާސްކުރެވުނު އިރު ވަގުތު ފާއިތުވެއްޖެއެވެ. އޭރުވެސް ޒީނާ ގަބުވެފައި ބުދެއްހެން އެނދުމަތީގައި އިނެވެ.
އެތަނުގައި އެހީއެއްވާން ހުރި މީހަކީވެސް ސަމާ އެކަންޏެވެ. ސަމާ އަވަސްވެގަތީ ހައްލެއް ލިބޭނެ ގޮތެއް ފެނޭތޯއެވެ. އިންތަނުން ތެދުވެގެން ޒީނާގެ އަލަމާރި ހުޅުވާލިއެވެ. ޒީނާގެ ހެދުމެއްނަގައިގެން ގޮސް ޒީނާ ހެދުމެއްލައްވާ ޒީނާގެ ހަށިގަނޑު ނިވާކުރުވިއެވެ. އޭރުވެސް ޒީނާއަށް ދުނިޔޭގެ ހިނގާ އެއްވެސް ކަމެއް އިޙްސާސް ނުކުރެވޭ ކަހަލައެވެ. އަނެއްކާވެސް އަލަމާރިން ސަމާގެ ހެދުމެއް ނެގިއެވެ. އޭނަ އެންމެ އިސްކަމެއްދިނީ ބުއްދި އިސްކުރެވޭތޯއެވެ. މީހުން އަބަދުވެސް ބުނާ ވާހަކައެއް އޮންނާނެއެވެ. އެ މީހެއްގެ ސަލާމަތްތެރިކަން ހޯދާނީ އެމީހެކެވެ.
އަލަމާރިން ޒީނާގެ ހެދުމެއް ނަގައިގެން އައިސް ބިންމަތީގައި އޮތް ހެއަރ ޑްރެސާރ ނެގުމަށްފަހު އެ ސާފުކުރަން ފެށިއެވެ. ސަމާ އުޅުނީ ކީއްކުރަންކަން އޭނައަށް ވެސް ވިސްނާލެވުނެވެ، ހެއަރ ޑްރެސަރ ސާފުކުރުމަށްފަހު ޑެރެސިން ޓޭބަލް މަތީގައި ބޭއްވުމަށްފަހު ކޮޓަރިން ނުކުތެވެ. ސަމާ ގޮސް އޭނަގެ ކޮޓަރިއަށް ވަނުމަސށްފަހު ފޯނު ހިފައިގެން އަސް ގުޅީ ފުލުސް އޮފީހަށެވެ. ސަމާ އޭތި ސާފުކޮށް އެ އޮތްނުގައި ބޭއްވީވެސް އޭނަގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.
ފުލުހުންނަށް ގުޅުމަށްފަހު ދައްކަންބޭނުންވާ ވާހަކަ ބުނުމަށްފަހު ކޮޓަރިއަށް ގޮސް ޒީނާ ގާތުގައި އިށީނެވެ. ސަމާ ބޭނުންވީ އެވަގުތުގައި ޒީނާއަށް އެހީތެރިވުމެވެ. ކިތައްމެ ދެރަވި ނަމަވެސް ހިތްވަރުކޮށްފައި ޒީނާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން ހުރި މީހަކީ އޭނައެވެ. ދަންވަރުގެ ހަމަ ހިމޭންކަމުގައި ހީނުކުރާ އެތައްކަމެއްވަނީ އެގޭ ހަތަރުފާރު އެތޭރޭގައި ހިނގާފައެވެ.
ފުލުހުން އަންނާކަށް މާގިނަ ވަގުތެއް ނުވިއެވެ. ދޮރުގައި ޓަކިދިން އަޑަށް ސަމާގޮސް ދޮރުހުޅުވިއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ޖެނުއަރީ 2021ވާހަކަޙައްޤުވިޔަސް
- 16 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 25 (ފަހުބައި)
- 11 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 24
- 27 މާރޗް 2019ވާހަކަޙައްޤުވިއަސް – 23