ކެރިކެޗާ އާރޓަށް އަމާޒުކޮށްގެން “ވީވާލް” ގެނަމުގައި މިމަހުގެ 10 ން 17 އަށް ހުޅުމާލޭގައި ހުންނަ އަވަށްޓެރި ގެލެރީގަައި ކުރިއަށްގެންދާ ޚާއްސަ އާޓް އެކްޒިބިޝަން ވަރަށްވެސް ތަފާތެވެ.

މި އެކްޒިބިޝަންގައި ފެނިގެންދަނީ ކުރެހުމުގެ ދާއިރާގައި ވަރަަށް ފުންނާބު އުސް ބޭފުޅެއް ކަމަށްވާ އަހްމަދު ބަދީއުގެ ކުރެހުންތަކެވެ. މި އެކްޒިބިޝަންގައި ބަދީއުގެ ކެރިކެޗާ އާޓްގެ 70 އަށްވުރެ ގިނަ ކުރެހުން ފެނިގެންދެ އެވެ.

މިނިސްޓަރ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫން ހުޅުއްވައިދެއްވި މި އެކްޒިބިޝަންގެ ކުރެހުންތައް ބަލައިލުމަށް ވަރަށް ގިނަ ރައްޔިތުން ޒިޔާރަތް ކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. ޒިޔާރަތްކުރި ހުރިހާ ބޭފުޅުންވެސް ކުރެހުންތައް ވަރަަށް ރީތިކަން ފާހަގަކޮށް މީގެ އިތުރު އެގްޒިބިޝަނެއް ބޭއްވުމަށް އުންމީދުކުރާ ކަމަށް ވަނީ ބުނެފަ އެވެ.

މި އާޓް އެކްޒިބިޝަން ހުޅުއްވައިދެއްވުމަކީ މިނިސްޓަރ ޔުމްނާއަށް ލިބިލެއްވި އުފަލެއްކަމަށް ވިދާޅުވަމުން އެކަމަނާ ވިދާޅުވީ “ވީވާލް” އެގްޒިބިޝަން ހުށައަޅައިދެއްވާ އަޙްމަދު ބަދީޢު އަކީ ވަރަށް ހުނަރުވެރި ކުރެހުންތެރިިއެއް ކަމަށާއި އަވައްޓެރި ގެލެރީ އިން ފަންނާނުންނަށް މި ފަދަ ފުރުސަތުތައް ހޯދައި ދެއްވާތީ އުފާފުޅުކުރައްވާ ކަމަށެވެ.

މި އެކްޒިބިޝަނާއިމެދު ބަދީއު ވިދާޅުވީ ކުރެހުންތައް ގެނެސްދިނުމުގައި އިސްކަންދީފައިވަނީ ރާއްޖޭގެ ހިންގުންތެރިކަމަށް ބާރުއަޅާ މީހުންގެ ކުރެހުންތައް ގެނެސްދިނުމަށް ކަމަށެވެ. މީގެ އިތުރުން މިފަދަ އިތުރު ކުރެހުންތަކެއް ގެނެސްދިނުމަށް މުސްތަޤްބަލްގައި މަސައްކަތްކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެގްޒިބިޝަންގައި ދައްކާލާފައިވާ ކުރެހުންތަކުން ފެންނަ ބައެއް ބޭފުޅުންްވެސް ވަނީ މި އެގްޒިބިޝަން ހުޅުވުމުގެ ރަސްމިއްޔާތަށް ޒިޔާރަތް ކޮށްފަ އެވެ. އޭގެ ތެރޭގައި މަޖިލިސް މެމްބަރު އީވާ އަބްދުﷲ އާއި މަޝްހޫރު ލަވަކިޔުންތެރިޔާ އަދި މޯލްޑިވިއަން އައިޑަލްގެ ޖަޖެއް ކަމަށްވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޒާރާ މުޖުތަބާ ވެސް ހިމެނެއެވެ.

ކެރިކެޗާ އާރޓަަކީ މަޝްހޫރު ޞަޚްޞިއްޔަތު ތައް ކޮމިކް ނުވަތަ ކާޓޫނު ގޮތެއްގައި ގެނެސްދޭ އާޓެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.