ޖަވާހިރެއް، އަގުހުރި ޖަވާހިރަކަށް ވަނީ އެޖަވާހިރު އޮފުކުރުމުން ކަމަށް ބުނެއުޅެއެވެ. އެ ޖަވާހިރުން ދިހުން އަރާނީވެސް އޭރުންނެވެ. ބުނެއުޅެތެވެ. ގޮނޑަކަށް އެއްލައިލާފައި އޮތަސް، ޖަވާހިރެއް ވާނީ ހަމަ ޖަވާހިރަކަށެވެ. ސާފުކޮށްލީމާ އެ ޖަވާހިރުގެ އަގު އުފިލިގެންދާކަމީ ޠަބީޢީ ކަމެކެވެ. މަޢުޟޫގައި އަޅުގަނޑު ގަލަން ހިންގައިލަން މި އުޅެނީ މިފަދަ ކަމަކަށެވެ. ނަމަވެސް، މި ހިސާބުން ހަނދާނަށް އައީ ޕާކިސްތާނުގެ ގަލީއެއް ނުވަތަ އަވަށްގަނޑެއްގައި ސައި ވިއްކަން އުޅުނު ޒުވާނެއްގެ ވާހަކައެކެވެ. އެ ޒުވާނާ ސައިވިއްކާ ގާޑިޔަލަށް ސައިބޯންދިޔަ އަންހެން ކުދިންތަކަކަށް ޒުވާނާ ރީތިވީއެވެ. އެންމެފަހުން އެކުދިންގެ ފޯނަށް ކުއްޖާގެ ސޫރަ ޤައިދުކޮށްލިއެވެ. އެވަރުން ނުފުދިގެން މީސްމީޑިއާއަށް އާއްމުވެސް ކޮށްލިއެވެ. އިސާހިތަކުން އެ ޒުވާނާގެ އާދަޔާޚިލާފު ރީތިކަމުގެ ވާހަކަ ދައްކަން ފެށިއްޖެއެވެ. ކޮންމެވެސް ޓީވީ އިސްޓޭޝަނެއްގެ ޝޯއެއްގައި އެކުއްޖާ ބައިވެރިކުރެވިގެން ދިޔައެވެ. އޭގެ ފަހުން ފެޝަން ޑިޒައިނަރުންނާއި ފިލްމުކުޅޭ މީހުންގެ ހުށައެޅުންތައް އޮހެން ފެށީ ހަ ފަރާތުންނެވެ. އެއްކަލަ ގާޑިޔަލުގައި ސައި ވިއްކަން އިން އާދައިގެ ޒުވާނާ ގެ ރީތިކަމާ، ފިރިހެންވަންތަކަން ފާހަގަވެއްޖެއެވެ. އޮފުކޮށްލީމާ ޖަވާހިރަކަށް ވެއްޖެއެވެ. އަގު އުފުލިއްޖެ އެވެ.

 

މީގެ ފަސްވަރަކަށް ދުވަސްކުރިން މުނިއަވަސް އަށް ހުށައެޅުމެއް ލިބުނެވެ. މީގެކުރިން، އޮންލައިން ނޫހެއްގައި ލިޔުމެއް ޝާއިޢުކޮށްފައިނުވާ ޒުވާނަކު ލިޔެފައިވާ ލިޔުމެއް ދައްކައިލިއެވެ. ހައްދުންމަތީގެ ބަހުރުވައިން ލިޔެފައިވާ ލިޔުމެކެވެ. ޒުވާނާގެ ކުޑައިރުގެ ހަނދާންތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ލިޔުމެކެވެ. “އަފޭން ކުޑައިރު….” (އަހަރުމެން ކުޑައިރު)، މި މަޢުޟޫއަށް ލިޔެފައިވާ ލިޔުމެކެވެ. އަޅުގަނޑަށް އެ ލިޔުމުގެ ފުރަތަމަ ޕެރެގްރާފު އިވުމާއެކު، ލިޔުމާއިމެދު ގަޔާވެވުނެވެ. މީގެ އަހަރުތަކެއް ކުރީން ދިވެހިންގެ ރަށްފުށުގެ ދިރިއުޅުމާއި ވައްޓަފާޅި ބަޔާންކޮށް ގެނެސްދީފައިވާ ފޭޑި ވަރަށް ބޮޑަށްވެސް ކަމުހިނގައްޖެއެވެ. މުނިއަވަސް އަށް ބޭނުންވަނީ މިފަދަ ލިޔުންތައްކަން އެންމެ ބޮޑަށް އެނގޭ މީހެއްގެ ހައިސިއްޔަތުން، އެ ލިޔުން ޖަހައިދޭނެކަމަށް ބުނީމެވެ.

 

އާނއެކެވެ. ލިބުނު ލިޔުމަކީ ލިޔާ ހިތްވާ ޒުވާނެއް، ވަކަރަށް ޖަހައިލުމުގެ ގޮތުން ލިޔެފައިވާ ލިޔުމެކެވެ. ނަމަވެސް އެ ލިޔުމުގައި އާރުލަނީ ކިހާވަރަކަށް ކަން އަޅުގަނޑަށް ދެނެގަންނާކަށް އުނދަގުލެއް ނުވިއެވެ. ޤަބޫލު ކުރަމެވެ. ކިތަންމެ އާރުލާ ލަކުޑިގަނޑެއްގައިވެސް ހޮއެއް ހުރެދާނެއެވެ. ލިޔުންތެރިޔާގެ ލިޔުމުގައިވެސް އެފަދަ ހޮއެތައް ހުއްޓެވެ. އެއީކީ މައްސަލައެއްވެސް ނޫނެވެ. އަޅުގަނޑުމެން ބޭނުންވަނީ ލިޔާހިތްވާ ލިޔުންތެރީން އުފެއްދުމެވެ. އެފަދަ ލިޔުންތެރީންގެ ލިޔުންތައް ކިތަންމެ ވަރަކަށް ކޮށާ މަށަން ޖެހުނަސް އެއީކީ ކަރަންޓު ކީހާއި ރޮންދާ ގެންގުޅޭ ޒަމާނެއްގައި އެހާ ބޮޑުކަމެއްވެސް ނޫން ދޮގެއްތޯއެވެ. މިދެންނެވީ ކޮމްޕިއުޓަރެއް ހުރިއްޔާ ލިޔުމެއް ކޮށައި މަށާލުމަކީ ފަސޭހައިން ކޮށްލެވޭނެ ކަމެކޭ އިނގޭތޯއެވެ. ކޮންމެއަކަސް، “އަފޭން ކުޑައިރު….” ގެ ސުރުޚީއަށް ލިޔެފައިވާ ލިޔުން ކޮށާ މަށަން ފެށީމެވެ. ރޮންދާއިން ދުއްވައިނުލެވޭވަރުގެ ގޮށަކާ ދިމައެއް ނުވިއެވެ. މަދުމަދުން، އ. ސުކުނާއި ށ. ސުކުން އޮޅުން އަރާފައި ހުރުން ފިޔަވައި އިތުރު ކަމެއް ނެތެވެ.

 

ލިޔުން ޝާއިޢުކޮށްލަން ތައްޔާރުކޮށްލީ، ލިޔުމާއި އެންމެ ގުޅޭނެ މަންޒަރަކާއިއެކުގައެވެ. ލިޔުންތެރިޔާގެ ކުޑައިރުގެ ފޮޓޯއަކާއި އެކުގައެވެ. ބަސް ނާހާތީ ފޭރުގަހެއްގައި ބަނދެފައިހުރި ކުޑަކުޑަ ކުއްޖެއްގެ ފޮޓޯއެކެވެ. ހުރިހައި ކުށެއް ފިލުވައި، ޝާއިޢުކުރާ ފިތަށް އޮށްބައިލަން އުޅެފައި ހިތަށްއެރިއެވެ. މިފަދަ ރަނގަޅު ލިޔުމެއް ޝާއިޢުކޮށްލަން ވާނީ ތަންކޮޅެއް މުނާސަބު ގޮތެއްގައެވެ. ބޮޑު މުނާސަބަތެއް ނުބޭއްވުނަސް، އަޅުގަނޑުމެންގެ ފެންވަރުން ކޮށްލެވޭނެ ތަފާތު ކަމެއްގެ ތެރެއިން މި ލިޔުން ވުޖޫދަށް ގެނައުން މުހިންމުކަމެއް ކަމަށް ދުށީމެވެ. ލިޔާހިތްވާ ލިޔުންތެރިއެއްގެ “ހިތް މަރައިލުމަކީ” އަޅުގަނޑުމެން ކުރާނެ ކަމެއް ނޫނެވެ. އަދި ކިއެއްތަ، އޭގެ ބަދަލުގައި ލިޔުންތެރިޔާގެ ލިޔުމުގެ ޝައުޤުވެރިކަން އިތުރުކުރުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުރުމަކީ އަޅުގަނޑުމެންގެ ‘ވަގަތު ތަކުން’ ބައެއް ހޭދަކޮށްލައިގެން ކުރުމަކީވެސް ހެޔޮ ފާލެއްކަމަށް ދުށީމެވެ. އަނެއްކޮޅުން، މި ލިޔުމުގެ ބާވަތާއި ބަހުރުވައިގެ ގޮތުން، ލިޔުމުގެ ‘ނެރޭޝަން’ އެއް ހިމަނައިލުމަށް ނިންމީމެވެ. ލިޔުން، ކިޔައިލާ ރެކޯޑްކޮށް، ލިޔުންތެރިޔާ ހިއްސާކުރި ފޮޓޯ ލައިގެން ވީޑިއޯއެއް ހެދީމެވެ.

 

“އަފޭން ކުޑައިރު….” ގެ ފުރަތަމަ ބައި ޝާއިޢުކޮށްލީ ވީޑިއޯއާއި އެކުގައެވެ. އަޅުގަނޑުމެން އެވަރުގެ މަސައްކަތެއް ކުރީ މިއީ ފިސާރި ލިޔުމަކަށް ހެދުމުގެ ބޭނުމުގައެވެ. ކަން ވީވެސް އެހެންނެވެ. ދިވެހިބަހަށް ލޯބިކުރާ ފަރާތްތަކާއި، ތާރީޚާއި ޘަޤާފަތަށް އަދި ތަރިކައަށް ލޯބިކުރާ ފަރާތްތަކަށް މި ލިޔުން ވަރަށް ބޮޑަށް ޚާއްޞަވެއްޖެއެވެ. އޮފުކޮށްލީމާ ދިހުން އަރާ ޖަވާހިރަކަށް ވެއްޖެވެ.

 

“އަފޭން ކުޑައިރު….” ގެ މުސައްނިފު، ޙުސައިން މޫސާ ޙުސައިން (ބިގޭ) އަކީ ގަދައަޅައި މަސައްކަތްކޮށްފިނަމަ، ފަހި ކުރިމަގެއް އޮތް ލިޔުންތެރިއެކެވެ. މިއީ ކުދިންގެ ރިޕޯޓް ކާޑުގައި މުދައްރިސުން ލިޔުއްވާހެން ލިޔުނު ބަސްކޮޅެއްކަމަށް ހީފުޅުކުރެއްވިޔަސް އެންމެ ރަނގަޅެވެ. އަދިވެސް އެ އާދަ އަޅުގަނޑުގެ ޟަމީރުގައި ހުރީކަމަށްވެސް ވެދާނެއެވެ. ޙުސައިން މޫސާ އަށް ލިޔުމުގެ ހުނަރު ލިބިފައިވާކަން އަޅުގަނޑަށް އެންމެ ރަނގަޅަށް ވަޒަންކުރެވުނީ، ޙުސައިން މޫސާ ލިޔެފައިވާ ބައެއް ވާހަކަތައް ހިއްސާކޮށްލި ހިސާބުންނެވެ. އޭގެ ތެރެއިން އެއް ވާހަކައިގެ ތަންކޮޅެއް އަޑުއަހައިފައި އަޅުގަނޑުގެ ހަނދާނަށް އައީ ސުމުއްވުލް އަމީރު އަލްމަރްހޫމް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ލިޔުއްވުންތަކުގެ މަތީންނެވެ. ސިފަކުރުންތައް ގެނެސްފައިވާލެއް ފުރިހަމަކަމުންނެވެ. ލިޔުންތެރިކަމުގެ ތެރޭގައި ޒާތަކަށް ނަމަވެސް ޒަމާންތަކެއް ވާންދެން ހޭކެމުން އަންނަ، އަޅުގަނޑަށްވެސް އެފަދަ ސިފުކުރުންތައް ގެންނާން އަދިވެސް އެހާ ފަރިތައެއް ނޫނެވެ. އަޅުގަނޑުމެން ޚުޝާމަދު ކުރަނީކަމަށް ހީފުޅުކުރެއްވިޔަސް އެންމެ ރަނގަޅެވެ. އަޅުގަނޑުމެންގެ ހިތްނިޔަތް ވަރަށް ސާފެވެ. ބޭނުންވަނީ ލިޔުންތެރީން އުފެއްދުންކަމަށް ވާތީއެވެ.

 

ލިޔުންތެރިޔާ، ލިޔަންފެށި “އަފޭން ކުޑައިރު….”ގެ ދެވަނަ ބައިވެސް މިއަދު މިވަނީ ޝާއިޢުކުރެވިފައެވެ. ގިނަ ބައެއްގެ މަޤްބޫލުކަން މި ސިލްސިލާއަށް ލިބެމުން އަންނަކަމީ މުނިއަވަސް އިން އުފާކުރާ ކަމެކެވެ. އަޅުގަނޑުމެން ބޭނުންވަނީ ޙުސައިން މޫސާ ފަދަ ލިޔުންތެރީން އުފައްދާށެވެ. ފޮތްފޮތާއި، ފޯނާއި ކޮމްޕިއުޓަރުތަކުގައި ވަޅުޖެހިފައިވާހުރި މިފަދަ ލިޔުންތައް ވައިގައި ހިފާނީ މިފަދަ ލިޔުންތެރީންގެ އަގު ވަޒަންކުރުމުގެ ކެރުން ހުރި ބައެއް މެދުވެރިވެގެންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އެޑިޓޯރިއަލް
މުނިއަވަސް ގެ އެޑިޓޯރިލް އިން އެޑިޓޯރިއަލް ސިޔާސަތުގެ ތެރޭގައި ހިމެނޭ ލިޔުންތައް ލިޔާނެ އެވެ.