ރޯދަމަހަ – ރޯދަމަސް 

އަފޭން ކުޑައިރޭ، ރޯދަމަހުު ހެނދުނު ހޭލަަައިގެން އެރެނޫ ދަށޭ އަތިރިޔަށް. އޭރު ހުރިހައި ކުދޫންވެސް ވަރަށް ހެނދުނާ ހޭލާޅެތް. ދަށޭ އަތިރި އެޔޯ އެމަގު އަތިރީ ކޮޅިވަރަ ކޮޅޭން ބޮޑަ ހުސްޖާގައެއް އޮންނަ ތަނެއް. އަފޭން ކުޑައިރޭ އެމަގަށް ބާމިސްކިތް މަގޭވެސް ކިޔައި. އެޔޯ ކުރޫން އެމަގު އަތިރީ ފިރިހެނުން ނަމާދަކެރަން މިސްކިތް ހުންނަނައިތި. މަވެސް ހަނދާން ހުރޭ އެމިސްކިތް ތަޅާލީހަނދާން. މިސްކިތު ވަޅަކޫ ވެސް ވަރަށް ދޮހާ ވަންދެކަށް މޫދުންއަރާ ފެންވަރާން ބޭނުންކެރީ ވަޅެއް. އެ ވަޅަ ނެތީ ދިޔާ އެހިސާބުން ގޯތި ދިނޫމާ.

އަހަރުމެން ކުޑައިރު، ރޯދަމަހު ހެނދުނު ހޭލައިގެން ދަނީ ރަށުގެ ހުޅަނގުފަރާތުން އެންމެން އެރެން ޚާއްޞަކޮށްފައި އޮންނަ ‘ދަށޭ އަތިރި’ އަށެވެ. އޭރު ހުރިހައި ކުދިންވެސް ވަރަށް ހެނދުނާ ހޭލާނެއެވެ. ދަށޭ އަތިރި އަކީ އެމަގު އަތިރިމަތީގައި ކުޅިވަރު ކުޅޭނެ ބޮޑު ހުސްޖާގައެއް އޮންނަ ތަނެކެވެ. އަހަރުމެން ކުޑައިރު އެމަގަށް ބާމިސްކިތު މަގޭ ވެސް ކިޔެމެވެ. އެއީ ކުރިން އެމަގު އަތިރިމައްޗާ ކައިރި ހިސާބުގައި ފިރިހެނުން ނަމާދުކުރަން ބޭނުންކުރި މިސްކިތެއް ހުންނާތީވެއެވެ. އެ މިސްކިތް ތަޅައިލި ހަނދާން އަހަރެންވެސް ހުރެއެވެ. މިސްކިތުގައި ހުންނަ ވަޅަކީ ވެސް ވަރަށް ގިނަދުވަސް ވާންދެން މީހުން މޫދުން އަރައި ފެންވަރަން ބޭނުންކުރި ވަޅެކެވެ. އެ ވަޅު ނެތި ދިޔައީ އެހިސާބުން ގޯތި ދިނުމުންނެވެ.

އެ މަގުން އަތިރިޔަށް އެރެންއިރު މަގާ ކާރީން ވަލުތެރޭ އޮންނަ ކުނުތެއް، މަގަމައްތަށް ނުކުންނަނައިތި މަގު ދެކާރީ ރުއްގުޅި އަތަރާފާ ހުންނާޅަ. މަގު ދެފަރާތު އޮންނަ ރުއްތެކާ ގަހަތެކުން މަގަށް ހިޔާވެފާ އޮވޭ. ދިއްގާ ގަހަތެކާ، ހިރަނދު ގަހަތެކު ދަށް ސާފުކޮށްފާ، ކަނދުން އަށުގަނޑަ އަޅާފާ ވެސް ހުންނާޅަ. އޭރު އެމަގު ގޮނޑަދަށަކޫ ވަރަށް ރީތި ދޮންވެލިގަނޑެއް އޮންނަން ގޮނޑަދަށެއް. އަތިރިމައްތު ދެތިން އޮޑިހަރުގެ ވެސް ހުރޭ. ފަޅުތެރޭ ބޮއްކުރާތެއް އަޅާފާ ހުންނައިރޭ ތަންކޮޅެއް ބޭރު ‘ދިއްކަޅަ’ ކިޔަން ކަޅަގަނޑެއް އޮވޭ. އެ ކަޅަގަނޑު ތިލޯށްޓެއް ޖަހާފާހުރޭ. ދިއްކަޅަކޫ ވަރަށް ގެނަ ކުދޫން އެތަނަށް އެރޭން ބިރަގަންނަން ތަނެއް. އެޔޯ އެތާ ބޮޑަ ކަޅަވެނެއް އިނދެޔޭ ކިޔަނައިތި.

އެ މަގުން އަތިރިއަށް އެރޭއިރު މަގާ ކައިރިން ވަލުތެރޭ ހުންނަ ކުނިތައް މަގުމައްޗަށް ނިކުންނާތީ މަގުގެ ދެފަރާތުގައި ރުއްގުޅި އަތުރާފައި ހުރެއެވެ. މަގުގެ ދެފަރާތު އޮންނަ ރުއްތަކާއި ގަސްތަކުން މަގަށް އޮންނާނީ ހިޔާވެފައެވެ. ދިއްގާ ގަސްތަކާއި، ހިރުނދު ގަސްތަކުގެ ދަށް އޮންނާނީ ސާފުކޮށްފައި ކަނދުން އަށި އަޅާފައެވެ. އޭރު އެ މަގު ގޮނޑުދަށަކީ ވަރަށް ރީތި ދޮންވެލިގަނޑެއް އޮންނަ ގޮނޑުދޮށެކެވެ. އަތިރިމަތީ ދެތިން އޮޑިހަރުގެވެސް ހުރެއެވެ. ފަޅުތެރޭގައި ބޮއްކުރާތައް އަޅާފައި އޮންނައިރު، ތަންކޮޅެއް ބޭރުގައި ‘ދިއްކަޅު’ ކިޔާ ކަޅުގަނޑެއް އޮވެއެވެ. އެ ކަޅުގަނޑުގައި ތިލޯށްޓެއް ޖަހާފައި ހުރެއެވެ. ދިއްކަޅު އެއީ ވަރަށް ގިނަ ކުދިން އެތަނަށް އެރެން ބިރުގަންނަ ތަނެކެވެ. އެއީ އެތަނުގައި ބޮޑު ކަޅު ވެނެއް އިނދެޔޭ ކިޔާތީވެއެވެ.

އަފޭން، ދަށޭ އަތިރިޔަށް އެރެންއިރޭ އެކި ދިމަދިމާޔު އޮންނަ ހިޔާތެކު ފަން އަޅައިގެން ތިބެ ނިދަން މީހުނާ، ތާސްކޮޅެން މީހުނާ، މަޖާ އަނގަތަޅަން މީހުންވެސް ތިބޭޅެތް. އަފޭން އުމުރުފެރާ ބައެއް ކުދޫން ދާޅެތް ދޮހާވީ މީހުން ކާރިޔަށް ވާހަކަ ކިޔުއްވާން. އެ ބޭބޭމެން ތިބޭޅެތް އަށުގަނޑަތެކު ވާހަކަކިޔައިދޭން. ޝަރުތަކަށް އޮންނާނޫ އެމީހުން ބުރުކަށްޓު މަދުރު ދާނައިގެން ނަގާފާ ހުންނަ ފިތްގަނޑަގަނޑަ އޮބައިދިނުން. އޭރޭ ގެނަ މީހުން އޮޅޭނޫ މުންޑު އަނދެގެން، ގަމީހެއް ނޯނުއްވާ ގަންޖުފަރާހެއް ނުލާ ހުސްގަޔާ.

އަހަރުމެން، ދަށޭ އަތިރިއަށް އެރޭއިރު، އެކި ދިމަދިމާގައި އޮންނަ ހިޔާތަކުގައި ފަން އަޅައިގެން ނިދަން ތިބޭ މީހުންނާއި، ތާސްކުޅޭ މީހުންނާއި، މަޖާ އަނގަތަޅާ މީހުންވެސް ތިބޭނެ އެވެ. އަހަރުމެން އުމުރުފުރާ ބައެއް ކުދިން، ދުވަސްވީ މީހުންގެ ކައިރިއަށް ވާހަކަ ކިޔުއްވަން ދާނެއެވެ. އެ ބޭބެމެން ތިބޭނީ އަށިތަކުގައި ވާހަކަ ކިޔައިދޭށެވެ. އެމީހުންގެ ޝަރުތަކަށް އޮންނާނީ އެމީހުންގެ ބުރަކަށީގައި މަދިރި ހެފުމުން ނަގާފައި ހުންނަ ބޮޑެތި ފިތްގަނޑުގަނޑުގައި އިލޮށިކޮޅެއް ނޫނީ އޮށްގާކޮޅެއް ޖައްސައިގެން ފިތްތައް އޮބައިދިނުމެވެ. އޭރު ގިނަ މީހުން އުޅޭނީ މުންޑު އަނދެގެން، ގަޔަށް ގަމީހެއް ނުވަތަ ޓީޝާޓެއް ނުލައި ހުސްގަޔާއެވެ.

ތަންކޮޅެއް އަތިރީ ވެއްޔާ ކޮޅެން ކުދޫންނާ އޮށްބައި ކޮޅެން ކުދޫން ވެސް ތިބޭޅަ. ގޮނޑަދަށުން ވެލި ގެންގެރައިގެން ގެ ރާނަން ކުދޫން ވެސް ތިބޭޅަ. ހަމަ އެހިސާބު އޮޅޭޅެތް މާފޯރި ނާގާފާ އޮޅެން ކުދުބައެއް. އެޔޯ ކޮންމަ ދޮހަޔަކު ވެސް އެންމަ ފޯރި ނަގާފާ ކޮޅެން، މަހަށްދަން ކޮޅި ކޮޅެންކުދޫން. މަގު އަނިއް ފަރާތު ކޮންމަވެސް ވަރަކަށް އަންހެންވެރީން އެރީ ތިބެންތަން ފެނޭ. އިލޯށި މަށަން މީހުނާ ތާސްކޮޅެން މީހުން. އިލޯށި މަށާން ފަން ކަނޑައިދޭނޫ ފިރިހެންވެރީން. އަންހެން ކުދުވެރީންގެ ކަމަކޫ ކޮށްޓަންގެ ކޮޅުމާ އޮށްބައި ކޮޅުން.

ތަންކޮޅެއް އަތިރިއާ ކައިރީގައި ވެއްޔާ ކުޅެންއުޅޭ ކުދިންނާއި ފަސްއޮށް ކުޅޭ ކުދިންވެސް ތިބޭނެއެވެ. ގޮނޑުދޮށުން ވެލި ގެނެސްގެން ގެ ރާނާ ކުދިންވެސް އުޅޭނެއެވެ. (އެއީ މިހާރު ކިޔާގޮތަށް ‘ސޭންޑް ކާސްލް’ ހަދާ ކުދިންނެވެ.) ހަމަ އެހިސާބުގައި މާ ފޮރި ނަގާފައި އުޅޭ ކުދިންތަކެއްވެސް އުޅޭނެއެވެ. އެއީ ކޮންމެ ދުވަހަކުވެސް އެންމެ ފޯރި ނަގާފައި ކުޅޭ ‘މަހަށްދާ ކުޅިވަރު’ ކުޅޭ ކުދިންނެވެ. މަގުގެ އަނެއް ފަރާތުގައި ކޮންމެވެސް ވަރަކަށް އަންހެންވެރީން ތިބޭތަންވެސް ފެންނާނެއެވެ. އެއީ އިލޮށިމަށާ މީހުންނާއި ތާސްކުޅޭ މީހުންނެވެ. އިލޮށި މަށަން އަންހެންވެރިންނަށް ފަން ކަނޑައިދޭނީ ފިރިހެންވެރީންނެވެ. އަންހެން ކުދިވެރީންގެ ކަމަކީ ކޮށްޓާގެ ކުޅުމާ (ކޮރާ ކުޅުމާ) ފަސްއޮށް ކުޅުމެވެ.

އަފޭން ކޮންމަ ދޮހަޔަކު ވެސް އެރީ އޮޅެނޫ މަހަށްދަން ކޮޅި ކޮޅޭން. މަހަށްދަން ކޮޅި ކޮޅެންއިރޭ މަހަ ކިރާން ބޯއްޓަކާ ކޮންމަ ކުއްދަކަށް މަހަށްދާން ދޯންޏެއް ބޭނުންވޭ. މަހަ ކިރަން ބޯއްޓު ހުންނާނޫ ރޯ ކޮއްވަކު އިލޯށި ޖަހާފާ. އިލޯށިތެއް އެޔޯ އެކިސައިޒުގެ ސޭލާ. ކުރޫން، މަހަށްދަން ދޯނި ހަދާ އޮޅެނާ ކަށުކޭފަތުން. ފަހުން ބޮންބުން ދޯނި ހަދައިގެން ކަށުކޭފަތުން ފަށްގަނޑަ ޖަހަމު. ދޯންޏު ފަށްގަނޑަ ޖަހަނޫ ގެނާން މަހަ އަރުވާން. މަހަށް ފުރައިގެން ދާނޫ ވަލުތެރޭ ވަރަށް ބިތްދަށަށް. ވަލުތެރޭ އެކި ތަންތާ ދުއްވައިގެން މަހަކޮޅެއް ލިބެންވަރަ ވާނޫ. މަހަށް ގެންގޮޅެނޫ ފަތުންފޮޅާފަތް. އޭގެ ކޮންމަ ފަތަކޫ މަހެއް. ފުރަތަމަ ފަހަރު މަހަކިރާން ގޮހޮފާ ބަލާމު އެންމަ ގެނާން ބޭނީ ދޯންޏެއް. އެޔޯ ދެން ދަންއިރޭ އެމީހުން ފުލުން އަޅުވާލާން. ބައެއް ދޯނިތެއް ސަތޯރަހަޔަށް ވެސް ދާޅެތް. ސަތޯރަހާ އެޔޯ ވެލާނާގޭ ހިސާބަގަނޑަ.

އަހަރުމެން ކޮންމެ ދުވަހަކުވެސް އަތިރިއަށް އެރި އުޅެނީ މަހަށްދާ ކުޅިވަރު ކުޅޭށެވެ. މަސްވެރިކަމުދާ ކުޅިވަރު ކުޅޭއިރު، މަސް ކިރަން ބޯޓަކާއި ކޮންމެ ކުއްޖަކަށް މަހަށްދާނެ ދޯންޏެއް ބޭނުންވާނެ އެވެ. މަސް ކިރާ ބޯޓު ހުންނާނީ މީދާކޭ ރޯ އުނބަކަށް އިލޯށި ޖަހައިފައެވެ. އިލޮށިތައް އެއީ އެކި ސައިޒުގެ ސޭލާއެވެ. (މަސްކިރާ ކައްޓާއެވެ.) އެންމެ ފުރަތަމަ މަހަށްދާ ދޯނި ތައްޔާރުކޮށް އުޅުނީ ކަށިކެޔޮފަތުންނެވެ. ފަހުން، ބޮނބިން ދޯނި ހަދައިގެން ކަށިކެޔޮފަތުން ދޯނީގެ ފަށްގަނޑު ޖަހަމުއެވެ. ދޯނީގެ ފަށްގަނޑު ޖަހަނީ ގިނައިން މަސް އެރުވުމަށެވެ. މަސްވެރިކަމަށް ފުރައިގެން ދަނީ ވަލުތެރޭ ވަރަށް ބިތްދޮށަށެވެ. މަސްކޮޅެއް ލިބޭވަރު ވާނީ ވަލުތެރޭ އެކި ހިސާބުތަކުގައި ދުއްވައިގެން (އަތުން ދޯނި ހިފައިގެން ހިނގައިގެން)ނެވެ. މަހުގެ ގޮތުގައި ބޭނުންކުރަނީ ފަތުންފަތްފަޅާ ގަހުގެ ފަތެވެ. އޭގެ ކޮންމެ ފަތަކީ މަހެކެވެ. ފުތަމަ ފަހަރު މަސްކިރަން ގޮސްފައި އެންމެ ގިނައިން މަސްކިރަނީ ކޮން ދޯންޏަކުންތޯ ބަލަމުއެވެ. އެއީ ދެން އެ ދޯނި މަހަށްދާއިރު އެމީހުންގެ ފަހަތުން އަޅުވައިލުމަށެވެ. (އެހެނީ އެދޯނި މީހުންނަށް ވަލުތެރެއިން ދެވުނީ އެންމެ ބޯކޮށް ފަތުންފަތްފަޅާ ހެދިފައިވާ ސަރަޙައްދަށްކަން އެނގެއެވެ.) ބައެއް ދޯނިތައް ސަތޯރަހައަށް ވެސް ދާނެއެވެ. ސަތޯރަހާ އަކީ ވެލާނާގެ ހިސާބުގަނޑެވެ. (މިއީ ރައީސް އިބްރާހިމް ނާސިރުގެ ބައްޕާފުޅު ފޮނަދޫގައި އުޅުއްވި ގެކޮޅު ހުރި ހިސާބެވެ.)

ފުރަތަމަ، މަހަބާނައިގެން އުމަންދަތެރަކު ރުފިޔާއެއް ނުދޭޅަ. އެޔޯ ރުފިޔާވެސް ހަދާނޫ ފަތުންފޮޅާފަތުން. އަނެއް ދަތެރު ހުރިހައި ދޯނިތެއް މަހަށް ފުރޫމާ ބޯޓުތިބެން ކުދޫންގެ ކަމަކަށް އޮންނާނޫ ރުފިޔާޖެހުން. ރުފިޔާޔު ހުންނާނޫ ހާއްސަ ތައްގަނޑެއް ޖަހާފާ. އެ ތައްގަނޑަ ކޮޕީކޮއްފުއްވާ އެމީހަކު އޮޅެންދޯނި ގެނެން މަހެއް ބޯޓަކަށް ނުގަންނާޅެތް. އަދި އެހެން ދޯންޏަކުން އެމީހުން އަތުން މަހަ ނެގީކަން އެގެނަސް ބޮޑަ އަދަދަކުން ޖޫރިމަނާ ކެރާޅެތް.

އެންމެ ފުރަތަމަ މަސްބާނައިގެން އަންނަ ދަތުރުތަކުގައި މަސް ކިރުވާފައި ފައިސާއެއް ނުދޭނެއެވެ. ސަބަބަކީ ރުފިޔާވެސް ހަދަނީ ފަތުންފަތްފަޅާ ފަތުންނެވެ. ޖެހިގެން އަންނަ ދަތުރު ހުރިހައި ދޯނިތައް މަހަށް ފުރުމުން ބޯޓުގައި ތިބޭ ކުދިންގެ ކަމަކަށް އޮންނާނީ ރުފިޔާ ޖެހުމެވެ. ރުފިޔާގައި ހުންނާނީ ޚާއްޞަ ތައްގަނޑެއް ޖަހާފައެވެ. އެ ތައްގަނޑު ކޮޕީކޮށްފިނަމަ، އެމީހަކު އުޅޭ ދޯނިން ގެންނަ މަހެއް ބޯޓަކަށް ނުގަންނާނެ އެވެ. އަދި އެހެން ދޯންޏަކުން އެމީހުންގެ އަތުން މަސް ނެގިކަން އެނގުނަސް ބޮޑު އަދަދަކުން ޖޫރިމަނާ ކުރާނެއެވެ.

މަހަށްދަން ކޮޅި ނިންމާލާނޫ މެންދުރު ބަންގިގޮވޫމާ. މިކޮޅިވަރަ ނިންމާލާފާ ބައެއް ކުދޫން މޫދަށް ވެސް އެރޭޅެތް. އަފޭން އަރަނޫ ގޭށަށް. ގޭށަށް އަރަން އިރަށް އަމޭ ބޮނާޅަ ފެންވަރައިގެން ނަމާދަށް ދާށޭ. އެކަމު ރޯދަވީއްލާން އެއްޗެއް ހަދާށޭ ކިޔާފަ އަފޭން ކަންގެއަށް ވަދެ ޖޫސްޕެޓީ ހަދައިގެން ކަންވާރެއް ޖަހާފާ ޖޫސްޕެޓީ ވަޅަށްލަމު. އެޔޯ ރޯދަވީއްލާން ވަންއިރަށް ފިނި ކެރާން. މިގޮތަށް ކުރުނބާވެސް ފިނިކެރާން ވަޅަށްލަމު. އޭރަކު ނުހުންނާޅަ އައިސަލަމާރިއެއް.

މަސްވެރިކަމުދާ ކުޅިވަރު ނިންމާލާނީ މެންދުނު ބަންގިގޮވީމައެވެ. މި ކުޅިވަރު ނިންމާލާފައި ބައެއް ކުދިން މޫދަށް ވެސް އެރޭނެއެވެ. އަހަރުމެން ދަނީ ގެއަށެވެ. ގެއަށް ދާއިރަށް ފެންވަރައިގެން ނަމާދަށް ދިއުމަށް މަންމަ ބުނާނެއެވެ. ނަމަވެސް، ރޯދަވީއްލަން އެއްޗެއް ހަދާށޭ ކިޔާފައި އަހަރުމެން ކާގެއަށް ވަދެ ޖޫސްޕެޓީ ހަދައިގެން، ކަންވާރެއް ޖަހާފައި ޖޫސްޕެޓީތަައް، ވަޅަށް ލަމުއެވެ. (ވަޅަށް ފައްތަމުއެވެ.) އެއީ ރޯދަ ވީއްލަން ވާއިރަށް ފިނި ކުރުމަށެވެ. މިގޮތަށް ކުރުނބާވެސް ފިނިކުރަން ވަޅަށް ލަމުއެވެ. އޭރު އައިސްއަލަމާރިއެއް ނުހުންނާނެއެވެ.

މެންދުރު ނަމާދަ ކޮށްގެން ދަނޫ މާމެއްގެއަށް ކިޔަވާން. ކިޔަވާ ނިމީގެން ވަޅު ހިފައިގެން އެރޭނޫ އަތިރިޔަށް. ރޯދަމަހު ތިން ދިހަޔަށް ނިސްބަތްވަން ބުރަފަތި، ވައިބަޑި، އަޑަސަރަކަ ހަދާނޫ ވެސް މެހެން އެރީ ތިބެގެން. ބަރާދޯނި ފުރުވުމާ ފަންވަތުން ވައްތަރަ ވައްތަރަ އެއްޗިހި ހެދުންވެސް އޮންނާޅަ. މެހެން އޮޅީފާ ގޭށަށް ދާނޫ އަސުރު ނަމާދަ ކޮށްގެން.

މެންދުރު ނަމާދު ކޮގެން ދަނީ މާމާމެންގެ ގެއަށް ކިޔަވާށެވެ. ކިޔަވާ ނިމިގެން ވަޅި ހިފައިގެން ދަނީ އަތިރިއަށެވެ. ރޯދަމަހު ތިން ދިހައަށް ނިސްބަތްވާ ބުރަފަތި، ވައިބަޑި، އަޑަސަރަކަ ހަދަނީވެސް މިހެން އަތިރިއަށް އެރި ތިބެގެންނެވެ. ބަރާދޯނި ފުރުވުމާ ފަންވަތުން ވައްތަރު ވައްތަރުގެ އެއްޗެހި ތައްޔާރުކުރުންވެސް އޮންނާނެ އެވެ. މިހެން އުޅެފައި ގެއަށްދާނީ އަސުރު ނަމާދުކޮށްގެންނެވެ.

ހަވީރު ހުރިހައި ކުދޫންވެސް ބޮޑަމަގަށް ހިނގާލާން ދާޅެތް. ހިނގާލާން ދައިންއިރޭ، ކޮންމަ ކުއްދަކު އަތުވެސް ވަޅުވެއް، އެހެންނޯނުއްވާ ކުޑަ ފިޔައްސެއް އޮންނާޅަ. މީގެ އިތުރުން ކުޑަ ރޭޑިޔޮލެއް އޮންނާޅަ. އެހެން ދަންއިރޭ، ދާނޫ ރޯދަކުރަކެރުން ޕްރޮގްރާމު އަޑައަހަމުން. ހިނގާލާން ގޮހޮފާ އުމާނޫ އިރައޮއްސީދާން ކާރިވޫމާ. ހިނގާލާން ގޮހޮފާ އުމަންތަން މާގެނަ އިރެއްނުވެ އިރަ އޮއްސީދާޅަ. ރޯދަވީއްލާން އާންމުކޮށް ހުންނާނޫ ކުރުނބާފަންޏާ، އަލަނާސިފަންޏާ. އަލަނާސި ފަނި ހުންނާނޫ ކުދުކޮށް ކޮށައިގެން ފަނި ގިރާފާ. ކާން ހުންނަނޫ ބޯކިބަލާ ގޮޅަޔާ. ފެންފޮޅިޔާ ފޮނިރިހަޔާ، ގަބުޅު ސަޓަންޏާ ބަތްޕެން ހުރޭ.

ހުރިހައި ކުދިންވެސް ހަވީރު ބޮޑުމަގަށް ހިނގާލަން ދާނެއެވެ. (ބޮޑުމަގަކީ ފޮނަދޫ ބަރާސިލު އަވަށުގައި ގާދޫން ހިޖުރަކުރި މީހުން އުޅޭ ގެތައް އެ ހުންނަ މަގެވެ.) ހިނގާލަން ދާއިރު، ކޮންމެ ކުއްޖެއްގެ އަތުގައިވެސް ވަޅިއެއް، ނޫންނަމަ ކުޑަ ފިޔޮއްސެއް އޮންނާނެއެވެ. މީގެ އިތުރުން ކުޑަ ރޭޑިއޯއެއް އޮންނާނެއެވެ. އެހެން ދާއިރު، ދާނީ ރޯދަކުރުކުރުން ޕްރޮގްރާމު އަޑުއަހަމުންނެވެ. ހިނގައިލަން ގޮސްފައި ގެއަށް އަންނާނީ އިރުއޮއްސެން ކައިރިވީމަ އެވެ. ހިނގާލަން ގޮސްފައި އަންނަތާ މާ ގިނައިރެއް ނުވެ އިރު އޮއްސިދާނެއެވެ. ރޯދަވީއްލަން އާއްމުކޮށް ހުންނާނީ ކުރުނބާ ފަންޏާ، އަލަނާސި ފަންޏެވެ. އަލަނާސި ފަނި ހުންނާނީ ކުދިކުދިކޮށް އޮށްއޮށަށް އަލަނާސި ކޮށައިގެން ފަނިގިރާފައެވެ. ކާން ހުންނާނީ ބޯކިބާ، ގުޅަ، ފެންފޮޅި އާ ފޮނިރިހަ، ގަބުޅި ސަޓަންޏާއި ބަތްޕެން ވެސް ހުރެއެވެ.

އަފޭން ތަންކޮޅެއް ބޮޑަތިވީ ފަހުން، އޭރު ހެނދުނު ހޭލުން ލަހަވެ، ހެނދުނު ދަށޭ އަތިރިޔަށް އެރުން ހުއްޓެނަ. ގޭށު އެހެން ކޮޅިވަރަތެކު އޮޅުވޭން ފެށެނަ. ހަވީރު ހިގާލާން ދިޔުންވެސް ބަދަލުވި. ފަހުން އަފޭން ހަވީރު ދާންފެށޫ ބައިސްކަލު ދުއްވާން. ވަޅަށް ލައިގެން ފިނިކެރީ އެއްޗިއްސާ ފަނި ޖަގުތެއް ފިނިކެރާން ގަނޑަފެން ލިބޭންފެށި. އެކަމަކު ގަނޑަފެން ކޮޅެއް ލިބޭނޫ ރަށާ ޖެހީގެން އުތުރުކޮޅުން ދެވަނަޔަށް އޮންނަން ރަށަށް ގޮހޮގެން. އެޔޯ މާންދޫ. ބައިސްކަލާ ގޮހޮ ލިބެން ގަނޑަފެންކޮޅަ ހިފައިގެން ގޭށަށް އުމުވެންއިރޭ އެ އަށްވާން ގޮތް އިންބޭން ވިސްނާލާ. އެޔޯވެސް އަފޭން ތަޖުރިބާކެރީ ވަރަށް ތަފާތު ދިރިއޮޅުމެއް.

އަހަރުމެންނަށް ތަންކޮޅެއް ދުވަސްވީފަހުން، އޭރު ހެނދުނު ހޭލާގަޑި ލަސްވެ، ހެނދުނު ދަށޭ އަތިރިއަށް ދިޔުން ހުއްޓުނެވެ. ގޭގައި އެހެން ކުޅިވަރުތައް ކުޅުމަށް އުޅެވެން ފެށުނެވެ. ހަވީރު ހިނގާލަންދާ ދިއުންވެސް ބަދަލުވިއެވެ. ފަހުން އަހަރުމެން ހަވީރު ދާންފެށީ ބައިސްކަލް ދުއްވާށެވެ. ވަޅަށް ލައިގެން ފިނިކުރި އެއްޗެއްސާއި ފަނިޖަގުތައް ފިނިކުރަން ގަނޑުފެން ލިބެން ފެށިއެވެ. އެކަމަކު ގަނޑުފެންކޮޅެއް ލިބޭނީ ރަށާއި ޖެހިގެން އުުތުރުކޮޅުން ދެވަނައަށް އޮންނަ ރަށަށް ގޮސްގެންނެވެ. އެއީ މާންދުއެވެ. ބައިސްކަލުގައި ގޮސް، ލިބޭ ގަނޑުފެންކޮޅު ހިފައިގެން ގެއަށް އާދެވޭއިރު އެއަށް ވާނެގޮތް ތިބޭފުޅުން ވިސްނައިލައްވާށެވެ. އެއީވެސް އަހަރުމެން ތަޖުރިބާކުރި ވަރަށް ތަފާތު ދިރިއުޅުމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ހުސެން މޫސާ (ބިގޭ)
ތަފާތު ލިޔުންތެރިއެކެވެ. ލ. އަތޮޅުގެ ބަހުރުވައަށް ދެވިފައިވާ ލޯބި، ހުސެންގެ ލިޔުންތަކުން ފެނެއެވެ.