ދިވެހި ފިލްމީ ދާއިރާގެ ފަންނާނުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ދިނުމަށް ކޮމިޓީއެއް އެކުލަވައި ލައްވާނެ ކަމަށް މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

 

މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖާއި ނެޝެނަލް ސެންޓަ ފޯ ދި އާޓްސް ގުޅިގެން ފިލްމީ ދާއިރާގެ ފަންނާނުންނަށް އަމާޒުކޮށް އޮލިމްޕަހުގައި ރޭ ބޭއްވި ފަންނާނުންގެ ފޯރަމްގައި ފިލްމް އިންޑަސްޓްރީގައި މަސައްކަތް ކުރާ ގިނަ ފަރާތްތަކެއް ބައިވެރިވެ ގިނަ ކަންބޮޑުވުން ހިއްސާ ކުރި އެވެ. ފަންނާނުންގެ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު މިނިސްޓަރު ޔުމްނާ ވިދާޅުވީ، ފާޅުކުރާ ޚިޔާލެއްގެ ސަބަބުން އެއްވެސް ފަރާތަކާމެދު ތަފާތު ކުރުމެއް ސަރުކާރުން ނުގެންގުޅޭނެ ކަމަށެވެ. އަދި، ދިވެހި ފިލްމް އިންޑަސްޓްރީއާ ގާތް ގުޅުމެއް ބާއްވައި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނައުމަށް ކޮމިޓީއެއް އެކުލަވައިލައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

 

ރޭގެ ފޯރަމްގައި ގިނަ ކަންބޮޑުވުންތަކެއް ފަންނާނުން ހުށައެޅިއެވެ. އެގޮތުން ރާއްޖޭގައި އުފައްދާ ފިލްމުތައް އަރްޝީފްކޮށް ބެލެހެއްޓޭނެ ނިޒާމެއް ނެތްކަމަށް ބައެއް ފަންނާނުން ފާޅުކުރިއެވެ. ފިލްމުތައް ޑިސްޓްރިބިއުޓް ކުރަން ދިމާވާ އުނދަގޫތަކާ ގުޅޭ ކަންބޮޑުވުން ގިނަ ފަންނާނުންތަކެއް ފާހަގަކުރިއެވެ. އެންމެ ގިނަ ފަންނާނުންގެ ކަނބޮޑުވުމަކަށްވީ އޮލިމްޕަހުގެ މިހާރުގެ ހާލަތާއި އޮލިމްޕަހުގެ އިތުރުން އަތޮޅުތަކުގައި ފިލްމު އެޅުވުމަށް އެ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކެވެ.

 

ފޯރަމްގެ ބައިވެރިންގެ އަޑު އެއްސެވުމަށްފަހު މިނިސްޓަރ އިތުރަށްވިދާޅުވީ ފޯރަމްގައި ބައިވެރިން މައްސަލަތަކެއް ހުށައެޅުމުގެ އިތުރުން ކަންތައްތައް ހައްލުކުރާނެ ގޮތްތަކެއް އަނގަބަހުންނާއި ކަރުދާހުން ހުށައެޅުއްވުމުން، މިނިސްޓްރީން ކުރަން ހުރި މަސައްކަތްތައް ވަރަށް ބޮޑަށް ފަސޭހަވެގެން ދާނެކަމަށެވެ.

 

ފަންނާނުންގެ ކަންބޮޑުވުންތަކަށް އަލި އަޅުވައިލައްވަމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ ކުއްލި އަކަށް މައްސަލަތައް ހައްލު ނުކުރެވުނަސް މިހާރުވެސް ދާއިރާގެ މައްސަލަތަކާބެހޭ ގޮތުން އެކި އިދާރާތަކާ ވާހަކަ ދައްކަވަމުން ގެންދަވާ ކަމަށެވެ. އެގޮތުން އާޓްސްގެ ދާއިރާ ސްކޫލްތަކުގައި ހީނަރުވަމުންދާތީ އެޑިއުކޭޝަން މިނިސްޓްރީ އާ މަޝްވަރާކޮށް އެ ދާއިރާ ކުރިއެރުވުމުގެ މަސައްކަތްތައް މިހާރު ކުރަމުން އަންނަ ކަމަށާއި ފަންނާނުންނަށް ލުއި ލޯނުގެ ފުރުސަތު ހޯދައިދިނުމަށް އިކޮނޮމިކް މިނިސްޓްރީއާއެކު މަޝްވަރާ ކޮށްފައިވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.