ފަންނާނުންގެ ފޯރަމްގައި ރޭ ވާހަކަދެއްކެވި ގިނަ ފަންނާނުން އެ ހުށައެޅުއްވީ ހަމަ ޙަޤީޤީ މައްސަލަތަކެއް ކަމަށް ކުރީގެ ރައީސް މަޢުމޫން ޢަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.

 

މަޢުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަންނާނުންގެ ފޯރަމްގައި ރޭ ވާހަކަދެއްކެވި ގިނަ ފަންނާނުން އެ ހުށައެޅުއްވީ ހަމަ ޙަޤީޤީ މައްސަލަތަކެއް ކަމަށާއި މި މައްސަލަތައް ހައްލުކުރެއްވުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށެވެ.

 

މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖާއި މޯލްޑިވްސް ނޭޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ފިލްމީ ފަންނާނުންނަށް ރޭ ބޭއްވި ފޯރަމްގައި، ފިލްމު އުފެއްދުމުގައާއި، ފިލްމު އުފެއްދުމަށްފަހު މާކެޓް ކުރުމާއި ސިނަމާ ކުރުމުގައި ދިމާވާ ގިނަގުނަ ގޮންޖެހުންތަކާއި ދަތިތައް ފިލްމީ ފަންނާނުން ހުށައެޅުއްވިއެވެ. މީގެ އިތުރުން މޯލްޑިވްސް ފިލްމު އެސޯސިއޭޝަނަށް އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ލިބިފައި ނެތުމުން ކުރިމަތިވާ މައްސަލަތަކުގެ ވާހަކަވެސް ބައެއް މެންބަރުން ހިއްސާކުރިއެވެ.

 

ސްޓޭޖް ޑްރާމާ އަކީ ރާއްޖޭގައި އެއްކޮށް ކަހަލަ ގޮތަކަށް އުވެމުންދާ ކަމެއް ކަމަށް ދެކިލައްވާ ކަމަށާއި އެކަން ދިރުވައި އާލާކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް ބައެއް ފަންނާނުން ވާހަކަދެއްކިއެވެ.

 

ފިލްމީ ދާއިރާގެ އެންމެ ފުންނާބު އުސް ފަންނާނުންގެ ބިނާކުރަނިވި ފާޑުކިޔުމާއި ޚިޔާލުތަކެއް ހުށައެޅިގެންދިޔަ މިފޯރަމް ގައި މިނިސްޓަރ އޮފް އާޓްސް ޔުމްނާ މަޢުމޫނު ވިދާޅުވީ މި ސަރުކާރަކީ ފާޑުކިޔަން ޖާގަދީގެން ކަންތައްތައް ހައްލުކުރުމަށް އިސްކަންދޭނެ ސަރުކާރެއް ކަމަށެވެ. އެގޮތުން ފިލްމީ ފަންނާނުން ހުށައެޅި ކަންތައްތައް ހައްލުކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށްވިދާޅުވިއެވެ. ބައިވެރިންގެ ހުށައެޅުމާއި އެއްގޮތަށް ފިލްމީ ދާއިރާގެ ކަންތައްތައް އިސްލާހްކޮށް ރަނގަޅުކުރުމަށް މަސަައްކަތްކުރާނެ ކޮމެޓީއެއް އެކުލަވައިލައްވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

ފިލްމީ ފަންނާނުން ހުށައެޅި މައިގަނޑު މައްސަލަތައް:

– އާޓްސްއާ ގުޅުން ހުރި ދާއިރާތަކަށް ތައުލީމީ ނިޒާމުގެ ތެރެއިން އިހުމާލުވުން

– ފިލްމު ހަދަން ސަރުކާރުގެ ތެރެއިން ފަންޑް ނުލިބުން

– ރާއްޖޭގެ ރަސްމީ ސިނަމާ އޮލިމްޕަހުގެ ފެންވަރު ދަށްވުން

– އޮލިމްޕަސް ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ދަށުގައި ހުރުން

– ދައުލަތުގެ މީޑިއާ އިން ހަމަހަމަ ފުރުސަތު ނުލިބުން

– ފިލްމީ ދާއިރާ އަށް މީހުން ބިނާ ކުރަން މަސައްކަތް ނުކުރުން

– ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) ދޯހަޅިވުން

– މޯލްޑިވްސް ފިލްމު އެސޯސިއޭޝަން (އެމްއެފްއޭ) އަށް ގާނޫނީ ބާރު ނެތުން

– ފިލްމުތައް މާކެޓް ކުރެވޭނެ ޑިސްޓްރިބިއުޝަން ނިޒާމެއް ނެތުން

– ރަށްރަށުގައި ފިލްމުތައް އަޅުވަން ތަންތަން ހޯދަން ދަތިވުން

– ފިލްމުތައް އާކައިވް ނުކުރެވުން

– ރަށްރަށާއި މާލޭގައި ވެސް ފިލްމުތައް ޝޫޓް ކުރަން ދަތިތަކެއް ހުރުން

– ފިލްމީ ފަންނާނުންގެ އަގު އެކަށީގެންވާ ގޮތަށް ވަޒަން ނުކުރެވުން

– ހަމައެކަނި ސާކް ފިލްމު ފެސްޓިވަލްގައި ފިލްމުތައް ބައިވެރި ކުރަން ޖެހުން

– ފިލްމު އެވޯޑް ހަފުލާ ދޯދިޔާވުން

 

ފަންނާނުން ހުށެއެޅި ހައްލުތައް:

– އެޑިއުކޭޝަނާ ގުޅިގެން އާޓްސް ދާއިރާ ކުރިއަރުވަން މަސައްކަތް ކުރުން

– އޮލިމްޕަސް މިހާރުން މިހާރަށް ޕީއެސްއެމްގެ އަތުން އަތުލުން

– ފިލްމު ހަދަން ފަންޑް ބޭނުންވާ މީހުންނަށް ލޯނު ލިބޭނެ ގޮތްތަކެއް ފަހިކޮށް ދިނުން

– ކައުންސިލްތަކާ ގުޅިގެން ފިލްމުތައް ރަށްރަށުގައި ދެއްކޭނެ ގޮތްތަކެއް ހަމަޖެއްސުން

– ފިލްމު ޝޫޓް ކުރަން ގާނޫނީ ހައިސިއްޔަތު އޮންނަ ހުއްދައެއް ދޫކުރުން

– އެމްއެފްއޭ އަށް އެހެން ޖަމިއްޔާތަކާ އެއްގޮތަށް ގާނޫނީ ބާރު ދިނުން

– ރަށްރަށުގެ ސްކޫލްތަކާއި ޔޫތު ސެންޓަރު ފަދަ ތަންތަނުގައި ފިލްމު ދެއްކޭނެ ގޮތް ހެދުން

– މައްސަލަތައް ހައްލު ކުރަން ކޮމިޓީއެއް އެކުލަވައިލުން

 

ރޭގެ ފޯރަމްގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރާ ބައެއް ޕްރޮޑިއުސަރުންނާއި ޑައިރެކްޓަރުންނާއި ފިލްމީ ތަރިން ވެސް ބައިވެރިވި އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.