“ތީ ހީވާގޮތް. ގޯސްކޮށް ކަމެއް ކުރެވުނަސް ކުރިޔަސް މަޢާފު ކޮށްފައި ހުންނާނީ.. އިރާދަކުރެއްވިއްޔާ އަހަރެންގެ ހިތުގައި އިޒުވާނަށް އެއްވެސް ހިތްބަރު ކަމެއް ނެތް…” ޒީނާ ހާމަ ކުރީ ތެދު ހަގީގަތެވެ. އޭނަގެ ހިތުގައި ވަނީ ސާފު ލޯތްބެވެ. ޒީނާ ގެ ޖަވާބު ސާދާވެފައި އެހާމެ އޯގާތެރިއެވެ. އޭރުވެސް އިޒުވާނު ހުރީ ޒީނާއަށް ފުރަގަސް ދީގެންނެވެ. ކޮންމެ ގޮތެއް ވިޔަސް އެއްވެސް ކަމެއް އަންގާކަށް ޒީނާ ބޭނުމެއް ނުވިއެވެ.
“އިޒުވާން ކިހިނެއްވީ؟” ޒީނާގެ ސުވާލުން އިޒުވާނަށް އުނދަގޫކުރިވިއެވެ. އިޒުވާނަށް ދެލޯ މަރާލެވުނެވެ.
“ކީއްވެހޭ ޒީނާ އަހަރެން އިގްނޯ ކުރަނީ. ކޮންމެ ފަހަރަކުވެސް ޒީނާ ކަންތައްކުރަމުންދާގޮތުން ހީވަނީ އަހަރެންގެ ފަރާތުން ޒީނާއަށް ވަރަށް އުނދަގޫ ކުރެވިފައޭ ހުރީ. އެކަމާ މަ ވަރަށް ވިސްނައިފިން. ހަމަ އެއްގޮތަކަށްވެސް ނޭންގުނު ކީއްވެކަމެއް؟” އިޒުވާނު ދައްކަން އެޅޭ ވާހަކައެއް ނޭންގިފައި ޒީނާއަށް ހުރެވުނެވެ. ނަމަވެސް ޒީނާއަށްވެސް އުނދަގޫތަކެއް ކުރެވެމުން ދިޔައެވެ. އޭނަގެ ހިތް ހީވަނީ މިހާރު ހަށިގަނޑުން ބޭރުވެދާނެ ހެންނެވެ.
“ތީ އިޒުވާނަށް ފީލް ވާގޮތް.. އިޒުވާނު ތީ މަގޭ ކާކު މަ އިގްނޯކޮށްގެން ތިވަރަށް ވިސްނަން” ޒީނާއަށް ނޭންގިނަމަވެސް ވަރުގަދަ ހަމަލާއެއް އިޒުވާނަށް ފޮނުވާލެވުނެވެ. ދޮގު ހަދަން އުޅެމުންވެސް ބުނެވުނީ ކީކޭކަން ޒީނައަށް ވިސްނުނީ މާފަހުންނެވެ. އެކަން އޭނަގެ މޫނުމަތިންވެސް ފާޅުވެގެން ދިޔައެވެ.
“ޒީނާ ނުބުންޏަސް އެނގޭ ޒީނާ އަހަރެން ދުރުކޮށްލައިފިކަން.. އެކަމަކު ވެސް މިއަދާހަމައަށް އަޅާނުލާ އަހަރެންވެސް ހުރީ ސަބަބު އެނގެން ބޭނުން ނުވާތީއެއް ނޫން. ކޮންމެ ފަހަރަކުވެސް ޒީނާ ދުވެ ފިލަނީ. ނޭންގެ ކީއްވެ ކަމެއް؟ އަހަރެންވެސް ގާތް މީހަކު ބޭނުންވާތީ ޒީނާގާތުގަ އަހަރެންގެ ގާތް މީހެއްގެ ގޮތުގަހުރުމަށް އެދުނީ..” އިޒުވާނު ވާހަކަ މެދުކަނޑާލަމުން ގޮސް ދޮރުކައިރީގައި ހުއްޓުނެވެ. ފުންނޭވާއެއްލަމުން އަނެއްކާވެސް އިޒުވާނު ވާހަކަ ދައްކަން ފެށިއެވެ.
“ޒީ ކަންތައް ކުރާގޮތުން ވަރަށް އުނދަގޫވޭ.. އެކަމަކުވެސް” އިޒުވާނުގެ ވާހަކަ މެދުކަނޑާލަން ޖެހުނީ ޒީނާ ވާހަކަ ދައްކަން ފެށުމުންނެވެ. ޒީނާ ވާހަކަ ދައްކަން ފެށީކެތް ނުވެގެންނެވެ. އިޒުވާނު އެނބުރިލީ ޒީނާ ވާހަކަ ދައްކަން ފެށުމުންނެވެ. އޭރު އިސްޖަހައިގެން ހުރި ޒީނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ވަރަށް ރީއްޗަށް އިޒުވާނަށް ފެންނަމުން ދިޔައެވެ.
“އިޒުވާނު. މަ ކޮންގޮތަކަށް ކަންތައްކުރީ ބުނެބަލަ..؟ އީމާ މަރުގެ ކަންތައް ހިނގާ ދިޔައިރު މަ ހުރި ހާލަތު އެނގޭނީ މަށަށްދޯ.. މަގޭ އިއްފަތްތެރިކަން ގެއްލި މަގޭ މަންމަ މަގޭ ލޯކުރިމަތީގައި ހިތްފަޅައިގެން ގޮސް މަރުވީ. ހުރިހާ ކަމެއް ވެގެން ދިޔައީ މަގޭ ކުރިމަތީގައި. އެންމެ ފަހަރަކުވެސް ގުޅާފަ ނޫނީ ދިމާވެގެން އިޒުވާނު އައިސް އިޒުވާނުގެ ލައިފްވާހަކަ ފަށާއިރު އެންމެ ފަހަރަކުވެސް މިއެކުވެރޔާ ގާތު އަހާލިންތަ ޒީނާ ހާލު ކިހިނެއްހޭ؟ ކަންތައްތައް ކިހިނެއްހޭ އަލާލެވުނުތަ؟ ” އިޒުވާނު ދެކެ ވާލޯތްބެއްގެ ބޮޑުކަމުން ޒީނާއަށް ނުހުރެވިގެން ބުންޏެވެ. އެއްވެސް ހާލެއްގައި އިޒުވާނު ކުރިމަތީގައި އެއްވެސް ވާހަކައެއް ހާމަކުރަން ބޭނުމެއްނުވިއެވެ. ނަމަވެސް އިޒުވާނު ކުރަންފެށީ މަޖުބޫރެވެ.
“މަ ބޭނުމެއްނޫން އިޒުވާނު ފެންނާކަށްވެސް. ވަގުތާއި ހާލަތުގެ ގޮތުން އިޒުވާނުގެ ކުރިމައްޗަށް ދެވެނީ. ކިރިޔާވެސް ގޮތެއް އޮތްނަމަކަ އިޒުވާނު ކުރިމައްޗަށް މަ ނުވެސް ދާނަން..” ޒީނާގެ އަރުބެދޭގޮތްވިއެވެ. އޭރުވެސް އޭނަގެ ދެލޮލުން ކަރުނަތައް އޮހެމުން ދިޔައެވެ. އިޒުވާނު ނޫން އެހެން މީހެއް ނަމަ ވަގުތުން އަންހެންކުއްޖެއްގެ ކަރުނަ ފޮހެދޭން މަސައްކަތް ކުރާނެތާއެވެ.
“އެއީ ކީއްވެ؟ ޒީއަށް އަހަރެންމީ މުހިއްމު މީހެއް ނޫނަސް އަހަންނަށް ޒީ ވަރަށް މުހިއްމު. ތިހާ އަހަރެން ދުރުކޮށްލަން ޖެހުނު ކޮންމެވެސް ސަބަބުތަކެއް ހުންނާނެ..” އިޒުވާނު ބޭނުންވީ ޒީނާގެ ހިތުގެ ފޮރުވަމުންދާ ކަންތަން ހޯދާށެވެ. ޒީނާ ބުންޏަސް ބުނީ ވެސް ތެދުވާހަކަތަކެވެ. އެހާ ގާތްކޮށް ދެކޭނަމަ އެންމެ ހާލުގައި އުޅުނު ދުވަހު ވެސް ހާލުބަލާނެތާއެވެ.
‘ކީއްވެ ތި ހުރިހާކަމެއް ވެގެން ދިޔައިރު އަންގާނުލީ؟” ޒީނާ ގެ ހާލަތު ހުރިގޮތުން ޒީނާއަށް އެއްވެސް މީހަކަށް އެކަން އަންގާނެ ގޮތެއްވެސް ނެތެވެ. އޭނަ ހުރީވެސް އެފަދަ ހާލަތެއްގައެއްވެސް ނޫނެވެ. މިޒާޖުގެ ގޮތުން އޭނައަކީ މީހުންނަށް ކަންތައް ސިއްރުކުރަން ދަންނަ ކުއްޖެކެވެ. ހަޤީގަތް އެނގުނަސް އިންސާނުންނަކީ އެހާމެ އަވަހަށް ކަންތައް މަތިން ހަނދާންނެތިގެން ދާނެ ބައެކެވެ. އަބަދުވެސް އެމީހެއްގެ އަމިއްލަ އުފަލާއި ހިތްހަމަ ޖެހުމަށް އެންމެންވެސް އިސްކަންދޭ ޒަމާނަކަށް މިހާރުގެ މީހުންގެ ދިރިއުޅުމުގެ ވައްޓަފާޅިވަނީ ހޭނިފައެވެ.
“ކޮން ހައިސިއްޔަތަކުން..؟ އިޒުވާނު މުޅިންވެސް ވިސްނާނީ އިޒުވާނުގެ އަމިއްލަ އުފަލަށް.. އިޒުވާނު ތީ އެއްވެސް އިރެއްގައި އެހެން މީހުންގެ އިހްސާސްތައް ނޭންގޭ މީހެއްކަން އެނގިއްޖެ. މަ ނުޖެހޭއިޒުވާނު ގާތު ހުރިހާ ވާހަކައެއް ބުނާކަށް” ޒީނާ އަނެއްފަރާތަށް އެނބުރުނީ އިޒުވާނު ބަލާކަށް އެނގުމުންނެވެ.
“މަމީ އިޒުވާނުގެ ކާކު؟” ޒީނާއަށް ގިސްލެވުނެވެ. ޒީނާ ބުނަން ބޭނުން ނުވިއަސް މިހާރު ބައިވަރު ވާހަކަތައް އޭނަގެ ދުލުން ބޭރުވެގެން ދިޔައެވެ.
“ޒީނާއަށް އެނގޭތަ؟ އަހަރެންވެސް ވަރަށް އެކަނި ވެއްޖެ.. ޤަބޫލުކުރަން އަހަރެންވެސް މިއީ ކުއްވެރިއެއްކަން. އެތައް އަންހެންކުދިންގެ ދިރިއުޅުމަށްވަދެވިފަ ހުރިކަން.. ލޯތްބަކީ ކޮންކަހަލަ އެއްޗެއްކަން ވިސްނުނުއިރު ވަގުތު ފާއިތުވެއްޖެ.. ކިހިނެއް އަހަރެން ސާރާއާ ނުލާ އުޅޭނީ..” އިޒުވާނު އޭނަގެ ދެފައި މައްޗަށް ތިރިވިއެވެ. ލޯތްބެއް ބީވެގެން ދިއުމުން މިއަދު އެކަން އިޒުވާނުއަށް އިހްސާސްކުރެވުނެވެ. ޒީނާއަށް ފަސްއެނބުރި ބަލައިލެވުނެވެ. އޭރު އިޒުވާނު ދެފައި މައްޗަށް ތިރިވެ އިސްޖަހައިގެން އިނދެ ރޮމުން ދިޔައެވެ. ޒީނާއަށް އެމަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. ޒީނާގޮސް އިޒުވާނުގެ ގާތުގައި އުޑުފައިން އިށީނެވެ. ޒީނާއަކީ ދިރިއުޅުމުގައި ހުރިހާ ލޯތްބަކުން މަޙްރޫމުވެފައިވާ ކުއްޖެކެވެ. އެހެނަސް އެ ހުރިހާ ކަމަކަށް ކެތްކުރިއެވެ.
“އިޒުވާން..” ޒީނާ ވެސް ރޮމުން ދިޔައެވެ. އިޒުވާނުގެ ހާލަތު ޒީނާއަށް ކިތައްމެހާވެސް ރަނގަޅަކަށް އިހްސާސްކުރެވުނެވެ. ލޯތްބަކީ ފާޑެއްގެ ޖަޒުބާތެކެވެ. އިޒުވާނަށް ޒީނާއަށް ބަލާލެވުނެވެ. އަންހެންކުއްޖެއްގެ ކުރިމަތީގައި ރޯންޖެހުމުން އިޒުވާނުވެސް ޖެހިލުންވިއެވެ. އެންމެގެ ނަޒަރުގައި ފިރިހެނުންނަކީ ކަރުނަ އަޅާފައި ރޯނެ ބައެއް ނޫނެވެ. ފިރިހެންނުންނަކީ އެއަށްވުރެ ހިތްވަރުގަދަ ބައެކެވެ. ނަމަވެސް ހަޤީގަތަކީ ފިރިހެނުންވެސް ރޯނެއެވެ. ގިސްލާފައި ކަރުނަ އަޅަމުން ރޯނެ ބައެކެވެ. އިންސާނުންނަކީވެސް ތަފާތު ބައެކެވެ. ފަސް އިނގިލި އެއްވަރެއްވެސް ނޫނެވެ. ރުއިމާއި ކަރުނަ އަކީ ހަމަ އެކަނި އަނހެނުންގެ ހައްގެކަމަށްވާނަމަ ހިތަކީވެސް ހަމަ އެކަނި އަންހެނުންނަށް ލިބިގެންވާނެ ގުނަވަނެއްތާއެވެ.
ޒީނާއަށްވެސް އިޒުވާނަށް ބަލާލެވުނެވެ. އޭނަގެ ދެލޯވަނީ ރުއިމުގެ ސަބަބުން ރަތްވެފައެވެ. މޫނުވަނީ ތާޒާކަން ގެއްލިފައެވެ. ހަމަ އެވަގުތު ދެމީހުންގެ ހަތަރު ކަޅި ހަމަވެގެން ދިޔައެވެ. ޒީނާއަށް އިޒުވާނުގެ ދެލޮލުން ސާރާދެކެވާ ލޯބި ކިތައްމެހާވެސް ސާފުކޮށް ފެންނަމުން ދިޔަކަހަލައެވެ. އިޒުވާނުގެ ލޮލުން ފައިބަމުންދިޔަ ކަރުނަތަކަކީ ސާރާއަށްޓަކައި އޮހޮރެމުންދިޔަ ކަރުނަތަކެވެ. އޭނަ ސާރާދެކެ ވީ ހަޤީގީ ލޯތްބެވެ. އެކަން ޙުދު އެ ދެލޮލަށް ބަލާލުމުން ފެންނަމުން ދިޔައެވެ. ޒީނާ މަޑުމަޑުން ތެދުވަމުން އިޒުވާނާއި ދުރަށް ޖެހުނެވެ.
އިންތަނުން ތެދުވެގެން ޒީނާ ދުރައްދިޔައީ ކެތް ނުވެގެންނެވެ. ޒީނާ ގެ ހިތްވިރިގެން ދިޔަކަހަލައެވެ. ލޮލުގައި ޖަމާވެފައިވާ ކަރުނަތައް އަނެއްކާވެސް އޭނަގެ ކޯތާފަތް ތެއްމާލީ އެއްވެސް އިހްތިޔާރެއްއް ނެތިއެވެ. އިޒުވާނު އެހެން އަންހެނަކު ދެކެ ލޯބިވާކަށް އެނގޭ ކޮންމެފަހަރަކު ޒީނާއަށް ކެތެއް ނުކުރެވެއެވެ. ލޯބިން ގޮސް ބައްދާލާފައި ހުރިހާ ވާހަކަތަކެއް ބަނޑުންކޮށްލަންވެސް ބޭނުންވިއެވެ. ހިތަށް ލިބެމުންދާ ވޭންތައް އިޒުވާނަށް އިހްސާސްވެސް ނުކުރެވެނީ ހެއްޔެވެ؟ ފައި މައްޗަށް ވެއްޓި އާދޭސް ކުރަންވީއޭވެސް ޒީނާގެ ހިތަށް އަރަމުން ދިޔައެވެ. އެވާހަކަތައް ކިޔައިދޭން ބޭނުންވިއަސް އެކަން ކުރަން ޒީނާއަށް ނުކެރެނީ އޭނައަށް ހައްޤުލޯތްބަކަށް ނުވާތީއެވެ. ކޮންމެ ގޮތެއްވިޔަސް އެނޫން އިންސާނަކު ޒީނާގެ ހަޔާތަށް ގެންނަންވެސް ބޭނުމެއް ނޫނެވެ. އެ ހިތުން ޖާގައެއް ލިބުނަސް ނުލިބުނަސް ޒީނާގެ ހިތުގައި ވަނީ އެންމެ ނަމަކެވެ. ލޯބިވީ އެންމެ މީހަކު ދެކެއެވެ. ޒީނާގެ ދެލޯ ކަރުނުންފޯވެ ކޯތާފަތް ތެއްމާލައިފިއެވެ. ލައިގެންހުރި ހެދުމުގައިވެސް ކަރުނަތައް ހަނގުރާމަ ކުރަނީއެވެ. ޒީނާ ކެތް ކުރަން އުޅުނަސް މިއަދު އިޒުވާނު ކުރިމަތީގައި ހުރިހާ ވާހަކަތަކެއް އޮއްސާލަން މަޖުބޫރުވެއްޖެއެވެ.
އިޒުވާނުވެސް އިންތަނުން ތެދުވަމުން ދެލޯ ފޮހެލިއެވެ. އެތަނުން ނުކުމެގެން ދިއުމަށް އިޒުވާނު ހިނގައިގަތެވެ. އެމަންޒަރު ޒީނާއަށް ފެނުމާއެކު ބާރު ހިނގުމެއްގައި ގޮސް އިޒުވާނުގެ ގައިގައި ބާރަށް ބައްދައިގަތެވެ. އިޒުވާނު ހުރީ އެކަހަލަ ކަމަކަށް ވިސްނައިގެން ނޫންކަމުން އިޒުވާނު ވެސް ފަސްފަހަތަށްގޮސް ނުވެއްޓުނީ ކިރިޔާއެވެ. ޒީނާ އުޅުނު ގޮތުން އިޒުވާނަށްވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭންގިފައެވެ. އޭނައަށް ޒީނާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް ވަރަށް ރީއްޗަށް ފެންނަމުން ދިޔައެވެ. އިޒުވާނުގެ ބިޔަ ހަށިގަނޑުގައި ޒީނާ އޮޅުލައިގަނެގެން ހުރި އިރު ހީވަނީ ދުވަހަކުވެސް ދޫކޮށްލަން ބޭނުން ނުވާ ހެންނެވެ. ޒީނާގެ އަމަލުތައް ހުރިގޮތުން އިޒުވާނު ވެސް ހަދާނެގޮތް ހުސްވިއެވެ. ޒީނާ ގިސްލުމުގެ އަޑު އިޒުވާނުގެ ކަންފަތުގައި ޖެހުނެވެ.
އިޒުވާނު މަޑުމަޑުން އޭނަގެ ހަށިގަނޑުން ޒީނާ ދުރުކޮށްލަމުން އޭނަގެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެދިނެވެ. ލޯތްބާއި އޯގާތެރިކަމާއެކުގައެވެ. ނަމަވެސް އިޒުވާނަށް ނޭންގޭ ކަމަކީ ޒީނާ އެހާވަރަށް ރޯންޖެހޭ ސަބަބެވެ. ޒީނާ އިސްއުފުލާލާފައި އިޒުވާނުގެ މޫނަށް ބަލައިލެވުނެވެ. ލޯބިން ފުރިގެންވާ ގޮތަކަށެވެ. އެ ބެލުމުގައިވަނީ ލޯތްބާއި ހަމްދަރުދީއެވެ. ވޭނާއި ކެކުޅުމެވެ. އިޒުވާން ހާސްވާން ފެށިއެވެ. ޒީނާގެ އަނެއްކާވެސް އިޒުވާނުގައިގައި އޮޅުލައިގަތެވެ. ޒީނާ އުޅެމުންދިޔައީ މޮޔައަކު އުޅެމުންދާފަދަ ގޮތަކަށެވެ.
“އިޒުވާނު ތީ މި ދުނިޔޭގަ އަހަރެންގެ ހުރިހާވެސް މީހަކީ. އެންމެ ފުރަތަމަ ދުވަހު އިޒުވާނު ފެނުނު ހިސާބުން އަހަރެންގެ ހިތް އިޒުވާނަށް ދީފިން. އިޒުވާނަށްޓަކައި އަހަރެން ކަރުނަ ނާޅާ އެންމެ ދުވަހެއްވެސް ނުދާނެ. އަހަރެންގެ މަންމަ ނިޔާވެގެން ވެސް އަހަރެން ހިތާމަ ނުކުރާވަރަށް އިޒުވާނުގެ ލޯތްބަށް އެދި ހިތާމަ ކޮށް ކަރުނަ އަޅައިފިން. އިޒުވާނާއި ދުރަށްދާން އަހަރެން ވަރަށް މަސައްކަތްވެސް ކޮށްފިން. އެނގޭހާވެސް ކަމަކީ ތީ މަށަށް ހައްޤު ލޯތްބެއް ނޫންކަން. އިޒުވާނު އަހަރެންދެކެ ލޯބިނުވާކަންވެސް އެނގޭ. އިޒުވާނު އަހަރެންދެކެ ލޯބިވާން މަގޭ ގައިގަ ހުރީ ރީތިކޮން ސިފައެއް. ތިޔަ ސޫރަ ފެންނަންވެސް އަހަރެން ބޭނުމެއްނުވޭ. ،މިހިތަށް ކުޅަދާނަ އެއްވެސް ނޫން. އެހެން އަންހެނަކުދެކެ ލޯބިވާ ވާހަކަ އަޑު އަހާކަށް އަހަރެންގެ ކަންފަތަކަށް ކުޅަދާނައެއްނޫން. އިޒުވާނުގެ ލޯބި ކިތައްމެ ބޭނުން ވިޔަސް އަހަރެންގެ ދުލުން އެކަން ބަޔާން ކުރަންވެސް ބޭނުމެއް ނުވޭ. މަށަކީ ވަރަށް ނަސީބު ދެރަ މީހެއް..” ޒީނާ ސިއްރު ކުރަމުންދިޔަ ހުރިހާ ވާހަކަތަކެއް އެއްފަހަރާ އިޒުވާނުގެ ހަށިގަނޑުގައި އޮޅުލައިގެން އޮވެ ބަންޑުންކޮށްލެވުނީ ކެތް ނުވެގެންނެވެ،. އެ ހިތްވަނީ ކުދިކުދިވެފައެވެ. އެ ލޯބި ނުލިބުނަސް އެ ހުރިހާ ވާހަކަތަކެއް ގަސްތަކާނުލާ އެވަނީ އިޒުވާނުކުރިމަތީގައި ހާމަވެގެން ގޮސްފައެވެ. އޭރުވެސް ޒީނާ ގެ ދެލޮލުން ކަރުނަ އޮހެމުން ދިޔައެވެ.
އިޒުވާނަށް ހުރެވުނީ ބުނާނެ އެއްވެސް އެއްޗެއް ނޭންގި ބަސް ހުއްޓިފައެވެ. ދުނިޔޭގައި އޭނަ ދެކެ އެހާ ވަރަށް ލޯބިވާ މީހަކު ހުރެ އޭނައަށް އެކަން ނޭންގެންވީ ކީއްވެ ހެއްޔެވެ؟ އިޒުވާނަށް ބުނާނެ އެއްވެސް އެއްޗެއް ނޭންގިފައި ހުރެވުނެވެ. އޭނަގެ ގައިގައި ބައްދާލައިގެން މިއަދު އެހުރީ އޭނަދެކެ އެންމެ ލޯބިވާ ކުއްޖާހެއްޔެވެ؟ އޭނަގެ މޭގައި ބޯއަޅައިލައިގެން ރޯން އެ ހުރީ އޭނަދެކެ އިންތިހާއަށް ލޯބިވާ ކުއްޖާބާއެވެ؟ އޭރުވެސް ޒީނާ ހުރީއެވެ.
ޒީނާއަށް ކިޔުނު އެއްޗެހިތައް ހަނދާންވެގެން އިޒުވާނުގެ ގައިން ވީއްލިގަތެވެ. އިޒުވާނުގެ ސުވާލުން ފުރިގެންވާ އެހިތްގައިމު މޫނަށް ޒީނާއަށް ބަލާލެވުނެވެ. ޒީނާ އަވަސް އަވަހަށް ފަސްފަހަތަށް ޖެހުނެވެ. އިޒުވާނުގެ ސޫރަދެކެން ޒީނާ ބޭނުމެއް ނުވިއެވެ. ނޭންގި ނަމަވެސް ހިތުގެ އުދާސްތައް އޭނަގެ ކުރިމަތީގައި ބަންޑުން ކޮށްލެވުނެވެ. އަތުގެ ނުފުށުން ކަރުނަތައް ފޮހެމުން ބާރުހިނގުމެއްގައި ގޮސް ކޮޓަރިއަށްވަދެ ކޮޓަރި ތަޅުލިއެވެ. ކޮޓަރީގެ ދޮރުގައި ޒީނާ ލެނގިލައިގެން ހުރެ ރޯންފެށިއެވެ. ނަމަވެސް އޭނަގެ އަޑު ބޭރުވާގޮތެއް ނުވިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް އެނދުމައްޗަށް ވެއްޓިގައެވެ. ޒީނާގެ ހިތް ހަލާކުވެއްޖެއެވެ. އިޒުވާނު ދެކެ ލޯބިވުމަކީ ކުރެވުނު ބޮޑު ފާފައެއް ފަދައެވެ.
ޒީނާ ދެއްކި ވާހަކަތަކުން އޭނަގެ ހިތުގައި އަޅަމުން ދިޔަ ވޭންތަށް އިޒުވާނަށް އިހްސާސް ކުރެވުނެވެ. އޭނަގެ ލޯތްބަށް އެދޭވަރު ހާމަވެގެން ދިޔައެވެ. ޒީނާ އޭނަގެ ލޯތްބަށްޓަކައި ކެތްކުރަމުންދާވަރު ވެސް އިޒުވާނަށް ވިސްނާލެވުނެވެ. ޒީނާ ކޮޓަރިއަށް ވަތްގޮތަށް ހަބަރެއްވެސް ނުވިއެވެ. ދޮރުގައި ގޮސް ޓަކި ޖަހާލަންވެސް ނުކެރިފައި އިޒުވާނަށް އެދިމާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ހަދާނީ ކިހިނެއްކަންވެސް ނުވިސްނުނެވެ. އެންމެ ރަނގަޅުގޮތަކީ އެތަނުން ދިއުން ކަމަށް ބަލާފައި އިޒުވާނު އެގެއިން ނުކުތެވެ.
ޒީނާ އެނދުމަތީގައި ބަނޑުން ރޯންއޮތެވެ. އޭނަ ބޭނުންވީ ވެސް ހިތްފުރެންދެން ރޯލާށެވެ. ހަޔާތުގައި އޭނަގެ ހުރިހާވެސް ބައިވެރިޔާކީ ކަރުނައެވެ. ހިތްހަމަ ޖައްސައިދޭ ލޯބިވެރިޔަކީ ވެސް އެކަރުނަތަކެވެ. ހިތަށް ކުރާ އަސަރުން ޒީނާގެ ހިތްވަނީ ކުދި ކުދި ވެފައެވެ. ދިރިއުޅުންވަނީ ވިއްސިވިހާލެވިފައެވެ. ހިތްވަރެއް ހުރިނަމަވެސް އެ ހިތްވަރު ކުރަނީ ހަމަ އެކަނި އަމިއްލަ ނަފްސަށްޓަކައެވެ. ލޯބި ސިއްރުކޮށްގެން ހިތްފަޅައިގެން ދާނެ ނަމަ ޒީނާ އަކީ ހަމަ ގައިމުވެސް އެ ބަލީގައި މަރުވާނެ އިންސާނެކެވެ. ކެތް ކުރުންވެސް ކޮޅުންލައިފިއެވެ. ކޮންމެ ގޮތެއްވިއަސް އިޒުވާނު ކުރިމަތީގައި ލޯބިވާކަން ހާމަ ކުރެވުނެވެ.
އެނދުމަތިން ހަށިގަނޑު ހިއްލައިލީ ހިތްފުރޭވަރަށް ރޯލާފައެވެ. ޒީނާގެ މޫނުވަނީ ރުއިމުގެ ސަބަބުން ދުޅަވެފައެވެ. ދެލޯވަނީ ރަތްވެ ކުޑަވެފައެވެ. އިސްތަށިގަނޑު ހުރީ ހޭވިގެން އޮޅިބޮޅިވެފައެވެ. މޫނު ރީތިކޮށްލަމުން ގޮސް ޑްރެސިން ޓޭބަލްކައިރީގައި ހުއްޓުނެވެ. ރަނގަޅަށް އޭނަގެ ސޫރައަށް ބަލައިލިއެވެ. ގިނައިރުތަކެއްވަންދެ ރުއިމުގެ ސަބަބުން މޫނުމަތީގެ އުޖާލާކަންވެސް ވަނީ ގެއްލިފައެވެ. ކޮޓަރިތެރެއަށް ނަޒަރު ހިންގާލިއެވެ. ކޮންމެވެސް އެއްޗެއް ހޯދާ އުސޫލުން ތަންތަން ހޯދަން ފެށިއެވެ. މަޑު ފިޔަވަޅެއްގައި ކޮޓަރީގެ ދޮރާއި ދިމާއަށް ހިނގައިގެތެވެ. ކޮޓަރީގެ ތަޅުގައި ހިފާލުމަށްފަހު ދޮރުހުޅުވާލުމަށް ބޭރު ބަލައިލިއެވެ. ސިޓިންރޫމުގައި އިޒުވާނު ހުރިތޯއެވެ. އިޒުވާނު ފެންނަން ނެތުމުން އަވަސް އަވަހަށް ބޭރަށް ނުކުތެވެ. މޭޒުމަތީގައި އޮތްވަޅި ޒީނާގެ ލޮލުގައި އަޅައިގަތެވެ. ވަޅި ހިފައިގެން ޒީނާ ގޮސްވަނީ ކޮޓަރިއަށެވެ. ވަޅި ހިފައިގެން ޒީނާ ކުރަން އުޅެނީ ކީއްކުރަންބާއެވެ؟
ހިތަށް ލިބެމުންދިޔަ އަނިޔާތަކަށް ޒީނާ އަށް އިތުރަކަށް ކެތެއްނުކުރެވުނެވެ. އިންތިހާއަށް ލޯބިވެ ޒީނާގެ ދިރިއުޅުން އިތުރަށް ކުރިޔަށް ގެންދަން ޒީނާ ބޭނުން ނުވަނީއެވެ. ދިރިއުޅުމައިގެން ކުރިޔަށް ނުދެވޭނެ ވަރަށް ޒީނާގެ ހަށިގަނޑުގައި ބާރު ހުސްވީހެއްޔެވެ؟ ވަޅިއަށް ޒީނާ ބަލަމުންދިޔައީ ވަރަށް ޝައުޤުވެރި ގޮތަކަށެވެ. ހީވަނީ މޮޔައަކު އެއްޗަކާއި ދިމާއަށް ބަލަމުންދާހެންނެވެ. ގޮތް ނޭންގޭ އެއްޗަކަށް ބަލާހެން ޒީނާ އެވަޅިއަށް ނަޒަރު ހިންގަމުން ދިޔައެވެ. ވަޅިއަށް ބަލަން ހުރުމަށްފަހު ވަޅީގެ މިޔައިގައި އަނެއްއަތުން އަތްހާކާލިއެވެ. އޭނަގެ މިލްކަކަށް ނުވި އިޒުވާނުނަށްޓަކައި ދުނިޔޭގައި ހުންނަންވެސް ފޫހިވެއްޖެއެވެ. އިތުރަށް ވަޅިއަށް ގެއްލިފައި ހުންނާކަށް ޒީނާ ބޭނުމެއް ނުވިއެވެ. އޭނަގެ އަވަސް ހަރަކާތުން އަތުގައި ވަޅި ދަމާލިއެވެ. އެހިނދު ޒީނާގެ އަތުންލޭތަށް އޮހިގަތެވެ. ޒީނާއަށް ދެލޯމަރާލެވުނެވެ. ހީވަނީ ދެން އިތުރަށް ދުނިޔެދެކެން ބޭނުން ނުވަނީހެންނެވެ. ތަދުވެގެން ކަމެއް ހިތަށް ލިބެމުންދިޔަ އަނިޔާތަކަށް ކެތްނުވެގެން ކަމެއް ވެސް ނޭންގެއެވެ. ޒީނާ ދެލޯ އަނެއްކާވެސް ހުޅުވާލިއެވެ. އަތުން ފައިބަމުން ދިޔަ ލޭތަކަށް ބަލަން ހުރެވުނެވެ. ހިތާމައިން ފުރިގެންވާގޮތަކަށް ލޯގަނޑުން އޭނަގެ ސިފައަށް ބަލާލެވުނެވެ. ހީވަނީ އޭނަގެ ސިފަ ފެންނާނެ އެންމެ ފަހު ފަހަރުކަމުގައި ދެކިގެން ބަލާލިހެންނެވެ. ޒީނާގެ ދެލޯ ކުޑަވަމުން ދިޔައެވެ. އޭނަގެ މޫނުމަތިން ލުއި ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އަތުގައި އޮތްވަޅި ޓައިލްސް މައްޗަށް ވެއްޓުނެވެ.
“ދެން ކެތެއް ނުވާނެ. އަހަރެންވެސް ހީކުރީ ލޯބި ލިބޭނެކަމެއް. ލޯބި ލިބެން ނެތް ދުނިޔެއެއްގައި އުޅޭކަށް ބޭނުމެއް ނޫން. ކެތް ކުރެވިއްޖެ. އިޒުވާނުގެ ހިތުގައި އަހަންނަށް އެއްވެސް ޖާގައެއްނެތްކަން މިހާރު އެނގިއްޖެ. މި ހިތާމަތަކަށް ދެން ކެތެއްނުވާނެ. އަހަރެންގެ އެންމެ ފަހުނޭވާގައިވެސް އަހަރެން ބޭނުންވަނީ އިޒުވާނުގެ ލޯބީގައި ނިމިގެންދާން. އިޒުވާނު ކޮންމެވެސް ދުވަހަކުން އަހަރެންވީ ހަޤީގީ ލޯބިކަން ގަބޫލުކުރާނެ. އެކަމަކު ވަގުތު ފާއިތުވެގެން ދާފަހުން. އިޒުވާނު ދެކެ މަ ވަރަށް ވަރަށް ވަރަށް ލޯބިވޭ…” ޒިނާއަށް އެވާހަކަތަށް ބުނެވުނު ވަގުތު އޭނަގެ ހެއަށް ގޮތްވަމުން ދިޔައެވެ. ހަމަ އެވަގުތު ހުރި ގޮތަށް ޒީނާ ޓައިލްސްމައްޗަށް ޖެހުނެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ޖެނުއަރީ 2021ވާހަކަޙައްޤުވިޔަސް
- 16 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 25 (ފަހުބައި)
- 11 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 24
- 27 މާރޗް 2019ވާހަކަޙައްޤުވިއަސް – 23