“ހޫން. ހިނގާ ޒީނާ ކައިރިއަށް ދާން. ކޭކެއް އަޅަން ވެގެން. މަންމަގެ ބާރތްޑޭ ނެކްސްޓް ވީކްގަ. އެހެންވެ އެގެއަށް ދާން ވެގެން ޒީ އަންނާށެ ބުނެފަ އޮތީމަ..” ސައިކަލު ފަހަތަށް އަރާ ހަމަޖެހިލަމުން ހައުލާ ބުންޏެވެ. ޒުހުރީގެ މޫނުމަތިން އުފާވެރިކަން ފެންނަމުން ދިޔައެވެ.
“ތިކަމުގަ މަ މާލެ ހުއްޓާ ތި ގެނައީ.. ހޭބަލި ވެދާނެ..” ސައިކަލު ދުއްވާލަމުން ޒުހުރީ ބުންޏެވެ.

***

“ސާރާ އަހަރެންދެކެ ލޯތްބެއް ނުވޭތަ؟” އިޒުވާނަށް ބުނެލެވުނެވެ. އޭނަގެ އަޑުގައި ތުރުތުރުލުމެއް ހުއްޓެވެ. އިޒުވާނު ދެރަވެފައިވާކަން އޭނަގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އޭނަގެ ހިތް ހުއްޓުނު ކަލައެވެ. ސާރާ ދެކެ ލޯބިވުން އެއީ އިޒުވާނަށްކުރެވުނު ކުށަކަށް ވާނަމަ އެކުށުގެ ސަޒާ އިޒުވާނަށް ލިބިއްޖެއެވެ.

“ސޮރީ އިޒުވާން. އަހަރެން ބޭނުމެއްނޫން ދޮގުތަކެއް ހަދައިގެން މި ގުޅުން ކުރިޔަށް ގެންދާކަށް. މިއީ އިޒުވާނެއް ނޫން. ހައުލާގެ ދިރިއުޅުން ހަލާކުވެގެން ދިޔަހެން މަގޭ ފަރާތުން އިޒުވާނުގެ ދިރިއުޅުން ހަލާކުވެގެންދާކަށް މަ ބޭނުމެއްނޫން. އެއްވެސް އިރެއްގަ މަ އިޒުވާނު ދެކެ ލޯތްބެއް ނުވޭ. އައި ޖަސްޓް ލައިކް ޔޫ..” ސާރާ ފުންނާވާއެއް ބޭރުކޮށްލިއެވެ. ކޮންމެ ގޮތެއް ވިއަސް ސާރާ ބޭނުންވީ ތެދުތެދަށް ހުރިހާ ވާހަކަތަކެއް ކިޔައިދޭށެވެ.

” ލޯބި ވޭތޯ ވަރަށް ޓްރައި ކޮށްފިން. ބަޓް އިތުރަށް ދޮގުތަކެއް ހަދައިގެން މި ގުޅުން ކުރިޔަށް ގެންދަން ބޭނުންނުވާތީ އަޅާނުލާ ހުރީ. އެހެންވެ އެ ހުރިހާކަމެއްގެ ހަޤީގަތް ހޯދަންވެސް ބޭނުންވީ. މަގޭ ކުށް އިޒުވާނަށް ޔެސް ބުނުމަކީ ވެސް.. އައި އެމް ސޮރީ އިޒުވާން..” ސާރާގެ ވާހަކަތަކުން އިޒުވާނަށް ނޭވާލުމަށްވެސް އުނދަގޫ ވަމުން ދިޔައެވެ. ނަމަވެސް ހަޤީގަތާއި ކުރިމަތިލާން މަޖުބޫރެވެ. މިއަދު އިޒުވާނަށް އެއްޗެއް ވިސްނޭނެނަމަ ހަމަ ރަނގަޅަށްވެސް އެވަނީ ވިސްނޭވަރުގެ ކަމަކާއި ކުރިމަތިލެވިފައެވެ. އެގޮތަށް ހައުލާވެސް އިޒުވާނު ދެކެ ލޯބި ވިއެވެ. އެކަމަކު އެދުވަހު އިޒުވާނުވެސް ކަންތައްކޮށްފައި ދިޔައީ ހައުލާގެ ހިތް ހަލާކުކޮށްލާފައެވެ. ހައުލާ އެކަމުގެ ބަދަލު ހިފަން މަޖުބޫރުވީވެސް ހަމަ އިޒުވާނުގެ ސަބަބުންނެވެ. ހުރިހާ އިންސާނުންނެއް އެއްގޮތެއް ނުވާނެއެވެ. އެއްބަޔަކު ލޯބިމަތިން ހަނދާން ނައްތާލުމަށް މަސައްކަތް ކުރާނީ އެކި ގޮތަށެވެ. އަނެއް ބަޔަކު ލޯބީގައި ދީވާނާވެ ލޯބީގައި ފުރާނަވެސް ދުއްވާލައެވެ. މަދު ބަޔަކު ލޯތްބަށްޓަކައި ބަދަލު ހިފުމަށްވެސް މަސައްކަތް ކުރާނެއެވެ.

***

ޒީނާ ހުރީ ގޭތެރެ ފޮޅާށެވެ. މީހަކު ދޮރުގައި ޓަކި ދިނުމުން ޒީނާ ގޮސް ދޮރު ހުޅުވާލިއެވެ. ޒުހުރީވެސް ހައުލާގެ ފަހަތުން އެތެރެއަށް ވަންނަން ތައްޔާރުވެގެން ހުއްޓެވެ. ހައުލާ ފެނުމުން އެތެރެއަށް ވަނުމަށް ޒީނާ އެދުނެވެ. ހައުލާވެސް އާދައިގެ ހިނތުންވުމަކާއެކު ޒީނާ ގައިގަ ބައްދާލިއެވެ. އޭރުވެސް ޒުހުރީ ބޭރުގައި ހުއްޓެވެ. ނަމަވެސް ޒުހުރީ ހުރިކަމެއް ޒީނާއަށް ނޭންގެއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު ޒުހުރީވެސް އެތެރެއަށް ވަނެވެ. ޒީނާއަށް ޒުހުރީއަށް ބަލައިލެވުނެވެ. ބޮލުން ފެށިގެން ބޮޑުވާ އިނގިއްޔާ ހަމައަށް ނަޒަރު ހިންގާލެވުނެވެ. ޒީނާ ބަލާކަން އެނގުމުން ޒުހުރީ ހިތް އުފަލުން ފުރުނެވެ. ކޮންމެ ގޮތެއް ވިއަސް އެ ބެލުމުގައި އާދަޔާ ހިލާފު ގޮތެއް ހުރިކަން ޒުހުރީއަށް ވެސް ފާހަގަ ކުރެވުނެވެ. ޒުހުރީއަށް އައިސްފައިވާ ބަދަލުތަކުން ޒީނާއަށް ވަރަށް ލޯބިގޮތަކަށް ޒުހުރީއަށް ބަލާލުމަށްފަހު ހިނިތުންވެލިއެވެ.

“ވަދޭ އިށީންދޭ..” ޒީނާ ލުއި ހިނިތުންވުމެއް ފޮނުވާލަމުން އިށީނުމަށް އަތުން އިޝާރާތް ކޮށްލިއެވެ.

“ޒުހުރީ. ހާދަ ޗޭންޖު ވެފަ. މިހާރު އަދި ކިރިޔާ ޒުހުރީގެ ރީތިކަން މި ފެނުނީ. ހަމައަސްލުވެސް ވަރަށް ރީތި. ވަރަށް ލޯބި..” ޒީނާއަށްވެސް ޒުހުރީއަށް އައިސްފައިވާ ހެޔޮ ބަދަލުން ތައުރީފް ކޮށްލެވުނެވެ. ޒުހުރީގެ މޫނުމަތިން އުފާވެރިކަމުގެ ހިނިތުންވުމެއް ފާޅުވެގެން ދިޔައެވެ. ޒީނާގެ އެދުމުގެ މަތިން ގެނައި އެބޮޑު ބަދަލުންވެސް އެންމެ ބޮޑު ތައުރީފެއް ލިބިގެން ދިޔަކަމީ ޒުހުރީއަށް ލިބުނު އެންމެ ބޮޑު ހިތްހަމަ ޖެހުމެވެ.

“ކޮންތަނެއް ރީތީ..؟ ހީވަނީ މީހަކު ކަނޑާ ވައްޓާލަން ރެޑީކޮށްފަ ހުރި ރުކެއްހެން. ފަންކޮޅު ކޮށާލާ އޮރިޔާންވެފައެންނު..” ހައުލާ ސޯފާގައި އިށީންނަމުން ކޮށްލީ މަލާމަތެކެވެ. ހައުލާ އެހެން ބުނުމުން ޒީނާއަށް ކުޑަކޮށް ހެވުނެވެ. ނަމަވެސް ޒުހުރީގެ އެއްވެސް ސަމާލުކަމެއް ހައުލާ ބުނި އެއްޗަކަށް ނުދީ ސޯފާގައި އިށީނެވެ. އޭނަގެ ނަޒަރު ހުއްޓިފައިވަނީ ޒީނާއަށެވެ.

“ހޫމް ދެން ތިއެއް ނޫނޭ. ކޮންކަހަލަ ކޭކެއް ހައު ބޭނުންވެގެން ތިއުޅެނީ..” ޒީނާ ސޯފާގައި ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ. ޒުހުރީ އިނީ ޒީނާއަށް ކަޅިޖަހާނުލައި ބަލާށެވެ. ޒީނާގެ ކޮންމެ ހަރަކާތަކަށް ޒުހުރީ އިނީ ގެއްލިފައެވެ.

“ޒީ އަށް ފެންނަ ކޮންމެ އެއްޗެއްވެސް އޯކޭ ވާނެ. ބޭނުންވަނީ މަންމަ ހެޕީކޮށްލަން.” މަންމަ އޭ ބުނުމުން ޒީނާ މަޑުމޮޅިވެ ބަސްހުއްޓުނެވެ. ޒީނާގެ ހަރަކާތްތަކަށް ބަލަން އިން ޒުހުރީއަށް އެކަން ފާހަގަކުރެވުނެވެ.

“ކޮބާ ޒީގެ މަންމަ؟” ޒުހުރީގެ ސްވާލުން ޒީނާގެ ދެލޯ ކަރުނުން ފުރެމުން ދިޔައެވެ. އެމަންޒަރު ބަލަން އިން ޒުހުރީގެ ހިތަށް ވަރަށް އަސަރު ކުރުވައިފިއެވެ. ޒުހުރީ އެހެން އަހައިލީ އެއްވެސް ހާލެއްގައި ޒީނާ ދެރަކުރުމުގެ ނިޔަތުގައެއް ނޫނެވެ. ނަމަވެސް ޒީނާގެ ހިތަށް އަސަރުކޮށްފިކަން ޒުހުރީއަށް ވިސްނުނެވެ. ހައުލާ އަށް ވާނުވާ ނޭންގިގައި އިނދެވުނެވެ.

“ޒީ ރޮނީތަ؟ ހައުލާއަށް އެމަންޒަރު ބަލަން ނީންދެވިގެން ސޯފާއިން ތެދުވެގެން އައިސް ޒީނާ ކައިރީގައި އިށީނެވެ. ޒީނާއަށް ހަމަ ރަނގަޅަށްވެސް ރޮވިއްޖެއެވެ. އެމީހުން ކުރިމަތީގައި ކެތް ކުރެވޭތޯ ޒީނާ މަސައްކަތް ކުރި ނަމަވެސް އެކަން ވީ ބޭކާރު ކަމަކަށެވެ. ރޯން ބޭނުން ނުވިއަސް އޭނަގެ މަންމަމަތިން ހަނދާންވުމުން ޒީނާއަށް ރޮވުނެވެ. ކަރުނަތައް ފޮހެލަމުން ހިތްވަރުކޮށްލާފައި ޒީނާ ވާހަކަ ދައްކަން ފެށިއެވެ.

“މަންމަ ހާރޓް އެޓޭކެއް ޖެހިގެން އިހަށްދުވަހަކު ނިޔާވެއްޖެ. މަންމަ މިކޮޅަށް އައިދުވަހުގެ ރޭ ނިޔާވެއްޖެ. ދެރަވިޔަސް އެނގޭ އެއީ ކޮންމެ މީހަކަށްވެސް އަންނާނެ ދުވަހެއްކަން. މަންމަ މަތިން ހަނދާންވީމަ ރޮވުނީ..” ޒީނާ ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ. އެމީހުން ކުރިމަތީގައި ކަން ހިނގާދިޔަގޮތް ކިޔައިދޭކަށް ޒީނާ ބޭނުމެއް ނުވިއެވެ. ކިތައްމެ ހިތްވަރުކޮށްފައި އެހެން ބުނި ނަމަވެސް ޒީނާގެ ހިތްރޮއްވާލިއެވެ. ޒީނާގެ ބޮލުގައި ލޯބިން ހައުލާ ފިރުމާލިއެވެ. ހައުލާއަށްވެސް ހަމްދަރުދީ ވެވުނެވެ. ޒުހުރީ އެހެން އެތާ އިނަސް ޒީނާގެ ހިތުގެ ކެކުޅުން އިހްސާސްކުރެވުނެވެ. ޒީނާ ރޯތަން ބަލަން ޒުހުރީ އިނީ ކެތްކޮށްލައިގެންނެވެ. ޒީނާއަށްޓަކައި ހަމްދަރުދީ ވެވެނީ ކީއްވެކަން ހުދު އޭނައަށް ވެސް ނޭންގުނެވެ.

“ދެރަނުވޭ ޒީ.. އެއީ ކޮންމެ އިންސާނަކަށްވެސް ކުރިމަތިވާނެ ދުވަހެއް. އަހަރުމެން ޖެހޭނެ ކެތް ކުރަން. މި ދުނިޔެއަކީ އިމްތިހާނެއް. ދެރަވެ ހިތާމަ ކޮށްގެން ވާނެ އެއްވެސް ފައިދާ އެއް ނެތް. މަންމަ އަށް ހެޔޮދުޢާ ކުރޭ. މިހާރު މަންމަ އަށް ބޭނުންވާނީ ވެސް ޒީގެ ހެޔޮ ދުޢާ..” މިފަހަރު ވާހަކަ ދެއްކީ ޒުހުރީއެވެ. ހަމަ ރަނގަޅަށްވެސް ޒުހުރީގެ ހިތުގައި ޒީނާއަށްޓަކައި ހަމދަރުދީ ވެވުނެވެ. ޒުހުރީގެ އޯގާތެރި ބަސްތަކުން ޒީނާއަށް ކޮންމެވެސް ހިތްވަރެއް ލިބުނެވެ. ހައުލާއަށް އިނދެވުނީ ޒުހުރީއަށް ބަލަހައްޓައިގެން ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. ދުވަހަކުވެސް އެގޮތަށް ވާހަކަ ނުދައްކާ މީހަކު ކުއްލިއަކަށް ވާހަކަ ދެއްކި ގޮތުން ހައުލާ އަށްވެސް އިނދެވުނީ ބުނާނެ އެއްޗެއް ނޭންގި ބަސްހުއްޓިފައެވެ.

“ކޭކު ނިންމާފަ ހައުއަށް އަންގާލާ. ދެރަ ނުވާތި އިނގޭ. ހައު ދެން ދަނީ. އަދި ތަނަކަށް ވެސްދާންވެސް ޖެހޭ..” ހައުލާ ބޭނުންވީވެސް އެގޮތެވެ. އިތުރަށް ޒީނާ ދެރަކުރަން އޭނަވެސް ބޭނުމެއް ނުވިއެވެ. ޒުހުރީ އެތަނުން އެހާ އަވަހަށް ދާކަށް ބޭނުމެއް ނުވިއެވެ. އޭނަ ބޭނުންވީ ކުޑަ ވަގުތުކޮޅަކު ނަމަވެސް ޒީނާ ފެންނަ ހިސާބުގައި ހުންނާށެވެ. ހައުލާ ހިނގައިގަތުމުން ޒުހުރީވެސް ތެދުވިއެވެ. ހިނގައި ގަންނަމުން ޒީނާގެ އެ މައުސޫމު މޫނަށް ބަލައިލިއެވެ. ޒީނާއަކީ ކޮންކަހަލަ މާތް ކުއްޖެއް ހެއްޔެވެ. އޭނަގެ މަޑުމޮޅިކަމާއި ވާހަކަ ދެއްކުމުގައި ހުންނަ ސާދާ ގޮތަކުން ޒުހުރީއަށް ޒީނާއާ ދޭތެރޭ ފިކުރުކޮށްލެވުނެވެ. ޒީނާ ފޮނުވާލި ހިނިތުންވުމުން ޒުހުރީގެ ހިތަށް ފިނިކަމެއް ލިބުނެވެ.

***

 ސާރާ ބީވެގެން ދިޔުންވީ އޭނަގެ ހިތަށް ކެތްނުކުރެވޭވަރުގެ ކަމަކަށެވެ. ދުނިޔެމަތިން ފޫހިވެ އެކަނި އުޅުމަށް އިޒުވާނު ލޯބި ކުރަންފެށިއެވެ. ކެއުމާއި ދުރުވެ މުޅި މީހާ އަށް ބޮޑެތި ބަދަލުތަކެއް ދިޔައީ އަންނަމުންނެވެ. ސިނގިރެޓަކީ އިޒުވާނުގެ އެކުވެރިޔަކަށް ވާން ފެށިއެވެ. ޑިއުޓީއަށްވެސް ދަނީ ހިތަން އެރި ދުވަހަކުއެވެ. މީހުންގެ ތެރެއަށް ނުކުމެ އުޅުމާއި މަޖާކުރުންވެސް އެއީ އިޒުވާނަށް ގަޔާވާ ކަމަކަށް ނުވިއެވެ. ކޮޓަރީގައި ވަގުތު ހޭދަކުރުމަކީ އޭނަގެ ދިރިއުޅުމުގެ އާދައަކަށް ވެގެން ދިޔައެވެ. ދުވަސް ތައް އެގޮތުގައި ހޭދަކުރެވެމުން ދިޔައެވެ. ދުނިޔެއަށް އަންނަ ކޮންމެ ބަދަލަކާއެކު އިންސާނާއަށްވެސް ބަދަލުތަކެއް އަންނަމުންދެއެވެ. ނަމަވެސް ޒީނާގެ ހިތުގައި އިޒުވާނަށް ދެވިފައިވާ ލޯތްބާއި ޤަދަރު އެއީ ކޮންމެ ގޮތެއްވިއަސް ބަދަލު ނުވާނެ ހަޤީގަތެކެވެ.

ޒީނާ ހުރީ ހައުލާގެ އެދުމުގެ މަތިން ތައްޔާރު ކުރަން ބުނި ކޭކުގެ މަސައްކަތުގައި ވަރަށް އަވަދި އެމަސައްކަތުގައެވެ. އޭރު އޭނަގެ ފޯނު މޭޒުގެ އެއްފަރާތެއްގައި ބާއްވާފައި އޮތެވެ. ޒީނާ ހަމަ ވަރަށް ބުރަކޮށް ކޭކުގެ މަސައްކަތުގައި އުޅެމުންދިޔައެވެ. ކޭކު އެޅުމަށް ބޭނުންކުރާ ސާމާނު މޭޒުގެ އެކި ދިމާލުގައި އަތުރާލެވިފައި ހުއްޓެވެ. ތައްޔާރު ކުރަމުން ދިޔަ ކޭކަށް ބަލާލުމުންވެސް ޒީނާ އަކީ އެ މަސައްކަތުގައި ކުޅަދާނަ ކަނބަލެއްކަން ހާމަ ވެގެން ދާނެއެވެ. ޓީވީ އޭރު ކޮންމެވެސް އެއްޗެއް އަޅުވާފައި ހުއްޓެވެ. ޓީވީގެ އަޑުވެސް ހުރީ އާދައިގެ ވަރަކަށެވެ.

ފޯނު ވައިބްރޭޓްވާން ފެށުމުން ޒީނާ ގޮސް ފޯނަށް ބަލާލިއެވެ. ފޯނު ފެނުމާއެކު ޒީނާގެ މޫނުގެ ކުލަވަރު ބަދަލުވެ ދެލޯ ބޮޑުވެގެން ދިޔައެވެ. ހިތް ބާރު ބާރަށް ތެޅިގަތެވެ. ވިންދު އަވަސްވާން ފެށިއެވެ. މޭގެ ތެޅުން އަވަސްވެގެން ދިޔައެވެ. އޭރު އޭނަގެ ހިތްއެދޭ ހިތުގެ ރަސްގެފާނު އިޒުވާނު ގުޅަނީއެވެ. ޒީނާ އަށް ފޯނަށް ބަލަހައްޓައިގެން ހުރެވުނެވެ. ފޯނަށް ޖަވާބުދޭންވީ ބާއޭ ހިތަން އަރަމުން ދިޔައެވެ. ނޫނީ އަޅާނުލާ ހުންނަވީބާއޭ ހިތަށް އަރާ ހާލުގައި ބަލަހައްޓައިގެން ހުރެވުނެވެ. ކިތައްމެ ވަރަކަށް އިޒުވާނު އެއްފަރާތްކޮށް ބާކީކޮށްލަން މަސައްކަތް ކުރަން އުޅުނަމަވެސް އެއީ ޒީނާއަށް ވާނެ ކަމެއް ނޫނެވެ.

“ހަލޯ..” ހިތްވަރުކޮށްލާފައި ފޯނަށް ޒީނާ ޖަވާބު ދިނެވެ. ކިތައްމެ ވަރަށް އިޒުވާނު ކައިރިން ސަލާމަތްވާން ބޭނުންވިޔަސް ޒީނާގެ ޡަމީރު އެކަމަށް ތަންނުދެނީ ކީއްވެކަން ވެސް ޒީނާއަށް ނުވިސްނުނެވެ. އިޒުވާނުގެ އަޑުޖެހުނު ވަގުތުވެސް ޒީނާއަށް ހީވީ ކަންފަތްދަށުގައި އިޒުވާނު އައިސް ބޮސްދީފައި ދިޔަހެންނެވެ.

“ކޮންތާކު؟” އިޒުވާނުގެ ވާހަކައިގެ ރާގު ވަރަށް ތަފާތެވެ. އޭނަގެ އަޑުން ޒީނާއަށް ވިސްނާލެވުނެވެ. ހީވަނީ ކަމަކާއި ހިތްހަމަ ނުޖެހިފައި ހުރިހެންނެވެ. އެކަން ޒީނާއަށް ފާހަގަ ކުރެވުމުން އޭނަގެ ހިތް އިހުނަށް ވުރެ ބާރުބާރަށް ތެޅިގަތެވެ.

“ގޭގަ. ކިހިނެއްވީ؟” ޒީނާ ދިނީ ކުރުޖަވާބެކެވެ. ކުޑަކޮށް ހާސްވާގޮތްވިއެވެ. ކުއްލިއަކަށް ހުރިތަނެއް އިޒުވާނު އެހުމުންނެވެ. އަނެއްކާ އިޒުވާނު ކުއްލިއަކަށް އޭނަ މަތިން ހަނދާންވެގެން ގުޅަން ޖެހުނީ ކީއްވެބާއޭ ހިތަން އެރިއެވެ.

“އަހަރެން ބޭނުން ބައްދަލުކުރަން. މަ ބޭނުން ޒީނާ ގާތު ވާހަކަ އެއް އަހަން. ތި ގެ ހުރިތަނެއް ބުނޭ. ތި ހުރިތަނަކަށް މަ ދާން ބޭނުން.. މިހާރު މިވަގުތު މަ ބޭނުން ޒީނާ އާ ބައްދަލުކުރަން..” އިޒުވާނު ވާހަކަ ދެއްކި އަވަސް ރާގުން ޒީނާގެ ހިތުގެ ތެޅުންވެސް އަވަސް ވިއެވެ. ކުރަން ހުރި މަސައްކަތްމަތިންވެސް ފޫހިކުރުވައިފިއެވެ. ޒީނާ އަށް ހަދާނެގޮތް ހުސްވެގެން ދިޔައެވެ. އިޒުވާނު ފެންނަ ހިސާބެއްގައި ހުރުމަކީވެސް ޒީނާ އެދޭގޮތެއް ނޫނެވެ. އެހާ ދުވަސްކޮށްލާފައި އިޒުވާނު އޭނަ ހޯދަން އެ އުޅެނީ ކީއްކުރަން ހެއްޔެވެ.؟ ކޮންމެ ހާލެއްގައި އުޅޭން ޖެހުނަސް އިޒުވާނު ކުރިމައްޗަށް ދިއުމަކީ ޒީނާއަށް އެހާ ފަސޭހަ ކަމެއްވެސް ނޫނެވެ. ޒީނާއަށް ވިސްނާލަން ހުރެވުނެވެ. ދޭނެ ޖަވާބެއް ނޭންގިފައި ހުއްޓާ އިޒުވާނުގެ އަޑު ކަންފަތުގައި ޖެހުނު ވަގުތު ޒީނާއަށް ސިހުމެއް ލިބިގެން ދިޔައެވެ.

ޒިނާ ގެ ހުރިތަން ކިޔައިދެމުން އަވަހަށް ފޯނު ކަނޑައިލިއެވެ. އިޒުވާނު ދައްކަން އަންނާނީ އޭނަގެ ހަޔާތުގެ ކޮން ވާހަކައެއްބާއެވެ؟ މުޅިންވެސް ކަންތައް ދިމާވެފައި ހުރީ ހެންނެވެ. އިޒުވާނު އައުމުގެ ކުރިން ޒީނާ ކޮޓަރިއަށްވަދެ ލައިގެން ހުރި ހެދުން ބަދަލުކޮށްލައިގެން ކޮޓަރިން ނުކުތްތަނާހެން އިޒުވާނު އޭނަގެ ފޯނަށް ގުޅިއެވެ. މޭޒުމަތީގައި އޮތްފޯނު ނަގައިގެން ފޯނަށް ޖަވާބުދިނެވެ. ފޯނު ހިފައިގެން ބެލްކަންޏަށް ނުކުތްއިރު އިޒުވާނު އިނީ ސައިކަލުގައި އެމީހުން ދިރިއުޅޭ ފްލެޓް ކުރިމަތީގައެވެ. ޒީނާއަށް އިޒުވާނު ފެނުމުން ހިތަށް ކުރި އަސަރު ދެގުނައަށް އިތުރުވެގެން ދިޔައެވެ. އިޒުވާނު ފެންނަ ކޮންމެ ފަހަރަކު ޒީނާގެ ހާލަކީއެއީއެވެ. ކިތައްމެ ލޯތްބެއް ވިޔަސް ދުރުވާން މަސައްކަތްކުރިޔަސް އިޒުވާނު ކުރިމައްޗަށް ދިއުންވަނީ މަޖުބޫރުވެފައެވެ.

ޒީނާ އިޒުވާނަށް ގޮވައިލިއެވެ. އިޒުވާނު މައްޗަށް ކަނދުރާ ހިއްލާއިލިއެވެ. އޭނަގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތާމައިގެ އަސަރުތަކެކެވެ. މައްޗަށް އެރުމަށް ޒީނާ އަތުން އިޝާރާތް ކޮށްލިއެވެ. އިޒުވާނު އައިސް ވަނުމުގެ ކުރިން ޒީނާ ދޮރުވެސް ހުޅުވައިގެން އިޒުވާނުގެ އިންތިޒާރުގައި ހުއްޓެވެ. އިޒުވާނު ދައްކަން އުޅޭ ވާހަކައެއް ހިތަން އަރާފައި ޒީނާގެ މޭގަނޑު ހީވަނީ ހަށިގަނޑުންވެސް ބޭރުވާން އުޅޭހެންނެވެ.

އިޒުވާނު އައިސްވަނީ ޒީނާ އޭނަގެ އިންތިޒާރުގައި ހުއްޓައެވެ. އިޒުވާނު ފެނުމުން  އޭނައާއި ހަތަރު ކަޅިވެސް ހަމަކުރާކަށް ނުކެރުނެވެ. އިޒުވާނު ފެނުމުން އިށީންނަށް އެދުނު ނަމަވެސް އިށީންނާކަށް އޭނަ ބޭނުމެއް ނުވިއެވެ. ޒީނާއަށް އިސްޖަހައިގެން ހުރެވުނީއެވެ. ދެ މީހުންގެ ދޭތެރޭގައި ހިމޭން ކަމުގެ ސުކޫތެއް ގެނުވައިފިއެވެ. އެކަކު އަނެކަކާއި ވާހާކަ ނުދައްކާ ބަލައިވެސް ނުލާ ތިބީއެވެ. އެ ހަމަ ހިމޭންކަން ފޫދުއްވާލީ ޒީނާއެވެ. ހިތްވަރު ކޮށްފައިވެސް ވާހަކަ ދެއްކީ ޒީނާއެވެ.

“ޖޫސްތައްޓެއް ބޭނުންތަ؟’ މަޑުމޮޅި ރާގެއްގައި ޒީނާ ބުންޏެވެ. އޭރުވެސް އިޒުވާނު ހުރީ ޒީނާއަށް ފުރަގަސްދީގެންނެވެ.

“އަހަރެން މިތަނަށް މިއައީ ޖޫސްތައްޓެއް ނޫނީ ކާއެއްޗެއްކާކަށް ނޫން. ޒީނާ ގެ ފަރާތުން ކަންތައްތަކެއް އޮޅުން ފިލުވަން..” އިޒުވާނުގެ ވާހަކަ ދެއްކުމުގެ ރާގު ތަފާތުކަން ޒީނާއަށް ފާހަގަކުރެވުނީ ހަރަކަށި ރާގެއްގައި އިޒުވާނު ޖަވާބު ދިނުމުންނެވެ. އިޒުވާނު ކޮށްފާނެ ސުވާލަކާއި ދޭތެރޭ ޒީނާގެ ސިކުނޑިއަށް ބަރުކަމެއް އިހްސާސްކުރެވެންފެށިއެވެ. އޭރުވެސް ޒީނާއަށް އިސްޖަހައިގެން ހުރެވުނެވެ.

“ޒީނާ މިދުވަސްކޮޅު ހާދަ ފާޑަކަށް؟ ވަރަށް ދުރުހެން ވެސް ހީވޭ. އަނެއްކާ އަހަންނަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟ ” އިޒުވާނު ވާހަކަ ދެއްކުމުގެ ރާގު ބަދަލުވެގެން ދިޔައެވެ. އޭރުވެސް އިޒުވާނު ހުރީ ޒީނާއަށް ފުރަގަސް ދީގެންނެވެ. ޒީނާ އިސް އުފުލާލުމަށްފަހު އިޒުވާނަށް ނަޒަރުދިނެވެ. ދުވެފައި ގޮސް ހަށިގަނޑުގައި ބައްދާލުމަށް ހިތް އެދުނެވެ. ނަމަވެސް އެއީ ޒީނާގެ ހައްޤެއް ނޫނެވެ.

“ތީ ހީވާގޮތް. ގޯސްކޮށް ކަމެއް ކުރެވުނަސް ކުރިޔަސް މަޢާފު ކޮށްފައި ހުންނާނީ.. އިރާދަކުރެއްވިއްޔާ އަހަރެންގެ ހިތުގައި އިޒުވާނަށް އެއްވެސް ހިތްބަރު ކަމެއް ނެތް…” ޒީނާ ހާމަ ކުރީ ތެދު ހަގީގަތެވެ. އޭނަގެ ހިތުގައި ވަނީ ސާފު ލޯތްބެވެ. ޒީނާ ގެ ޖަވާބު ސާދާވެފައި އެހާމެ އޯގާތެރިއެވެ. އޭރުވެސް އިޒުވާނު ހުރީ ޒީނާއަށް ފުރަގަސް ދީގެންނެވެ. ކޮންމެ ގޮތެއް ވިޔަސް އެއްވެސް ކަމެއް އަންގާކަށް ޒީނާ ބޭނުމެއް ނުވިއެވެ.

“އިޒުވާން ކިހިނެއްވީ؟” ޒީނާގެ ސުވާލުން އިޒުވާނަށް އުނދަގޫކުރިވިއެވެ. އިޒުވާނަށް ދެލޯ މަރާލެވުނެވެ.

“ކީއްވެހޭ ޒީނާ އަހަރެން އިގްނޯ ކުރަނީ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

ޙުސައިން އަސްލަމް
ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް