ދިވެހިރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައި، އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުމަށް މިއަހަރު އެކަނިވެސް 156 މިލިއަން ރުފިޔާ ސަރުކާރުން ހޭދަކުރާނެ އެވެ.

ފުރަތަމަ ޑިގްރީއަށް ކިޔެވުން ހިލޭކުރުން ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ އެކަމަށްޓަކާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔަވައިދިނުން ރަސްމީކޮށް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވީ، ތަޢުލީމީ ޒުވާން ޖީލެއް ބިނާކުރުމަކީ މުޅި ޤައުމުގެ ތަރައްޤީގެ މުހިއްމު ހިއްސާއެއްކަމަށެވެ. ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އެންމެ މުހިއްމު ބޭނުމަކީ ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ޙާސިލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުންކަމަށާއި، މިއީ އެއްވެސް ސަރުކާރުކަރުން މިހާތަނަށް ފަހިކޮށްދީފައިނުވާ ފަދަ އަގުހުރި ފުރުޞަތެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ، މިއަދުން ފެށިގެން ސަރުކާރުގެ ދެ ޔުނިވަރސިޓީކަމުގައިވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން ހިންގާ ފުރަތަމަ ޑިގްރީ ކޯސްތައް މުޅިން ހިލޭ ކިޔެވޭނެކަމަށެވެ.

ފުރަތަމަ ޑިގްރީ އަށް ހިލޭ ކިޔެވުމުގެ އިންތިޒާމު ސަރުކާރުގެ 2 ޔުނިވަރސިޓީން ހިންގާ ހުރިހާ ކޯސްތަކަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އަމިއްލަ ކޮލެޖްތަކުން ހިންގާ ޑިގްރީ ޕްރޮގްރާމްތަކުގެ ކޯސް ފީގެ ވަރަށް މަތީ އިންސައްތައެއް ދަޢުލަތުން ދައްކައިދޭން ނިންމާފައިވެއެވެ. ރާއްޖޭގައި ކިޔަވައިދޭ ބޭރުގެ ޔުނިވަރސިޓީތަކުގެ ޕްރޮގްރާމްތަކުގެ ތެރެއިން، އެ ޕްރޮގްރާމެއްގެ ބޮޑުބައި ރާއްޖޭގައި ކިޔަވައިދޭނަމަ، ރާއްޖޭގައި ކިޔަވައިދޭ ބައިގެ ކޯސް ފީވެސް މި އުސޫލާއި އެއްގޮތަށް ސަރުކާރުން ހަމަޖައްސައިދޭނެކަމަށް ސަރުކާރުން ބުނެއެވެ.

ރާއްޖޭގައި ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވޭނެ އިންތިޒާމް ސަރުކާރުން މިހާރު ހަމަޖައްސައިދީފައިވާއިރު، ރާއްޖޭން ބޭރުގައި މަތީ ތަޢުލީމަށް ކިޔަވާ ދަރިވަރުންނަށްވެސް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.