ތިރީސް ވަނަ ޅެންވެރިންގެ ދުވަސް ރ. އިނގުރައިދޫގައި ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ. ޅެންވެރިން ދުވަސް ނިސްބަތްވަނީ ދިވެހި އަދަބީ ގުލްޝަނުގެ ޝާއިރުއްޝަބާބު އަލްމަރުޙޫމް އިބްރާހިމް ޝިހާބަށެވެ. މިގޮތުން މި އަހަރު ފާހަގަކުރާ 30ވަނަ ޅެންވެރީންގެ ދުވަސް ޚާއްޞަވެފައިވަނީ މަޝްހޫރު ޝާއިރު، ‘އެދުރުބެ’ އަލްމަރްޙޫމް ޔޫސުފް މުޙައްމަދު ފުޅަށެވެ.

 

މި އަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކޮށްފައިވަނީ އެދުރުބެގެ އުފަންރަށްކަމަށްވާ ރ. އިނގުރައިދޫގައެވެ. މި ދުވަސް ފާހަގަ ކުރުމަށްޓަކައި ދިވެހިބަހުގެ އެކެޑަމީން އިސްނަންގަވައިގެން ރ. އިނގުރައިދޫ ކައުންސިލާއި އިނގުރައިދޫ އިސްކޫލް އަދި ރަށު ރައްޔިތުން ގުޅިގެން ގިނަ ހަރަކާތްތަކެއްވަނީ ހިންގާފައެވެ. މިގޮތުން ޅެންވެރީންގެ ގުންޒަރެއް ބޭއްވުމާއި، މަސައްކަތްތެރީންގެ ހަވީރެއް ބޭއްވުމާއި، އެދުރުބެ ހަވީރުގެ ނަމުގައި ސަގާފީ ހަރަކާތްތަކެއް ވަނީ ހިންގާފައެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ޓަކައި ރ. އިނގުރައިދޫ ރައްޔިތުން ދެއްވި ޖާފަތް

މީގެ އިތުރުން އިސްކޫލް ކުދިންނާއި އާންމުންނަށް ޅެންހަދަން ދަސްކޮށްދިނުމުގެ ކޯހަކާއި ވާހަކަދެއްކުމާ ގުޅޭ ގޮތުން މަސައްކަތު ބައްދަލުވުންތަކެއް އިސްކޫލު ދަރިވަރުންނަށް އަމާޒުކޮށްގެން ހިންގުމާއި ސަރުކާރު މުވައްޒަފުންނަށް ހިންގާ ދިވެހިބަހުގެ ކޯހަކާއި، ޅެންވެރީންގެ ދުވަހުގެ ރަސްމީ ޖަލްސާވެސްވަނީ ބާއްވާފައެވެ.

 

ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ޖަލްސާގައި މިނިސްޓަރު ޔުމްނާ މައުމޫނުގެ ވާހަކަފުޅުގައި އަލްމަރްޙޫމް ޔޫސުފް މުޙައްމަދުފުޅު މަސައްކަތްޕުޅު ކުރައްވާފައިވަނީ ދަރިވަރުންގެ ސިކުނޑި ހުޅުވާލައި ޅެން ބަހުރުވައިންނާއި އެހެނިހެން ގޮތްގޮތަށް ޚިޔާލު ފާޅުކުރަން ދަސްކޮށްދެއްވަން ކަމަށް ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން ވެސް މަސައްކަތް ކުރަންވީ އެދުރުބެގެ ބަހުރުވައިން ނަމަ ދަރިވަރުންގެ ސިކުނޑި ފޮށްޓަކަށް ލެވުނަ ނުދީ، ޅަދަރީންނަކީ ވެސް ކަންކަމާ ވިސްނާ ޚިޔާލު ފާޅުކުރާ ބަޔަކަށް ހަދައި ކުދީންގެ ވިސްނުން ހުޅުވާލުމަށް މަދަރުސާތަކުން ވެސް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގައުމުގެ ތަރައްގީއަށް ޅެންވެރިންގެ މުހިންމުކަން ދޭހަކޮށް ދެއްވުމަށްޓަކައި ޅެންވެރިންނަކީ މުފައްކިރުން، ފަލްސަފާވެރިން އަދި ޢިލްމުވެރީންކަމަށް ވިދާޅުވިއެވެ.

 

މިނިސްޓަރުގެ ވާހަކަފުޅުގައި ދިވެހި ޅެންވެރިކަމުގެ މުއްސަދިކަން ފާހަގަ ކުރައްވައި ދިވެހި ކަލާސިކީ އަދަބިއްޔާތުގެ މުހިންމު ތަރިކަތައް ކަމަށްވާ ކަލާފާނު ރައިވަރާއި، ދޮންމޮހޮނާއި މިޔަރު، ދޮންހިޔަލައާއި އަލިފުޅު ފަދަ ރައިވަރުބަޔަކީ ޤައުމުގެ އަމިއްލަވަންތަކަމަށްޓަކައި ދަމަހައްޓާން ޖެހޭ ތަރިކަތަކެއް ކަމަށްވެސް ވިދާޅުވިއެވެ.

 

މި ޖަލްސާގައި އިނގުރައިދޫގައި ކުރިއަށްގެންދިޔަ ޅެންހަދަން ދަސްކޮށްދިނުމުގެ ކޯހުގެ ބައިވެރިން ތައްޔާރުކުރި ޅެންތައް އެކުލެވޭ ޅެން ފޮތެއްވެސް ނެރުނެވެ. އޭގެ އިތުރުން “މަލަސް’ 96 ވަނަ އަދަދުގެ ގޮތުގައި މަޝްހޫރު ޅެންވެރިޔާ އަމްޖަދު ރަޝާދުގެ ޅެންތައް ވަނީ ނެރުއްވާފައެވެ. މިޖަލްސާގައި ޅެންވެރިންގެ ހުނަރުތައް ދައްކާލުމާއި އިނގުރައިދޫ ޒުވާނުންނާއި ސްކޫލް ކުދިންގެ ޘަޤާފީ އެކި ހުށައެޅުންތައްވަނީ ދައްކާލާފައެވެ.

ރ.އިނގުރައިދޫ ރައްޔިތުންގެ ސަޤާފީ މަސައްކަތްތެރިކަން ދައްކައިލި ހަވީރުގައި މިނިސްޓަރ ވެސް އަމަލީގޮތުން ބައިވެރިވެލެއްވި

ޅެންވެރިންގެ ދުވަސް އެންމެ ފުރަތަމަ ފާހަގަ ކުރެވުނީ 15 ޖަނަވަރީ 1989ވަނަ އަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައެވެ. އެ ދުވަހުން ފެށިގެން ކޮންމެ އަހަރަކުވެސް ޖަނަވަރީ މަހުގެ 15ވަނަ ދުވަސް ފާހަގަކުރަމުން އަންނަނީ ޅެންވެރީންގެ ދުވަހުގެ ގޮތުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.