މިނިސްޓްރީ އޮފް އާޓްސް ކަލްޗާ ހެރިޓޭޖާއި އެ މިނިސްޓްރީގެ ދަށުން ހިންގަމުންގެންދާ ދިވެހިބަހުގެ އެކެޑަމީއާއި ގުޅިގެން، ބަހާއި އަދަބިއްޔާތުގެ ދާއިރާގެ ފަންނުވެރީންގެ ފޯރަމް ރޭ ނޭޝަނަލް އާޓްގެލެރީގައި ބާއްވައިފި އެވެ.

ލިޔުންތެރީންނާއި ޅެންވެރީންނާއި ވާހަކަދެއްކުންތެރީންގެ ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވެލެއްވި މިފޯރަމްގައި އެބޭފުޅުންގެ ކަންބޮޑުވުންތައް ޙިއްސާކުރި އެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވަނީ ތަޢުލީމީ ދާއިރާގައި ދިވެހިބަހަށް ދޭ ސަމާލުކަން ކުޑަކަމުގެ މައްޗަށެވެ.

ބައިވެރިން ހުށައެޅި ކަންބޮޑުވުންތަކުގެ ތެރޭގައި ސްކޫލްތަކުގައި އަދަބީ މާހައުލެއް އުފެއްދުމަށްޓަކައި އަދަބިއްޔާތުގެ ކަންކަން ކުރުމަށްޓަކައި ޚާއްސަ ކްލާސްރޫމްތަކެއް ހުންނަން ޖެހޭކަމަށް ބައިވެރިން ފާހަގަކުރިއެވެ. ދަރިވަރުން ވަކި އުމުރަކަށް އަންނަންދެން ދިވެހިބަހަށް އިސްކަމެއް ދީގެން ކިޔަވައިދިނުން ކުރިއަށް ގެންދާކަން ފާހަގަކޮށްފައިވާއިރު ބައެއް ބައިވެރިންވަނީ ފަށާ ތަޢުލީމު ދިނުމުގައި ދިވެހިބަށް އިސްކަންދިނުމަށް ގޮވާލާފައެވެ.

ބައެއް ބައިވެރިންވަނީ ނޫސްވެރިކަން ކުރުމުގައިވެސް ދިވެހިބަހަށް ދޭ ސަމާލުކަން މިހާރަށްވުރެ ބޮޑަށް އިތުރުކުރުމަށް ގޮވާލާފައެވެ. މިގޮތުން ކުރިން ސްކޫލްތަކުގައި ނޫސްވެރިކަން ކުރިއެރުވުމަށް ޖަމިއްޔާތަކެއް އޮތްފަދައިން މިހާރުވެސް އެފަދަ ޖަމިއްޔާތައް ސްކޫލްތަކުގައި ޤާއިމްކުރުމަކީ މުހިއްމުކަމެއްކަން ފާހަގަކޮށް ވާހަކަދައްކާފައި ވެއެވެ.

ބަހާއި އަދަބިއްޔާތުގެ ދާާއިރާގެ ބޭފުޅުން މިނިސްޓަރ އޮފް އާޓްސް ކަލްޗާ ހެރީޓޭޖް ޔުމްނާ މައުމޫނަށް އެބައިވެރީންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ހުށައެޅުއްވުމުން ވިދާޅުވީ މިހާރަށްވުރެ ރަނގަޅަށް ބަހުގެ ކަންކަން ކުރިއެރުވުމަށްޓަކައި މަސައްކަތް ކުރައްވާނެކަމަށެވެ. މީގެ އިތުރުން ދަރިވަރުންނަށް ދިވެހިބަސް ކިޔަވައިދިނުމުގައި މައިންބަފައިންގެ ދައުރު ފުޅާކޮށް، ސްކޫލްތަކުގައި ދިވެހި ބަސް ކިޔަވައިދިނުމުގައި ކުދިން ޝައުގުވެރިވާފަދަ ގޮތްތަކަށް ކިޔަވައިދިނުން މުހިއްމުކަންވެސް ފާހަގަކުރެއްވި އެވެ.

ބަހާއި އަދަބިއްޔާތުގެ ދާއިރާގެ ފަންނުވެރީގެންގެ ފޯރަމްގެ ތެރެއިން – ފޮޓޯ: މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް

ބަހާއި އަދަބިއްޔާތުގެ ދާއިރާގެ ފަންނުވެރީގެންގެ ފޯރަމްގެ ތެރެއިން – ފޮޓޯ: މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް

ރޭގެ ފޯރަމްގައި ދިވެހިބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވީ ދިވެހިބަހުގެ އަކުރާ ބެހޭގޮތުން ދިރާސާ ކުރުމަށް ހަމަޖެހިފައިވާކަމަށާ ރާއްޖޭގެ ސްކޫލްތަކުގައި ދިވެހި އަދަބިއްޔާތު ވަކި މާއްދާއެއްގެ ގޮތުގައި ކިޔަވައިދޭން ފެށުމުން ބަސް ކުރިއެރުވުމަށް އިތުރު ފުރުޞަތުތަކެއް ލިބިގެންދާނެކަމަށެވެ. މިކަމުގެ ސަބަބުން އަދަބިއްޔާތުގެ އިތުރު ފޮތްތަކެއް ބަޒާރަށް ނުކުންނާނެކަމަށް އަޝްރަފް ވިދާޅުވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.