ރާއްޖޭގެ “ޤައުމީ ތާރީޚު ދުވަސް” ފާހަގަކުރުމަށް ދިވެހިބަހުގެ އެކެޑަމީން މިއަހަރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކުގެ ދަށުން ގައުމީ ތާރީޚު ދުވަހުގެ ރަސްމީ ޖަލްސާއެއް މާދަމާ ރޭ ބޭއްވުމަށް ނިންމާފައިވާކަމަށް ދިވެހިބަހުގެ އެކެޑަމީން މަޢުލޫމާތު ދީފިއެވެ.

ޤައުމީ ފެންވަރުގައި ތާރީޚު ދުވަހެއް ފާހަގަ ކުރުމުގެ މަގުސަދަކީ ތާރީޚު ދިރުވައި އާލާކޮށް ތާރީޚަށް ލޯބިކުރާ މުޖުތަމައެއް އުފެއްދުމެވެ. ޤައުމީ ތާރީޚު ދުވަސް ނިސްބަތްވަނީ އަލްޤާސީ ޙަސަން ތާޖުއްދީނަށެވެ. އެ މަނިކުފާނަކީ ދިވެހިރާއްޖޭގެ ތާރީޚު އެންމެ ފުރަތަމަ ލިޔުވި މުއައްރިޚެވެ. އެއީ މަޝްހޫރު ތާރީޚު ދީބާމަހަލް އެވެ.

ދިވެހިރާއްޖޭގެ ގައުމީ ތާރީޚު ދުވަސް ފުރަތަމަ ފަހަރަށް ފާހަގަކުރީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހު 27 ވަނަ ދުވަހުއެވެ. ފެބްރުވަރީ މަހުގެ 27 ވަނަ ދުވަހަކީ ރާއްޖޭގެ ޤައުމީ ތާރީޚު ދުވަސްކަމަށް ކަނޑައެޅުއްވީ މިދިޔަ އަހަރު، އޭރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ.

މިއަހަރު ގައުމީ ތާރީޚު ދުވަސް ފާހަގަ ކުރުމަށް މާދަމާރޭ ދިވެހިރާއްޖޭގެ ޤައުމީ ޔނިވާސިޓީގައި ބާއްވާ ޖަލްސާގައި ދިވެހި ތާރީޚް ލިޔުއްވައި، ބަލައި ހޯދާ ދިރާސާ ތައް ކުރެއްވުމުގައި ފާހަގަކޮށްލެވޭ ބޭފުޅުންކޮޅެއްގެ ޚިދުމަތުގެ އަގުވަޒަންކުރުމަށް ޚާއްޞަ ފިލައެއް އެރުވުން އޮންނާނެ ކަމަށް ދިިވެހިބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީ މުނިއަވަސް އަށް ވިދާޅުވިއެވެ.

އަޝްރަފް އިތުރަށް ވިދާޅުވީ މާދަރީ ބަހުގެ ދުވަހާއި ގައުމީ ތާރީޚު ދުވަސް ފާހަގަކުރުމުގެ ގޮތުން “ބޮޑުދަތުރު”ގެ ނަމުގައި ކ. ކާށިދުއަށް ޚާއްޞަ ދަތުރެއް ކުރުމަށް ހަމަޖެހިފައިވާކަމަށެވެ. ދިވެހި ފުލުހުންގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި ދަތުރުގައި މާލޭގެ ކޮންމެ ސްކޫލަކުން ދެ ދަރިވަރުންނާއިި މުދައްރިސެއް ބައިވެރިކުރާނެ އެވެ. މީގެ އިތުރުން މި ދަތުރުގައި ދިވެހިބަހާއި އަދަބަށް އަދި ތާރީޚު ދިރާސާކުރައްވާ، ލިޔުއްވާ ބޭފުޅުންކޮޅަކާއި ދިވެހިބަހުގެ އެކަޑަމީ، މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖްގެ އިސް ބޭފުޅުންކޮޅެއް ބައިވެރިވެލައްވާނެ ކަމަށްވެސް އަޝްރަފް ވިދާޅުވިއެވެ.

މިއަހަރުގެ ޤައުމީ ތާރީޚު ދުވަހަށް އެކެޑެމީން ކަނޑައަޅުއްވައިފައިވާ ޝިއާރަކީ “ކޮންބައެއް، ކޮންތަނެއް ތާރީޚުން ބަލަމާ!” މިއެވެ. މި އަހަރުގެ ޝިޔާރާއި އެއްގޮތަށް މަދަރުސާތަކުގެ ދަރިވަރުންނަށް ދިވެހި ތާރީޚު ދަސްކޮށްދިނުމަށް “ތުއްރަވާސް” ހަރަކާތުގެ ދަށުން ގިނަ ހަރަކާތްތަކެއް ރޭވިފަވާކަމަށް ދިވެހިބަހުގެ އެކެޑަމީގެ ރައީސް ވިދާޅުވިއެވެ.

ކ. ކާށިދުއަށް ކުރާ “ބޮޑުދަތުރު”ގައި އެރަށުގައި ހުންނަ ތަރާގަނޑު ބަލައިލުމާއި އިތުރު އާސާރީތަންތަން ބަލައި އެތަންތަނާއި ބެހޭ މަޢުލޫމާތު ހިއްސާކުރުން އޮންނާނެއެވެ.

މިދިޔަ އަހަރު ފާހަގަކުރެވުނު ދިވެހިރާއްޖޭގެ ޤައުމީ ތާރީޚު ދުވަހު ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީ ދެއްވި ޚިޠާބުގައި ވިދާޅުވީ ދިވެހީންނަކީ މުއްސަނދި ތާރީޚެއް އޮތް ބައެއްކަމަށާއިި ދިވެހި ތާރީޚު ދިރުވައި އާލާކުރައްވަން މަސައްކަތްޕުޅުކުރެއްވި ބޭބޭފުޅުންގެ ޒިކުރާ އާކުރަން ޖެހޭ ކަމުގައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.