އެސް ޕްރޮޑަކްޝަންސް އާއި ބައިސްކޯފު އެޕް ގުޅިގެން ނެރުމަށް މަސައްކަތްކުރަމުން އަންނަ ފިލްމު “ސޯލް”ގެ ކާސްޓުންގެ ގޮތުގައި ހަރަކާތްތެރިވާ ދިވެހި ފަންނާނުންނަކީ ކޮބައިކަން އޮޅޭ ހިސާބަށް ޚަބަރުތައް ފެތުރިފައިވާކަން އެނގޭހެއްޔެވެ؟ ފިލްމު “ސޯލް”ގައި ހަރަކާތްތެރިވަނީ ޖުމައިހް ކަން އެނގޭހެއްޔެވެ؟ މި ފިލްމުގައި ޖުމައްޔިލް ނިމާލް ހަރަކާތްތެރި ނުވާކަން އެނގޭހެއްޔެވެ؟

 

“ސީޒަންގެ ފިލްމުގަ އުޅެނީ ޖުމަލް އެއްނު. ތި މުނިއަވަސް ގަ އެކަނި ލިޔެފަ އެ އޮންނަނީ ‘ޖުމައިހް’ ކަމަށް. އެތަންކޮޅު ރަނގަޅުކޮށްލަ ދެއްވާ.!” މިއީ ފިލްމު “ސޯލް” ގެ ޚަބަރުތައް އެންމެ އަވަހަށް، އެންމެ ތާޒާކަމާއެކު ގެނެސްދެމުން އަންނަ މުނިއަވަސް ގެ މެސެންޖަރ އަށް ލިބުނު ކޮމެންޓެކެވެ. ކޮމެންޓް ކުރެއްވި ފަރާތުން އެއް ވާހަކައެއް އެބުނީ ރަނގަޅަށެވެ. މުނިއަވަސް ގައި ގެނެސްދެމުން އަންނަ މި ފިލްމުގެ ކޮންމެ ޚަބަރެއްގައިވެސް ބުނެފައިވާނީ ފިލްމުގައި ހަރަކާތްތެރިވަނީ ޖުމައިހް އަދި ނުޒޫ ކަމަށެވެ. ޖުމައްޔިލް އާއި ނުޒޫކަމަށް ބުނެފައެއް ނުވާނެއެވެ.

 

“ސޯލް” ގައި މުހިންމު ރޯލެއް އަދާކުރާ އިސްމާޢީލް ޖުމައިހް (ޖުމާ) އާއި ބައްދަލުކޮށްލައިގެން މިކަން ޔަޤީންކޮށްލުމަށް މުނިއަވަސް އިން  ނިންމީ ކިޔުންތެރީންގެ ތަސައްލީއަކަށެވެ. އެގޮތުން ދެތިން ސުވާލެއް ކޮށްލީމެވެ.

 

 “ސޯލް”ގަ ކުޅެފައިވާ ރޯލާއިމެދު ހާމަކުރެވެން ހުރި މަޢުލޫމާތެއް ހާމަކޮށްލެވިދާނެތަ؟ (ސުވާލުކޮށްލީ މި ސުވާލަށް ޖަވާބު ދެވޭނީ ފިލްމުގެ ޑައިރެކްޓަރުގެ ހުއްދައާއި އެކުގައިކަން އެނގި ހުރެއެވެ.)

 ސީޒަން ހާމަ ނުކުރަނީހެއް ހާމަކުރުން ރަނގަޅެއް ނުވާނެ.

 

 “ސޯލް” އަށް ޗާންސް ލިބުނީ ކިހިނެއް؟

 އަސްލު ވަރަށް ކުރިން ފެށިގެންވެސް ސީޒަން ބުނަމުން އައީ، އިންނާނޭ އެއްޗެއް. ތައްޔާރުވެގެން ހުންނައްޗޭ. ދެން ގުޅާފަ ބުނީ މިވެނި ޑޭޓަކަށް ފްރީވެގެން ހުންނާށޭ ޝޫޓިންއަށް ދާން.

 

 “ސޯލް”ގައި ކުޅުނު ރޯލާއިމެދު ހިތްހަމަޖެހޭތަ؟ ކީކޭ ބުނެލާނީ؟

 ވަރަށް ހިތްހަމަޖެހޭ. މީގެ ކުރިން ޖުމާ އަކީ ޝޫޓިން ތަކުގަ ތަންކޮޅެއް ފަސްޖެހޭ މީހެއް. އެކަމަކު މިފަހަރު ޝޫޓިންގަ ފާޑެއްގެ ގަޓެއް އައިސްފަ ވަރަށް ސަޅިކޮށް ޖެއްސުނު.

 

 “ސޯލް”ގަ މަސައްކަތް ކޮށްލުމަކީ ކޮންކަހަލަ ތަޖުރިބާއެއް؟

 ވަރަށް ސަޅި އެކްސްޕީރިއަންސެއް މީ. މިއީ ކުރެވުނު ރަނގަޅު، ވަރުގަދަ މަސައްކަތެއް. ވަރަށް ޕްރޮފެޝަނަލްކޮށް ޝޫޓިންގެ ކަންތައްތައް ދިޔައީ. ބޭރުގެ ކްރޫއެއްވެސް ހަރަކާތްތެރިވި. ބުނެވޭނީ މިއީ ވަރަށް ތަފާތު އެކްސްޕީރިއަންސެކޭ.

 

ޖުމައިހް (ޖުމާ) ހުރީ މި ފިލްމާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައެވެ. އަނެއްކޮޅުން މި ފިލްމަކީ ކެމެރާ ކުރިމައްޗަށް އެރުމުން މީގެ ކުރިން ޖުމާއަށް ކުރިމަތިވަމުން އައި ޖެހިލުންވުމުން އަރައިގެނެވުނު ފިލްމުކަންވެސް މިހާރު އެނގިއްޖެއެވެ. ޖުމާގެ ‘އައިސް ބްރޭކްވެ، ޖުމާގެ އަސްލު ‘ސޯލް’ ވެސް މި ފިލްމުގައި އޭނާގެ އެކްޓިން އިން ފެނިގެންދާނެ ކަމަށް ބަލައިގެން ތިބެމާ ހިނގާށެވެ.

 

ބައިސްކޯފް އެޕަށް މި ފިލްމު ރިލީޒްކުރާ ތާރީޚްވެސް ދުވަހެއް ދުވަހަކަށް ކައިރިވަމުން އަންނަނީއެވެ. ޖުމައިހް އާއި ނުޒޫގެ އެކްޓިންވެސް ތަފާތު ސްޓައިލެއްގައި މި ފިލްމުން ފެންނާނެކަމަށް ބެލެވެއެވެ.

 

މި ފިލްމުން ރާއްޖޭގެ ޤުދުރަތީ ރީތި މަންޒަރުތައް ފެނިގެންދާނެ ކަމަށް ފިލްމުގެ ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ އަލީ ސީޒަން ބުނެއެވެ. “ސޯލް”ގައި ރާއްޖޭގެ ހިތްގައިމު މަންޒަރުތަކެއް ފެނިގެންދާއިރު ފިލްމުގެ އިސް ދެ ތަރިންގެ ގޮތުގައި ހަރަކާތްތެރިވަނީ ސްރީލަންކާގެ މަޝްހޫރު ދެ ފަންނާނުންނެވެ. އެއީ ޓޮޕް މޮޑެލް އަދި ފިލްމީ ފަންނާނެއްކަމަށްވާ އަމިލާ ކަރޫނާނަޔަކަ އާއި ސްރީލަންކާގެ މޮޑެލް، އެކްޓްރެސް އަދި ޓީވީ ޕްރެސެންޓަރ ނިޕްނިީ ވިލްސަން (ނިކީމިކީ) އެވެ.

 

އެސް ޕްރޮޑަކްޝަންސް އާއި ބައިސްކޯފު އެޕް ގުޅިގެން ނެރުމަށް މަސައްކަތްކުރަމުން އަންނަ ފިލްމު “ސޯލް”ގެ ވަރަށް ނަލަ ޕޯސްޓަރެއް ފެނިގެންގޮސްފައިވާއިރު، މިހާރު މިވަނީ ފިލްމުގެ ފުރަތަމަ ދައްްކައިލުމެއް ވެސް ނެރެފައެވެ. ފިލްމުގެ ފުރަތަމަ ޓީޒާ ނެރެދެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމްގައި ފިލްމުގެ ޑައިރެކްޓަރ އަލީ ސީޒަން އާއިއެކު ބޭއްވި ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.