ރޯދަޔަށް ތައްޔާރަވުން…

އަފޭންކުޑައިރު، ބޮޑަތިކުދޫން ސުކޫލަށްގޮހޮ އޮޅެނޫ ހެނދުނު ހަގަޑި ސާޅީސް ފަހަކަށް. ކުޑަކުދޫން ދަނޫ އެގާރަގަޑި ފަނަރަޔަށް. އޭރު މަވެސް ސުކޫލަށްދިޔާ 11:15ޔަށް. އޭރު ބުރާސްފަތި، ހުކޮރަ ދެދޮހަޔަކޫ ބަންދު ދެދޮހާ. ބުދަ ދޮހާ ސުކޫލުން އަފޫ ގެޔަށް ވަންނަންއިރު، އަމޭމެން ހޭލަމޭލަޔަށް އޮޅެންގޮތުން އެނގޭޅަ މާދަމާ ކަމެއް އޮތޫކަން. ތެލި މައްތު ޑަބިޔާގަނޑެއް ބާއްވާފަ އޭގެ މައްތު ބޮނބު އަނގެރަ އަންދާފާ ހުރޫމާ އެނގޭޅަ އެޔޯ ބޯކިބާ ފިހަނޫކަން. ބައްޕާ އިންނާޅަ ހަނަދަށު ބޮޑޯޅު ހަނަލާން. އޭރު ގޭ ކޮންމެވެސް ކުއްދަކު އިންނާޅަ ހަނަދަމާން. މަވާ ބަލަނޫ ވީހައިވެސް ލަހުން ޔުނީފޯމު ބަދަލުކޮއްގެން ނުކުމުވޭތޯ. އެނގޭ ހަމަ ނުކުންނަން އިރަށް ހަނަ ދަމާން ޖެހޭންކަން. އިނބޭން ހިތާކަށް އަފެ ބައްޕަޔަށް ބޮޑޯއްޅެއް ހަނަލެވެންކަމަށް ވާނޫ ލައްކަ ގެނައިރުން. ހަނަ ދަމާލަދަމާލާ އިންނާން ޖެހީދާޅަ އިރައޮއްސެންދެކަށްވެސް.

މިޔޯ ރޯދަ އުމާން އޮޅެންކަން އަންގައިދެން ފުރަތަމަ ކަންތެއް. އަނިއްދޮހާ އޮންނާނޫ ދަރަކަނޑާން ދިޔުން. ރަށު ހޭޅީ އަރުމައްތުން ގޮނޑަދަށާ ދޭތެރޭން ހެދީފާ އޮންނަ ހެމަ މަގަކުން ހިނގާފާ ދާނޫ ގަހަބޯ ކޮންމަވެސް ދިމާލަކަށްް. ވަލުތެރޭން ހަދާފާ ހުންނަ ހެމަ މަގަކުން ވަދެގެން ދާނޫ ނިކަން ބިތްދަށަށް. އަފެ ބައްޕާ ކަނޑާނޫ ރޯދަރަ. އަމޭ ކަނޑާޅަ ކޮންމަވެސް ވަރަކަށް ހިކި ދަރަވެސް. ބައްޕާ ދަރަކަނޑަން ވަރަކަށް އަފޭން އެ ދަރަތެއް ގޮނޑަދަށައް ނެރޭނޫ. ފަހަރަކު ނެރުވޭނޫ ދެދަރަގަނޑަ، ނޯނުއްވާ ތިންދަރަގަނޑަ. އެތާ އޮންނަން ހެމަ މަގަތެކުން އެއްގަހު މައްތުން، އަނިއްގަހު ތިރީން ދަރަގަނޑަ ކޮނޑަށްލައިގެން ނުކުންނަ ހަނިހަނި މަގަމަތުން ކަނޑާފާ ހުންނަ ގަހަބުޑިބުޑިގަނޑު އަޅައިގެންފާ ވެއްޓޭނުއްވެސް އެއްފަހަރަކު ދެފަހަރަކުނޯން. ނުވީތާކަށް އޭރު އަފޭން އަރާ އޮޅެނަ ފެންވައިވާން، އެހެން ނޯނުއްވާ ކަޅަ ފައިވާނު ވަދަވެސް އިރައިރަކޮޅުން ނެއްޓޭޅަ.

ދަރަތެއް ނެރެ ނިމެނޫމާ އަމޭ ދޭޅެއްވެ އަފޭން ކޮންމަ ކުއްދަކަށް ބޯކިބާ ގަނޑެއް. އެހެން ނޯނުއްވާ ފަތަފޮޅިގަނޑެއް. އެ ކާން ތިބެންއިރު ކުޑަކޮށް ސަކަރާތް ޖަހާލަމު. އޭރު ބައްޕާމެން ތިބޭނޫ ދަރަ ބަންނާން. އެދޮހާ ކެނޑެނަ ދަރަ މަދަ ވާހަކަޔާ އަދި ދެދޮހަޔަކު ދަރަކަނޑާން އަފޫގެން ނޯނުއްވާ ރޯދަޔާ ނުވާންް ވާހަކަ ދައްކާޅެތް ދަރަބޮނޑިތެއް ބަންނާން އެހެން ތިބެގެން.

ދަރަ ބަނދެ ނިމީގެން ހުރިހައި ދަރަ ބޮނޑިތެއް މޫދަށް ގެންގެރީ، އެއް ދަރަބޮނޑިޔާ އަނިއް ދަރަބޮނޑިޔާ އެއްކޮށް ފަހަރަ ލަމު. ދަރަ ފަހަރަ ހުންނާނޫ ވަކަޔުން ބަނދެފާ، ރޯ ދަރަތެއް މައްތު ހިކި ދަރަބޮނޑިތެއް ބަހައްޓާފާ ހުންނާނޫ. ދަރަ ފަހަރަލާ ނިމެނޫމާ އަފޭން ކުދުވެރީންނާ ދިމާލަށް ބައްޕާ ބޮނާޅަ “އިނބޭން ދާށޭ އަމެޔާ އެއްކޮށް ގޭށަށް”. ދެން އަފޭން ގޭށަށް ދަނޫ. ބައްޕާ ދާނޫ ދަރަފަހަރަ މޫދުން ދަމާފާ. އަފޭން ވެސް ތަންކޮޅެއް ބޮޑަވީ ފަހުން ދަރަފަހަރަ ދަމާންޖެހޭ.

އަފޭން ގޭށަށް ދާނޫ ދޮންވެއްޔުން ދަތް އުނގުޅަމުން. ގޮހޮ ފެންވަރާލައިގެން ނުކުމެ މުޅި ގަޔާ ބޮލާ ލަނޫ ގޭށު ހާނައިގެން ދޮވެފާ ހުންނަ ކާށި ތޭ. ދެން އަފޭން ނުކުންނާނޫ ގޯޅިގަނޑަށް.

އިރަ އޮއްސޭން ވަންއިރަށް ބައްޕާ، ހުރިހައި ދަރެއް ބުރުކޮށްގެން ގޭށަށް ގެންގެރާ ނިންމާޅަ. ދަރަތެއް ގެންގެރާނޫ ކޮނޑުން. އޭރަކު ބަރޮލެއް، ވެހިކަލެއް ވެސް ނުހުންނާޅަ. މަޣްރިބި ނަމާދަ ކޮއްލައިގެން ނުކުންނާނޫ ދަރަ ތޮށިބާނާން. ހަނދަވަރަ ރީއްޗުއްވާ އިޝާނަމާދަށްފަހު ދިހައެއް އެގާރަ ޖަހަންދެކަށް ދަރަ ތޮށިބާނާން ތިބެމު. ބައްޕާމެން ދަރަ ތޮށިބާނާނޫ މައްސޮޅިން. އަފޭން ޖެހޭނޫ މަގޭ ދަރަތެކު ތޮށިބާނާން. އޭގެ ތޮށިބާނާނޫ އެހެން ދަރަބުރުވަކުން ތަޅައިގެން.

ރޯދަ އުމާން ވަންއިރަށް ކޮންމަ ގެޔަކުވެސް ބޮޑަ ދަރަ ބައިނެއް ހަދާޅެތް. އެ ޒަމާނަކޫ ގޭސްއުނދުނާ ތޭއުނދުނާ ހުންނަ ޒަމާނެއް ނޯން. އޭރު ކަރަންޓުވެސް އޮންނާނޫ ރޭގަނޑު އެގާރަޖަހަންދެކަށް. ކަރަންޓު އޮވޭ ބުނިޔަކަސް އެޔޯ އެތެރެގެޔާ ބޭރުގެޔަށް ވަންގޮތަށް ކަނޑާފާ ހުންނަން އާނގެއް ކަހަލަ ތަނަކާދިމާ މައްތު ލާފާ ހުންނަ އެންމަ ހޮޅިބުރުވެއް. ގެނަ ގޭގޭށު އޮންނާނޫ އެއް ފޫޓު ހޮޅިބުރުވެއް. ދެން ބަދިގޭ ބޮތްކެއް. ކަންގެ ހުންނަންނާ ކަންގޭވެސް ބޮތްކެއް، ނޯނުއްވާ ހޮޅިބުރުވެއް. ކަރަންޓު ބިލަށް އަރާނޫ ސާޅީހަކަށް ފަންސާހަކަށް ރުފިޔާ އެންމެ ގެނަ ވިޔަސް.

މި ކިޔައިދެވެނޫ ރޯދަޔަށް ތައްޔާވާން ކޮށް އޮޅެނަ ކަންތެއްތެކު ތެރޭން އެއް ކަންތެއް. ރޯދަޔަށް މަހަ ހޯދުމާ، ގޭށަށް ލާން އަކިރި ނެގުމާ މިޔޯ އާންމުކޮށް ކެރަން ކަންތެއްތެއް. އޭރަކު ނޯވޭ ކުލަލުމާ، ބަދިގޭ ސާމާނު ގަތުމާ މިބާވަތުގެ ކަންތެއް ތެކެއް. އަފޭން ކުޑައިރު ރޯދަޔަށް ތައްޔާރަވާން ކެރަން ކަންތެކުން ކަމެއް މިޔޯވެސް.

އޭރު އޮންނަން ޖަޒީރާވަންތަ އެ ދިރިއޮޅުން ހަނދާނަށް އުމަން ކޮންމަފަހަރަކު ހިތަށް އަރައި އެ ދޮހާތެއް އަލުން އަނބަރާ އުމާންނަމައޭ…..

ލިޔުންތެރިޔާގެ ފުރަމަލަ

ހުސެން މޫސާ (ބިގޭ)
ތަފާތު ލިޔުންތެރިއެކެވެ. ލ. އަތޮޅުގެ ބަހުރުވައަށް ދެވިފައިވާ ލޯބި، ހުސެންގެ ލިޔުންތަކުން ފެނެއެވެ.