ދިވެހިންގެ ތާރީޚަކީ ދަރިވަރުން ކިޔަވާ ހިތްވާ ފަދަ މާއްދާއަކަށް ހަދައި، ތާރީޚު ދިރާސާކުރަން ޒުވާނުންގެ ވެސް ޝައުގުވެރިކަން އިތުރުކުރަން ޖެހިފައިވާ ކަމަށް، ގައުމީ ތާރީޚު ދުވަސް ފާހަގަކުރުމަށް އިސްލާމިކް ޔުނިވާސިޓީގައި ރޭ ބޭއްވި ޚާއްސަ ޖަލްސާގައި އާޓްސް އެންޑް ކަލްޗާ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ގައުމީ ތާރީޚު ދުވަސް ފާހަގަކުރަން ޖެހެނީ ތާރީޚުގެ މުހިއްމު ކަމާ މެދު މީހުން ހޭލުންތެރި ކުރުމަށް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ތާރީޚުން އަންގައިދެނީ ދިވެހިންނަކީ ކޮން ބައެއްތޯ އާއި ދިރިއުޅުމުގެ ވައްޓަފާޅި އާއި ހަޟާރާތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ ތާރީޚު ދިރާސާކުރުމަކީ ދަރިވަރުންގެ މައުލޫމާތު މުއްސަނދިވެ ވިސްނުން ތަރައްގީވެ، ތަފާތު ކަންކަމަށް ލޯ ހުޅުވި މައްސަލަ ހައްލުކުރަން ދަސްވާ ކަމެއް ކަމަށެވެ. ހަމަ އެހެންމެ ލިއުންތެރިކަން ކުރިއަރައި، ބަސް ރަނގަޅު ގޮތުގައި ބޭނުންކުރަން ދަސްވާ ކަން ވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

“ކުރީގެ ތަޖުރިބާތަކާއި ހަނދާންތައް އަޅުގަނޑުމެންނަށް މުހިއްމުވޭ. ހަމައެހެންމެ ގައުމެއްގެ ހަޔާތުގައި ވެސް ގައުމެއްގެ ހަނދާންތައް މުހިއްމު،” މިސާލެއް ޖައްސަވަމުން ޔުމްނާ ވިދާޅުވީ އިންސާނަކު ވެސް ކުރިއަރަމުން އަންނަ އިރު އޭނާގެ ކުރީގެ ތަޖުރިބާތައް މުހިއްމު ކަމަށެވެ.

ރޭގެ ޖަލްސާގައި ތާރީޚަށް ޚިދުމަތްކުރައްވަމުން ގެންދަވާ 11 ބޭފުޅަކަށް ހަނދާނީ ފިލާ އަރުވާފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.