މާހެފުން ދޮހަޔާ ދުންފުނި ނެގުމާ

އަހަރު ކިޔެވުން ނިމީ ބޮޑަ ޗުއްޓީވެސް ފެށެނޫ. ލިބެނަ ރިޕޯޓަކަށް ކުޑަކޮށްވެސް ވިސްނައެއްނުލަމު. ބޮޑަ ޗުއްޓީ ފެށޭނޫ ނޮވެންބަރު ފަހުކޮޅު. އޭރު އަދި ރޯދަމަހަ ނުޖެހީ ދޮހާކޮޅެއް އޮންނާޅަ.

އަހަރުގެ ކިޔެވުން ނިމި ބޮޑު ޗުއްޓީ ފެށުނީއެވެ. ލިބުނު ރިޕޯޓާމެދު ކުޑަކޮށްވެސް ވިސްނައެއްނުލަމެވެ. ބޮޑު ޗުއްޓީ ފެށެނީ ނޮވެމްބަރު ފަހުކޮޅުގައެވެ. އޭރު އަދި ރޯދަމަސް ނައިސް ދުވަސްކޮޅެއް އޮންނާނެއެވެ.

އޭރު އަފޭމީހުން ކިޔަވާން އެރެނޫ ދަށޭ އެންމަ އަތިރިއަށް ހުންނަ އަފޭންގެ މާމެއްގޭށަށް. މަތިފުށު އަތިރީ ކާރީ ހުންނަ އަފެއްގޭށުން އަފޭންކިޔަވާން މާމެއްގެއަށް ގޮހޮފާ ބައެއް ދޮހާދޮހާ ކާފަޔަށް ގިރުބާ އަނބަރައިދެމު. ކާފަޔަކޫ ކަނބުރުވެރިކަންކެރީ މީހެއް. މެހެން ކާފާ ކާރީ އޮޅެންއިރު ބޮނެ ކިޔައިގެން ރޯދަޔަށް ކުޑަ ވަޅުވެއް ކާފާ ލައްވާ ހައްދަން. ވަޅު ހެދެނޫމާ ގިރުބާ އަނބަރައިދޭށޭ ބުނިޔަސް ކޮންމަވެސް ބަހަނާއެއް ދައްކާފާ ބަލަނޫ ފެލޭތޯ. ވަޅު ހަދައިގެން ގެންގޮހޮ ބާއްވާނޫ ރޯދަޔަށް ފޮރުވާފާ.

އޭރު އަހަރެމެން ކިޔަވަން ދަނީ ހުޅަނގު ފަރާތު އެންމެ އަތިރިއާ ކައިރީ ހުންނަ އަހަރެމެންގެ މާމަގެ ގެއަށެވެ. އިރުމަތީ ފަރާތު އަތިރިއާ ކައިރީ ހުންނަ އަހަރެންގެ ގެއިން އަހަރުމެން ކިޔަވަން މާމަގެ ގެއަށް ގޮސް ބައެއް ދުވަސްދުވަހު ކާފައަށް ގިރުބާ އަނބުރައިދެމެވެ. ކާފައަކީ ކަނބުރުވެރިކަން ކޮށްއުޅުނު މީހެކެވެ. މިހެން ކާފަ ކައިރީ އުޅޭއިރު، ބުނެ ކިޔައިގެން ރޯދައަށް ކުޑަ ވަޅިއެއް ކާފަ ލައްވާ ހައްދަމެވެ. ވަޅި ހެދުނީމާ ގިރުބާ އަނބުރައިދޭން ބުންޏަސް ކޮންމެވެސް ބަހަނާއެއް ދައްކައިގެން ބަލަނީ ފިލޭތޯ އެވެ. ވަޅި ހަދައިގެން ގެންގޮސް ބާއްވަނީ ރޯދައަށް ފޮރުވާފައެވެ.

ކޮންމަ ދޮހަޔަކުވެސް ހެނދުނުހެނދުނާ ހޭލައިގެން ބޭބޭމެން ދާނޫ  މާހިފުންއޮޑި އަޅާން އެއްޗިހި ކަނޑާން ވަލަށް. އަފޭން ކުޑަކަމުން އަފޭންނެއް ނުގެންދާޅެތް. ބޭބޭމެން އުމަންއިރު އަފޭން އޮޅޭމު މޫދު. މިގޮތަށް ދެ ދޮހަޔަކު ވަލަށްގޮހޮފާ، އަނިއް ދޮހާ މެންދުރު ބޭބޭމެން އުމާނޫ ބައިވަރަ ދަނޑުބޮނޑި ތެކެއް ހިފައިގެން. އެ ގެނޭނޫ މޫދުން ފަހަރަލާ ދަމާފާ.  ބޭބޭމެނާ އެއްކޮށް އޮޅޭނޫވެސް އެމަގަށް ނިސްބަތްވަން މީހުން. މޫދަށް ބޮޑަ ކައްޕެއް ޖަހާ ގެނައި ދަނޑުބޮނޑިތެއް އައްސާފާ ގޭށަށް އަރަމުން ބޮނާޅެއް މެންދުރު ވެއްޖޭ ނަމާދަށް ދާން އަރާށޭ. އަފޭން ހަމަ އަޑައިވެން ކަމަށްވެސް ނަހަދަމު. މެހެން އޮޅެނިކޮށް އިރަކޮޅަކުން އަމޭ އެރީ ހަޅޭއް ފަޅޭ ލަވައިގަންނާޅެއްވެ. ދެންއަވަހާ ދުވެ ބަޑިބަޑި ޖަހާފާ އަރާނޫ ގޭށަށް.

ކޮންމެ ދުވަހަކުވެސް ހެނދުނުހެނދުނާ ހޭލައިގެން ބޭބެމެން ދަނީ މާހިފުންއޮޑި އެޅުމަށް އެއްޗެހި ކަނޑަން ވަލަށެވެ. އަހަރުމެން ކުޑަކަމުން އަހަރުމެންނެއް ނުގެންދާނެއެވެ. ބޭބެމެން އަންނައިރު އަހަރެމެން އުޅެނީ މޫދުގައެވެ. މިގޮތަށް ދެ ދުވަހަކު ވަލަށް ގޮސްފައި، އަނެއް ދުވަހު މެންދުރު ބޭބެމެން އަންނާނީ ބައިވަރު ދަނޑިބޮނޑި ތަކެއް ހިފައިގެންނެވެ. އެ ގެންނާނީ މޫދުގައި ފަހަރުލައިގެން ދަމާފައެވެ. ބޭބެމެންނާއި އެކުގައި އުޅޭނީވެސް އެ މަގަށް ނިސްބަތްވާ މީހުންނެވެ. މޫދަށް ބޮޑު ކައްޕެއް ޖަހައި ގެނައި ދަނޑިބޮނޑިތައް އައްސާފައި ގެއަށް ދަމުން ބުނާނެ، މެންދުރުވެއްޖެއޭ ނަމާދަށްދާން ގެއަށް ދާށޭ. އަހަރުމެން ހަމަ އަޑުއިވޭކަމަށްވެސް ނުހަދަމެވެ. މިހެން އުޅެނިކޮށް އިރުކޮޅަކުން މަންމަ އަތިރިއަށް އެރި ހަޅޭއްފަޅޭއް ލަވައިގަންނާނެ އެވެ. ދެން އަވަހާ ދުވެ ބަޑަބަޑި ޖަހާފައި އަރާނީ (ދާނީ) ގެއަށެވެ.

އަނިއްދޮހާ ހެނދުނު އަތިރިޔަށް އެރެންއިރު ބޭބޭމެން އޮޅޭނޫ ދަނޑުތެއް އެއްގަމަށް ގެންގެރާ.  ދަނޑުތެއް ގެނގެރައިގެން އޭގޭން ފަލަ ދަނޑުތެއް ފޭއްސާޅެތް. އެތަން ބަލާކަށް އަފޭންނަކަށް މާގެނައިރަކު ތިބުވެން ގޮތެއް ނުވާޅަ. ކިޔަވާން ދަން ގަޑިޖެހީގެން އަމޭ ގޮވާލާޅެއްވެ. ދެތިންފަހަރަކު ގޮވާލޫމާ އަރާ އަވަހަކޮށްލައިގެން ދަނޫ ކިޔަވާން. ކިޔަވާލައިގެން ނިކަން އަވަހާ ގޭށަށް އުމާމު. ގެއަށް އަފޫ އަވަހާ އެރޭނޫ އަތިރިޔަށް. އެތާ އޮޅީލާފާ އެރޭނޫ މޫދަށް. އޭރު އޮޅެން ކުދޫން މޫދަށް އެރީއެރީ ބޯވެސް ހުންނާނޫ ރަތްވެފާ.

އަނެއްދުވަހު ހެނދުނު އަތިއަށް އެރޭއިރު ބޭބެމެން އުޅޭނީ ދަނޑިތައް އެއްގަމަށް އަރުވާށެވެ.  ދަނޑިތައް އެއްގަމަށް އެރުވުމަށްފަހު އެއިން ފަލަ ދަނޑިތައް ފޭއްސާނެއެވެ. އެތަން ބަލާކަށް އަހަރުމެންނަކަށް މާކަ ގިނައިރަކު ތިބެވޭގޮތެއް ނުވާނެއެވެ. ކިޔަވަންދާން ގަޑިޖެހިގެން މަންމަ ގޮވާނެއެވެ. ދެތިން ފަހަރަކު ގޮވައިލުމުން ގެއަށް އަރާ އަވަސްކޮށްލައިގެން ދަނީ ކިޔަވާށެވެ. ކިޔަވާ ނިމިގެން ނިކަން އަވަހަށް ގެއަށް އަންނަމުއެވެ. ގެއަށް އައިސް އަވަހަށް ދާނީ އަތިރިއަށެވެ. އެތާ އުޅެފައި ދާނީ މޫދަށެވެ. އޭރު އުޅޭ ކުދިން މޫދަށް އެރިއެރި ބޯވެސް ހުންނާނީ ރަތްވެފައެވެ. (އިސްތަށިގަނޑު ހުންނާނީ ޑައީ ކުރީމާ ހުންނަގޮތަށް ރަތްވެފައެވެ.)

މާހިފުން ދޮހަޔަކޫ ފުރަތަމަރޯދަ ދޮހާގެ ކުރޫދޮހާ. ބޭބޭމެން ކޮންމަހެނެއް ހަދާފާވެސް އެދޮހަޔަށް މާހިފުންއޮޑި ތައްޔާރަކޮށް ނިންމާޅެތް. މާހިފުން އޮޑިޔަކޫ މާލެދަތެރަކެރަން ބޮޑަ ދޯންޏެއްގެ ބައްޓަމަށް މޫދު ދަނޑު ޖަހައިގެން އަޅަން އޮޑިއެއް. އެ އޮޑީ ހުންނާޅަ ގެގަޑެއް ޖަހާ ކުރުނބާއަޅާން ކައްޅިތެއް ހަދާފާ. އަމޭމެން ވެސް މާހިފުން ދޮހަޔަށް މާހިފުން ތައްޔާރަކެރާޅެތް. މާހިފުން އެޔޯ އެދޮހަޔަށް ހަދަން ކުދު ހެދިކާޔަށް ކިޔަން ނަމެއް. މާހިފުމު ތެރޭ ރުއްބުޑިޔާ އޮނަފޮޅިޔާ މިޔޯ ނަން މައްސޫރު ދޭތި. މާހިފުން އޮޑިޔުން ކުރުނބާ ލިބޭނޫ މާހިފުން ހިފައިގެން ދިޔާމާ.

އެއްގަމުގައި އަޅާފައިހުރި މާހެފުން އޮޑިއެއްގައި ކުދިންތަކެއް ކުރުނބާ ވިޔަފާރި ކުރަނީ – ފޮޓޯ: މުނިއަވަސް

މާހެފުން ދުވަހަކީ ފުރަތަމަ ރޯދަ ދުވަހުގެ ކުރިއަށް އޮންނަ ދުވަހެވެ. ބޭބެމެން ކޮންމެގޮތެއް ހަދާފައި ވެސް އެ ދުވަހަށް މާހެފުން އޮޑި ތައްޔާރުކޮށް ނިންމާނެއެވެ. މާހެފުން އޮޑިއަކީ މާލެ ދަތުރުކުރާ ބޮޑު ދޯންޏެއްގެ ބައްޓަމަށް މޫދުގައި ދަނޑި ޖަހައިގެން އަޅާ އޮޑިއެކެވެ. ގެގަނޑެއް ޖަހައި ކުރުނބާ އަޅާފައި ބަހައްޓާނެ ކައްޅިއެއް ހަދާފައި އެ އޮޑީގައި ހުންނާނެއެވެ. މަންމަމެން ވެސް މާހެފުން ދުވަހަށް މާހެފުން ތައްޔާރުކުރާނެ އެވެ. މާހެފުނަކީ އެދުވަހަށް ހަދާ ކުދިކުދި ހެދިކާއަށް ކިޔާ ނަމެކެވެ. މާހެފުމުގެ ހެދިކާ ތެރޭގައި ރުއްބުޑިއާއި އޮނަފޮޅިއާ މިއީ ނަން މަޝްހޫރު ދެ ހެދިކާއެވެ. މާހެފުން އޮޑިން ކުރުނބާ ލިބޭނީ މާހެފުން ހިފައިގެން ދިޔައިމައެވެ.

ކޮންމަޔަކަސް މާހިފުންދޮހާ އަށެއް ޖަހާލަންހައިއިރު މޫދަށް އެރޭމު. އަމޭމެން އެރޭޅެތް ބަދިގޭ ސާމާނު ދޮންނާން. ބައެއްފަހަރު ފިޔަން، ދޮތްޕަތް، އުނދުޅި އެއްޗިހި އަފޭން ދޮވެދެން. އޭރު މާހިފުން އޮޑިތެއް ހުންނާނޫ ކުރުނބަޔުން ބަރާކޮށްލާފާ. ކުދުވެރީން މާހިފުން ދީފާ ކުރުނބާ ގަނެގެން ބޯޅެތް. ކުރުނބާ ހުންނާނޫ ނިކަން ރީއްޗަށް ހަދާލާފާ ހޮޅިޖަހާފާ. ތަންކޮޅެއް ކުރޫން ފަޅޯ އޮނު ހޮޅިވެސް ބޭނުންކެރިޔާ އަފެ ބޭބޭމެން ކުޑައިރު. އެދޮހާ މޫދަށް އެރޭޅެތް ކުދުބޮޑަ އެންމެން. ގެނަ ކުދޫން މާހިފުންދޮހާ މޫދުން އަރާނޫ ނިކަން ވަރުން. އިރައޮއްސޭން ކާރިވެގެން އަމޭ ނޯނުއްވާ ބަފާ އެރީ ހަޅޭލަވާންފެށޫމާ. މޫދުން އަރަންއިރު ހުންނާނޫ ހައެއްޖަހާން ކާރިވެފާ.

ކޮންމެއަކަސް މާހެފުން ދުވަހު އަށެއް ޖަހާކަންހާއިރު މޫދަށް ދަމެވެ. މަންމަމެން ދާނީ ބަދިގޭ ސާމާނު ދޮންނާށެވެ. ބައެއް ފަހަރު ފިޔޮން، ދޭފަތް، އުނދުޅި ފަދަތަކެތި އަހަރުމެން ދޮވެދެމެވެ. އޭރު މާހެފުން އޮޑިތައް ހުންނާނީ ކުރުނބާ އަރުވައި ބަރާކޮށްފައެވެ. ކުދިވެރީން މާހެފުން ދީފައި ކުރުނބާ ގަނެގެން ބޯނެއެވެ. ކުރުނބާ ހުންނާނީ ނިކަން ރީތިކޮށް މަށާފައި ހޮޅި ޖަހާފައެވެ. ތަންކޮޅެއް ކުރީން އަހަރެން ކުޑައިރު ފަޅޯ އޮނުގެ ހޮޅިވެސް އަހަރެންގެ ބޭބެމެން ބޭނުންކުރިއެވެ. އެ ދުވަހު ކުދިބޮޑު އެންމެން މޫދަށް ދާނެއެވެ. ގިނަ ކުދީން މާހެފުން ދުވަހު މޫދުން އަރާނީ ނިކަން ވަރުންނެވެ. އިރު އޮއްސެން ކައިރިވީމާ މަންމަ ނޫނީ ބައްޕަ އަތިރިއަށް އެރި ގޮވަން ފެށީމެވެ. މޫދުން އަރާއިރު ހުންނާނީ ހައެއް ޖަހަން ކައިރިވެފައެވެ.

މަޣްރިބި ނަމާދަ ކޮށްލައިގެން އިޝާނަމާދާ ދޭތެރޭ އަނިއްދޮހާ ރަށުކޮޅަށް ދާން ތައްޔާރަވެލަމު. އިޝާނަމާދުން ފައިބައިގެން ދާނޫ ދުންފުނި ނަގާން. މަ ހަނދާނުވެސް ދެފަހަރަކު ދުންފުނި ނަގާން ދިޔައިން. ދުންފުނި ހުންނާނޫ ދޮންވެއްޔުން ކުޑަ ވެލިފުންޏެއް ޖަހާ މިރިހިމާ ޖަހާ ރީތިކޮށް، ވެލިފުންޏު ކޮޅު ދުންދަނޑު ޖަހާފާ. ދުންފުންޏު އަޑީ އޮންނާޅަ ބޯފޮޅި ވަޅުލާފާ. ދުންފުނި ހަދާނޫ އަންހެން ކުދޫން. ދުންފުނި ނަގާނޫ އަންހެންކުދޫންނަށް ވަގަށް ފިރިހެން ކުދޫން. ދުންފުނި ނެގުމުގެ ކަންތެއް ނިންމާލަފާ ނުވައެއް ދިހޭއް ޖަހަންއިރު ނިދާމު. އެޔޯ އަނިއް ދޮހަޔަކޫ ރޯދަޔަށްވެފަ އެރޭ ފަތިހު ރަށުކޮޅަށް ދާން.

މަޣްރިބް ނަމާދު ކޮށްގެން އިޝާނަމާދާއި ދެމެދުގައި ޖެހިގެން އަންނަ ދުވަހު ރަށުކޮޅަށް ދިއުމަށް ތައްޔާރުވަމު އެވެ. އިޝާ ނަމާދުން ފައިބައިގެން ދާނީ ދުންފިނި ނަގާށެވެ. އަހަރެންގެ ހަނދާނުގައި ވެސް ދެ ފަހަރަކު ދުންފިނި ނަގަން ދިޔައިމެވެ. ދުންފުނި ހުންނާނީ ދޮންވެލިން ކުޑަ ވެލިފުންޏެއް ޖަހައި މިރިހިމާ ޖަހައި ރީތިކޮށްފައި ވެލިފުނީގެ ކޮޅުގައި ދުންދަނޑި ޖަހައިފައެވެ. ދުންފުނީގެ އަޑީގައި ބޯފޮޅިއެއް ވަޅުލާފައި އޮންނާނެ އެވެ. ދުންފުނި ހަދަނީ އަންހެން ކުދިންނެވެ. ދުންފުނި ނަގާނީ އަންހެން ކުދީންނަށް ވަގަށް (ސިއްރުން)، ފިރިހެން ކުދީންނެވެ. ދުންފުނި ނެގުމުގެ ކަންތައް ނިންމާލާފައި ނުވައެއް ދިހައޭއް ޖަހާކަންހާއިރު ނިދަމެވެ. އެއީ އަނެއް ދުވަހަކީ ރޯދައަށް ވެފައި އެރޭ ފަތިހު ރަށުކޮޅަށް ދިއުމަށެވެ.

މިހިރިމިހިރި ކަންކަމަކޫ މިކަންކަން ހަނދާންކޮށްލޫމާ ގާން ހީބުހުނަގައިގެން ދަންކަމެއް.  މިކަންކަމަކޫ ރަށު ރައްޔަތުން އެއްބައިވަންތަ ކޮށްލަން ކަމެއް. އަހަރިން ހިތަށް އަރަނޫ މިހާރު އޮޅެން ކުދޫން މިކަންކަން ނުކެރަނޫ ކީއްވެބާއޭ.

މިހިރަމިހިރަ ކަންކަމަކީ މިކަންކަން ހަނދާންކޮށްލުމުން ގައިން ހީބިހި ނަގައިގެންދާ ކަންކަމެވެ. މިކަން ކަމަކީ ރަށުގެ ރައްޔިތުން އެއްބައިވަންތަ ކުރުވާ ކަމެކެވެ. އަހަރެން ހިތަށް އަރަނީ މިހާރު އުޅޭ ކުދިން މިކަންކަން ނުކުރަނީ ކީއްވެގެންބާވައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ހުސެން މޫސާ (ބިގޭ)
ތަފާތު ލިޔުންތެރިއެކެވެ. ލ. އަތޮޅުގެ ބަހުރުވައަށް ދެވިފައިވާ ލޯބި، ހުސެންގެ ލިޔުންތަކުން ފެނެއެވެ.