ދެކުނު ޕެސިފިކް ކަނޑުގެ ސަރަހައްދުގައި 2014 ވަނަ އަހަރު ކުއްލިއަކަށް އުފެދުނު ގޮތްނޭނގޭ ރަށް އަދިވެސް އެބައޮތް ކަމަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާގެ ސައިންސްވެރީން ބުނެފިއެވެ.

 

މި ރަށް އުފެދިފައިވަނީ ޑިސެމްބަރު 2014 އާއި ޖެނުއަރީ 2015 އާއި ދެމެދުގެ މުއްދަތެއްގައެވެ. ރަށް އުފެދުނީ ޓޮންގާ ކައިރީގައި އަލިފާން ފަރުބަދައެއް ގޮވުމަށްފަހުގައި އެތާ ކައިރީގައި އޮތް ހަންގާ ޓޮންގާ އާއި ހަންގާ ހާޕްއާއި އޭ ކިޔާ ދެރަށް ދޭތެރޭގައެވެ. އަލަށް މި އުފެދުނު ރަށަކީ ވޭތުވެދިޔަ 150 އަހަރު ތެރޭގައި އަލިފާން ފަރުބަދަ ގޮވައިގެން އުފެދުނު ރަށްތަކުން ދެމިއޮތް ތިން ރަށުގެ ތެރެއިން އެއް ރަށް ކަމަށް ނާސާގެ ބްލޮގެއްގައި ބުނެފައި ވެއެވެ.

2014 ގައި އުފެދުނު ރަށް މިހާރު އޮތްގޮށް

“އަހަރުމެންވެސް މިއަދު މިތިބީ ސްކޫލްކުދިން ތަކެއްފަދައިން މިކަމުގައި ވާނުވާ ނޭނގިފަ.” ނާސާގެ ސައިންސްވެރިޔާ ޑޭން ސްލޭބެކް އެ ރަށަށް ކުރި ޒިޔާރަތާއިމެދު ބުންޏެވެ. “އެތަނުގައި ގިނައިން އޮތީ ކަޅުކުލައިގެ އޮށްގާ، އެއީ ވެއްޔެކޭ އަހަރެން ނުބުނާނަން. އަހަރުމެން އެތާ އުޅުނީ ފައިވާނަށް އަރައިގެންކަމުން ފަޔަށް ވަރަށް ތަދުވެސްވި އެ އޮށްގާތައް މަތީގަ ހިނގިއިރު. ކުއްލިއަކަށް އަހަންނަށް ފާހަގަވެއްޖެ، އެ އޮށްގާތައް ސެޓެލައިޓުން އަހަރުމެން ބެލިއިރުހާ ފަތި ނޫންކަން. ކޮންމެވެސް ވަރަކަށް ފަތިކޮށް ހުރީ.”

 

ސްލޭބެކް އިތުރަށް ބުނީ: “އެތަނަށް މަށިފަސްވެސް ލައްގަމުން ދިޔަ. ސެޓެލައިޓުން ދެއްކި މަންޒަރުން ފެންނާނެ މަޑު ކުލަޔަކަށް ހުރި މި މާއްދާ. އެއީ ކިސަޑު. ވަރަށް ތަތްގަދަ ކިސަޑެއް. އެއީ އަޅި ނޫންކަމުން އަހަރެންވެސް މިހުންނަނީ އެ އަންނަ ތަނަކާމެދު ވާނުވާ ނޭނގިފަ.”

2014 ގައި ރަށް އުފެދުނުއިރު އޮތް ގޮތާއި 2018 ވަނަ އަހަރު އޮތްގޮތުގެ އަޅާކިޔުމެއް

 

ކިސަޑުގެ އިތުރުން، އެތަނުން ގަހާއި ކޮންމެވެސް ވަރަކަށް ޖަނަވާރުވެސް ވަނީ ދިރާސާކުރާ ފަރާތްތަކަށް ފެނިފައެވެ. އެގޮތުން ބަކަމޫނާއި ބައެއްކަހަލަ އައިންމަތީ ދޫނިތައްވެސް ފެނިފައިވެއެވެ.

 

ދިރާސާކުރާ ޓީމަކުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެރަށަށް ދިޔައެެވެ. ރަށަށް ފޭބުމަށްފަހު، ސްލޭބެކް އާއި އޭނާގެ ޓީމުން އެ ރަށުގެ އެކި ސަރަހައްދުތަކުން ވަނީ ސާމްޕަލްތަކެއް ނަގާފައެވެ. ބޭނުމަކީ އެ ރަށް ދެމިއޮންނާނީ ކިހާދުވަހެއްގައިތޯ ބެލުމަށް ތަހުލީލުކުރުމެވެ.

ދިރާސާކުރާ ފަރާތްތަކަށް މި ރަށުން ވަނީ ގަހާއި ޖަނަވާރު ފެނިފައި

މި ރަށާއިމެދު 2017 ވަނަ އަހަރު ނާސާއިން ބުނީ ހަ އަހަރާއި ތިރީސް އަހަރާއި ދެމެދުގެ މުއްދަތަކަށް އެ ރަށް އޮވެދާނެ ކަމަށެވެ.

 

ރަށުގެ މަންޒަރުތައް ބަލައިލަން ހިތްގައިމުކަމުން، ރަށުގެ ވީޑިއޯ މަންޒަރުތަކެއްވެސް ހިމަނައިލާނަމެވެ.

 

 

މަސްދަރު: ފޮކްސް ނިއުސް

      ޑެއިލީ މެއިލް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.