ގޫގަލް ބްލޮގެއް ހެދީ ވާހަކަ ލިޔުމަށެވެ. ބަހާއި އަދަބިއްޔާތުގެ ލިޔުންތައް ލިޔުމަށެވެ. ބްލޮގް ބަދަލުކޮށްލީ ވޯޑްޕްރެސް ވެބްސައިޓަކަށެވެ. އެހިސާބުން އިތުރު ލިޔުންތެރިންނަށް ފުރުޞަތު ދޭން ފެށީމެވެ. ވެބްސައިޓަށް އިޚްތިޔާރުކުރެވުނު ނަމަކީ އެންމެ ރަނގަޅު ނަމެއް ނޫންކަން ވިސްނުނީ ތަންކޮޅެއް ފަހުންނެވެ. ނަމަވެސް، ވިސްނުނު ހިސާބުން އެހެން ނަމެއް އިޚްތިޔާރުކުރީމެވެ. “މުނިއަވަސް” އެވެ. މުނިފޫހިފިލުވުން މި ލަފުޒުގެ އަސްލު ލަފުޒެވެ.

“މުނިއަވަސް” ގެ ނަމާއެކު، ނަމުގެ މާނައާއި އެންމެ ގުޅޭ ފަދަ ލިޔުންތަކަށް ޚާއްޞަކޮށްލީމެވެ. މުނިފޫހިފިލުވުމުގެ ޚަބަރާއި މަޢުލޫމާތަށް ޚާއްޞަކޮށްގެންނެވެ. ޝިޔާރެއް ކަނޑައެޅީ އެހިސާބުންނެވެ. ‘ޔޯރ ޕްލޭސް އޮފް އިންފޮޓެއިންމެންޓް’ އެވެ. ތިބާއަށް މުނިފޫހިފިލުވުމުގެ ޚަބަރާއި މަޢުލޫމާތު ގެނެސްދޭ ތަނެވެ.

މުނިއަވަސް އަށް ތީމެއް ނެގުމަށްފަހު އެއަށް ބަދަލުތައް ގެނެސް، ތާނަ ބޭނުންކުރެވޭގޮތް ހެދީ، ޔޫޓިއުބް ވީޑިއޯ އާއި ޓިއުޓޯރިއަލްތައް ހޯދައިގެންނެވެ. މިފަދަ ކަމެއް ކުރުމުގެ އެއްވެސް ވަރެއްގެ ޢިލްމެއް، ހިލްމެއްވެސް ނެތިއެވެ. ލައްކަ ދުވަހުގެ މަސައްކަތުން ކޮންމެވެސް ވަރެއް ކޮށްލެވުނެވެ. ބަލައިލަން ކެރޭވަރުގެ، ކިޔައިލަން އެހާ އުނދަގޫ ނޫން އޮންލައިންއެއް ހެދިއްޖެއެވެ. ނަމަވެސް، ނޭނގުމާއި އެނގުމުގެ ތެރެއިން ކުރެވުނު މަސައްކަތެއްކަމުން، މުނިއަވަސް ބޭނުންކުރުމަށް ދަތިތަކެއް ހުރިކަން އެނގިތިބެ ނަމަވެސް، މިއަދާހަމައަށްވެސް މަސައްކަތް ކުރަމުން މި ގެންދަނީ ކިޔުންތެރިންގެ މަޤްލޫކަން ލިބިފައިވާ އޮންލައިން ނޫހަކަށް ހެދުމަށެވެ.

މުޖުތަމަޢު ބަލައިގަންނަ އޮންލައިން އަކަށް ހެދުމަށް، މުނިއަވަސް އަކީ ޞައްޙަ އެއްޗަކަށް ހެދުމަށް، އެކި ގޮތްގޮތަށް މަސައްކަތްތައް ކުރެވުނެވެ. މި ދެންނެވީ އޮންލައިން ނޫހެއްގެ ގޮތުގައި ރެޖިސްޓްރީ ކުރުމުގެ މަސައްކަތުގައި ކުރެވުނު ތަޖްރިބާތަކުގެ ސުރުޚީއެކެވެ. މިންނެތް މަސައްކަތްތަކެއް ކޮށްގެން، 17 ޑިސެމްބަރ 2018 ގައި “މުނިއަވަސް” އަށް ޤާނޫނީ ހައިސިއްޔަތެއް ލިބުނެވެ.

މުނިއަވަސް އަށް ރަސްމީ ސިފައެއް ލިބުނަސް، މުނިއަވަސް ގެ ބައްޓަމާއި ސޫރައަށް ރަނގަޅު ބުރުސޫރައެއް އޮތީ ލިބޭގޮތް ނުވެފައެވެ. ވެބްސައިޓް ހަދާ މީހުންނަށް އެކި ގޮތްގޮތަށް ހުށައެޅީމެވެ. ބައެއް ފަރާތްތަކުން މަސައްކަތް ފަށައިދިނެވެ. ހިލޭ ސާބަހަށެވެ. ނަމަވެސް ވަގުތު ނުލިބި އެކަން ނުވެ ދިޔައީއެވެ. ޝަކުވާއެއް ނެތެވެ. ހިލޭ ސާބަހަށް މިވަރުގެ ބޮޑު މަސައްކަތެއް ކޮށްދޭން ފެށުން އެއީވެސް ކުޑަކަމެއް ނޫނެވެ. އެކަމާ އަޅުގަނޑުމެން ޝުކުރުވެރިވެސް ވަމެވެ.

ސިޔާސީ މީހުން ކިތަންމެ ވަރަކަށް ކިޔައިއުޅޭ ޅެމަކަސް، މި ހިސާބުން ހަނދާނަށް އައީ ބޮޑުފެންވަޅުގޭ ސީދީ ހައްދަވާފައިވާ ވަރަށް ފުރިހަމަ ޅެންބައިތެކެވެ.

“ގުލްޒާރުގާ ނަޔާ މަގޭ، ނޫރާނީމާ ފޮޅޭނެޔޭ

    ބުލްބުލްތަކާ ކޮކާތަކާ ފަރިވާ އިރުން އުޅޭނެޔޭ”

މިފަދަ ގުލްޒާރެއް މުނިއަވަސް އަށް މިއަދު އަތުވެއްޖެއެވެ. ވަގުތު އެމްވީ އިން ރާއްޖޭގެ އަތޮޅުތަކުގައި ހިންގަމުން އަންނަ އޮންލައިން ނޫސްތަކަށް އެހީތެރިވެދިނުމަށް ނެގި ފިޔަވަޅާއެކު، ނޫސްވެރިކަމަށް ގެނެސްދޭން ފެށި ގުލްޒާރުގައި މުނިއަވަސް އަށް ނޫރާނީ މާ ފޮޅިއްޖެއެވެ. ބުލްބުލްތަކާއި ކޮކާތައް އުފާކޮށްދީފިއެވެ. މުނިއަވަސްގެ ބުރުސޫރަ ރިވެތިކޮށްދީގެންނެވެ. ތިން މީހުން ހިމެނޭ ޒުވާން ޓީމަކާއި ހަވާލުކޮށްގެންނެވެ. “ތްރީ ބައި 3” ގެ ބުރަ މަސައްކަތުން އެންމެ ތިން ދުވަސް ތެރޭގައި މުނިއަވަސް އަށް އާ ފޭރާމެއް ލައްވައިދީފިއެވެ. މުނިއަވަސްގެ ވެބްސައިޓާއި، ފޭސްބްކް ޕޭޖުން މިއަދު މި ފެންނަ ނަލަކަމެވެ. ވެބްސައިޓް ބޭނުންކުރުމުގައި ހުރި ފަސޭހަކަމެވެ. ތީމްތަކަށް ގެނައި ނަލަ ބަދަލެވެ. ޗާލޫކަމާއި ހަލުވިކަން ގެނެސްދީ ‘ހިތްގައިމު އަލިވިލުމެއް ގެނެސްދީފި’ އެވެ. އެ ހިތްގައިމުކަމާއި ނަލަކަމާއި ކުފޫ ހަމަވާ ވަރުގެ ޝުކުރެއް “ތްރީ ބައި 3” އަށާއި “ވަގުތު.އެމްވީ” އަށް އަދާ ނުކުރެވުނަސް، ޝުކުރިއްޔާއޭ ބުނެލާނީ ހިތްހެޔޮ ހިތަކާއިއެކުގައެވެ.

ލިބުނު ހިތްގައިމު އަލިވިލުމާއެކު “ޓީމު މުނިއަވަސް” އިން ވެސް އިތުރު ހިތްވަރަކާއި ޖޯޝާއެކު މަސައްކަތް މެކުހަށް ޖަހައި ބާރަށް ދުއްވުމަށް ނިންމައިފީމުއެވެ. ކުރިއަށް އޮތީ މާތްﷲ އިރާފުޅުން ފެހިފަހި ދުވަސްތަކެކެވެ. ފިލްމު “ފޯޓީ ޕްލަސް” ޕްރިމިއާ އިވެންޓާއިއެކުގައި “މުނިއަވަސް” ގެ ދަތުރަށްވެސް އިތުރު ފަހިކަމެއް ލިބޭނެކަމުގެ އުއްމީދު އެބަ އޮތެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.