މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖާއި ނޭޝަލް ސެންޓަ ފޮ ދި އާޓްސް އިން އިންތިޒާމުކޮށްގެން ފިލްމީ ދާއިރާގެ ފަންނާނުންގެ ފޯރަމް 2019 އޮލިމްޕަހުގައި މިރޭ ބާއްވައިފި އެވެ.
ގިނަ އަދަދެއްގެ ފިލްމީ ފަންނާނުން ބައިވެރި މި ފޯރަމްގައި، އެ ފަންނާނުންނަށް ހުރި ގޮންޖެހުންތަކާއި ދަތިތައް ހިއްސާކޮށްފައި ވެެެއެވެ. މީގެ އިތުރުން މި ފޯރަމްގައި ދާއިރާ ތަރައްޤީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ގިނަ ކަންތައްތަކެއްގެ ޚިޔާލާއި މަޝްވަރާ ހުށައެޅުނެވެ.
ފިލްމީ ފަންނާނުން ހުށައެޅި ކަންބޮޑުވުންތަކުގެ ތެރޭގައި އަތޮޅު ތެރޭގައި ފިލްމު ދެއްކުމަށް ހުރި ދަތިތަކުގެ ވާހަކަތަކާއި މާލޭގައި ފިލްމު ދައްކަންހުރި އޮލިމްޕަހުގައި ފިލްމު ދެއްކުމަށް ހުރި ދަތިތަކާއި ފިލްމު ޝޫޓް ކުރުމުގައި މާލޭގައި ކުރިމަތިވާ ބައެއް ދަތިތަކާއި ހުރަސްތަކުގެ ވާހަކަތައް ފަންނާނުން ހުށައެޅިއެވެ.

ފިލްމީ ފަންނާނުންގެ ފޯރަމް 2019 – ފޮޓޯ: އެންސީއޭ
ރާއްޖޭގައި އެންމެ ގިނަ ފިލްމު އުފައްދާފައިވާ ކާމިޔާބު ޑައިރެކްޓަރު އަމްޖަދު އިބްރާހިމް ވަނީ މި ދާއިރާގައި ހުރި މައްސަލަތަކާއި އެކަންކަން ހައްލުކުރުމަށް ކުރެވެން ހުރި ކަންތައްތަކެއް ފަސް ޞަފްހާގެ ކަރުދާހެއްގައި ހުށައަޅާފައެވެ.
ފަންނުވެރިންގެ ޚިޔާލާއި މަޝްވަރާ އާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު އެކަންތައްތައް ހައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރ ޔުމްނާ ވިދާޅުވިއެވެ. އަދި މިހާރުވެސް ބައެއް ކަންކަން ހައްލުކުރެއްވުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާ ތަކާއި މަޝްވަރާ ކުރެވެމުންދާ ކަމަށާއި ބައެއް ތަންތަނާއެކު މަޝްވަރާ ކުރެވިފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ފިލްމީ ފަންނާނުންގެ ފޯރަމް 2019 – ފޮޓޯ: އެންސީއޭ
މި ދާއިރާއިން ސްޓޭޖް ޑްރާމާގެ ފަންނު އެއްކޮށް ނެތިގެން ހިނގައްޖެ ކަމަށާއި އެކަން އެއްކޮށް އުވިގެން ދިޔަދީގެން ނުވާނެކަން މި ފަންނުގައި ރާއްޖޭގައި އެންމެ އުހުގައި އުޅުއްވި މަޝްހޫރު ލިޔުންތެރިޔާ ކޮޕީ މުޙައްމަދު ރަޝީދުވަނީ ފާހަގަކުރައްވާފައެވެ. އަދި ސްޓޭޖް ޑްރާމާ ފެށިގެން އައި ގޮތާއި އެ ފަންނު ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިވެ ވަޑައިގެންދެއްވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވިއެވެ.
މި ރޭގެ ފޯރަމަށް ވަޑައިގެންދެއްވި ހުރިހާ ފަންނާނުންނަށާއި ފަންނާނުން ދެއްވި ޚިޔާލުތަކަށް މިނިސްޓަރ ވަނީ ޝުކުރު ދަންނަވާފައެވެ. އެކަމަނާ ކުރެއްވި ޓްވީޓެއްގައިވެސް ފަންނުވެރިންނަށް ޝުކުރުއަދާކުރައްވާފައިވެއެވެ. މި ޓްވީޓްގައި އިތުރަށް ވިދާޅުވީ ފަންނާނުންގެ އިތުރު ޚިޔާލުތައް [email protected] އަށް އީމެއިލް ކުރައްވައިގެންވެސް ޚިޔާލު ހުށައެޅުއްވުމަށްވެސް މިނިސްޓަރ އިލްތިމާސްކުރެއްވި އެވެ.
ވީޑިއޯ: ރާއްޖެ ޓީވީ
ފޮޓޯތައް: އެންސީއޭ
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 އޭޕްރިލް 2025ޚަބަރު“ހިލޭ ޓީވީ” މެދުވެރިކޮށް ސުމާރެއްނެތްހާ ގިނަ ޗެނަލްތައް ހިލޭ ބަލައިލެވޭނެ
- 20 އޭޕްރިލް 2025ޚަބަރު“އަބަދަށް” ޕްރިމިއާ ނައިޓްގަ ރަށްރަށުގައި ދެއްކުމުގެ ފުރުޞަތުހުޅުވާލައިފި
- 20 އޭޕްރިލް 2025ހޮލީވުޑް“ޓޫ އޮފް އަސް” އިން ހުށައެޅީ ބަދަން ޕޭ ސިތާރޭގެ ޓޫ ޕޮއިންޓް އޯ ވާރޝަނެއް – ޝްރަދާ ޕަންޑިތު
- 19 އޭޕްރިލް 2025ޚަބަރު“ޓޫ އޮފް އަސް” ބޭންޑްގެ ހަތަރުވަނަ ހުށައެޅުން 19 އޭޕްރީލްގައި