“ސަޅިކަން ތިވަރު އަހަރެން ނުދެކެން، ކުރެހުންތެރިން މޮޔަވާވަރު ވޭ” – މަޝްހޫރު ދިވެހި ލަވައެއްގެ ތަންކޮޅެކެވެ. ޝަރަޙަ އަކަށް ޖެހިލާ މި ބުނެވޭ އެއްޗަކާމެދު ވިސްނައިލަމާތޯ އެވެ.
1- ތިޔަހާވަރަށް ފޮނިކަނޑާ މީހެއް އަހަރެން ނުދެކެމެވެ. އެކަމާހެދި ކުރެހުންތެރިން ވެސް މޮޔަވާވަރު ވެއެވެ. އެހެންކަމުން މި ބުނެވެނީ ‘ކަލާ’ ވަރުގެ ފޮނިކަނޑާ މީހެއް ނުދެކޭ ވާހަކައެވެ. އެހެންކަމުން މިއީ ކުރެވޭ ތަޢުރީފެއްތޯ އެވެ. ނުވަތަ ޖެއްސުމަށް، މަލާމާތަށް ބުނާ ދެރަބަހެއްތޯ އެވެ. ހަމަ ގައިމުވެސް ‘ސަޅި’ ގެނެސްފައިވާ ގޮތުން ދޭހަވަނީ ‘ކަނޑާ ފޮނި’ ނޫން އެހެން މާނައެއް ދޭހަވާނެ ގޮތަކަށް ނޫނެވެ. ދެން އޮތްބައިގައި މި ބުނަނީ ކުރެހުންތެރިން މޮޔަވާވަރު ވާކަމަށެވެ. މީހަކު ފޮނިކެނޑުމުން ކުރެހުންތެރީން މޮޔަވާ ވަރު ވުމަކީ ވެސް އަޖައިބެކެވެ.
2- ތިޔަވަރުގެ ބޮޑާކަމެއް އަހަރެން ނުދެކެމެވެ. އެކަމާހެދި ކުރެހުންތެރިން ވެސް މޮޔަވާވަރު ވެއެވެ. އެހެންކަމުން މި ބުނެވެނީ ‘ކަލާ’ ވަރުގެ ބޮޑާ މީހެއް ނުދެކެމޭ ނޫންތޯއެވެ. ތިޔައީ ހާދަހާ ބޮޑާ މީހެކޭ ބުނުމުން އެކުރެވެނީ ތަޢުރީފެއް ނޫންކަން ސާފުކޮށް އެނގެން އެބައޮތެވެ. މީހަކު ބޮޑާވުމުން އެކަމާ ކުރެހުންތެރިން ނުވަތަ އެހެންވެސް ބަޔަކު މޮޔަވާވަރެއް ނުވާނެއެވެ. ބޮޑާ މީހާދެކެ ވާނީ ފޫއްސެވެ. އަންނާނީ ރުޅިއެވެ.
ޚުލާޞާ އަކީ ‘ސަޅި’ މި ލަފުޒުގެ މާނައަކީ ‘ކަނޑާ ފޮނި’ މި މާނައާއި ‘ބޮޑާ’ މި މާނައިގައެވެ.
“އާއްމު އަދި ޚާއްޞަ ދޫތަކަށްވެސް މި ލަފުޒު ތިލަވެ، ބޭނުން ކުރަމުން މިދަނީ ރަދީފްގައި މި އޮތް މާނައިގައި ހެނެއް ހިޔެއް ނުވޭ.” ދިވެހި އަދަބިއްޔާތުގެ ޅެންވެރިކަމުގެ ރޮނގުން އިސް ސަފުގައި ގުނާލެވޭ ފަންނާނު، މުޙައްމަދު ޢަބްދުލް ޣަނީ (ތޭރަ)ގެ ފޭސްބްކްގައި މިދިޔަ ހޮނިހިރު ދުވަހު ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.
‘ސަޅި’ މި ލަފުޒު ބޭނުންކުރަމުން އަންނަ ގޮތާމެދު ދިވެހިބަހަށް ލޯބިކުރާ އެކިއެކި ބޭފުޅުންވެސް ގެންދަވަނީ މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. މިއީ ޙަޤީޤަތުގައިވެސް ވިސްނައިލަން ޖެހޭ ކަމެކެވެ. މި ލަފުޒު ނޫނަސް، އިތުރު އެހެން ލަފުޒުތައްވެސް، އޭގެ އަސްލު މާނަ އޮޅޭގޮތަށް ބޭނުންކުރުން އެއީ މައްސަލައެއް ނޫންކަމަށް ދެކި، އާއްމުކޮށް އެގޮތަށް ބޭނުންކުރަމުން ގެންދިއުމަކީ ބަހަށް ލިބޭ ދެރަ ނިކަމެތި ކަމެކެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 6 އޭޕްރިލް 2025ޚަބަރު“އަބަދަށް” ފިލްމުގެ ޓިކެޓް ބްކިން މިއަދު ފަށަނީ!
- 4 އޭޕްރިލް 2025ޚަބަރު“ސޮރީ” ގެ ރަސްމީ ޕޯސްޓަރާއި ބައެއް ލަވަތައް ނެރުމަށް އާއްމުކޮށް ހުޅުވާލައިގެން ބޮޑު އިވެންޓެއް!
- 30 މާރޗް 2025ޚަބަރު“ސޮރީ” ފިލްމުގެ ލަވައެއްގެ ޝޫޓިންއަށް ގިނަ ޢަދަދެއްގެ ކުޑަކުދިން ބޭނުންވެއްޖެ
- 30 މާރޗް 2025ރިޕޯޓްމެލަސްމާ އަކީ ކޮބާ؟