“ފޯޓީ ޕްލަސް” ވީމާ ނުވަތަ ސާޅީހުން މައްޗަށް އެޅީމާ ނޯޓީވާނެއެވެ. ލާނެތް ވާނެއެވެ. ދިވެހި ފިލްމީ ދުނިޔޭގެ އެންމެ ފުންނާބު އުސް ތަރިންތައް އެއް ފިލްމެއްގައި “ނޯޓީ”ވެގެން ކުރާ ލާނެތް ކަންތައްތަކާއި، ކުރިމަތިވާ ބިރުވެރި ކަންތައްތައް ބަލައިލަން ތައްޔާރުވެގެން ތިބޭކަށް ދެން އެހާ ގިނަދުވަހެއް ނެތެވެ. ބާކީ އޮތީ އެންމެ ހަތް ދުވަހެވެ.

އަހަރުގެ ބޮޑު ފިލްމަކަށް މި ފިލްމު ވާނެކަން މިހައިތަނަށް ނެރެފައިވާ ކުރުކުރު ޓީޒާތަކުން ބުނެދެއެވެ. ހަމަގައިމުވެސް ބަނޑުގައި ގޮށްލާވަރަށް ހޭން ޖެހޭފަދަ އެތައް ކަމެއް މި ޓީޒާތަކުން ފެނެއެވެ. އަނެއްކާވެސް މިއޮތީ އާ ޓީޒާއެކެވެ. ސީޒަން، ޔޫއްޕެ އަދި ސަޢީދު ފެނިގެންދާ މި ޓީޒާއިން ސީޒަން ފެންނަނީ ވަރަށް ތަފާތު އެކްޓިންއެއްގައެވެ.

“ފޯޓީ ޕްލަސް” އަކީ މުނިފޫހިފިލާނެ ރަނގަޅު ދިވެހި ފިލްމެއް ބަލަން ބޭނުންނަމަ، ހަމަ ކޮންމެހެންވެސް ބަލަން ޖެހޭ ލިސްޓުގެ އެންމެ ކުރީގައި އުޅޭނެ ފިލްމެކެވެ. ބައިވަރު ސަބަބުތައް އެބަހުއްޓެވެ. މި ފިލްމުގެ ފުރަތަމަ ބައި “ނޯޓީ ފޯޓީ” އަށް ވިސްނައިލިޔަސް، މިއީ ބަލަން ޖެހޭނެ ފިލްމެކެވެ.

މި ފިލްމުން ފެނިގެންދާނީ ވަރަށް ތަފާތު ކަންތައް ތަކެކެވެ. ހެއްވާ މަޖާ ބައިތަކެއް ފެނިގެންދާއިރު، ބިރުވެރި ކަންތައްތަކެއްވެސް މީގައި ހިމެނެއެވެ. މިއީ ރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ނެރޭ ހޮރޯ ކޮމެޑީއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި އެންމެ ފާހަގަކޮށްލެވޭ އެކްޓަރުންގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ޔޫއްޕެ، ސީޒަން، މަނިކު އަދި ސައީދު ފެންނަނީ ވަރަށް އެއްކޮށް އުޅޭތަނެވެ. އެތަކެއް މަޖާ ކަންތައްތަކެއް އެކުގައި ތަޖްރިބާކުރާއިރު، ބިރުވެރިކަމާ ނާމާންކަމާވެސް ކުރިމަތިލާނެއެވެ.

ޝަކިއްތަ ފެނިގެންދަނީ ތަފާތު މޭކަޕަކުން، ތަފާތު ކެރެކްޓަރ އަކުން

މި ފިލްމުގައި ޝަކިއްތަ ފެންނަނީ ވަރަށް ތަފާތު ކެރެކްޓަރ އަކުންނެވެ. ސަކިއްތަގެ ހެދުމާއި މޭކަޕަށް ބަލައިލިޔަސް ސިފަވެގެންދަނީ ވަރަށް ވަރުގަދަ ކެރެކްޓަރ އެއް އަދާކޮށްފައިވާކަމެވެ. ސައީދު ވެސް ވަރަށް ތަފާތު ގޮތަކަށް މި ފިލްމުން ފެނިގެންދާނެއެވެ. އާދަޔާޚިލާފަށް ކަޅުކޮށް އަދި ކުރުކޮށް ހުންނަ ސައީދެއް ފެންނާނެއެވެ.

އަޒޫއާއި ޝީލާ ފެންނަނީވެސް ތަފާތު ގޮތަކަށެވެ. ތަފާތު ބިރުވެރި މޭކަޕެއްގައިވެސް ޝީލާ ފެނެއެވެ. ތަރިއަކަށް ދޫކުރާނެ ތަރިއެއް މީގައި ނެތެވެ. ސްޓެޕް އައްޔަ ފެނިގެންދަނީ ވަރަށް ތަފާތު ސްޓެޕަކަށް އޭނާގެ އެކްޓިން ޖައްސާލައިގެން އުޅޭ މަންޒަރެވެ. މިހާރު އެންމެ އުއްމީދީ އެއް ތަރި، އަލީ އާޒިމް (ދޮންއައްޔަ) މި ފިލްމުން ފެނިގެންދާނީ “ނޯޓީ ފޯޓީ” ގައި ކުޅުނުހައި ކުޑަކުޑަ ރޯލަކުންނޫންކަން މިހައިތަނަށް ފެނިފައިވާ ޓީޒާތަކުން އެނގެއެވެ. އަނެއްކޮޅުން ‘ނޯޓީ ފޯޓީ” ގައި ނިކަން އެކްޓްކޮށްލާހިތުން ހުއްޓާ އެ ފުރުޞަތު އޭރު ގެއްލުނު ފައިސަލް މި ފިލްމުގައި މުހިންމު ރޯލެއް އަދާކުރެއެވެ. ފައިސަލް އަކީ އުފެދުމުގައިވެސް ކޮމީޑިއަން އެކެވެ. އެހެންކަމުން ކޮމެޑީ ފިލްމެއްގައި ފައިސަލްގެ އެކްޓިން ފުރިހަމަވެގެންދާނެވަރު އެނގޭނީ މި ފިލްމު ބަލައިލުމުންނެވެ. އާނަންދު ނުވަތަ އީސަ ވެސް މި ފިލްމުން ފެނިގެންދާނީ ކުރިން ފެނިފައިނުވާފަދަ ތަފާތު އެކްޓިންއަކުންނެވެ.

“ފޯޓީ ޕްލަސް” އިން އަލަށް ތަޢާރަފްވެގެންދާ ތަރިންގެ އެކްޓިންވެސް، މިހާރު ނުކުމެފައިވާ ބައެއް ފިލްމުތަކުން އަހަރުމެން ދެކެފީމުއެވެ. އެހެންކަމުން “ފޯޓީ ޕްލަސް” ގައި މި ތަރިންގެ އެކްޓިން ހުރިވަރެއް ބަލައިލަންވެސް މި ފިލްމަކީ ހަމަ ކޮންމެހެންވެސް ބަލަންޖެހޭ ފިލްމެކެވެ.

އިންތިޒާރުގެ މި ގަޑިތައް ނިމޭކަށް ގިނަ ދުވަހެއް ނެތެވެ. ހަތް ދުވަސް ފަހުން އޮލިމްޕަހުގައި “ފޯޓީ ޕްލަސް”ގެ އަޑު ގުގުމައިލާނެއެވެ. ހޭން ތައްޔާރަށް ތިބޭށެވެ. ކުޑަކޮށް ބިރުގަންނަ ފަހަރުފަހަރަށް އަތުގައި ހިފައިލާނެ ބައިވެރިއެއް ގޮވައިގެން ދިޔައިއްޔާ އެކަނިވެރިކަން ފިލާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.