ރާއްޖޭގެ ހިޕްހޮޕް ނުވަތަ ރެޕްގައި އެންމެ މޮޅު ލަވަތަކެއް އުފައްދާ ސިމްބޮލިކް ރިކޯޑްސް އިން  މިއީ ވަރަށް ތަފާތު ލަވައެއް ކިޔަމުން އަންނަ ދުވަސްކޮޅެކެވެ. ޓްވިޓަރާއި ފޭސްބްކް ޕޭޖްގައި އެމީހުން މި ކިޔަނީ ކޮން “ހުރެވެނީ”އެއް ހެޔެވެ؟

“މާރޯކާ” ގެ ނަމުގައި ނެރުނު އަލްބަމާއެކު ސިމްބޮލިކް ރިކޯޑްސް އިތުރު ހަރުފަތަކަށް ޖެހިލީ މިދިޔަ އަހަރު އެވެ. މި އަހަރަކީ ސިމްބޮލިކް ރިކޯޑްސް އަށް ބޮޑު އަހަރެކެވެ. ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ހުރި އަހަރެކެވެ.

ސިމްބޮލިކް ރިކޯޑްސްގެ ކްރިއޭޓިވް ޑައިރެކްޓަރ އިސްމާޢީލް ނާއިލް ބުނާގޮތުން މި އަހަރު އެމީހުންގެ ވަރަށް ގިނަ އަލްބަމްތައް ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.

“ހުރެވެނީ” އަކީ ސިމްބޮލިކް ރިކޯޑްސް އިން ކުރަމުން އަންނަ މަސައްކަތްތަކުގެ ކޮންމެވެސް ވަރެއްގެ ކޮޅުމައްޗެއްކަމަށް ޤަބޫލުކުރެވޭވަރަށް “ހުރެވެނީ” އެއްގެ ވާހަކަ އެމީހުން އެބަ ދައްކައެވެ.

“ހުރެވެނީ” އަކީ ކޮން އެއްޗެއްކަން މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް، އެ ލޭބަލްއަށް ނިސްބަތްވާ ބައެއް ފަންނާނުން ސޯޝަލް މީޑިއާގައި ދައްކަމުންދާ ވާހަކަތަކުން މިއީ އައު ލަވައެއް ނުވަތަ އަލްބަމެއް ފަދަ ކަމެއްގެ ވާހަކަ ކަމަށް ޤަބޫލުކުރެވެއެވެ. އެހެންނޫނީ ބޮޑު ޝޯ އެއް ބާއްވަން އުޅެނީކަމަށް ވެސް ވެދާނެއެވެ.

“ހުރެވެނީ” އާ ގުޅޭ ގޮތުން ސުވާލުކޮށްލުމުން ސިމްބޮލިކް ރިކޯޑްސްގެ ކްރިއޭޓިވް ޑައިރެކްޓަރ އިސްމާޢީލް ނާއިލް ބުނީ، ‘ހުރެވެނީ’ އަކީ ސިމްބޮލިކްގެ އައު އުފެއްދުމެއް ކަމަށާއި، ވަރަށް އަވަހަށް އެހުންތެރިންނާއި ހަމައަށް “ހުރެވެނީ” ގެނެސްދޭނެ ކަމަށެވެ.

ސިމްބޮލިކް ރިކޯޑްސް އިން މިއަހަރަށް ރާވާފައިވާ ބައެއް ކަންތައްތައް މުނިއަވަސް އަށް ހިއްސާކުރަމުން ނާއިލް އިތުރަށް ބުނީ “ހުރެވެނީ” އަކީ ސީދާ ކޮންއެއްޗެއްކަން ހާމަކުރަން އަދި ބޭނުން ނުވާ ކަމަށާއި، ނަމަވެސް ވަރަށް އަވަހަށް އެހުންތެރިންގެ އަތްމައްޗަށް “ހުރެވެނީ” ދޫކޮށްލާނެ ކަމަށެވެ.

އެ ބުނާ “ހުރެވެނީ” އެއްގެ ހުރިވަރެއް ބަލައިލަން ތިބެމާ ހިނގާށެވެ. ނާއިލްގެ ވާހަކަތައް ހުރިގޮތުން ހަމަގައިމުވެސް “ހުރެވެނީ” ވެގެންދާނީ އެހުންތެރިންނަށް ލިބޭ އުފާވެރި ޚަބަރަކަށްކަން ގައިމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.