ފުލުހުންނަށް ގުޅުމަށްފަހު ދައްކަންބޭނުންވާ ވާހަކަ ބުނުމަށްފަހު ކޮޓަރިއަށް ގޮސް ޒީނާ ގާތުގައި އިށީނެވެ. ސަމާ ބޭނުންވީ އެވަގުތުގައި ޒީނާއަށް އެހީތެރިވުމެވެ. ކިތައްމެ ދެރަވި ނަމަވެސް ހިތްވަރުކޮށްފައި ޒީނާއަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަން ހުރި މީހަކީ އޭނައެވެ. ދަންވަރުގެ ހަމަ ހިމޭންކަމުގައި ހީނުކުރާ އެތައްކަމެއްވަނީ އެގޭ ހަތަރުފާރު އެތޭރޭގައި ހިނގާފައެވެ.

 

ފުލުހުން އަންނާކަށް މާގިނަ ވަގުތެއް ނުވިއެވެ. ދޮރުގައި ޓަކިދިން އަޑަށް ސަމާގޮސް ދޮރުހުޅުވިއެވެ. ސަމާއަށް ސަލާމަތްކަން ހޯދުނީތީ އެކަމާ އޭނަ އުފާކުރިއެވެ. ފުލުހުން އައިސް މައްސަލަ ތަޙްޤީގުކުރަން ފެށިއެވެ. ޒުހުދާގެ ފުރާނަނެތް މަސްގަނދު ހޮސްޕިޓަލަށް ގެންދެވުނެވެ. ހެޔަށް ގޮތްވެފައި އޮތް އަޒުލީމުގެ ހަށިގަނޑުވެސް ވަގުތުން ހޮސްޕިޓަލަށް ގެންދެވުނެވެ. ކަން ހިނގާދިޔަގޮތުގެ ބަޔާން ސަމާ ކިޔައިދެމުން ދިޔައެވެ. އޭރުވެސް ޒީނާ ހީވަނީ ދުނިޔޭގެ އެއްވެސްކަމެއް އޭނައަށް އިހްސާސް ވެސް ނުކުރެވެނީ ހެންނެވެ. ސަމާ އަށް ބަޔާން ދިނުމުގައި ކިޔައިދެވުނު އެންމެ ތަފްސީލްކޮށް ވާހަކަތައް ކިޔައިދެމުން ދިޔައެވެ.

 

“އަޅުގަނޑަށް ވެސް ހޭލެވުނީފެންބޮވައިގަނެގެން. އަޅުގަނޑަށް ވެސް އަޑެއް އިވިގެން މިތަނަށް އާދެވުނު އިރު އަޅުގަނޑުގެ ފިރިމީހާ އޮތީ ބިންމައްޗަށް ވެއްޓިފައި. އޭނަ ޒީނާގެ ގަޔަށް އަރައި އޭނަގެ އިއްފަތްތެރިކަން ފޭރި ގަނެފި.. މިތަނަށް އައިސް ވަތްއިރު ޒުހުދާއްތަ އޮތީ ވެޓިފައި.. އަޅުގަނޑު..” ސަމާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. އެވާހަކަތައް ކިޔައިދެމުންދިޔަ އިރު ސަމާ ދާހިއްލާ ފޯވަމުން ދިޔައެވެ. ކިތައްމެ ދެރަވި ނަމަވެސް ހިތްވަރުކޮށްފައި ވާހަކަ ދައްކަން ފެށިއެވެ. ފުލުސް މީހާ ސަމާ ވާހަކަތައް ނޯޓްފޮތެއްގައި ލިޔަމުން ދިޔައެވެ. އިތުރު އަނެއް ތިން ފުލުހަކު ގޭތެރެ ބަލާ ފާސްކުރަމުން ދިޔައެވެ.

 

“އަޅުގަނޑަށް އާދެވުނީ މިކަން ފެންނަންކަމަށްވެސް ވެދާނެ. އަޒުލީމް އެއީ އަޅުގަނޑުގެ ފިރިމީހާ.. އެކަމަކު މިހާރު ގަބޫލެއް ނުކުރަން އެއީ އިންސާނެއްކަމަށްވެސް. އެއީ އިންސާނެއްގެ ސިފައިގައި ހުރި ޖަނަވާރެއް.. އަޒުލީމަށް ލިބިފައި ހުރި އަނިޔާތަކަކީ ޒީނާ ކައިރިން ސަލާމަތްވުމަށް އުޅުނުވަގުތު ލިބިފައިހުރި އަނިޔާތަކެއް ކަމަށް ބޮޑަށް ލަފާކުރެވޭ. ޒީނާގެ އެއްވެސް ކުށެއްނެތް. ބަލަ އެފަކީރު އިންހާލު.. ޒީގެ މަންމަ ނިޔާވެފައިވާކަށް އަޅުގަނޑަށްވެސް އެނގުނީ… ” ސަމާއަށް ގިސްލެވުނެވެ. ” ކަލޭމެންނަށް ވެގެން ވަންޏާއި އަޒުލީމް މިޖުތަމައަށް ދޫކޮށް ނުލާތި… އޭނަ ދެން ފެނުނަސް މަރުވާނީ މަގޭ އަތުން..” ވީދެރަޔާއި އައިސްފައިވާ ރުޅީގައި ސަމާއަށް ކިޔޭ ނުކިޔެވެސް ނޭންގުނެވެ. އޭނަގެ ވާހަކަތަކުން އެކަން ހާމަވިއެވެ. ފުލުހުންގެ އެހީތެރިކަމާއެކު ޒީނާވެސް ހޮސްޕިޓަލަށް ގެންދެވުނެވެ. އޭރުވެސް ޒީނާ ހުރީ ހަމަ ކުރިންވެސް ހުރި ހާލަތުގައެވެ. އަންހެނެއްގެ ދިރިއުޅުމުގައި ހީނުކުރާ އެތައްކަމެއް ޒީނާގެ ހަޔާތުގައި ދިމާވަމުން ދިޔައެވެ. ހިތްދަތި އެތައް ހާދިސާތަކެވެ. ޒީނާ އަށް ދެންވާނީ ކިހިނެއް ހެއްޔެވެ؟ ދުނިޔޭގައި އުޅެން ޒީނާއަށް ކެތްވާނެ ހެއްޔެވެ.؟ މައިމީހާ ނެތުނުމުން ޒީނާއަށް އެކަމަށްވެސް ކެތްކުރެވޭނެ ހެއްޔެވެ؟

 

ހޮސްޕިޓަލުން ކުރަންޖެހޭ ހުރިހާކަމެއް ނިމި ފުލުހުން އެމީހުންގެ ވާޖިބާއިގެން މަސައްކަތް ފެށިއެވެ. އަޒުލީމުގެ ހާލަތު ހުރިގޮތުން އޭނަވެސް ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނެވެ. ނަމަވެސް އަޒުލީމް ސަލާމަތްވުމަކީ ދެން އެހާ ފަސޭހަކަމަކަށް ނުވާނެއެވެ. ކަންތައް ހިނގާދިޔަގޮތުންނާއި މައްސަލައިގެ ބާވަތުން އަޒުލީމުގެ ދުވަސްވެ ދާނެތާއެވެ.؟؟؟

 

ޒުހުދާ ހިނެވުމުގެ މަސައްކަތް ނިމި މޫނުދެއްކުން ކުރިޔަށް ދިޔައިރުވެސް ޒީނާ އިނީ އެ ގަބުކަންމަތީގައެވެ. ދުނިޔޭގެ ޙިޔާލެއް ފިކުރެއްނެތެވެ. އޭނައެކޭ ދުނިޔެއިން މޮޔަވެފައިވާ ނިކަމެއްޗެއްފަދައެވެ. ދުނިޔޭގައި ހިނގާ އެއްވެސް ކަމެއް ހިރުވާވެސް ނުލައެވެ. ދުނިޔޭގައި ހުއްޓަސް ނެތް މީހެއް ފަދައެވެ.

 

ހުދު ކަފުނުން ކަފުންކޮށްފައި އޮތް ޒުހުދާގެ މޫނު ބަލަންއައިސް ތިބި މަދު ބަޔަކު މޫނު ބެލުމަށް އެތަނުގައިވާ ސަރަހައްދަށް ވަންނަމުންދިޔައެވެ. ހުޅުމާލެ ހިނަވާ މިސްކިތް ކައިރީގައި މަދު ބަޔަކު ޖަމާވެފައި ތިއްބެވެ. މެންދުރު ނަމާދަށްފަހު ޒުހުދާގެ ކަށު ނަމާދު ކުރުން ވަނީ ހަމަ ޖެހިފައެވެ. ވަގުތު ކައިރިވަމުން ދިޔައިރުވެސް ޒީނާހަމަ އެހުރިގޮތަށް ހުރީއެވެ.

 

ސަމާ ބެލީ ހިތްވަރުކޮށްފައިވެސް އެކަމާއި ކުރިމަތިލުމެވެ. މިއަދު ޒީނާއަށް އެހީވާން ހުރި ހަމަ އެކަނި މީހަކީވެސް ސަމާއެކަންޏެވެ. ސަމާގެ ކުށް ގަބޫލުކޮށް ދިމާވާ ކޮންމެ ކަމެއްގައިވެސް ޒީނާއަށް އެހީތެރިވުމަށް ކުރަންޖެހުނު ކޮންމެ ކަނޑެއް ހުރަސްކުރަން އަޒުމު ކަނޑައެޅިއެވެ.

 

“ޕްލީޒް ޒީ.. ތިހެން ނުހުރޭ.. މީ ހަމަ މަގޭ ކުށް. ދުވަހަކުވެސް އަމިއްލަ ނަފުސަށް މަށަށް މަޢާފެއް ނުކުރެވޭނެ. ހިތްވަރުކޮށްފައި މިކަމާ ކުރިމަތިލާ. ހެޔޮނުވާނެ ޒީ.. އިނގޭ ޒީއަށް މި ކުރިމަތިވީ ކެތްނުކުރެވޭވަރުގެ ހިތާމަ ތަކެއްކަން.. ޒީ ގެ ހިތާމަތައް އިހްސާސް ކުރެވިއްޖެ.. ޒީ…” މޫނު ދައްކާ ސަރަހައްދުގައި ހުރެ ސަމާ ބެލީ ޒީނާ އަށް ވިސްނައިދެވޭތޯއެވެ. ނަމަވެސް ޒީނާއެވަނީ ބޮޑު ޝޮކެއްގެ ތެރޭގައެވެ. ދުނިޔެމަތީ ހިނގާ އެއްވެސް ކަމެއް ޒީނާއަށް ނޭންގޭ ކަހަލައެވެ. ސަމާއަށް ކެތް ނުވެގެން ޒީނާގެ ކޮނޑުގައި ހިފައި ތަޅުވައިގަތެވެ.

 

ޒީނާއަށް އެސްފިޔަ ޖަހާލެވުނެވެ. ހީވީ ދުނިޔެއަށް އެނބުރި އާދެވުނު ހެންނެވެ. ހޭވެރިކަމެއްވެގެން ހުރިތަންވެސް ހަނދާންވީ އެވަގުތުއެވެ. ޒީނާއަށް ދެކޮޅު ހޯދާ ބަލަން ފެށުނެވެ. ޒީނާ އުޅެމުން ދިޔަ ގޮތްފެނިފައި ޒީނާއަށް ރޮވުނެވެ. ކެތްނުވާ ހިތްދަތި ކަމެއް ތެރޭގައި ހުރި ޒީނާއަށް ކުރިމަތިން ފެނުނީ އޭނަ މަންމަގެ ފުރާނަނެތް މަސްގަނޑެވެ. ސަމާ ކޮށްޕާލުމަށްފަހު ޒީނާ ދުއްވައިގަތީ އޭނަގެ މަންމަގެ މަސްގަނޑާއި ދިމާއަށެވެ. އޭނަ މަންމަގެ ފުރާނަނެތް މަސްގަނޑުގައި ބޮސްދެމުން ޒީނާ ރޯންފެށިއެވެ. ތަޤުދީރުގައި ދިމާވި އިމްތިހާނުން ޒީނާގެ މުޅި ހަޔާތް ވިއްސި ވިހާލެވިގެން ދިޔައީއެވެ. މުޅި ދިރިއުޅުން ބަނަ ކޮށްލައިފިއެވެ. ޒީނާގ ނޫން އެހެން މީހެއްނަމަ މިހާރު އަމިއްލައަށް މަރުވެސް ވެދާނެއެވެ. ކެތްނުވާ އެތައްކަމެއް ޒީނާ ތަހައްމަލު ކުރަމުންދާން ޖެހުނީ ޒީނާގެ ކޮން ކުށެއް އޮވެގެން ހެއްޔެވެ..؟

 

ޒުހުދާގެ މޫނުއަޅާ ވަގުތު ޖެހުނެވެ. ޒީނާއަށް ވަމުންދާގޮތްފެނިފައި ސަމާގެ ހިތް ހަލާކުވެއްޖެއެވެ. ސަމާއަށް ވެސް ޒީނާގެ މަންމަގެ މަރުން އެތައް ފިލާވަޅެއް ލިބިގެން ދިޔައެވެ. ޒީނާ ކުރާނެ ހިތާމަ ތަހައްމަލު ކުރެވިގެން ދިޔައެވެ. މައެއްގެ ލޯބި ނުލިބި ސަމާވެސް ދުނިޔޭގައި އުޅެމުން ދިޔައީ އެތަކެއް ކަމެއް ކަޑަޢްތުކުރުމަށްފަހުގައެވެ. ސަމާ ބެލީ ޒީނާއަށް ހިތްވަރު ދެވޭތޯއެވެ.

 

މޫނު ފޮރުވާލުމާއެކު ޒީނާއަށް ހޭރިގަނެވުނެވެ. ސަމާ ކިތައްމެ ހިތްވަރެއް ކުރަން އުޅުނު ނަމަވެސް ޒީނާގެ އަމަލުތަކުން ސަމާވެސް ގިސްލަ ގިސްލާފައި ރޯންފެށިއެވެ.

 

“މަގޭ މަންމަ. މަންމަ މަރުވީ.. މަ މުޅިން އެކަނިވީ.. އީމާވެސް ދިޔައީ. މަދޫކޮށްފަ އެންމެން ދަނީ. މަންމަ އެހާ ދުވަސްކޮށްފައި ފެނުނީ އެންމެ ދުވަހަކު. މިއަދު މި ފެނުނީ މަންމަގެ ފުރާނަ ނެތް މަސްގަނޑު. ސަމާ އަހަރެން ވެސް ބޭނުންވަނީ މަރުވާން.. ލޯބި ވެވުނީ އެންމެ މީހަކު ދެކެ.. ހަޤިގީ ލޯތްބެއް ވެވުނީ ވެސް އެންމެ މީހަކު ދެކެ. އެ ލޯބިވެސް އަހަރެންނަކަށް ނުލިބުނު. އަހަރެންގެ ކުށަކީ ކޮބާ؟ އަހަރެންގެ އިއްފަތްތެރިކަން ގެއްލި ދުނިޔެއަށް ގިނަވެއްޖެ. އިޒުވާންވެސް އަހަރެންދެކެ ލޯތްބެއް ނުވި. ހުރިހާ ލޯތްބަކުން މަ މަޙްރޫމް ވެއްޖެ. ސަމާ އަހަރެންމީ ކިހާ ބަދުނަސީބު މީހެއް. ކާކު ދެން އަހަރެންނަށް ލޯބިން ބަލާލާނީވެސް..” އެންމެ ފަހުން ޒީނާ ހިތުގައި ފޮރުވަމުން ދިޔަ ކަންތައްވެސް ސަމާގެ ކުރިމަތީގައި ހާމަވެ ބޭޒާރު ވެއްޖެއެވެ. ޒީނާއަށް ކެތްނުވި ހިތްދަތިކަމެއްގެ ސަބަބުން ހުރިހާ ކަމެއް ހާމަވެގެން ދިޔައެވެ. އޭނަގެ ހިތްވަނީ ހަލާކުވެ ވީރާނާ ވެފައެވެ. އެހިތަށް ކުރާ އަސަރުތައް ބުނަން ކިތައްމެ ބޭނުންވިއަސް މިހާރު ޒީނާއަށް ސިފަ ކުރެވުނީ ދިރިހުރުންވެސް އެއީ ކުށެއްގެ ގޮތުގައެވެ. ބޭކާރު ކަމެއްގެ ގޮތުގައެވެ.

 

ކަށު ނަމާދަށްފަހު ޒުހުދާ ވަޅުލައި ނިމުނު އިރުވެސް ޒީނާގެ ލޮލުން ކަރުނަ ހިކޭ ގޮތެއް ނުވިއެވެ. ސަމާ ބެލީ އަވަސްގޮތަކުން އެތަނުން ދެވޭތޯއެވެ. ސަމާގެ ފަރާތުން ޒީނާއަށް އޯގާތެރި ކަމާއި ލޯބި ދޭން އަޒުމް ކަނޑައެޅިއެވެ. ކޮންމެ ގޮތެއްވިޔަސް އަދި ޒީނާ ދުނިޔޭގައި އުޅެން މަޖުބޫރެވެ. ކޮންމެ ގޮތަކަށް ތަޤްދީރުގައިކަންކަން ރޭވެމުން ދިޔަ ނަމަވެސް ކޮންމެ އިމްތިހާނަކަށް އިންސާނާ ތައްޔާރުވާން މަޖުބޫރެވެ.

 

***

 

އޭގެ ދެދުވަސް ފަހުން ޒީނާ ޑިއުޓީއަށް ނުކުތީ އިތުރަށް ގޭގައި އޮވެ މޮޔަވެދާނެތީއެވެ. މީހުންގެ ތެރެއަށް ނިކުމެ އުޅެމުންވެސް ބޯ ހާސްނުވެ ހަމަޖެހިލައިގެން ދިރިއުޅުމުގައު ކުރިއަށް ދިއުމަށެވެ. ކަންތައްތަކާއި މާޔޫސްވެ ސިނކުޑިއަށް ލުޔެއް ލިބޭނީ އަމިއްލަ ނަފުސަށްވެސް އިތުބާރުކޮށް ކެތްކޮށްގެން އުޅުމުން ކަމަށް ވާތީއެވެ.

 

ޒީނާއަކީ އާންމުކޮށް ބްރޭކް ގަޑިއަށް އެކަނި ނަމަވެސް ހިތްހަމަ ޖައްސާލަން ބޭރަށް ނުކުމެ އުޅޭ ކުއްޖަކަށް ވާތީ އާދައިގެ މަތިން އެއަރޕޯޓު ތެރޭގައި ހިނގަމުން ނުކުތީ ޓާރމިނަލުން ބޭރަށެވެ. ދުވަހަކީ ވައިމަޑު އަވިގަދަ ދުވަހެކެވެ. ސާފު ވައިކޮޅެއް ހޯދުމަށް އެދިމާލުގައި ހުންނަ ރުކެއްކައިރީގައި މަޑުކޮށްލުމަށްގަހު ޖީބުން ފޯނު ނެގިއެވެ. ފޯނު ނަގައިގެން ގޭމެއް ކުޅެން ފެށިއެވެ. އެންމެ ހިނދުކޮޅެއްވެސް މަންމަ މަތިން ހަނދާންކޮށް ރޯކަށް ޒީނާ ބޭނުމެއް ނުވިއެވެ. ވީ ކަމެއް ހަނދާން ނައްތާލަން އަޒުމު ކަނޑައެޅީ ކޮންމެ ގޮތެއް ވިއަސް މަރުވި މީހަކު ދެން އެނބުރި އަންނާނެ މީހަކަށް ނުވާތީއެވެ. ހުރިހާވެސް އުފަލަކީ އެމީހުންނަށް ހެޔޮދުއާކުރުމެވެ. ޒީނާއަކީ ކެތްތެރި ކުއްޖެއްކަން ދިމާވާ ކޮންމެ ހިތާމަތަކެއް ގައި ކުރިމަތިލަމުންދާތީވެސް އެނގިގެން ދާނެއެވެ.

 

ޒީނާއަށް ސިހުމެއް ލިބުނީ އިޒުވާނުގެ އަޑު އޭނަގެ ކަންފަތުގައި ޖެހުމުންނެވެ. އިޒުވާނު ގޮވާލިއަޑަށް ޒީނާ ސިހުނެވެ. އެ ސޫރަ ފެންނަ ކޮންމެ ފަހަރަކު ޒީނާއަށް އެތައް އުނދަގޫތަކެއް ވާން ފަށައެވެ. ހިތް އަވަސްވެ މޭތެޅެންފަށައެވެ. އޭނައަށް ކުރެވޭ އިޙްސާސްތަކަށް ބަދަލެއް ނާންނަނީ ކީއްވެކަން ޒީނާއަށް ވެސް ބުނެދޭކަށް ނޭންގެއެވެ. އިންތިހާއަށް އިޒުވާނު ދެކެ ލޯބި ވެވުނީ ކީއްވެގެން ހެއްޔެވެ.؟ ޒީނާއަށް ވަމުންދިޔަ ގޮތްތައް ފޮރުވަން އަމިއްލައަށް މަސައްކަތްކޮށްކޮށްހުއްޓާ އިޒުވާން އައިސް އެތަނުގައި މަޑުކޮށްލިއެވެ.

 

“ވަރަށް ހޯދައިފިން.. ގުޅަންވެސް ހިތަންއެރި.. އެކަމަކު ޒީ ހިތަން އަރާފާނެ އެއްޗެއް ނޭންގޭތީ ގުޅަން ނުކެރުނީ..” އިޒުވާނު އައިސް މަޑުޖެހުނީ ޒީނާއާއި ދާދި ގާތުގައެވެ.

 

“އެނގޭތަ ސާރާ އާއެކޭ ބުނެފި.. އެވާހަކަ ބުނަން ބޭނުންވެގެން އުޅޭތާ ދެދުވަސް ވެގެން މިދިޔައީ.. ހިތަން އެރި ޒީއާ ބައްދަލުވީމާއޭ މިވާހަކަ ބުނާނީ…” ދެންވެސް ވާހަކަ ދެއްކީ އިޒުވާނެވެ. ޒީނާ ހުރިގޮތަށް ފޯނާއި ކުޅެން ހުރީއެވެ. އިޒުވާނުގެ ވާހަކަތަކުން ޒީނާ ކިތައްމެ ވަރަކަށް ކެތްކުރަން މަސައްކަތް ކުރި ނަމަވެސް ޒިނާއަށް ރޮވުނެވެ.

 

“އިޒުވާން. ޕްލީޒް. ޖަސްޓް ލީވް މީ އެލޯން.” ޒީނާ އެހެން ބުނުމަށްފަހު އެތަނުން ދިއުމަށް ދުއްވައިގަތެވެ. ޒީނާ ރޮމުން ދިޔައީ އެވެ. އެވަރުގެ އެއްޗެއް ބުނެވުނު ކަމަކަށް އިޒުވާނަށް ޤަބޫލެއް ނުކުރެވުނެވެ. ނަމަވެސް ބުނެވިއްޖެއެވެ. ޒީނާގެ ހާލަތު ނޭންގެނީއެވެ. އިޒުވާނަށް ވިސްނުނީ ޒީނާއަށް ކޮންމެވެސް ކަމެއް ވެއްޖެކަމެވެ.

 

“ކީއްވެބާ އަބަދު ޒީ ދެރަވެފަ ހުންނަނީ.. އަހަރެން ފެންނަ ކޮންމެ ފަހަރަކު އަހަރެން އިގްނޯ ކުރަނީ ކީއްވެތަ؟” އިޒުވާނަށް ވިސްނާލެވުނެވެ. ނަމަވެސް ޒީނާއަކީ ކޮންކަހަލަ ކުއްޖެއްކަން އޭނަގެ ހިތުގެ އުދާސްތަކެއް އިޒުވާނަށް ނުވިސްނުނެވެ.

 

ޒީނާ ދިޔަ ގޮތަށް ގޮސް ރޯންފެށިއެވެ. އިޒުވާނު ދެއްކި ވާހަކަތަކުން އިތުރަށް ޒީނާގެ ހިތް ފުނޑުފުނޑުވެގެން ދިޔައެވެ. އެނޫން މީހަކުދެކެ ޒީނާއަށް ލޯބި ނުވެވުނީ ކީއްވެ ހެއްޔެވެ؟ އޭނަގެ ހިތުގައި ފޮރުވިފައިވާ ލޯބި އިޒުވާނަށް ކިޔައިދޭނީވެސް ކިހިނަކުން ހެއްޔެވެ؟ ކޮށްފައިހުރި އަސަރުތަކަށްވުރެ ބޮޑު ހިތާމައެއް ޒީނާއަށް އިޒުވާނުގެ ވާހަކަތަކުންވެސް ކޮށްފިއެވެ.

 

“މާތްކަލާކޯ… އަހަރެން އަވަހަށް ގެންދަވާ.. މި ނިކަމެތި ދުނިޔޭގައި ދިރިއުޅޭނީ ކިހިނެއް.؟ މި ލިބެމުންދާ ވޭންތަކަށް ދެން ކެތެއް ނުވާނެ. ހާސްވެ ކަންތައް ބޮޑުވެ އަހަރެން ދިރިއުޅުން މަތިންވެސް ފޫހިވެއްޖެ. މީ ކޮންފަދަ އިމްތިހާނެއް. އަހަރެންގެ ކުށަކީ ކޮބާ؟” ޕިއްޒާ ކޮންޕެނީ ތެރޭގައި ހުރި ފާރުގައި ލެނގިލައިގެން ހުރެ ޒީނާ ރޮމުންގޮސް ކިޔޭ ނުކިޔޭ ނޭންގި ކުފުރުވަމުން ދިޔައެވެ. ފާރުގައި ދެއަތުން ތަޅަން ފެށިއެވެ. ކެތް ކުރަން ކިތައްމެ ވަރަކަށް މަސައްކަތް ކުރިއަސް މިއަދު ޒީނާގެ ދިރިއުޅުން ވަނީ ވިއްސިވިހާލެވި ވީރާނާވެގެން ގޮއްސައެވެ. އަދިވެސް ކެތްކުރަމުން ދަނީ ދުނިޔޭގައި އުޅޭށެވެ. ކޮންމެ ގޮތަތަކަށް ކަންތައް ވީ ނަމަވެސް ކެތް ކުރެވޭތޯއެވެ.

 

***

 

ދުވަހަކީ ހުކުރު ދުވަސްކަމުން ހަވީރުގަޑީގައި ޒުހުރީ އާއި ހައުލާ ހުޅުމާލެއައީ ޕާޓީ ކޮށްލުމަށެވެ. ހުޅުމާލެ ބީޗުކައިރީގައި ހުންނަ ގެސްޓް ހައުސްއަކުން ކޮޓަރިއެއްވެސް ކުއްޔަށްނަގައިގެންނެވެ. ހަވީރު ގަޑީގައި ދެމީހުން އެކުގައި ސައިކަލް ދުއްވާލަން ނުކުތީ ރޭނގަޑު މަޖާކޮށްލަން ނިންމައިގެންނެވެ. ހުކުރު ދުވަސްކަމުން ހުޅުމާލެ އަބަދުވެސް އޮނަނީ މީހުން ފުރި ބާރުވެފައެވެ. ހައުލާ އިނީ ސައިކަލު ފަހަތުގައި ޒުހުރީގެ އުނަގަނޑުގައި އަތްއަޅުވާލައިގެން ވަރަށް ހަމަޖެހިލައިގެންނެވެ. ބޭރު މަގުގައި ދުއްވާފައި ދިޔައިރު ހައުލާ އިނީ ހަމަޖެހިލައިގެން ހުޅުމާލޭގެ ހިތްގައިމުކަމަށް ގެއްލިފައެވެ.

 

“އިޒުވާނު” ހައުލާ އެއްލިކަޅިޔަކުން އަންހެންކުއްޖެއް ސައިކަލުފަހަތަށް އަރުވައިގެން ދިޔަ އިޒުވާނު ފެނިގެން ހައުލާއަށް ހަޅޭއްލަވައިގަނެވުނެވެ.

 

“ޒު ޒޫ ނިކަން ބާރަށް އެދާ ސައިކަލު ފަހަތުން ދުއްވާލަބަލަ” ކުރިމަތިން ދުއްވާފައި ދިޔަ ސައިކަލަށް އިޝާރާތްކޮށްލަމުން ހައުލާ ބުންޏެވެ. ހައުލާ ބޭނުންވީ އެއީ އިޒުވާނުތޯ ޔަޤީންކުރާށެވެ. ޒުހުރީ ސައިކަލްގެ ދުވެލި ބާރުކޮށްލިއެވެ. ވަކި ހިސާބަކަށް ދެވުމުން ހައުލާގެ ޝައްކު ޔަޤީނަށް ބަދަލު ވެއްޖެއެވެ.

 

“މަޑުން ދުއްވާ. އެޅ ހާދަ ގޮތެއް ބަލަން މަ ބޭނުން.. ވަގަކަށް ހާސްދުވަސް ވެރިޔަކަށް ހަމަ އެއްދުވަހޭ. އިޒުވާނު ކަލޭގެ ދުވަސް ތިދަނީ” ހައުލާގެ މޫނުމަތިން ފާލުވަމުން ދިޔައީ ވިހަ ހިނިތުންވުމެކެވެ. އޭރުވެސް އެމީހުން ސައިކަލު ދުއްވަމުން ދިޔައީ އިޒުވަނުގެ ސައިކަލުގެ ފަހަތުންނެވެ. އެމީހުން ގޮސް މަޑުކޮށްލީ ފާން ގެސްޓް ހައުސް ބީޗް ރެސްޓޯރަންޓް ކައިރިއަށެވެ.

 

“މިތަނަށް ސައިކަލު މަޑުކުރޭ.. އެ މީހުން ގޮސް އެޖެއްސީ އެތާ.. ނަގޫބަޅ އަދިވެސް ހަމަ އެހެނޭ އެ ތެޅެނީ.. މިއޭ މި ބަކަރ މަގޭ ކައިރިން ސަލާމަތް ނުވެވިގެން އުޅުނު ކަމަކީ.. ހިނގާ އެތާ ޓޭބަލްއެއްގައި ޖައްސަން.. ކުޅި ދައްކާލާނަން..” ހައުލާ ބުނި ބުނުމަށް ޒުހުރީވެސް އަމަލުކުރިއެވެ. ހީވަނީ ހައުލާ އޮޅުކޮށްގެން ގެންގުޅޭ ޅަ ބުޅާ ގަނޑެއްހެންނެވެ.

 

އިޒުވާނާއި ސާރާ ގޮސް މޭޒު ކައިރީގައި އިށީންނަމުން ހަމަޖެހިލިއެވެ. ސާރާ އަށް ބަލަން އިން އިޒުވާނުގެ މޫނުމަތިން ފެންނަމުންދނީ އުފާވެރިކަމެވެ. ސާރާ އޭނަގެ މީހަކަށްވުން އެއީ އިޒުވާނަށް މުޅި ދުނިޔެވެސް މިލްކް ކުރެވުނު ވަރުގެ ކަމަކަށް ވެގެން ދިޔައެވެ. އިޒުވާނު ބަލާގޮތުން ސާރާ ލަދުވެސް ގަތެވެ.

 

“ދެން ތިވަރަށް ނުބަލާނެ އިޒުވާން. ލަދުގަނެޔޭ. މިތާ އެހެން މީހުންވެސް އެބަ ތިބިކަން ހަނދާންކޮށްބަލަ..” އިޒުވާނު ބަލަން ފެށުމުން ސާރާ ލަދުން އިސްޖަހާލިއެވެ.

 

“ކޮބާ މައްސަލައަކީ.. އަހަރެންގެ ހައްޤަކަށް މަށަށް ބެލޭނެދޯ.” އިޒުވާނު އޭރުވެސް ބަލަމުންދިޔައީ ސާރާގެ ހަރަކާތްތަކަށެވެ.

 

“ނިކަން ބަލަ ކުއްތާ އިން ވައްތަރު.. ޒުޒު ކަލޭވެސް އާދޭ.. ބަކަރ ހުވާ..” ހައުލާ ހިނގައިގަތެވެ. އޭނަގެ ފަސްފަހަތުން ޒުހުރީވެސް ތެދުވެގެން ހިނގައިގަތެވެ. ދެ މީހުންގޮސް ތަންކޮޅެއް ދުރުގައި ހުރި މޭޒެއްކައިރީގައި އިށީނެވެ. މަންޒަރު ބަލަން އިން ހައުލާގެ ލޭ ކެކެމުންދިޔައެވެ. އެތަނުގައި މަޑަކުން ހައުލާއަށް ނީންދެވުނެވެ. ގޮޑިން ތެދުވެގެން އިޒުވާނުމެން ތިބި މޭޒާއި ދިމާއަށް ހިނގައިގަތެވެ. ފަރި ހިނގުމެއްގައި ހައުލާ ހިނގަމުންގޮސް އިޒުވާނުގެ ކުރިމަތީގައި ހުއްޓުނެވެ. އިޒުވާން ދިޔައީ ސިއްސައިގެންނެވެ. ސާރާވެސް ހައުލާގެ އަމަލުތަކުން  ބަލަހައްޓައިގެން އިނދެވުނެވެ. ހައުލާ އެއްޗެކޭ ބުނެފާނެތީ އިޒުވާނު އިނީ ވަރަށް ހާސްވެ ކަންތައް ބޮޑުވެފައެވެ. އެކަން އޭނަގެ މޫނުމަތިންވެސް ފެންނަމުން ދިޔައެވެ.

 

“ނޫނޭ ނޫނޭ ކަލޭ ކުޅަދާނަ ތިކަމަށް. ކަލޭ ހަމަ އިސްލާހެއް ނުވާނެ ދޯ.. ކަލޭ ޒީނާއަށްވެސް އޮޅުވާލެވޭތޯ އަދި ވެސް މަސައްކަތް ތިކުރަނީ.. ކަލޭ ތީ ހަމަ ފައްކާ ނަގޫބޅއް. މިހާރު އެހެން އަންހެނެއް ގޮވައިގެން މިތާ. ތިހެންވެ މަ ކަލޭ ކައިރިން ސަލާމަތް ވީވެސް. ކަލޭގެ އޮންނަނީ ހިތެއްވެސް ނޫން ދޯ.. ޒީނާ ކައިރިން ކަލޭ ބޭނުން ކަންތައް ފުދުނީމަ މިހާރު އެހެން އަންހެނެއް ވާ ވައްދާލީ.. ހަނދާން ކުރައްޗޭ. މަ ދިރިހުއްޓާ ކަލޭ އުފަލުގަ އުޅުނަވެސް ނުދޭނަން،،” ހައުލާގެ ބަސްމަގު ހުރިގޮތުންނާއި ދެއްކި ވާހަކަތަކުން އިޒުވާނު އިނީ ބުނާނެ އެއްޗެއް ނޭންގިފައެވެ.

 

ކިހިނެއް ޒީ އެނގެނީ..؟” އިޒުވާން ހައިރާންވެފައި ކޮށްލީ ސުވާލެކެވެ. އޭރުވެސް ސާރާ ވާނުވާ ނޭންގިފައި މަންޒަރު ބަލަން އިނެވެ. ހައުލާގެ ރުޅިގަނޑު ހައްތާ ގަދަވަމުން ދިޔައެވެ.

 

“ބަލަ ބީތާޔާ އޭނަ ގޮވައިގެން ސައިކަލުގައި ދަނިކޮށް މަގޭ ދެލޮލުން ދުށީމޭ. ޕިސް ޕިސް މިއީ ކުޑަކުޑަ ތަނެއްކަން ކަލެއަށް ނޭންގޭތީ މަ ހަމަ އަޖައިބުވެއްޖެ. މީންދަ ކުއްޖާގެ ދިރިއުޅުން ހަލާކުކޮށްލަންދޯ ތި މަސައްކަތް ކުރަނީ. މަންޖޭ ވިސްނައިގެން އުޅޭތި؟” ސާރާއަށް ބަލާލަމުން ހައުލާ ބުންޏެވެ.

 

“ހަނދާންކުރާތި.. މި ހައުލާ ދިރިހުއްޓާ ކަލެއަށް އެހެން އަންހެނަކާ ވައިވެސް އެޅޭކަށް ލާހިކެއްނޫން. މަށަށް ހަދާލި ގޮތް ހަނދާނެއް ނުނެތޭނެ. ކަލޭ ހަމަ ފިއްތާލާނަން. މީ ހައުލާކަން މަ އަބަދުވެސް ކަލެއަށް ހަނދާންކޮށްދޭނަން. މި އެ ހައުލާ.” ހައުލާ އެތަނުން ދިއުމަށް ހިނގައިގަތެވެ. އިޒުވާން ވިސްނައިލިއެވެ. ހައުލާ އަށް ޒީނާގެ ވާހަކައެއް ބުނެވުނީ ކީއްވެކަން ވިސްނާ ވިސްނާވެސް އިޒުވާނަށް ނުވިސްނުނެވެ. ހައުލާ އަށް ޒީނާ އެނގެނީ ކިހިނަކުން ހެއްޔެވެ؟ ޒީނާ ގޮވައިގެން ސައިކަލުގައި ދިޔަ ދުވަސް ހަނދާންވެގެން ދިޔައެވެ. ހައުލާ ދެއްކި ވާހަކަތަކުން އިޒުވާން ހައިރާންވިއެވެ.

 

“އިޒުވާން.. އެއީ ކާކުތަ؟ ހާދަ ވަރަކަށް ބަވާލާފަ އެ ދިޔައީ..” ހައުލާ ދިއުމުން ސާރާ ވިސްނާލަން އިނުމަށްފަހު ކޮށްލީ ސުވާލެކެވެ. އިޒުވާނަށް ބުނަންވީ ކީކޭ ކަމެއްވެސް ނޭންގުނެވެ. ސާރާ ކުރި ސުވާލުތަކަށް ދޭނީ ކޮން ޖަވާބެއްކަމެއްވެސް އިޒުވާނަކަށް ނުވިސްނުނެވެ. ކޮންމެ ގޮތެއް ވިޔަސް ސާރާގެ ސުވާލުތަކަށް އިޒުވާނު ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. އެކަން އިޒުވާނު އުޅެމުންދިޔަ ގޮތުން ވެސް ހާމަވަމުން ދިޔައެވެ.

 

”ހިނގާ މިތަނުން ދާން. ސާރާވެސް ދެން މާލެ ދާނީ. މިރޭ މަ ގުޅާނަން. ދެން ހިނގާދާން..” ސާރާގެ އެއްވެސް ސުވާލަކަށް އިޒުވާނު ޖަވާބުދޭކަށް ބޭނުމެއް ނުވިއެވެ. އެކަމާއި ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކަން އިޒުވާނު އުޒުރުވެރިވިއެވެ. އިޒުވާނު ގޮޑިން ތެދުވެގެން ހިނގައިގަތެވެ. ސާރާއަށްވެސް ޖެހުނީ އިޒުވާނުގެ ފަހަތުން ތެދުވެގެން ދާށެވެ. ދުރުގައި އިށިންދެލައިގެން އިން ހައުލާއަށް ބަލާލަމުން އިޒުވާނު ސައިކަލަށްއެރިއެވެ. ހައުލާ އެއްބުމަ އަރުވާލަމުން އެއްމިޔަކަނުން ހީލިއެވެ.

 

“ޒުޒު، އޭނައަށް މިހާރު ހުންނާނީ ރާކަނި މަސް ކެވިފަ” ހައުލާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޒުހުރީ އިނީ ބުނާނެ އެއްވެސް އެއްޗެއް ނޭންގިފައެވެ. ހައުލާއަށް ހީކުރެވުނީ އޭނަގެ ފުރަތަމަ ބަދަލު ހިފުމުގެ ރަހަ އިޒުވާނުގެ ކަރުބުޑުގައި ލައްވާލެވުނީ ކަމަށެވެ. ކޮންމެ ގޮތެއް ވިޔަސް ހައުލާގެ ފުރަތަމަ ހަރުފަތް ކަޑައްތު ކުރެވުނެވެ. އޭނައަށް ވެގެންވަންޏާއި ދެން އިޒުވާނަށް ހަމަ ޖެހިލައިގެން ދިރިއުޅުނަވެސް ނުދޭނެއެވެ.

 

***

 

ޒީނާ ގެއިން ނުކުތީ ކޮންމެވެސް އެއްޗެއް ގަނެލާނަމޭ ހިތުލައިގެންނެވެ.

 

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޙުސައިން އަސްލަމް
ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް