ލ.އަތޮޅު ގާދޫ ކައިރިން ޑިންގީއެއް ބަންޑުން ޖަހާލައިގެން ގެއްލުނު ލ. މާމެންދޫ ޝިމާ އަދިވެސް ނުފެންނަ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ހުއްޓުމެއްނެތި، ކަނޑާއި ވައިގެމަގުން ކުރަމުން އަންނަކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އުމުރުން 19 އަހަރުގެ ޝިމާ ހޯދުމުގެ މަސައްކަތުގައި ހެލިކޮޕްޓަރު ވައިގެ މަގުން ހަރަކާތްތެރިވާން ފެށީ މިއަދު ހެނދުނު 06:30 ހާއިރުއެވެ. މީގެ އިތުރުން ކޯސްޓްގާޑުގެ ޑައިވިން ޓީމެއްވެސް ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ. ހަމަ އެހެންމެ އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ހުއްޓުމެއް ނެތި ޝިމާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެއެވެ.

ޝިމާ ހޯދުމުގެ މަސައްކަތުގައި ކަނޑުގެ މަނގުން ނުވަވަރަކަށް އުޅަނދު ހަރަކާތްތެރިވަމުން އަންނައިރު، ވައިގެމަގުން، ލ. ކައްދޫގައި އޮންނަ ހެލިކޮޕްޓަރުން ވަނީ އަތޮޅުގެ ބޮޑު ސަރަހައްދެއް ބަލާފައެވެ. އަތޮޅާއި އަތޮޅުން ބޭރު ސަރަހައްދުވެސް ހެލިކޮޕްޓަރުން ބަލަމުންދާކަމަށް މަޢުލޫމާތު ލިބެއެވެ.

ރޭ ލ. ކައްދޫ އިން މާމެންދުއަށް ދަތުރުކުރަމުން ދިޔަ ޑިންގީ ބަންޑުންޖަހައިލުމުން ޑިންގީގައި ތިބި ދެމީހުންގެ ތެރެއިން ފިރިހެންމީހާ ފަތާފައި ގޮސް ސިކްސް ސެންސަސް ރިސޯޓަށް އެރިއެވެ. އެއަށްފަހު އެ ރިޒޯޓްގެ މުވައްޒަފުންނާއި ފުލުހުން އަދި އެމްއެންޑީއެފުން ވަނީ ސިމާ ހޯދުމުގެ މަސައްކަތް ފަށާފައެވެ.

ޑިންގީ ބަންޑުން ޖަހާލާފައި ވަނީ ގާދޫ ކަނޑުއޮޅި ކައިރިއަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.