އެއީ މީގެ 17 އަހަރު ކުރިން ހިންގި ބިރުވެރި ޤަތުލެކެވެ. ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާޚާނާ ތެރޭގައި މަރާލި އަޒްލީނާ ނަފީސް ކިޔާ ޒުވާން އަންހެންކުއްޖެއް މަރާލާފައި އޮއްވާ ފެނުނެވެ.

 

މުޅި ރާއްޖެއަށް ސިހުން ލިބިގެންދިޔަ އެމަރުގެ ހާދިސާއިން އިންސްޕަޔާ ވެގެން، ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކޮށް، އެކްޓް ކޮށްފައިވާ ފިލްމު “ލީނާ”ގެ ޓީޒާ ޓްރެއިލާ މިހާރު މިއޮތީ ނެރެފައެވެ.

 

ފިލްމުގެ މަންޒަރުތަކެއް އެންމެ ފުރަތަމަ ފަހަރަށް އާއްމުކޮށްފައި ވާއިރު، ހާމަކުރި މަދު މަންޒަރުތަކުން ފިލްމަކީ ވަރުގަދަ ފިލްމަކަށް ވާނެ ކަމަށް ޤަބޫލުކުރެވެއެވެ.

 

ޓީޒާ ޓްރެއިލާ ފެށޭއިރު ލީނާ ރޯލު ކުޅޭ މަރިޔަމް އައްޒަ އޭނާގެ ހަޔާތުގެ ސަފްހާތައް ކިޔައިދޭ އަޑު އިވެމުންދެއެވެ. ލީނާގެ ގާތިލް ޒުހޫރު (މުއާ) ފެނިގެންދަނީ ލީނާއަށް އަނިޔާކުރަނިކޮށެވެ. ލީނާގެ ލޯބިވެރިޔާގެ ރޯލުން ފެންނަ އަލީ އާޒިމް (ދޮން އައްޔަ) އާއި އެކުގައި އުފާވެރި ވަގުތުތަކެއް ހޭދަކުރަމުންދާ މަންޒަރުތައްވެސް ހިމަނާފައިވެއެވެ. މީގެއިތުރުން އައްޒަގެ ބެސްޓްފްރެންޑްގެ ރޯލުން ފެންނަ ނުޒުހަތު ޝުއައިބް (ނުޒޫ) އާއެކު ވެސް ވަގުތު ހޭދަކުރާ މަންޒަރު ފެނިގެންދެއެވެ.

 

އަހުމަދު ޒަރީރުގެ ސްކްރީންޕްލޭ އަކަށް ހަދާ “ލީނާ” ފިލްމު ޕްރޮޑިއުސް ކުރަނީ މުއާ އާއި ސައްޔާހު އައްބާސް ގުޅިގެންނެވެ. ފިލްމުގައި އަމިއްލަ ރާގުގެ ތިން ލަވަ ހިމެނޭނެ އެވެ.

 

މީގެ ކުރިން މުނިއަވަސް އާއި ވާހަކަދައްކަމުން މުއާ ބުނީ ‘ލީނާ’ ގެ މަސައްކަތް ފެށުނީންސުރެން ވަރަށް އުއްމީދާއި ޔަޤީންކަމާއެކު ކުރިއަށްދާ ކަމަށެވެ.

 

“މިހާތަނަށް އައްޔަވެސް ކުޅޭ އެންމެ ތަފާތު ރޯލު، އަދި އެހާ ބޮޑު ބައެއް އޭނަ ނުކުޅޭ ސަޕޯޓިން ކެރެކްޓަރ އެއް. ދެން ނުޒޫވެސް ކުޅޭނެ ހަމަ އެންމެ ތަފާތު އެއް ރޯލު، ދެން އައްޒަގެ ކެރެކްޓަރ އާ އަހަރެންގެ ކެރެކްޓަރ ވެސް.” ފިލްމުގެ ކެރެކްޓާ ތަކާއިމެދު މުއާ ބުންޏެވެ.

 

މިރޭ  މިފިލްމުގެ ޓީޒާ ޓްރެއިލާއެއް ދޫކޮށްލާފައިވާއިރު، މިއަދު މެންދުރުފަހު ވަނީ ފިލްމުގެ ޕޯސްޓަރުވެސް ދައްކާލާފައެވެ.

 

ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އޭޕްރިލް މަހުގެ 20 ވަނަ ދުވަހުއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.