ރާއްޖޭގެ މިއުޒިކް އިންޑަސްޓްރީއަށް ތަފާތު އިންގިލާބެއްގެނައި ސިމްބޮލިކް ރެކޯޑްސްގެ ފަސްވަނަ އަލްބަމް މިމަހުގެ 17 ގައި ރިލީޒްކުރުމާއެކު، “ހުރެވެނީ” ހޭޝްޓެގްގެ ސިއްރުވެސް އާއްމުކޮށްފިއެވެ. އާނއެކެވެ. މާފޯރިއެއްގައި މުޅި މީސްމީޑިއާ ފުރޭވަރަށް “ހުރެވެނީ” ޖަހައިގެން ކުރަމުންދިޔަ އަދާހަމަތަކަކީ އެމީހުންގެ ލަވަ އަލްބަމެއްގެ ނަމެވެ.

“ހުރެވެނީ” އަލްބަމާބެހޭގޮތުން ސިމްބޮލިކް ރިކޯޑްސްގެ ކްރިއޭޓިވް ޑައިރެކްޓަރު އިސްމާއިލް ނާއިލް މުނިއަވަސް އަށް ބުނީ މި އަލްބަމް ޚާއްސަވަނީ މީގައި އެއްވެސް ރެޕް ލަވައެއް ނެތުމުން ކަމަށެވެ.

‘ހުރެވެނީ’ އަލްބަމަކީ ލަވަކިޔުންތެރިޔާ އަހްމަދު ޖައިލަމް (ބޭ) ގެ ފުރަތަމަ ސޯލޯ އަލްބަމެވެ.

“މިއީ ތަފާތު އަލްބަމެއް. މުޅިންވެސް އަމިއްލަ ލަވަތައް ހުންނާނީ. އެއްވެސް ރެޕް ލަވައެއް ނުހުންނާނެ.” ހުރެވެނީ ހޭޝްޓެގާއިބެހޭގޮތުން މުނިއަވަސް އަށް މަޢުލޫމާތު ދެމުން މީގެ ކުރިން ނާއިލް ބުނެފައިވެއެވެ.

ސިމްބޮލިކްގެ “ހުރެވެނީ” އަލްބަމް ރިލީޒް ކޮށްދެއްވީ ޓްއަރިޒަމް މިނިސްޓަރު، އަލީ ވަހީދު އެވެ. މި އަލްބަމް ރިލީޒްކޮށްދެއްވުމަށްފަހު އަލީވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހިންނަކީ ހުނަރަުވެރި ބައެއް ކަމަށާއި މިގޮތަށް ސިމްބޮލިކް ރިކޯޑްސް އަކީ އަމިއްލަވަންތަ އުފެެއްދުންތެރި ބައެއްކަމަށެވެ. އިތުރަށް ވިދާޅުވީ ހުރެވެނީ އަލްބަމް އަޑުއަހައިލަން ހުރެވެނީ ތަފާތުވީމާ ކަމަށެވެ.

“ހުރެވެނީ” އަލްބަމްގައި ހަތް ލަވަ ހިމެނެއެވެ. އޭގެތެރެއިން ހަ ލަވަ ކިޔާފައިވަނީ ބޭ އެވެ. ހަތްވަނަ ލަވަ ކިޔާފައިވަނީ ބޭ އާއި ފާތިމަތު ޝިފްނާ (ޝިފޫ) އެވެ. ބޭ އާއި ޝިފޫ މި އަލްބަމްގައި ކިޔާފައިވާ “ގާތުގައި” ލަވައަކީ 10 ވަރަކަށް އަހަރު ވަންދެން ޅެން ހަދާ ރައްޓެހިންގެ ތެރޭ އަބަދުވެސް ކިޔާ ލަވައެއް ކަމަށް ނާއިލް ބުންޏެވެ. ނަމަވެސް، މި ލަވަ ރަސްމީކޮށް ރިލީޒް ކުރީ “ހުރެވެނީ” އަލްބަމްގަ އެވެ.

“ހުރެވެނީ”ގެ ޑުއޯ ލަވަ “ގާތުގައި” ގެ މިއުޒިކް ހަދާފައިވަނީ، ހުސައިން ރިޒާން (އެމްޕް) އެވެ. އަދި ބާކީ ހަ ލަވައިގެ މިއުޒިކް ހަދާފައިވަނީ ރައްޔާން މުހައްމަދު (ރައިޑޭ) އެވެ. “ހުރެވެނީ” އަކީ އީޑީއެމް (އިލެކްޓްރޯނިކް ޑާންސް މިއުޒިކް) ސްޓައިލުގެ ލަވަތަކެއް ހިމެނޭ އަލްބަމެކެވެ.

ސިމްބޮލިކްގެ މި އަލްބަމް މިހާރު ލަވަފޮށި އެޕްން އަޑުއަހައިލެވޭނެއެވެ. “ހުރެވެނީ” އަކީ އަޑުއަހައިނުލާ ހުރެވޭވަރަށް ވުރެން މާބޮޑަށްވެސް ތަފާތު އަލްބަމެކެވެ. ނާއިލް ބުނީ މި އަހަރަކީ އެމީހުންގެ ވަރަށް ގިނަ މަސައްކަތްތަކެއް ފެނިގެންދާނެ އަހަރެއް ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.