“ޒުޒު، އޭނައަށް މިހާރު ހުންނާނީ ރާކަނި މަސް ކެވިފަ” ހައުލާގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. ޒުހުރީ އިނީ ބުނާނެ އެއްވެސް އެއްޗެއް ނޭންގިފައެވެ. ހައުލާއަށް ހީކުރެވުނީ އޭނަގެ ފުރަތަމަ ބަދަލު ހިފުމުގެ ރަހަ އިޒުވާނުގެ ކަރުބުޑުގައި ލައްވާލެވުނީ ކަމަށެވެ. ކޮންމެ ގޮތެއް ވިޔަސް ހައުލާގެ ފުރަތަމަ ހަރުފަތް ކަޑައްތު ކުރެވުނެވެ. އޭނައަށް ވެގެންވަންޏާއި ދެން އިޒުވާނަށް ހަމަ ޖެހިލައިގެން ދިރިއުޅުނަވެސް ނުދޭނެއެވެ.
***
ޒީނާ ގެއިން ނުކުތީ ކޮންމެވެސް އެއްޗެއް ގަނެލާނަމޭ ހިތުލައިގެންނެވެ. ސެންޓްރޯގައި ހުންނަ ފެންޓަސީ މޯލަށް ދިއުމަށް ޒީނާ ހިނގަމުން ދިޔައެވެ. ޒީނާ ހިނގާލާފައި ދިޔައީ އާދައިގެ ހިނގުމެއްގައެވެ. ހުޅުމާލޭގެ ހިތްގައިމު މަންޒަރުތައް ބަލަމުންނެވެ. ވަގުތަކީ ރޭގަނޑުގެ ވަގުތުކަމުން މަގުތަކަށް ވަނީ ހަލަބޮލިކަމެއް ގެނުވާފައެވެ. ހިނގަމުން އަތުގައި އޮތްފޯނަށް ބަލައިލިއެވެ. އޭރު ގަޑިން އަށްގަޑިބައިވެ ބޮޑުވަނީއެވެ. ހުކުރު ދުވަހަކަށްވާތީ މީހުންނާއި ދުއްވާ އެއްޗެހިން މަގުތަކަށް ހީވަނީ ދިރުމެއް އައިސްގެން އުޅޭހެންނެވެ. ޒީނާ އަށް ވަކި ހިސާބަކަށް އާދެވުނުތަނާހެން މީހަކު ސައިކަލުގައި އައިސް މަޑުކޮށްލަމުން އޭނަގެ ނަމުން ގޮވާލިއެވެ. ޒީނާއަށް ކުޑަ ވަގުތުކޮޅަކު ބަލަހައްޓައިގެން ހުރެވުނެވެ. ހޮޅިބުރީގެ އަލިކަމެއް އެ ޒުވާނާގެ މޫނަށް އެޅިފައި ހުރުމުން ކޮންމެވެސް ތާކުން ދުށް ހަނދާނެއް ވެގެން ދިޔައެވެ. ޒީނާ މާ ވަރަކަށް ބަލަން ފެށުމުން ޒުހުރީ ހިނިތުންވެލިއެވެ.
“ނޭންގުނުދޯ.. ޒުހުރީ އޭ މީ. ހައުލާގެ ބެސްޓް ފްރެންޑް. އެއްދުވަހެއްގައި ތިގެއަށް ދިޔައިދޯ ސައިބޯން. އެދުވަހު ތި ދެމީހުން ފާޑެއްގެ ލޯތްބެއްގަ ޖެހިގެން އުޅުނު..” ޒުހުރީ ވާހަކަ ދެއްކިއެވެ. ޒީނާ އެއްވެސް އެއްޗެކޭ ނުބުނެ ހުރުމުން ޒުހުރީ ކުޑަކޮށް ޖެހިލުންވާ ގޮތްވިއެވެ. ޒީނާ އޭރުވެސް ބަލަހައްޓައިގެން ހުރީއެވެ. ޒުހުރީ އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ.
“ތަނަކަށް ދާންތަ ތި ދަނީ.؟ މަ ޑްރޮޕެއް ދީފާނަން..” ޒުހުރީ ވާހަކަ ދެއްކުމުން ޒީނާ ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. ޒީނާ ހިނގައިގަތެވެ. ޒުހުރީ ސައިކަލު ކުޑަކޮށް ކުރިއަށް ދުއްވާލިއެވެ. ޒުހުރީ ދާކަށް ހިޔާލެއް ނުކުރިއެވެ.
“ޒީ ތީތި ކަޑަދޯ.. މަ މިއުޅެނީ ކޮންމެހެން ޒީއަށް އުނދަގުލެއް ކުރާކަށްނޫން. ހައުގެ ކްލޯޒް ފްރެންޑެއްވީމަ ހަމަ ހެލްޕެއް ވާން ބޭނުންވެގެން މި ކިޔަނީ. އަހަރެން މީ ތި ހީކުރާކަހަލަ މީހެއް ނޫނޭ..” ޒުހުރީ އާދޭސްކުރަން ފެށުމުން ޒީނާ މަޑުޖެހުނެވެ. ޒުހުރީވެސް ސައިކަލު މަޑުކޮށްލިއެވެ. ޒުހުރީއަށް ލުއި ހިނިތުންވުމެއް ފޮނުވާލަމުން ގޮސް ސައިކަލު ފަހަތުގައި އަރައި އިށީނެވެ.
ޒީނާ ސައިކަލަށް އެރުމުން ޒުހުރީ ސައިކަލު ދުއްވާލިއެވެ. ސައިކަލު ދުއްވަމުން ދިޔައިރު ޒުހުރީގެ ބޮޑު އިސްތަށިގަނޑު ޒީނާގެ މޫނުގައި ވަޔާއެކު އުނދަގޫކުރަމުން ދިޔައެވެ. ޒީނާއަށް އުނދަގޫވި ނަމަވެސް އެއްވެސް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ސައިކަލަށް އެރިގޮތަށް އެއްވެސް ވާހަކައެއް ނުދައްކާ އިނުމުން ޒުހުރީ އަށް އުނދަގޫވެގެން ވާހަކަ ދައްކަން ފެށިއެވެ.
“އަދިވެސް ދާންވީ ކޮންތަނަކަށް ކަމެއް ކޮން ދިމާލަކަށްކަމެއް ނުބުނެ އެބަ އިނދޭ…” ޒީނާ ވާހަކަ ނުދައްކާ އިނުމަށްފަހު ހަމަ އެކަނި ބުނެލީ “ސެންޓްރޯ” ގެ ނަމެވެ. ޒުހުރީއަށް ކުޑަކޮށް ހެވުނެވެ. ސައިކަލު ދުއްވަމުން އައިސް ސައިކަލު މަޑުކޮށްލީ ސެންޓްރޯ ޝޮޕިންމޯލް ކުރިމައްޗަށެވެ.
“ޒީ އަންނަންދެން މަ މިތާ މަޑުކޮށްލާނަން..” ޒުހުރީގެ ވާހަކަ ހުރީ ސާދާގޮތަކަށެވެ. ޒީނާ ހިނގައިގަތުމަށްފަހު ޒުހުރީއަށް ބަލައިލިއެވެ. އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ. އަނގައިން އެއްވެސް ބަހެއް ނުބުންޏެވެ. ޒީނާގެ އެ މަޑުމޮޅިކަން ޒުހުރީއަށްވެސް އިޙްސާސް ކުރެވުނެވެ. ޒީނާ އަންނަންދެން ޒުހުރީ ސައިކަލުމަތީގައި ސިނގިރޭޓެއް ރޯ ކޮށްލައިގެން އެ ބޯން އިނެވެ. އޭގެ ވިހި ވަރަކަށް މިނެޓްފަހުން ދެތިން ޕްލާސްޓިކް ކޮތަޅުތަކެއް ހިފައިގެން ޒީނާ ނުކުތްތަން ޒުހުރީގެ ލޮލުގައި އަޅައިގަތެވެ. އެ ކޮތަޅުތަކުގައި ފުދޭ ވަރަކަށް ތަރުކާރީއާއި މޭވާގެ އިތުރުން ބަދިގޭގައި ކެއްކުމަށް ބޭނުންކުރާނެ އެތަކެއް ސާމާނެއް ހުއްޓެވެ. ޒީނާ އުޅުނު ގޮތުން އޭނައަށް އެހީތެރިކަމެއް ދިނުމަށް ޒުހުރީ އެދިމާއަށް ހިނގައިގަތެވެ. ޒީނާ ކައިރިއަށް ގޮސް ކޮތަޅުތައް ހިފަން އުޅުމުންވެސް އޭނަ އިންކާރު ކުރިއެވެ. ނަމަވެސް ޒުހުރީ އޭނަގެ އަތުން ކޮތަޅުތައް އަތުލިއެވެ. އޭރުވެސް ޒީނާ އެއްވެސް ވާހަކަ އެއް ނުދައްކައެވެ.
“ވާހަކަ ވެސް ނުދައްކާނަންތަ؟” ޒުހުރީއަށް އުނދަގޫވެގެން މިފަހަރުވެސް ވާހަކަ ދެއްކީ އޭނައެވެ.
“ތޭންކްސް.. އަހަރެން ވާހަކައެއް ބުނެފިއްޔާ ޤަބޫލުކުރާނަންތަ؟” މިފަހަރު ޒީނާ ވާހަކަ ދެއްކިއެވެ. ޒީނާ އަކީ ކާކުކަން ނޭންގުނަސް އޭނަގެ އަޑުގައި މަޑުމައިތިރި ގޮތެއް ހުރިކަން ވާހަކަދެއްކި ރާގުންވެސް އެނގުނެވެ. އެ އަޑުގައި ވޭނާއި ހިތާމަ އެކުލެވިގެންވާކަށް ޒުހުރީއަށް ފާހަގަ ކުރެވުނެވެ. ޒުހުރީއަށް ޒީނާގެ މޫނަށް ބަލައިލެވުނެވެ.
“ބުނެބަލަ.” ޒުހުރީ ސައިކަލުގެ ވަށިގަނޑުތެރެއަށް ކޮތަޅުތައް ބަހައްޓަމުން ޖަވާބު ދިނެވެ.
“ރުޅި ނާންނައްޗޭ ޕްލީޒް.. ޒީ އަކީ މީހުންގެ ޒާތީ ކަންތައްތަކާ ބެހޭ ކުއްޖެއްނޫން. އަސްލު ޒުހުރީ ތިއީ ކިހާ ރީތި މީހެއް. ތިހެން ބޮލުގެ އިސްތަށިގަނޑު ހުރީމަ ޒުހުރީއަކާ ނުވެސް ގުޅޭ. އިންސާނެއްވެއްޖެއްޔާ ގޮތެއް ހުންނަންވާނެ. ބުނަން މިއުޅެނީ ޒުހުރީ ތި ބޯކޮށާކަށް ނުވިސްނަންހޭ..؟” ޒީނާއަށް އެހެން ބުނެވުނު ވަގުތު ޒުހުރީ ލާނެއް ފާޑަކަށް ހޭން ފެށިއެވެ. ނަމަވެސް ޒީނާ ބަލަން ހުރިގޮތުން ޒުހުރީ ހުނުން ހުއްޓާލިއެވެ. ޒީނާގެ އެވާހަކަތައް ޒުހުރީއަށް މަޖަލަކަށްވި ނަމަވެސް ޒީނާގެ އެ ބެލުމުގައި ހުރި މައުސޫމު ގޮތެއްގެ ސަބަބުން ޒުހުރީވެސް މަޑުމޮޅިވެގެން ދިޔައެވެ. ޒީނާގެ މަޑުމައިތިރިކަމާއި ވާހަކަ ދެއްކުމުގައި ހުރި ވޭނީ ރާގެއް ޒުހުރީއަށްވެސް އިހްސާސްކުރެވުނެވެ.
“ސޮރީ.. ޒީ ބުނެފިއްޔާ ތިކަންވޭތޯ ބަލާނަން. ދެން ހިނިތުންވެލާބަލަ..” ޒީނާ ހިތްހަމަ ޖައްސައިދިނުމުގެ ގޮތުން ޒުހުރީ ބުންޏެވެ. ޒީނާ ލުއި ހިނިތުންވުމެއް ފޮނުވާލިއެވެ. ޒީނާ ސައިކަލަށް އެރުމުގެ ކުރިން ޒުހުރީ އޭނަގެ ބޮލުގެ އިސްތަށިގަނޑު އަތަށް ހެޔޮވަރުކޮށްލަމުން ބޮލު މެދަށް ހުލިއެއް ޖަހާލިއެވެ. ޒުހުރީ ކަންތައް ކުރި ގޮތުން ޒީނާގެ މޫނުމަތިން ތުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ޒީނާ ސައިކަލަށް އެރުމުން ޒުހުރީ ސައިކަލު ދުއްވާލިއެވެ.
ޒީނާ ގެއަށް އައިސް ވަތްއިރު ސަމާ ތަރުކާރީ ކޮޅެއްކޮށަން މޭޒުކައިރީގައި ހުއްޓެވެ. ޓީވީ އިން މިހާރުގެ ހިންދީ ލަވައެއްގެ އަޑު އިވިއިވި ހުއްޓެވެ. ޒީނާ ފެނުމުން ސަމާ ހިނިތުން ވެލިއެވެ. ވިޔަފާރިކޮށްލައިގެން ގެނައި ކޮތަޅުތައް މޭޒުމަތީގައި ބެހެއްޓިއެވެ. ސަމާ ކޮށަން ހުރި ކެރެޓްކޮޅާއި ވަޅި ތަށީގައި ބެހެއްޓުމަށްފަހު ޒީނާ ގާތުގައި ހުއްޓުނެވެ.
“ޒީ އައި އެމް ސޮރީ..ވަރަށް ވަރަށް ދެރަވޭ. އަހަރެން ހިއެއް ނުކުރަން މިވަރުގެ ކަންތައްތަކެއް ހިނގާފާނެ ކަމަކަށް. ޒީ ތީ ވަރަށް ހިތްވަރުގަދަ ކުއްޖެއް. އައި އެމް ޕްރައުޑް އޮފް ޔޫ.. އެނގޭ ޒީ އަކީ ކަންތައްތައް ޝެއަރ ކުރަން ބޭނުންވާ ކުއްޖެއް ނޫންކަންވެސް. އަދި އަހަންނަށް މަޢާފު ނުކުރުމަކީ އެކަށީގެންވާނެ ކަމެއް ނޫންކަންވެސް އެނގޭ. އަހަރެންގެ ސަބަބުން ޒީ އަށް ތި ކުރިމަތިވި ހުރިހާ ކަމެއް މެދުވެރި ވީވެސް.” ސަމާއިސްއޮބާލައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައެވެ. އޭނަ ދެއްކި ވާހަކަތަކުން ސަމާއަށް ކޮށްފައިވާ އަސަރުތައްވެސް ހާމަ ވެގެން ދިޔައެވެ. ޒީނާ އަށް ފުރަގަސްދެމުން އަނެއްކާވެސް ޒީނާ ވާހަކަދެއްކޭތޯ މަސައްކަތް ކުރިއެވެ. އޭރު ސަމާގެ ލޮލަށް ކަރުނަތައް ޖަމާވަމުން ދިޔައެވެ.
“އަހަރެންގެ މަޔަކަށްވެސް ބަފަޔަކަށްވެސް ދުނިޔޭގައި ހުރި މީހަކީ ތީ.. މަ ގަބޫލުކުރަން ޒީގެ އިއްފަތްތެރިކަން ގެއްލިގެން ދިޔައީވެސް ހަމަ އަހަރެންގެ ކުށުން.. މަންމަގެ ހިތް ފަޅައިގެންގޮސް މަރުވީ ވެސް ހަމަ އަހަރެންގެ ސަބަބުން. އެކަންތައްތަކަށް ދުވަހަކުވެސް އަމިއްލަ ނަފްސަށް މަޢާފެއް ނުކުރެވޭނެ. ދުވަހަކުވެސް އަހަރެންމީ ޒީގެ އެއްބަނޑު ދައްތައެއްކަމަށް ދެކެންޏާ ޒީ އަހަންނަށް ހުރިހާ ވާހަކަތަކެއް ކިޔައިދީބަލަ. އެނގޭހާވެސް ކަމަކީ ޒީ މަށަށް ވަރަށް ކަންތައް ސިއްރު ކުރާކަށް.” ސަމާއަށް ރޮވުނެވެ. ސަމާ މަޢާފަށް އެދުނީ އޭނަގެ ކުށް އޭނައަށް އެކަން އުނދަގޫ ކުރާތީއެވެ. ޒީނާ މަޢާފު ކުރިއަސް ސަމާއަށް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ޒީނާ އެވާހަކަތައް އަޑުއަހަން ހުރެފައި ގޮސް ސަމާގެ އަތުގައި ހިފިއެވެ. އޭރު ސަމާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ.
“ސަމާ ބޭނުންވަނީ އަޒުލީމްގެ ހަޤީގަތް އެނގެން ކަމަށްވަންޏާއި އެވާހަކަވެސް އަހަރެން ކިޔައިދޭނަން. ސަމާ އަހަރެންގެ ކިބައިން މަޢާފަށް އެދެން ޖެހޭވަރުގެ ކުށެއް ނުކުރޭ. ކޮންމެ ކަމެއްވެސް ވާން ހުރިގޮތަކަށް ވާނެ. މަ ކެތް ކުރާނަން..” ޒީނާ އައިސް ވާހަކަ ދައްކަން ފެށިއެވެ. ސަމާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ޒީނާ ފެހެދޭންފެށިއެވެ. ޒީނާ އަކީ ދުނިޔޭގައި ހުއްޓަސް ނެތް މީހެއް ފަދައެވެ. އެކަމަކު އޭނާ ޤަބޫލުކުރާގޮތުގައި އަމިއްލަ ނަފްސަށް މީހަކު ނުވިސްނާ ވަރަކަށް އެހެން މީހަކު ނުވިސްނާނެއެވެ. ނަމަވެސް ދިމާވަމުންދާ ކަންތައްތަކަށް ޒީނާއަށްވެސް ކެތްނުކުރެވޭ ހާލުގައި އެތައް އަނިޔާތަކެއް އަމިއްލަ ނަފްސަށްވެސް ދެވުނެވެ.
“މަ ބޭނުން ތި ހުރިހާކަމެއްގެ ހަޤީގަތް އެނގެން. އިޒުވާނަކީ ކާކުތަ؟” ސަމާގެ ސުވާލުން ޒީނާގެ ހިތް ބާރުބާރަށް ތެޅިގަތެވެ. އޭނަ ސިއްރުކުރަމުންދިޔަ ކަންތައްވެސް ފަޅާއެރީއެވެ. ސަމާގެ ސުވާލުތަކަށް ކޮންމެ ގޮތެއްވިއަސް ޖަވާބުދޭން ޒީނާއަށް މަޖުބޫރުވެއްޖެއެވެ.
“ސަމާ ބޭނުންވަނީ އަޒުލީމްގެ ހަޤީގަތް އެނގެންތަ؟ އޯ ކޭ އަޑުއަހާ..” ޒީނާ އެވާހަކަތައް ކިޔައިދޭން ފެށިއެވެ.
***
އިޒުވާން މަށަށް ކޮން ކަމެއް ތި ސިއްރުކުރަނީ..؟” ސާރާ ފޯނުން ވާހަކަ ދައްކަމުން ބުންޏެވެ. އޭނަހުރީ އެގޭ ޓެރަސްމަތީގައެވެ. ސާރާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަ ނުޖެހުމުގެ ކުލަވަރުތަކެވެ.
“ސާރާ އަހަންނަށް ތި ސުވާލުތަކަށް ޖަވާބެއް ނުދެވޭނެ. ދެވޭނެ އެއްވެސް ޖަވާބެއްވެސް ނެތް..” އިޒުވާނު ފޯނުން ވާހަކަދައްކަމުން ބުންޏެވެ.
“އެންމެ ރަނގަޅު. މަށާ އެއްކޮށް އުޅެން ހުރިއްޔާ އިޒުވާނު ޖެހޭނީ މަށަށް ތި ހުރިހާ ވާހަކަތަކެއް ކިޔައިދޭން. ރައްޓެހިވެގެން އުޅޭތާ އިޓްސް ލައިކް ފިއު ޑޭސް. ޔޫ ހޭވް ޓު ޝެއަރ އެވްރީތިން… އިފް ނޮޓް އައި ވިލް ގޯ. ކުޑަ ކަމެއްގަ އިޒުވާނަށް މަށަށް ޖަވާބު ނުދެވޭންވީ އެއްވެސް ރީޒަންއެއް ނޭންގުނު. ރިލޭޝަންޝިޕްގަ އުޅެންޏާ އިޒުވާނަށް ޖެހޭނީ އެދުވަހު ކަންތައް ވީގޮތް ކިޔައިދޭން..” ސާރާ ބޭނުންވީ އިޒުވާނުގެ ދުލުން ހުރިހާ ވާހަކަތަކެއް ހޯދާށެވެ. ނަމަވެސް އިޒުވާނު ފޯނު ކަނޑާލިއެވެ. އިޒުވާނާއި ރައްޓެހިވެގެން އުޅުނަސް ސާރާ އޭނަ ދެކެ ލޯތްބެއް ނުވެއެވެ. އިޒުވާނު އެވާހަކަތައް ކިޔައިދޭން ފަސްޖެހެނީ ކީއްވެ ކަމެއް ސާރާއަށް ނުވިސްނުނެވެ. އިޒުވާނު ފޯނު ކަނޑާލުމުން ސާރާ އިތުރަށް ހިތްހަމަ ނުޖެހުނެވެ.
***
(2 އަހަރު ކުރިން)
ޒީނާ މަގުމަތިން ހިނގާފައި ދިޔައީ ގެއަށް ދާށެވެ. ޒީނާގެ އަތުގައި ކޮތަޅުތަކެއް ހުއްޓެވެ. މާލޭގެ މަގުތަކަކީ މީހުން ތޮއްޖެހި ކާރުބާރު ބޮޑު ދިރިއުޅެން އުނދަގޫ ތަނެކެވެ. ދިވެހިންނަށް ވުރެ ބިދޭސީން ގިނަ ތަނެކެވެ. ޒީނާ ހިނގަމުން ގޮސް އޭނަ ދިރިއުޅޭ ގޭގެ ގޯޅިގަނޑަށް ވަނީ އެއްވެސް ހިޔާލެއް ފިކުރެއް ނެތިއެވެ. ކުއްލިއަކަށް ޒީނާގެ ފުރަގަހުން މީހަކު އައިސް އޭނަގެ އަތުގައި ހިފިއެވެ. ޒީނާ ސިހިފައި ފަސް އެނބުރި ބަލައިލިއެވެ.
“ދޫކުރޭމަގޭ އަތުން. ކިތައްފަހަރު ބުނެފިން މަށަށް އުނދަގޫ ނުކުރާށޭ.” ޒީނާ އަތް ފޮޅާލަމުން ފަހަތަށް ޖެހުނެވެ. އޭނަގެ ކުރިމަތީގައި ހުރީ އޭނަގެ ފަހަތުން އުނދަގޫކުރަމުންދުވާ އަޒުލީމެވެ. އަނެއްކާވެސް ގޮސް އޭނަގެ އަތުގައި އަޒުލީމް ހިފިއެވެ. އަޒުލީމުގެ ފަންދިގު އިސްތަށިގަނޑު ރީތިކޮށްލަމުން ނުބައި ފާޑަކަށް ހީލިއެވެ.
“ތިހެން ނަހަދާ. މަ ޒީނާ ދެކެ ނުލާހިކު ލޯބިވޭ. ކީއްވެ ތިގޮތަށް ކަންތައް ތި ކުރަނީ.. އަހަރެންމީ ހަކުރު ބޯ މީހަކަށް ވީމަތަ؟” ނޭފަތް ދަމާލަމުން އަޒުލީމް ބުންޏެވެ.
އަޒުލީމް އާދޭސް ކުރަންފެށިއެވެ. އޭނަގެ އަމަލުތައް ހުރިގޮތުން ޒީނާ އިތުރަށް ރުޅި ގަދަވިއެވެ. އަޒުލީމު ކުރަމުންދިޔަ އާދޭހާއި އޭނަގެ އަމަލަތަކުން ޒީނާދެކެ ލޯބިވާކަން ހާމަ ވަމުން ދިޔައެވެ. ނަމަވެސް އޭނަ ހުރީ މަސްތު ހާލުގައެވެ.
“އަދި އަހަރެން މީހަކާ ހެދި މޮޔަވެގެން ތިހެން އުޅޭކަން ނުވިސްނަން. އެކަމަކު ހަކުރުބޯ ފަތްބޯ މީހެއްދެކެ އަމުދުން ލޯބީގެ ގޮތުން ނުވެސް ގުޅޭނަން. އަޒުލީމް ތިގޮތަށް އަހަންނަށް އުނދަގޫ ކުރުން ހުއްޓާލާނީ ކޮން ދުވަހަކުން.؟ ކަލެޔާ ހެދި މިހާރު އަހަންނަށް މަގެއް މައްޗަށްވެސް ނުކުމެވޭކަށް ނެތް. ވަރަށް ރީތިކޮށް އާދޭސްކޮށްފިން އެކުވެރިއެއް ގޮތުގަ ވެސް ހުރުމަށް. ލޯބިވާ މީހުން ތިހެން ކަންތަކެއް ނުކުރާނެ..” ޒީނާ ކުރިޔަށް ފިޔަވަޅު އެޅިއެވެ. ޒީނާގެ އެއްވެސް ވާހަކަތަކެއް އަޑުއަހާކަށް އަޒުލީމް ބޭނުމެއް ނުވާކަހަލައެވެ. އޭރުވެސް އޭނަ ގޮތްދޫކުރާކަށް ނޫޅެއެވެ. ޒީނާގެ ފަހަތުން އަޒުލީމް ހިނގައިގަތެވެ. އޭނަގޮސް އަނެއްކާވެސް ޒީނާގެ އަތުގައި ހިފިއެވެ. ޒީނާއަށް ރުޅި މައިތިރިކުރެވޭގޮތެއް ނުވިއެވެ. ބަލަން ނުހުރެ އަޒުލީމުގެ ކަންކަށިމަތީގައި ޖެހިއެވެ. ހަމަ އެވަގުތު ޒީނާ ގައިގައި ޖަހަން އަޒުލީމު އަތް އުފުލައިލިއެވެ. ނަމަވެސް ޒީނާ އެއަށްވުރެ ހުޝިޔާރެވެ. އަޒުލީމް ޖަހަން ނެގި އަތުގައި ޒީނާ ހިފެއްޓިއެވެ.
“ހަނދާންކުރާތި. ދެންވެސް މަށާ ބެހެން ނޫޅޭތި. ވަރަށް ރީތިކޮށް އަޒުލީމަށް އަހަރެން އާދޭސްކޮށް ނަސޭހަތް ދީފިން. ދެން ތިގޮތަށް އުނދަގޫކޮށްފިއްޔާ ކަމާބެހޭ ފަރާތަށް ކަލޭ ހަވާލު ކުރާނަން..” ޒީނާ އެހެން ބުނުމަށްފަހު ގޮސް ގެއަށް ވަނެވެ.
އަޒުލީމް ހުރީ ޒީނާ ދިޔަތަން ބަލާށެވެ. އެބަލާލިގޮތުންވެސް ހީވަނީ ކޮންމެވެސް ނުބައި ރޭވުމެއް އޭނަގެ ސިނކުޑީގައި ރާވަމުންދާހެންނެވެ.
“”ޒީނާ ކަލޭ އަހަރެންގެ ލޯތްބަށް ފުރަގަސްދީފަ ތި ދިޔައީ.. މަ މިކަންތައް މުޅި އުމުރުގައި ވެސް ހަނދާން ބަހައްޓާނަން. ކަލެއަށް ރަނގަޅު ފިލާވަޅެއް ދީފަނޫނީ މަ ހަމަ ނޭވާވެސް ނުލާނަން.. ކަލޭގެ ދިރިއުޅުން އެފުއްމިފުށަށް ޖަހާނަން.. އަނދާ އަޅިއަށް ހަދާލާނަން…”
***
“އޭގެފަހުންވެސް އަޒުލީމުގެ އުނދަގޫ ވަރަށް ބޮޑުވި.. އެކަމް އަހަރެން އަޅާނުލާ ހުރީ.. އޭގެ ފަހުން ސަމާ އޭނަޔާ ރައްޓެހިވީވެސް. މަށަށް އޭރުވެސް އެނގޭ އަޒުލީމު އަހަރެންގެ ދިރިއުޅުމަށް ޒަހަރު ލާނެކަން.. އެކަމް އަހަރެންގެ އުފަލަށް ވުރެ ބޮޑަށް އަހަރެން ބެލީ ސަމާ އުފަލުގައި ހުރުމަށް. ސަމާގެ ކުށެއްނޫން އެއީކީ. ސަމާއަށް ވިސްނަދޭން މަ އެހާ ބޭނުމެއްވެސް ނޫން. ސަމާއަކީ އަހަރެންގެ ދައްތައެއް ކަހަލަ މީހަކަށް ވެފަ ސަމާގެ ދިރިއުޅުމަށް ވިސްނާލީ. ބުނިހާވެސް އެއްޗަކީ ވިސްނާފަ އެކަންތައް ކުރަން. އަހަރެންގެ ހިތުގައި ސަމާއަށް އެއްވެސް ހިތްބަރުކަމެއްނެތް. ހިތް ހަމަ ވަރަށް ސާފު. ސަމާ އަހަރެންގާތު މަޢާފަށް އެދެންޖެހޭ ވަރުގެ އެއްވެސް ކަމެއް ނުކުރޭ. ކުށްވެސް ކުރެވޭނީ އިންސާނުންނަށް.. އެކަން އަހަރުމެން އެންމެންވެސް ޖަހޭނެ ގަބޫލުކުރަން..” ޒީނާގެ ވާހަކަތަކުން ސަމާގެ ހިތަށް އިތުރަށް އަސަރުކުރުވިއެވެ. ސަމާއަށް ގިސްލެވުނެވެ. ސަމާގެ ހިތަށް އަރަމުން ދިޔައެވެ. ޒީނާއަކީ ހާދަ ހިތްވަރުގަދަ ކުއްޖެކެވެ. މީހުންދެކެ ލޯބިވާ އެހެން މީހުންގެ އިހްސާސްތައް ދަންނަ އެހާމެ ކެތްތެރި ކުއްޖެކެވެ.
ސަމާއަށް ބުނާނެ އެއްވެސް އެއްޗެއް ނޭންގުނެވެ. ކުރެވުނު ހާވެސް ކަމަކީ ޒީނާ ގައިގައި ލޯބިން ބައްދާލުމެވެ. ހިތްފުރެންދެން ރޯލެވުނެވެ. ޒީނާގެ ވާހަކަތަކުން ސަމާއަށް ޒީނާއަށް ދެވިފައިވާ ލޯބި ދެގުނައަށް އިތުރުވެގެން ދިޔައެވެ.
“ކީއްވެ އިޒުވާނުގެ ވާހަކަ ތި އެހީ..؟” ސަމާގައިން ދޫކޮށްލުމުން އޭނަގެ މޫނަށް ބަލަން ހުރެފައި ޒީނާ ކޮށްލީ ސުވާލެކެވެ.
” ޒީ މަންމަ ނިޔާވި ދުވަހު ރޮމުން ޒީއަށް ކިޔުނު އެއްޗެހި. ހަނދާނެއް ނެތްދޯ” ސަމާ ކަރުނަތައް ފޮހެލަމުން ބުންޏެވެ. ރުއިމުގެ ސަބަބުން ސަމާގެ ދެލޯ ހުރީ ރަތްވެފައެވެ.
ޒީނާ ފުންނޭވާއެއްލަމުން އިޒުވާނުގެ ވާހަކަތައް ކިޔައިދޭން ފެށިއެވެ. ފުރަތަމަ އިޒުވާން ފެނުނު ދުވަހުން ފެށިގެން އޭނަގެ ހިތުގައި އިޒުވާނަށް ދެވުނު ހާއްސަ ޤަދަރާއި ވެވުނު ލޯބީގެ ވާހަކަތައް އަކުރުން އަކުރަށް ޒީނާ ކިޔައިދެމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަ އޮހެމުން ދިޔައެވެ. ގިސްލެވެމުން ދިޔައެވެ. އެ ލޯބީގައި ހޭބަލިވެ މީހާ ހަލާކުވެގެން ދިޔަ ގޮތް ތަފްސީލާއެކު ޒީނާ ދިޔައީ ކިޔައިދެމުންނެވެ. ޒީނާ އަށް ވަމުންދާގޮތްފެނިފައި ސަމާއަށް ވެސް ރޮވެންފެށިއެވެ.
“ސަމާ އަށް އެނގޭތަ؟ މަ ބޯވެސް ކޮށާލީ ހަމަ އިޒުވާނު ދެކެ ހޭބަލިވެގެން. އަމިއްލަ ނަފްސަށް ގެއްލުންވެސް ދިނިން. އަހަރެންގެ ހިތަށް ކެތްނުވީ. އެއްވެސް މީހަކަށް މިވާހަކަތަށް ކިޔައިދޭން ބޭނުންނުވީ. އީމާ މަރުވީވެސް އޭނަގެ ސައިކަލު ދަށުވެ..” ޒީނާ ކަރުނަތައް ފޮހެލަމުން އަނެއްކާވެސް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. ޒީނާގެ ވާހަކަތައް އަޑުއަހަން ހުރި ސަމާގެ ދެލޯ ކަރުނައިން ފުރުނެވެ.
“އެކަމަކުވެސް މަ އިޒުވާނަށް މަޢާފު ކުރީ.. މަގޭ ހިތުގަ އިޒުވާނަށް އެއްވެސް ހިތްބަރުކަމެއް ނެތް. އޭނަ ދެކެ މަ ވީ ސާފު ލޯބި. އެ ލޯތްބަށް އެއްވެސް ބަދަލެއް ނައީ ކީއްވެބާއޭ ވެސް ހިތަށް އަރާ. ކެތްކުރަން ހާދަ މަސައްކަތެކޭ މި ކުރަނީ. މަގޭ ހިތް ފަޅައިގެންގޮސްގެން މަރުވާނެ ނަމަ..” ޒީނާ އަށް ގިސްލެވެމުން ދިޔައެވެ. ޒީނާގެ ވާހަކަތައް މެދު ކަނޑާލީ އިތުރަށް ވާހަކަ ދައްކަން އުނދަގޫވެގެންނެވެ. އިޒުވާނު ދެކެ ޒީނާއަށް ވެވުނީ ހަޤީގީ ލޯތްބެވެ. އެ ލޯބީގައި ދީވާނަވެ އެ ލޯބީގައި ހަފުސްވަމުން ދިޔަ ގޮތުގެ ހުރިހާ ވާހަކަތަކެއް ކިޔައިދެވުނެވެ. ސަމާއަށް ބުނާނެ އެއްވެސް އެއްޗެއް ނުވިސްނުނެވެ. ކުރެވުނުހާވެސް ކަމަކީ ހިތްފުރެންދެން ރޯލުމެވެ.
“އަހަންނަށް އެނގޭހާވެސް ކަމަކީ އެ ލޯބި ހައްޤު ނުވާކަށް. މި ކުރެވެނީ ބޭކާރު ކަމެއްކަށް. ސަމާ ނިކަން ބުނެބަލަ.. އޭނަ ދުވަހަކުވެސް މަ ދެކެ ލޯތްބެއް ނުވާނެ.. ބަޓް މަ އޭނަދެކެ ވަރަށް ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ. އަހަރެން ކިހިނެއް އޭނަގެ ބެސްޓް ފްރެންޑެއް ގޮތުގަ ހުރެވޭނީ. އިޒުވާނު ބޭނުންވީ އެގޮތަށް ހުރުމަށް. ކިހިނެއް!!!” ޒީނާ ދެ އަތުން ކަރުނަތައް ފޮހެލިއެވެ.
“ކިހިނެއް!! ބުނެބަލަ ސަމާ..ކިހިނެއް މަ އެކަން އެކްސެޕްޓް ކުރާނީ.. އޭނަ ލޯބިވަނީ އެހެން މީހަކު ދެކެ. އެކަން އެނގޭއިރުވެސް އަހަރެން މިއޮށް ހަލާކުވަނީ.. ފްރެންޑެއް ގޮތުގަކިހިނެއް މަ އިޒުވާން ބަލައިގަންނެވޭނީ.. އެގޮތަކަށް ނޫނޭ އަހަރެން އޭނަ ބަލައިގަތީ.. އިޒުވާނު ނޫން މީހަކު ދެކެ މަ ކިހިނެއް ލޯބިވާނީ. މި ދުނިޔޭގަ މަށަށް ލޯބި ލިބެން ނެތީ. ކޮންމެ މީހަކުވެސް އަހަރެން ދޫކޮށްލާފަ ދާނެ. ކިތައްމެ ހިތްވަރެއް ކުރިޔަސް އަހަރެން މީ ވަރަށް ބަދު ނަސީބު މީހެއް. ވެދާނެ ތަޤުދީރުގަ މިނޫންގޮތަކަށް ކަންތައްވުމަށް ލިޔުއްވާފަ ނެތީ ކަމަށްވެސް. މިހެން ކިޔާދިނަސް އެއްވެސް މީހަކަށް މިހެން ކަންތައް ދިމާވީމާ ނޫނީ މިކަމުގެ ހުރި ހިތާމަ ތަކެއް ކުރާ އަސަރުތަކެއް ތަސައްވަރުވެސް ނުކުރެވޭނެ. ހިތާމަ ކޮށްގެން ޑިޕްރެޝަނަށް ގޮސް މީހަކު ގެއްލި ހަލާކުވެ ދަންޏާ މިހާރު މަ އޮންނާނީ ކައްވަޅުގަ.. އަހަރެން މަސައްކަތް މިކުރަނީ ކަންތައްތަކާއި ހާސްވެ ފިކުރުބޮޑުނުވެ މާޔޫސްނުވެ އުޅެވޭތޯ.. ކިތައްމެ ފަހަރަކު އަމިއްލަ ނަފްސަށްވެސް ގެއްލުންދޭން މަސައްކަތް ކުރެވިއްޖެ. އެކަމަކުވެސް ސެލްފް ކޮންޓްރޯލު ކުރެވޭތޯ މަސައްކަތް ކުރަން.. ކީއްވެ؟ މަވެސް މީ ހަމަ އެކަނި ހުރި މީހަކަށް ވާތީ…”
ޒީނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެ ހުރިހާ ވާހަކަތަކެއް އަޑުއަހަން ހުރި ސަމާ ވެސް ހުރީ ރޮއިރޮއި ގިސްލެވިފައެވެ. ޒީނާ އެ ހުރިހާ ވާހަކަތަކެއް ބޭރުކޮށްލީ އޭނަގެ ހިތަށް ކޮށްފައިވާ އަސަރުތަކުންނެވެ. ޒީނާ އަކީ ކެތްތެރި ކުއްޖެއްކަން އޭނަގެ ވާހަކަތަކުން ހާމަ ވި ނަމަވެސް އޭނަގެ ހިތްވަނީ ކުދިކުދި ވެފައެވެ. އެ މީހަކަށް ކުރާ އަސަރު އެއީ އަނެކާއަށް އިހްސާސްވެސް ނުވެދާނެ ކަމެކެވެ. އެމީހެއްގެ ދިރިއުޅުމުގައި އެކަމެއް ތަހައްމަލު ނުކުރެވޭހާ ހިނދަކު އެ އިހްސާސްތަކެއް ބަޔާންކޮށްދޭންވެސް ނޭންގޭނެއެވެ.
“ޒީ ތީ ނާކާމިޔާބު މީހެއްނޫން. އިރާދަކުރެއްވިއްޔާ ޒީއަށް ލޯބި ލިބޭނެ. ޒީ އަކީ ހިތްވަރުގަދަ ކުއްޖެއް. މިހާރުވެސް ކިތައް ކަންތައްތަކާ ޒީ ތި ފޭސްކުރަނީ. މިހާރު ދެން ރޯނެ ވަރަށް ރޮވިއްޖެ އެންނު. ދެން ޒީ ރޮއިގެން ނުވާނެ. އުފަލުގައި އުޅޭން ދަސްކުރަންވީ.. ޒީ އަކީ ކަންކަމުގައި ފޭސްކުރެވޭނެ ކުއްޖެއް..” ސަމާގެ ވާހަކަތަކުން ޒީނާއަށް ހިތްވަރުލިބުނު ނަމަވެސް އިޒުވާނުގެ މަތިން ހަނދާން ނައްތާލުން އެއީ ވާނެ ކަމެއް ނޫނެވެ. އެއީ ޒީނާ އަށް ހައްޤުވާނެ ލޯތްބެއް ނޫންކަން ޒީނާ މިހާރުވެސް ގަބޫލުކުރެވުނެވެ. އެހެނަސް އެ ލޯތްބާއި ދުރަށް ދާނީ ވެސް ކިހިނަކުން ހެއްޔެވެ.؟ ޒީނާ އަކީ ހިތްވަރުގަދަ ވިޔަސް ދުނިޔެމަތިން ފޫހިވެފައިވާ އިންސާނެކެވެ.
***
ވަގުތަކީ ދަންވަރު ވަގުތު ކަމުން އަތިރިމައްޗަށް ވެރިވެފައިވަނީ ހަމަ ހިމޭން ކަމެވެ. ހަނދުވަރުގެ ރީތި އަލިން މުޅި ދުނިޔެ ވަނީ އުޖާލާކަމެއް ގެނުވާފައެވެ. ޒުހުރީ ހުރީ އެމީހުން ހިފައިގެން ތިބި ގެސްޓްހައުސް ކޮޓަރީގެ ބެލްކަނީގައި ސިނގިރޭޓެއް ރޯކޮށްލައިގެން ބޭރު ބަލާށެވެ. ސިނގިރޭޓް ދަމާލަމުން ދުންތައް ފޮނުވާލައެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދަނީ މާޔޫސް ކަމެވެ. ހީވަނީ ބޮޑު ފިކުރެއްގައި ހިޔާލު ކުރަމުންދާ ހެންނެވެ. ޒުހުރީ އެ ހިޔާލުތަކުގައި ހުއްޓާ ހައުލާ އައިސް އޭނަގެ ފަހަތުން ބައްދައިގަތެވެ. ނަމަވެސް އެހެން ފަހަރުފަހަރާ ހިލާފަށް ޒުހުރީއަށް ވީ އުނދަގުލެކެވެ. އެކަން އޭނަގެ މޫނުމަތިން ވަރަށް ސާފުކޮށް ހާމަވެގެން ދިޔައެވެ. ހައުލާގެ އަތް އޭނަގެ ހަށިގަނޑުން ވަކިކޮށްލަމުން ހައުލާގެ މޫނަށް ބަލާލުމަށްފަހު ގޮސް ކޮޓަރިތެރެއަށް ވަނެވެ.
ޒުހުރީ ކޮޓަރިއަށް ނުވަދެވެ އަނެއްކާވެސް ހައުލާ އައިސް ބައްދައިގަތެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ޖެނުއަރީ 2021ވާހަކަޙައްޤުވިޔަސް
- 16 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 25 (ފަހުބައި)
- 11 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 24
- 27 މާރޗް 2019ވާހަކަޙައްޤުވިއަސް – 23
އަސްލަމޫ ހައުދަހައި ސަޅިޔޭ! މި ބުނީ ވާހަކަ ސަޅިޔޭ
When is the next episode bro