ފިލްމަކީ އިސްމާޢީލް ޝަފީޤް ޕްރޮޑިއުސްކޮށް، މަޝްހޫރު އެކްޓަރ ޑައިރެކްޓަރ ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް އެކްޓްކޮށްފައިވާ ފިލްމެކޭ ބުނާކަށް ނެތީމެވެ. އެއަށްވުރެން ވަރުގަދަ ވާހަކައެއް “ފޯޓީ ޕްލަސް”ގައި ތަފާތު، މުހިންމު ކެރެކްޓަރ އެއް ދައްކުވައިދޭ ޢަލީ ޝާހިދު (ސްޓެޕްއައްޔަ) މިއޮތީ ބުނެފައެވެ.

ސްޓެޕް އައްޔަ އޭނާގެ ފޭސްބްކްގައި އިއްޔެ ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ‘ފޯޓީ ޕްލަސް ގެ ފުރަތަމަ ޝޯ ބަލާފަ ނުހީ ނުކުމެއްޖެނަމަ ލަންކާ ދެކޮޅު ޓިކެޓް އަޅުގަނޑުގެ ޚަރަދުގައި ދޭނަން. މީ ނުބަލާ ދޫކޮށްލެވޭ ވަރަށްވުރެ މޮޅު މަޖާ ބިރުވެރި ފިލްމެއް.’ މިހެންނެވެ. މުނިއަވަސް އަށާއި ރާއްޖޭގެ ބައެއް މީޑިއާތަކަށް ޓެގްކޮށް އައްޔަ ކޮށްފައިވާ ޕޯސްޓަށް ގިނަބަޔަކު ރިއެކްޓްކޮށްފައިވެއެވެ.

“ފޯޓީ ޕްލަސް” އަޅުވަން އެންމެ ހަ ދުވަހަށް ވެފައިވާއިރު، މިވަރުގެ ވަރުގަދަ ވާހަކައެއް ސްޓެޕް އައްޔަ ބުނެފައިވަނީ ހަމަ ހަޤީޤަތުގައި ވެސް މި ފިލްމު ބަލާފައި ނުހީން ނުއިނދެވޭނެތީކަން، މިހައިތަނަށް ނެރެފައިވާ ޓީޒާތަކުން އެކަނިވެސް ޤަބޫލު ކުރެވެއެވެ.

ޝައި ޕްރޮޑަކްޝަންއާއި، ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފެއްދި “ނޯޓީ ފޯޓީ”ގެ ދެވަނަ ބައެއްގެ ގޮތުގައި އުފައްދާފައިވާ “ފޯޓީ ޕްލަސް” އާއި ގުޅޭގޮތުން ފިލްމުގެ ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނީ މިއީ 2019 ވަނަ އަހަރު ދިވެހި ފިލްމީ ސްކްރީނަށް އަންނާނެ އެންމެ ތަފާތު އެއް ފިލްމަށްވާނެކަމަށެވެ. ޝަފީގް ބުނީ “ފޯޓީ ޕްލަސް”އަކީ ވަރަށް ގިނަ ރަހަތައް އެކުލެވޭނެ ފިލްމެއްކަމަށާ ފިލްމުގައި ތަރިންގެ ފަރާތުން ވަރަށް ކުޅަދާނަ އެކްޓިންއެއް ފެނިގެންދާނެކަމަށެވެ.

މިއީ “ނޯޓީ ފޯޓީ”އެކޭ އެއްގޮތަކަށް ހެއްވާ މަޖާ ވަރަށް ގިނަ ކަންތައްތަކެއްގެ އިތުރުން ބިރުވެރި ކަންތައްތަކެއްވެސް ފެނިގެންދާނެ ފިލްމެއްކަމަށް ޝަފީގް ވަނީ ބުނެފައެވެ.

ތ. ބުރުނީގައި ބޮޑު ކާސްޓަކާއެކު ޝޫޓްކޮށްފައިވާ މި ފިލްމުގައި ޔޫސުފް ސަފީއު (ޔޫއްޕެ)، އަލީ ސީޒަން، މުހައްމަދު މަނިކު، ޝީލާ ނަޖީބު، އަހްމަދު ސައީދު، ފާތުމަތު އަޒީފާ (އަޒޫ)، މުހައްމަދު ފައިސަލް، އަލީ އާޒިމް (ދޮން އައްޔަ) އަދި އަލީ ޝާހިދު (ސްޓެޕްސް އައްޔަ) ހަރަކާތްތެރިވެއެވެ. މީގެ އިތުރުން މަރިޔަމް ޝަކީލާ (ޝަކިއްތަ) ފަދަ ތަޖުރިބާކާރު ފަންނާނުންނާ އެކު “ފޯޓީ ޕްލަސް” ގައި ހަރަކާތްތެރިވާ އާ ކާސްޓުންނަކީ މަރިޔަމް ޝިފާ، އައިމިނަތު ސަމްއާ، ބައްސާމް އަހްމަދު، އިރުފާނާ އިބްރާހިމް، އައިމިނަތު ޒިޔާދާ އަދި ހުނޭޝާ އާދަމް ނަސީރް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.