އެކްޓަރ އަދި ޑައިރެކްޓަރު އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި އެކްޓަރ ޒިޔާ، ކުޑަކުދިންނަށް ޚާއްޞަކޮށްގެން ހަދާފައިވާ ދިވެހި ފިލްމު ”ކަނޑު އިބިލީސް“ އިއްޔެ މާލޭގައި ޕްރިމިއާ ކޮށްފިއެވެ.

 

ރެޑް ކާޕެޓް އިވެންޓެއްގައި ފިލްމީ ދާއިރާގެ ގިނަ އަދަދެއްގެ ފަންނާނުންނާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެލެއްވި ހަފުލާގައި މި ފިލްމު ޕްރިމިއާ ކޮށްދެއްވައި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

 

ކަނޑު އިބިލީސް“ ޕްރިމިއާ ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި ގާސިމް އިބްރާހީމް ވިދާޅުވީ މުނިފޫހިފިލުވުމުގެ ދާއިރާއިން މިފަދަ ކަންކަން ކުރުމުގެ ސަބަބުން ކުޑަކުދިން ރަނގަޅު މަގުން ތަރުބިއްޔަތު ކުރުމަށް އިތުރު އެހީއަކަށްވެ އެކުދިންގެ ވިސްނުން އިތުރަށް ފުރިހަމަވެ އަދި ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށެވެ.

 

މި ފިލްމު އެންމެކުރިން ޕްރިމިއާ ކުރީ ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައެވެ. އެ ފިލްމުގެ ހުރިހާ މަންޒަރުތަކެއް ނަގާފައި ވަނީ ވެސް ކުޅުދުއްފުށީގަ އެވެ. މިފިލްމުގެ މައިގަނޑު ރޯލްތަކުން ފެނިގެންދަނީ ކޮޕީ އިއްސެ އާއި ޒިޔާއެވެ. ފިލްމުގައި ކުޅުދުއްފުށީގެ 100 އަށް ވުރެ ގިނަ ކުޑަ ކުދީން ފެންނާނެ ކަމަށްވެސް މަޢުލޫމާތު ލިބެއެވެ. އަމިއްލަ ރާގުގެ އެއް ލަވަ ހިމެނޭ މި ފިލްމުގެ ބައިވެރިންގެ މޭކަޕް ކޮށްދީފައިވަނީ ވެސް ކުޅުދުއްފުށީ ރައްޔިތަކު ކަމަށް މައުލޫމާތު ލިބެއެވެ.

 

ކަނޑު އިބިލީސް“ ފިލްމަކީ ކުޑަކުދިންނަށް ޢިބްރަތްތެރި މެސެޖްތަކެއް ލިބިގެންދާނެ ގޮތަށް މަޝްހޫރު ލިޔުންތެރިޔާ ކޮޕީ މުޙައްމަދު ރަޝީދު ލިޔުއްވާފައިވާ ވާހަކަ އަކަށް ހަދާފައިވާ ފިލްމެކެވެ.

 

މިއަހަރު ރިލީޒްކުރި ފުރަތަމަ ކުޑަކުދިންގެ ފިލްމު ”ކަނޑު އިބިލީސް“ ކެމެރާ ކޮށްދީފައިވަނީ ގިނަ ފިލްމުތަކެއް ކެމެރާ ކޮށްފައިވާ ކުޅަދާނަ ސިނެމޮޓޮގްރާފަރ ދަބާއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.