ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމުގައި ބޭނުންކުރަމުން އަންނަ ޤައުމީ މަންޙަޖް މުރާޖަޢާކުރުމުގެ މަހާސިންތާ ފަށައިފި އެވެ. މިއީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ގިނަ ބޭފުޅުންނާއި ގިނަ ޢަދަދެއްގެ ބެލެނިވެރިން، މިހާރު ބޭނުންކުރަމުން އަންނަ މަންހަޖަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށް އެ އަޑު އައްސަވައި ފައްޓަވާފައިވާ މަހާސިންތާއެކެވެ.

ޤައުމީ މަންޙަޖް މުރާޖަޢާކުރުމުގެ މަހާސިންތާ ޝަރަފުވެރިކޮށްދެއްވައި ފައްޓަވައިދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އެވެ. މަހާރެހެންދި ފަޒްނާ އަކީ ތަޢުލީމީ ދާއިރާގައި ގިނަދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ މި ދާއިރާގެ ތަޖްރިބާކާރެކެވެ. އެގޮތުން 30 އަހަރު ގެ މުއްދަތެއްގައި ފަޒްނާ ވަނީ ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރައްވާފައެވެ.

މި މަހާސިންތާ އިފްތިތާޙް ކޮށްދެއްވަމުން މަހާރެހެންދި ފަޒްނާ ދެއްކެވި ވާހަކަފުޅުގައި ޒަމާނުއްސުރެން ރާއްޖޭގެ ސްކޫލްތަކުގައި ބޭނުންކުރަމުން އަންނަ ލަވަ، “ޅަފަތުގައި އުނގެނެމާ އުފަލުގައި ކިޔަވަމާ، ސިފަތަކުން ރިވެތި ޒީނަތްވެ ކުރިއަށްދަމާ” ގެ މައިގަނޑުގައި އެ އިޝާރާތްކުރާ ކަންތައްތައް ޤައުމީ މަންހަޖް ތަންފީޒުކުރުމުގައި ގުޅުވައިލަންޖެހޭ މިންވަރު ވަރަށް ތަފްޞީލްކޮށް މިސާލު ދައްކަވަމުން ހާމަކުރެއްވިއެވެ. އަދި މި މަހާސިންތާގައި މިކަންކަމަށް ވިސްނަވައި ދަރިވަރުންގެ ކިބައިގައި ރަނގަޅު ސިފަތައް އާލާކުރުމަށް މަސައްކުރުމަށް ބާރުއެޅުއްވުމަށް ގޮވައިލެއްވިއެވެ.

“އުފަލުގައި ކިޔަވާނެ ރައްކާތެރި މާހައުލެއް ދަރިވަރުންނަށް ފަހިކޮށްދޭންޖެހޭ. އެފަދަ މާހައުލެއް އުފައްދާނީ މިނިވަންކަމާއެކު މުދައްރިސުންނާ ސުވާލުކުރެވި ފިލާވަޅާމެދު ޚިޔާލުފާޅުކުރުމުގެ ފުރުސަތު ފަހި ކޮށްދީގެން. ދަސްކުރާއިރު ކުށްވެސް ޖެހޭނެ. އެކަން ރަނގަޅު ކުރުމުގެ ފުރުސަތު ދޭންވާނެ.” ފަޒްނާ ވިދާޅުވިއެވެ.

“މިއަދު އަޅުގަނޑުމެން ތަންފީޒު ކުރަމުން މިދާ ޤައުމީ މަންހަޖު އެކުލަވާލާ އެއަށް ޢަމަލުކުރަން ފެށީ 8 އަސާސެއްގެ މައްޗަށް ދަރިވަރުން ތައްޔާރު ކުރުމަށް. މިހާރު އަޅުގަނޑުމެން ދަރިންނަށް ފޯރުކޮށްދެމުން މިދާ ތަޢުލީމުން މި މަޤުޞަދު ހާސިލު ވޭތޯ ގާތުން ބަލަމުން ގެންދިއުން ވަރަށް މުހިންމު.” ފަޒްނާގެ ވާހަކަފުޅުގައި ޚުލާޞާ ގޮތެއްގައި ވަރަށް ގިނަ ކަންތައްތަކަށް އަލި އަޅުވައިލެއްވިއެވެ

“މި ފެށުނު ޤައުމީ މަންހަޖު މުރާޖަޢާ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަންވާނީ ވަރަށް އިޚްލާސްތެރިކަމާއި ހެޔޮ ނިޔަތާއެކު ކުރައްވާ ޤައުމީ މަސައްކަތެއްގެ ގޮތުގައި. މި މަހާސިންތާގެ އެންމެހާ ބައިވެރިންގެ އަރިހުން އަޅުގަނޑު އެދެނީ މި މަސައްކަތް މި ދެންނެވި ބީދައިން ކޮށްދެއްވުން.”

މިއަދު ފެށީގެންދާ މަހާސިންތާގައި ރާއްޖޭގެ އެކިއެކި ސަހަރަހައްދުތަކުން ވަރަށް ގިނަ ޢަދަދެއްގެ ބޭފުޅުން ބައިވެރިވެއެވެ. ޔުނިސެފްގެ ވަރަށް ބޮޑު އެއްބާރުލުމަކާއިއެކުގައި ކުރިއަށްގެންދާ މި މަހާސިންތާއަށް ކެމްބްރިޖް ޔުނިވާސިޓީ އާއި ކެމްބްރިޖް ޔުނިވާސިޓީ ޕްރެސް ގެ އެހީތެރިކަން ވަރަށްބޮޑަށް ލިބޭކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

މިހާރު ބޭނުންކުރަމުން އަންނަ ޤައުމީ މަންހަޖަށް ޢަމަލުކުރަން ފަށާފައިވަނީ 2015 އަހަރުއެވެ. ޤައުމީ މަންހަޖު ރަނގަޅުކަމަށް މިހާރުވެސް ގިނަބަޔަކު ފާހަގަކުރަމުން އަންނަ މަންހަޖާއިމެދު ބެނެލިވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގައި ގެންގުޅޭ އުސޫލުކަމަށްވެސް ގިނަބަޔަކު ފާހަގަކުރެއެވެ.

މި މަހާސިންތާއަކީ އެންއައިއީން އިންތިޒާމުކުރައްވައި ހިންގަވާ މަހާސިންތާއެކެވެ. މިދިޔަ ހަފުތާގައި އެންއައިއީން ވަނީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ސްކޫލްތަކުގެ އިސްވެރިންގެ މަހާސިންތާއެއް ބާއްވާފައެވެ.

މިއީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި މަހާސިންތާ ކުރިއަށްދާނީ މާދަމާގެ ނިޔަލަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.