ގެއްލިފައިވާ، ސިމާ ހޯދުމުގެ މަސައްކަތް އިންޑިޔާ ހެލިކޮޕްޓަރުން ފަށައިފި

ހައްދުންމަތީ ގާދޫ ކައިރިން ރޭ އިރާކޮޅު ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލިފައިވާ ލ. މާމެންދޫ، އުމުރުން 19 އަހަރުގެ ޝިމާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ކުރަމުންދާއިރު، އެ މަސައްކަތުގައި އެމްއެންޑީއެފުން އޮޕަރޭޓްކުރަމުން ގެންދާ އިންޑިޔާގެ ހެލިކޮޕްޓަރުން ބައިވެރިވެއްޖެ އެވެ.

ހެލިކޮޕްޓަރުގެ އެހީގައި މިއަދު ހެނދުނު ބަލަމުން ގެންދަނީ ގާދޫ އާއި ދިމާ ބޭރުން ހުޅަނގު ދެކުނު ސަރަޙައްދެއް ކަމަށް ސިކްސް ސެންސަސް ގައި ހުރި މީހަކު މުނިއަވަސް އަށް ބުންޏެވެ.

ލ.ކައްދޫ އިން ލ.މާމެންދޫއަށް އަންހެނަކާއި ފިރިހެނަކު ދަތުރު ކުރަމުން ދިޔަ ޑިންގީ ބަންޑުން ޖަހައިލީ ލ.ގާދޫ އާއި ހިސާބުން ރޭ އިރާކޮޅުގެ ވަގުތެއްގައެވެ. ޑިންގީ ބަންޑުން ޖަހައިލުމާއެކު އަންހެން ކުއްޖާގެ އަތަށް ހަމެއް ދީފައި ފިރިހެން މީހާ ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އެރީ އެހީތެރިކަން ހޯދުމަށް ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި ހަމަ ވަގުތުން އެ ރިސޯޓް މުވައްޒަފުންނާއި ފުލުހުން އަދި އެމްއެންޑީއެފް ގުޅިގެން މަސައްކަތް ފެށިއެވެ. ނަމަވެސް އަދި މިހައިތަނަށް ގެއްލިފައިވާ ސިމާ ފެންނަގޮތެއް ނުވެއެވެ.

ބަންޑުން ޖަހައިލި ޑިންގީ ދުއްވަން އިނީ ލ. ގަމަށް ނިސްބަތްވާ މީހެކެވެ. މާމެންދޫ މީހަކު މުނިއަވަސް އަށް ރޭ ދަންވަރު ބުނީ، ގެއްލިގެން ހޯދަމުންދާ އަންކުއްޖާ އަކީ މާލޭގައި ހުރެފައި ރަށަށް ދިއުމަށް ވައިގެމަގުން ކައްދުއަށް ދިޔަ މީހެއް ކަމަށާއި، އެ އަންހެންމީހާ މާމެންދުއަށް ދިއުމަށް އެ ލޯންޗްގައި ދަތުރުކުރީ ގަމު ފިރިހެނަކާއި އެކުގައި ކަމަށެވެ.

ލޯންޗް ބަންޑުން ޖަހައިލުމުން ފިރިހެންމީހާ ފަތާފައި ސިކްސް ސެންސަސް ރިސޯޓަށް ދިޔައީ ޑިންގީގައި އޮތް ހަމެއް އަންހެންމީހާގެ އަތަށް ދިނުމަށްފަހު އެ ހަމުގެ އެހީގައި އޮތުމަށް ބުނެފައި ކަމަށް މަޢުލޫމާތު ލިބެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.
  1. އައްކި

    ފިރިހެން ސޮރުގެ ވާހަކަތައް ހުންނަގޮތުން މަށަށް ހީވޭ ތީގަ ނުބައެއް އުޅޭހެން. އެކި ފަހަރު އެކި ގޮތަށް އޭނަ ކިޔަނީ. އެކި މީހުން ކައިރީވެސް އެކި ގޮތަށް ވާހަކަ ދައްކަނީ. ލިބިފަ ހުރި ޝޮކެއްގެ ސަބަބުން ކަމަށްވެސް ވެދާނެ.
    ﷲ އަށް ދުޢާ ކުރަނީ ސިމާ ގަދަވެ ސަލާމުން ފެނުމަށް. އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން