“ދެން ކެތެއް ނުވާނެ. އަހަރެންވެސް ހީކުރީ ލޯބި ލިބޭނެކަމެއް. ލޯބި ލިބެން ނެތް ދުނިޔެއެއްގައި އުޅޭކަށް ބޭނުމެއް ނޫން. ކެތް ކުރެވިއްޖެ. އިޒުވާނުގެ ހިތުގައި އަހަންނަށް އެއްވެސް ޖާގައެއްނެތްކަން މިހާރު އެނގިއްޖެ. މި ހިތާމަތަކަށް ދެން ކެތެއްނުވާނެ. އަހަރެންގެ އެންމެ ފަހުނޭވާގައިވެސް އަހަރެން ބޭނުންވަނީ އިޒުވާނުގެ ލޯބީގައި ނިމިގެންދާން. އިޒުވާނު ކޮންމެވެސް ދުވަހަކުން އަހަރެންވީ ހަޤީގީ ލޯބިކަން ގަބޫލުކުރާނެ. އެކަމަކު ވަގުތު ފާއިތުވެގެން ދާފަހުން. އިޒުވާނު ދެކެ މަ ވަރަށް ވަރަށް ވަރަށް ލޯބިވޭ…” ޒިނާއަށް އެވާހަކަތަށް ބުނެވުނު ވަގުތު އޭނަގެ ހެއަށް ގޮތްވަމުން ދިޔައެވެ. ހަމަ އެވަގުތު ހުރި ގޮތަށް ޒީނާ ޓައިލްސްމައްޗަށް ޖެހުނެވެ.
“މަންމާ އަހަންނަށް މަޢާފު ކުރޭ..” އެންމެ ފަހުވަގުތު ޒީނާއަށް ބުނެލެވުނީ އެވަރަށެވެ.
***
ސަމާވެސް ޑިއުޓީ ނިންމާލުމަށްފަހު ގެއަށް އައިސް ވަނީ އިޒުވާނު އެގެއިން ނުކުމެގެން ދިޔަތާ އިރުކޮޅެއްވީ ފަހުންނެވެ. ސަމާގެ މޫނުމަތިން ވަރުބަލިކަން ފެންނަމުން ދިޔައެވެ. ހީވަނީ ދިގު ދަތުރެއް ކުރަން ޖެހުނު ދުވަހެއް ހެންނެވެ. ވެފައިވާ ވަރުބައްޔެއްގެ ސަބަބުން ފިނި ފެންފޮދެއް ބޯލުމަށް އައިސްއަލަމާރިން ފެންފުޅިއެއް ނަގައިގެން ކަރު ތެއްމާލިއެވެ. ޒީނާ ކޭކު އަޅަންވެގެން މަސައްކަތުގައި އުޅެފައި ހުރިކަން މޭޒުމައްޗަށް ބަލައިލުމުން އެކަން ސަމާއަށް އެނގުނެވެ. ފެންފުޅި އަލަމާރިއަށް ލުމަށްފަހު ޒީނާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ޒީނާ ފެންނަން ނެތުމުން ޒީނާ ކޮބައިތޯ ބަލައިލުމަށް ބޭނުންވިއެވެ. ދޮރު ކައިރީގައި މަޑުކޮށްލުމަށްފަހު ތަޅުގައި ހިފިއެވެ. ނަމަވެސް ކޮޓަރީގެ ދޮރު ހުރީ އެތެރެއިން ތަޅުލާފައެވެ. ޒީނާ އަށް ދެތިން ފަހަރަކު ގޮވާލުމުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ފާހަނާގައި އުޅެނީ ކަމަށް ހީކޮށް އަނެއްކާވެސް މަޑުކޮށްލައިގެން ހުރުމަށްފަހު ގޮވާލިއެވެ. ޖަވާބެއް ނުލިބުމުން ދޮރުގައި ޓަކިދޭންފެށިއެވެ. ނަމަވެސް އެތެރެއިން އެއްވެސް ޖަވާބެއް ނުލިބުނެވެ.
ސަމާގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. ޒީނާގެ ހާލަތު އޭނައަށް ވިސްނޭތީ ސަމާ ބިރުވެސްގަތެވެ. ހަދާނެ ގޮތް ހުސްވިއެވެ. އަނެއްކާވެސް ދޮރުގައި ބާރަށް ތަޅަށް ފެށިއެވެ. އެހެނަސް އެއްވެސް ހަބަރެއް އެތެރެއަކުން ނުވިއެވެ. ވިސްނާލަން ހުރުމަށްފަހު ކޮނޑުގައި އޮތް ދަބަހަށް ނަޒަރު ހުއްޓުނެވެ. ކުއްލިއަކަށް އެއްޗެއް މަތިން ހަނދާންވެގެން ދަބަހުގެ ޒިބު ކަހައިލިއެވެ. ބަލަން ނުހުރެ ދަބަހުގައި ހުރި ހުރިހާ އެއްޗެއް ބިންމައްޗަށް އޮއްސާލިއެވެ. އޭގެތެރެއިން ރީތިވާން ބޭނުން ކުރާ އެއްޗެއްސާއި އެހެނިހެން ތަކެތި ބިއްމައްޗަށް ބުރައިގެން ދިޔައެވެ. އެވަގުތު ލޮލުގައި ތަޅުދަނޑިފަތި އަޅައިގަތެވެ. އަވަސް އަވަހަށް އޭގައި ހުރި ތަޅުތަނޑިތައް އެދޮރުގެ ތަޅަށް ޖަހަން ފެށިއެވެ. އިސާހިތަކު އެދޮރުގެ ތަޅުދަނޑިން ދޮރު ހުޅުވުނެވެ. ސަމާ ހީވަނީ ނުކަތަވައިގެން އުޅޭހެންނެވެ. އޭނަގެ ހިތް ބުނަމުން ދިޔައީ ޒީނާއަށް ކޮންމެވެސް ކަމެއް ވެއްޖެ ކަމެވެ. އެކަން އޭނަގެ އަމަލުތަކުންވެސް ހާމަ ވަމުން ދިޔައެވެ.
ދޮރު ހުޅުވާލުމާއެކު ސަމާގެ ދެލޯ އަމާޒުވީ ޒީނާއަށެވެ. ބިއްމައްޗަށް ވެއްޓިފައި އޮތް ޒީނާ ފެނިފައި ސަމާއަށް ވީގޮތެއްވެސް ނޭންގުނެވެ. ލޮލުގައި އަޅައިގަތީ ވަޅިއާއި ލެއިން ތަތްވެފައިވާ ތަނެވެ. ޒިނާގެ އަތުން ފައިބަމުން ދިޔަ ލޭތަކުން ސަމާގެ ހަރަކާތް އަވަސްވިއެވެ. ދުވެފައި ކަހަލަ ގޮތަކަށް ގޮސް ޒީނާގެ ހަށިގަނޑާއި ދިމާއަށް ތިރިވެވުނެވެ. އަވަސް އަވަހަށް އެތަނުން ޒީނާގެ ހެދުމެއް ހިފައިގެން އައިސް ޒީނާގެ ވާއަތުގައި އޮޅާލިއެވެ. ނަމަވެސް ލޭ މަނާވާގޮތެއް ނުވިއެވެ. ޖީބުގައި އޮތްފޯނު ނެގިއެވެ. އެންބިއުލާންސަށް ގުޅިއެވެ. ސަމާއަށް ރޮވެންފެށިއެވެ. ޒީނާ މަރުވެއްޖެނަމަ އޭނަ ދުނިޔެއަށް ގިނަވީއެވެ. ޒީނާ ނޫނީ އޭނައަށް އެހީވާނެ އަޅާލާނެ އެހެން އެއްވެސް އިންސާނެއް މި ދުނިޔޭގައި ވެސް ނުހުންނާއެވެ. އޭރުވެސް ޒީނާގެ ދެލޯ ވަނީ މެރިފައެވެ. ހަރާކާތްވެސް ވަނީ ހުއްޓިފައެވެ. ޒީނާގެ މޫނަށް ބަލަމުން މޮޔައެއްފަދައިން ސަމާ ރޮމުން ދިޔައެވެ. މުޅިން ހަދާނެ ގޮތް ހުސްވިކަހަކައެވެ.
“ނޫން ޒީ. ކީއްވެ ތިގޮތަށް ކަންތައް ތި ކުރީ. ކީއްވެ؟ ޒީ މަރެއް ނުވާނެ. އެންމެ ފަހަރަކުވެސް މަށާ ދޭތެރޭ ވިސްނާލިނަމަ. ޒީ ދެލޯ ހުޅުވާލަބަލަ.. މީ ސަމާ އޭ. ޒީގެ ދައްތައޭ.. ޒީ ނެތް ދުނިޔެއެއްގައި އަހަރެންވެސް އުޅޭކަށް ބޭނުމެއްނޫން..” ސަމާގެ ހިތްވެސް ފަޅައިގެން ދިޔަހަލައެވެ. އެމީހުންގެ ހަޔާތުގައި މި ދިމާވަނީ ކޮންކަހަލަ ހިތްދަތި ކަންތަކެއް ހެއްޔެވެ؟ ޒީނާ ނަގައި އޭނަގެ އުނގުތެރެއަށް ލިއެވެ. ޒީނާގެ މޫނުގައި ދެއަތުން ފިރުމަމުން ދިޔައެވެ. މޮޔައެއް ފަދައިން ސަމާ ޒީނާއަށް ބަލަމުން ދިޔައެވެ. އިސާހިތަކު އެންބިއުލާންސް އައުމުން ޒީނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދެވުނެވެ.
***
“މަންމަވެސް މީ ވަރުގަދަ މީހެއް. އަދި ބުންޏޭ ހޮސްޕިޓަލަށް ގޮއްސަ އެޕޮއިންޓްމަންޓެއް ލިބޭތޯ ބަލާށޭ އެތެރެހަށީގެ މީހަކަށް ދައްކަން ވެގެން. ބައްޕައަށްވެސް އެވަރުގެ ކަމެއް ނުކުރެވޭނެ. އެތަނަށް ވަދެލާފަ ދާނީ..” ހައުލާއާއި ޒުހުރީ ތިބީ ޕޮއިންޓް އިން ބީޗުގައި ކޮފީއަށް އިންސާފުކުރާށެވެ. އެމޙީހުންގެ ޖަގަހައަކީ އެއީއެވެ.
“ކޮފީ ނިންމާލާފަ ދަމުން ބަލާލާނީ ދޯ” ޒުހުރީ ކޮފީތަށީގައި ތުން ޖަހަމުން ބުންޏެވެ.
“މިހާރު ފެގުވެސް ނުބޮނީތަ؟”ޒުހުރީ ސިނގިރޭޓެއް ރޯކޮށްނުލާ ހަމަ އެކަނި ކޮފީތަށިން ފުއްދާލާފަ އިނުމުން ހައުލާ ސުވާލުކުރިއެވެ. ޒުހުރީއަށް އަންނަމުންދާ ބަދަލުތަކުން ހައުލާވެސް އަޖައިބުވާން ފެށިއެވެ.
“ހުއްޓާލައިފިން. އައްސު ދެން ސިއްހަތަށް ގެއްލުންހުރި ކަމެއްވީމަ ހުއްޓާލީ. ކަޑަ ކަމެއްނު ދޯ. ހައުވެސް ދެން ތިކަން ހުއްޓާލާފަ ރަނގަޅު މީހެއްގޮތުގަ އުޅެން ވިސްނަންވީއްނު؟” ހައުލާ ދެބުމަ ގޮށްޖަހާލިއެވެ. ޒުހުރީގެ ބަސްމަގު ހުރިގޮތުންނާއި އުޅުމަށް އަންނަމުންދާ ބަދަލުތަކުން ޒުހުރީއަށް ކޮންމެވެސް ކަމެއް ވެއްޖެކަން ހައުލާއަށް ވިސްނުނެވެ. ނަމަވެސް އެކަމާ ގުޅޭގޮތުން އެއްވެސް ވާހަކަތަކެއް ދައްކާކަށް ހައުލާ ބޭނުމެއްނުވިއެވެ. ހައުލާއަކީ އެއަށްވުރެ ބޯ ހަރު ވިސްނުންތޫނު އަންހެނެކެވެ.
“އެއްކަލަ ބަޅ… ކަލޭ އިސްލާހުވެގެން ބޮލު ފޮށާ އަޅައިގެން ހުރޭ.. މަށަށްތި އާރޓްތައް ދައްކާނެ ކަމެއް ނެތް. ބަލާއެއް މިއުޅޭ އާލާތުންނަށް މިވާގޮތަކުން. ހޭބަލި އަރާފަ ތިބޭނީ. އަބަދު ހިނދުކޮޅު އައިސްގެން އުޅޭނީ..ކަލޭ ފެގު ނުބޮންޏާ ހުރޭ.. ކޮން ބަލާއެއް..” ހައުލާ އޭނަގެ ގޮތުގައި ފަތިވަރު އަމުނާލިއެވެ. ޒުހުރީ އެއްވެސް އެއްޗެކޭ ނުބުނެ ހަމަޖެހިލައިގެން އިނެވެ.
“ހިނގާ ދާން. މަވެސް މާލެ ދާންޖެހޭ. ކުޑަ ކަމެއްވެސް އެކޮޅުގަ އެބޮތް..” ކޮފީތަށި ހުސްކޮށްލަމުން ޒުހުރީ ބުންޏެވެ. ހައުލާ ބޮމުން ދިޔަ ސިނގިރޭޓް ބިންމައްޗަށް ވައްޓާލަމުން މޫނުމައްޗަށް ގޮތެއް ހަދާލަމުން ޒުހުރީއަށް ބަލައިލިއެވެ. ޒުހުރީ ވެއިޓަރު މީހާއަށް ގޮވާލުމުން އެމީހާ އެތަނަށް އައުމުން ބިލް ގެނައުމަށް އެދުނެވެ. ކާރޑުން ފައިސާ ކެނޑުމަށްފަހު ތެދުވެގެން ހިނގައިގަތީ ސައިކަލާއި ދިމާއަށެވެ.
“ކަލޭ ވެސް އިސްލާހުވީ ދޯ.. އަނެއްކާ މިޅވެސް ކަމެއްފެށީހެން ހާދަ ހީވެޔޭ.. ޔަގީނޭ ކޮންމެވެސް އަންހެނެއްގެ އަވައިގައި ޖެހުނީކަން” ހިނގަމުން ގޮސް ހައުލާގެ ހަޑިހުތުރުދުލުން ޒުހުރީއަށް އެތިވަރު ގޮވާލިއެވެ. އެހެނަސް އެއްވެސް އެއްޗެކޭނުބުނެ ޒުހުރީ ގޮސް ސައިކަލަށް އެރިއެވެ.
***
ޒީނާ ދެއްކި ވާހަކަތަކަށް ވިސްނަމުން އިޒުވާނު ވެސް ސައިކަލުގައި އައިސް މަޑުކޮށްލީ ހޮސްޕިޓަލް ކައިރިއަށެވެ. ޒީނާ ލޯބިވާކަން ހާމަ ކުރުމުން އިޒުވާނަށް އެކަން ޤަބޫލުކުރަން ދަތިކަމަކަށް ވިއެވެ. ސިކުނޑީގައި ޒީނާ ދެއްކި ވާހަކަތަށް އުނދަގޫ ކުރަމުން ދިޔައެވެ. އިޒުވާނު ވެސް ހޮސްޕިޓަލަށް އައީ ޑޮކްޓަރަށް ދައްކާލުމަށެވެ. ޑިއުޓީއަށް ނުގޮސް މެޑިކަލް ސެޓްފިކޭޓެއް ހަދަން ބޭނުންވެގެންނެވެ. ހޮސްޕިޓަލް ދޮރުމަތީގައި ސައިކަލު ޕާރކު ކޮށްލުމަށްފަހު ފައިބައިގެން އެތެރެއަށް ވަނުމަށް ހިނގައިގަތެވެ. ހޮސްޕިޓަލަށްވަދެ ނަމްބަރެއް ނަގައިގެން ގޮޑިބަރީގައި ގޮސް އިށީނެވެ. މީހުން ގިނަ ކަމުން ހޮސްޕިޓަލު ތެރޭގައި މީހުން ކޮޅުކޮޅަށް ހޭލަމޭލަވަމުން ދިޔައެވެ.
ހައުލާއާއި ޒުހުރީވެސް ސައިކަލުގައި އައިސް ހޮސްޕިޓަލުގެ އެމަރޖެންސީ ފަރާތަށް ސައިކަލު ޕާރކުކޮށްލުމަށްފަހު ހޮސްޕިޓަލަށް ވަނުމަށް ހިނގައިގަތެވެ. އިޒުވާނުވެސް ނަމްބަރު ނަގައިގެން ގޮޑީގައި ހަމަޖެހިލައިގެން އިނެވެ. ބަލި މީހުން ގިނަ ކަމުން ފޫހިވާން ފެށުމުން އަތުގައި އޮތް ނަމްބަރު ކަރުދާސްކޮޅަށް ބަލާލުމަށްފަހު ހޮސްޕިޓަލް ތެރެ ބަލާލުމުގެ ނިޔަތުގައި ހޮސްޕިޓަލުގެ އެމަރޖެންސީ ފަރާތަށް ދިއުމަށް ތެދުވެގެން ހިނގައިގަތެވެ.
އެވަގުތު އެންބިއުލާންވެސް އައިސް ވަތްތަން ފެނުމުން އިޒުވާނު މަޑުޖެހުނެވެ. އެންބިއުލާންސް މަޑުކޮށްލުމާއެކު އޭގައި ގެނައި ބަލި މީހާ ނެރެންވެގެންއޭގައި ތިބި އެހީތެރިން އަތްމަތި އަވަސްކޮށްލައިގެން އުޅުނެވެ. އެމީހުން އުޅުނު ގޮތުން އެއީ ކޮންމެވެސް ބޮޑުކަމެއްވެގެން ގެނައި ބަލިމީހެއްކަން އިޒުވާނަށްވެސް އެނގުނެވެ. ހައުލާއާއި ޒުހުރީވެސް އެމަންޒަރު ބަލަން ދުރުގައި މަޑުކޮށްލައިގެން ތިއްބެވެ. ސަމާ ރޮމުން އެންބިއުލާންސް އިން ފޭބިއެވެ. އެވަގުތު އޭގެތެރެއިން ޒީނާގެ ހަށިގަނޑު ނެރުނުތަން އިޒުވާނުގެ ލޮލުގައި އަޅައިގަތެވެ. އިޒުވާނަށް ވީގޮތެއްވެސް ނޭންގުނެވެ. މާ ނޫންގޮތަށް މަންޒަރު ބަލަން ހުރި ޒުހުރީއަށްވެސް އެދިމާއަށް ބަލާލެވުނީ އިއްތިފާގަކަށްވެސް ވެދާނެއެވެ. އިޒުވާނަށްވެސް ހުރެވުނު ތަނެއް ނޭންގުނެވެ. ޒީނާގެ ދެލޯ ވަނީ މެރިފައެވެ. އަތުގައި އޮޅާފައި އޮތްފޮތިގަނޑު ލެއިން ތަތްތެޅިފައި ހުރިތަން އިޒުވާނުގެ ލޮލުގައި އަޅައިގަތެވެ. ޒުހުރީއަށްވީ އެހެން ގޮތެކެވެ.
“ޒީނާ” އޭ ބުނެވުނެވެ. ހަމަ އެވަގުތު ޒުހުރީ އެދިމާއަށް ބާރު ބާރަށް ހިނގައިގަތެވެ. އެވަގުތު ހައުލާއަށްވެސް އެމަންޒަރު ފެނުނެވެ. ހައުލާވެސް ޒުހުރީގެ ފަސްފަހަތުން އެދިމާއަށް ހިގައިގަތެވެ. އޭނަގެ މޫނުމަތިންވެސް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. ޒީނާ އޮތްހާލު ފެނިފައި ޒުހުރީގެ ހިތް ފުނޑުފުނޑުވެގެން ފޭބި ކަހަލައެވެ. އިޒުވާނަށްހީވީ މީހަކު އޭނަގެ މޫނުގައި ބާރު އެތިފަހަރެއް ޖެހިހެންނެވެ. އެވަގުތު ޒީނާ ދެއްކި ވާހަކަތަށް އޭނަގެ ކަންފަތްބުޑުގައި އިވެމުންދިޔަ ކަހަލައެވެ. އެވީ ކުޑަވަގުތުކޮޅުތެރޭގައި ޒީނާ އަމިއްލައަށް ފުރާނަ ދުއްވާލާނެކަމަށް އިޒުވާނަށް ޤަބޫލުވެސް ނުކުރެވުނެވެ. ޒުހުރީ އުޅުނުގޮތުން ހައުލާ ކުރަމުންދިޔަ ޝައްކު ޔަގީނަށް ބަދަލުވެގެން ދިޔައެވެ. ހައުލާ ވަރަށް ފަރުވާތެރިކަމާއެކު ޒުހުރީއަށް ބަލަމުން ދިޔައެވެ.
ވަގުތުން ޒީނާގެ ހަށިގަނޑު އެމަރޖެންސީ ކޮޓަރިއަށް ގެންދެވުނެވެ. އިޒުވާނަށް އެންމެ ފިޔަވަޅެއްވެސް އަޅާނެ ހިތްވަރެއް ނުލިބުނެވެ. ހުރި ފިޔަވަޅު މަތީގައި ހުރެވުނެވެ. ޒުހުރީ ބެލީ ކޮންމެވެސް ގޮތަކުން އެތެރެއަށް ވަންނާށެވެ. ނަމަވެސް އެތެރެއަށް ވަނުމުގެ ހުއްދައެއް ނުލިބުނެވެ. ޒުހުރީގެ ހިތަށް ކުޅަދާނައެއް ނުވިއެވެ. ޒީނާ އޮތް ހާލު ފެނިފައި ޒުހުރީގެ ލޮލުގައި ކަރުނަތަށް ޖަމާވަމުން ދިޔައެވެ. އޭނަ އުޅުނު ގޮތުން ހައުލާ ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ.
ބަލަން ނުހުރެ ޒުހުރީ ހޮސްޕިޓަލުން ނުކުތެވެ. އޭރުވެސް ލޮލުގައި ޖަމާވަމުންދިޔަ ކަރުނަތައް ލޮލުތެރޭގައި ހަނގުރާމަ ކުރަމުން ދިޔައެވެ. ސައިކަލަށް އެރުމަށްފަހު ބާރު ދުވެއްޔެއްގައި ސައިކަލު ދުއްވާލިއެވެ. ޒުހުރީއަށް ދެވޭ ނުދެވޭ ދިމާލެއް ނޭންގުނެވެ. ކުރަންއުޅުނީ ކީއްބާވައެވެ؟ ކޮންމެ ގޮތެއް ވިއަސް ޒުހުރީއަށް ޒީނާ އޮތް ހާލުން ވަރަށް އަސަރުކުރުވައިފިއެވެ. ސައިކަލުގައި ދުއްވަމުން ދިޔައިރު ޒީނާ އޮތްހާލު ޒުހުރީއަށް ސިފަވަމުން ދިޔައެވެ. އޭނަގެ ދެލޯ ކަރުނުން ފުރެމުން ދިޔައެވެ. އަނގައިން ބާރަށް ނޭވާލަމުން ދިޔައެވެ. ސައިކަލުގައި ދިޔަ ގޮތަށް ގޮސް ފެރީ ގިމަތަ ސަރަހައްދުގައި ހުންނަ، މީހުން ކިޔާގޮތުންނަމަ “މަރީނާބޭ” ދިމާލަށް ސައިކަލު މަޑުކޮށްލިއެވެ. ސައިކަލު ޕާރކުކޮށްލުމަށްފަހު ހިނގައިގަތީ އެދިމާލުގައި ހުންނަ ފިތުރޯނު ގަހާއި ދިމާއަށެވެ. އެތަނުގައި މަޑުޖެހުނެވެ. ފުންނޭވާއެއްލުމަށްފަހު ހަމަޖެހޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ޒުހުރީއަށްވަމުންދާގޮތް ޙުދު އޭނާއަށްވެސް ނޭންގެއެވެ. މޮޔައަކު އުޅޭފަދައިން ޒުހުރީ ކޮޅުކޮޅަށް ހޯދާ ބަލަމުން ދިޔައެވެ. ދެލޮލުގައި ޖަމާވަމުންދިޔަ ކަރުނަތައް ހުރީ ކަސްތޮޅު އެޅުވިފައެވެ. އުޅެވޭ ނޫޅެވޭގޮތެއްވެސް ނޭންގުނެވެ. އޭނަ ގެނައި ކުއްލި ހަރަކާތަކާއެކު އަތް މުއްކަވާފައި އެތަނުގައި ހުރި ފިތުރޯނު ގަހުގައި ބާރަށް ޖެހިއެވެ. ޖެހި ވަގުތު އަތަށްތަދުވިކަން އޭނަގެ މޫނުމަތިން ފެންނަމުން ދިޔައެވެ. އޭނަގެ ހިތަށް ވެސް އެކަމުގެ އަސަރުކޮށްފައިވާކަންވެސް ހާމަވަމުން ދިޔައެވެ. ލޮލުގައި ޖަމާވެފައިފައިވާ ކަރުނަތަށް އިސާހިތަކު އޭނަގެ ކޯތާފަތް ތެއްމާލިއެވެ.
“ޒީނާ މަރެއް ނުވާނެ. ޒީނާ އަހަންނަށްޓަކައި ދުނިޔޭގައި ހުންނަން ޖެހޭނެ. މަ ޒީނާދެކެ ވަރަށް ވަރަށް ލޯބި…” ޒުހުރީގެ އަޑު ބެދުނެވެ. ޒުހުރީ ކިތައްމެ ފޮރުވަން މަސައްކަތް ކުރި ނަމަވެސް އޭނަގެ އަމަލުތަކުން އޭނަ ޒީނާދެކެ ލޯބިވާ ވަރު ހާމަވެގެން ދިޔައެވެ. ހަމަ ރަނގަޅަށްވެސް ޒުހުރީއަށް ޒީނާދެކެ ލޯބި ވެވިއްޖެއެވެ. ނޭންގި ނަމަވެސް ޒުހުރީގެ ހިތް ޒީނާއަށް ހިބައިން ދެވިއްޖެއެވެ. ލޯތްބަކީ ކިހާ ވިޔާނުދާ ޖަޒުބާތެއް ހެއްޔެވެ. ނޭންގި ހުއްޓާ ޒުހުރީއަށް ޒީނާ ދެކެ ލޯބި ވެވުނީއެވެ. އޭނައަށް އައިސްފައިވާ ބޮޑު ބަދަލަކުންވެސް ޒީނާދެކެ އޭނަ ވެވުނު ލޯބީގެ ބާރުގަދަކަން ހެއްކަކަށް ފުދޭނެއެވެ. މުޅި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށްލީ ޒީނާއަށްޓަކައެވެ. ހަމަ ހަޤީގަތަށްވެސް ޒުހުރީގެ ހިތް ޒީނާއަށް ދެވުނީއެވެ. އެންމެ ފުރަތަމަ ޒީނާ ފެނުނު ދުވަހުން ފެށިގެން ޒީނާގެ ކިބައި އާދަޔާހިލާފު އެތައްކަމެއް ޒުހުރީއަށް ފާހަގަ ކުރެވުނެވެ. ލޯތްބަކީ ރީތި ހުތުރަކުން ވެވޭ އެއްޗެއް ނޫނެވެ. މީހާ ގައިގައި ހުންނަ މައުސޫމުގޮތަކުންވެސް މީހަކު ދެކެ ލޯބިވެވިދާނެއެވެ. ޒުހުރީއަށް ޒީނާދެކެ ލޯބިވެވުނީ އެފަދަގަތަކުން ކަމަށްވެސް ވެދާނެއެވެ.
***
އިޒުވާނު އަދިވެސް ހުރިތަނުގައި ހުރެވުނީއެވެ. ކޮންމެ ގޮތެއްވިއަސް ޒީނާ މަރުވި ނަމަވެސް އެކަމުގައި އޭނަގެ ކުށެއް ނެތެވެ. ޒީނާ އޭނަދެކެ ލޯބިވިކަމީ އެއީ އޭނަގެ ކުށެއްވެސް ނޫނެވެ. ފުންހިޔާލެއްގެ ތެރެއަށް ގެއްލިފައި އިޒުވާނަށް ހުރެވުނެވެ. ޒުހުރީ ދިޔަގޮތަށްދިޔައީ ހިތަށް ކެތްނުވެގެންނެވެ. ޒީނާ އަށް ލިބޭ ކޮންމެ އަނިޔާއަކީވެސް ޒުހުރީއަށްވެސް ލިބޭ އަނިޔާއަށް މިހާރުވަނީ ވެފައެވެ. ޒުހުރީއަށް ޒީނާދެކެ އިންތިހާއަށް ލޯބިވެވުނެވެ. ހައުލާ އަށް ހުރެވުނީ ޒުހުރީ ވީތަނެއް ނޭންގިފައެވެ. ފޯނަށް ގުޅުމުން ފޯނުވެސް އޮތީ ނިއްވާލާފައެވެ. ހައުލާ ހާސްވާންފެށިއެވެ. ޒީނާގެ ހާލު ބަލަން ހައުލާވެސް އަވަސްވެގަތެވެ. އޭރުވެސް އިޒުވާނު ޙިޔާލަކަށް ގެއްލި ގަބުވެފައި ހުއްޓެވެ. އޭރުވެސް ހައުލާއަށް އިޒުވާނު ހުރިތަނެއް ނުފެނެއެވެ. ހުރިކަމެއް ވެސް ނޭންގެއެވެ. އެމަރޖެންސީ ރޫމަށް ދިއުމަށް ހިނގައިގަތްވަގުތު ހައުލާގެ ލޮލުގައި އިޒުވާނު އަޅާއިގަތެވެ. އޭނަ ހުރިގޮތްފެނިފައި ވެސް ހައުލާގެ ހިތް ރޯވަމުން ދިޔައެވެ. ހައުލާގެ ސިނކުޑިއަށް ވަންނަމުން ދިޔަ ވަސްވާސްތަކާއެކު އެދިމާއަށް ހިނގައިގަތެވެ.
“އަދިވެސް ކަލޭ މައިތިރިވާކަށް ނޫޅެންދޯ. ފެނިއްޖެތަ އެފަކީރު އޮތް ހާލު. ތިހެން މީހުންގެ ދިރިއުޅުމަށް ޒަހަރުނުލާ މައިތިރިވެބަލަ. ކަލޭ ތީ ހާދަ ގޮތް ކުޑަ އިންސާނެކޭ. ކަލޭގެ ސުންޕާއާ ހެދި ކިތައް އަންހެން ކުދިންގެ ދިރިއުޅުން ސުންނާފަތިވަމުން އެދަނީ.. ބަލަ ދޮންކަލޯ އަންހެނުންނަކީ ކަލޭމެން ނާޗަރަންގީ ކުޅެން ގެންގުޅޭ ބަޔަކަށް ނުހަދަބަލަ.. ބުނަން ރަނގަޅު ވާހަކަ އެއް. މަ އަދިވެސް މި ބުނަނީ ކަލޭ ހަމަނޭވާލިޔަ ދޭކަށް މަ ބޭނުމެއްނޫނޭ.. އަދިވެސް ކަލޭގެ ދިރިއުޅުން ފުޑުފުޑުކޮށްލާނަން.” ހައުލާ އައިގޮތަށް އައިސް ބަވައިގަތުމުން އިޒުވާނު ސިހިފައި ހައުލާއަށް ބަލައިލިއެވެ. އިޒުވާނު އެއްވެސް ރައްދެއްނުދީ މަޑުން ހުރީ އެއީ ހޮސްޕޓަލެއްކަން އެނގި އެތަނުގައި މީހުންވެސް އުޅެމުންދާތީއެވެ. އޭނަގެ މޫނުމަތިން އޭރުވެސް ފެންނަމުން ދިޔައީ މާޔޫސްކަމެވެ.
އެވަގުތު އެމަރޖެންސީ ކޮޓަރީގެ ދޮރުހުޅުވާލާފައި ސަމާ ނުކުތްތަން ހައުލާއަށް ފެނުނެވެ. އިޒުވާނަށް ލޯއަޅާލުމަށްފަހު ހައުލާ އެދިމާއަށް ހިނގައިގަތެވެ. އިޒުވާނުވެސް ހައުލާގެ ފަހަތުން ހިނގައިގަތެވެ.
“ޒީ މިހާރު ކިހިނެއް..؟” އިޒުވާނަށް އަހާލެވުނެވެ. ސަމާ ފެނިގެން އެންމެ ފުރަތަމަވެސް އިސްވެ ވާހަކަދެއްކީ އިޒުވާނެވެ.
“ތީ ކާކު؟” އިޒުވާނަށް ރަނގަޅަށް ނަޒަރު ހިންގާލަމުން ސަމާވެސް ކޮށްލީ ސުވާލެކެވެ. ހައުލާގެ މޫނަށް ސަމާ ބަލާލަމުން އިސްޖަހައިލިއެވެ. ޒީނާގެ ހާލު ފެނިފައި ސަމާއަށް ރޮވުނެވެ. ޖަވާބު ދޭން ހިތްވަރުކޮށްލާފައި ކަރުނަތައް ފޮހެލިއެވެ.
“الحَمْدُ ِلله މިހާރު ކުޑަކޮށް ރަނގަޅު. މިކޮޅުގަ ދެދުވަސްވަރު އެޑްމިޓްކޮށްފަ ބާއްވާނެ ވާހަކަ ޑޮކްޓަރު ބުނީ. ލޭމަދުކަމުން ގައިގަ ވަރުވެސް ނެތޭ ބުނީ. އަދިވެސް ހޭ ނާރާ. ޑޮކްޓަރު ބުނީ ރަނގަޅުވާނެކަމަށް. ކިރިޔާވެސް ލަސްކުރި ނަމަ ފުރާނައަށް ނުރައްކާވާނެ ވާހަކަ ވެސް ބުނި. މަށަށްވެސް ގެއަށް އާދެވުނީ ނަސީބެއްކަންނޭގެ. އެހެންނޫނީ ޒީ..” ސަމާގެ ވާހަކަތަކުން އޭނައަށް އަސަރުކޮށްފައި ހުރިކަން އެނގުނެވެ. އެހުރިހާ ވާހަކަތަކެއް އަޑުއަހަން ހުރި އިޒުވާނަށް ދެލޯ މަރާލެވުނެވެ. ޒީނާއަށް ކަމެއް ވިނަމަ މިއަދު އެކަމުގެ ހުރިހާ ޒިންމާއެއްގެ ވެރިޔަކަށްވާނީ އޭނައެވެ.
“ތީ އިޒުވާނު ދޯ..؟”ފުންކޮން ވިސްނާލަން ހުރުމަށްފަހު ސަމާ ބުންޏެވެ. ހައުލާއަށް އިޒުވާނަށް ބަލާލެވުނެވެ. ހައުލާ ބަލައިލިގޮތުންވެސް ކޮންމެވެސް ސިއްރެއްވާކަން އޭނައަށް ވިސްނުނެވެ. އެކަން އޭނަ ބަލަން ހުރި ގޮތުންވެސް ހާމަވަމުން ދިޔައެވެ. ހައުލާގެ ސިނކުޑިއަކީ ހިޔަޅުގެ ސިކުނޑިއަށްވުރެ ވިސްނުންތޫނު ސިކުނޑިއެއް ގެންގުޅޭ އަންހެނެކެވެ.
“ހިއެއްނުވޭ އެތެރެއަށް ވަދެވޭނެހެން. އެތެރޭގައި ވަރަށް މީހުންގިނަ. ގެއަށް ދޫކޮށްލީމަ އަންނަން ދާންވީއެއްނު..” ސަމާ ބޭނުންވީ އެމީހުން އެތަނުން ފޮނުވާލާށެވެ. އިތުރަށް ޒީނާގެ ހާލަތު ގޯސްވެދާނެތީ ސަމާ ބޭނުންވީވެސް އެގޮތަށް ކަންތައް ކުރާށެވެ.
***
އޭގެ ދެދުވަސްފަހުން ޒީނާ ގެއަށް ބަދަލުކުރެވުނެވެ. ސަމާވެސް ކުޑަވަރެއްގެ ޗުއްޓީއެއް ނަގައިގެން ޒީނާ ގާތުގައި ވަގުތު ހޭދަކުރަން ބޭނުންވިއެވެ. މިއަދު އޭނަގެ ދިރިއުޅުމުގައި ޒީނާނޫން އެއްވެސް ފަރާތެއް އޭނަގެ ނެތެވެ. ޒީނާ އަށް އިތުރު ގެއްލުމެއްވާކަށް ސަމާވެސް ބޭނުމެއް ނުވާނެއެވެ.
ޒީނާ ކޮޓަރީގެ އެނދުމަތީގައި ނިދާލާފައި އޮތެވެ. އެނބުރެމުންދިޔަ ފަންކާގެ ވައި ޒީނާގެ އިސްތަށިކޮޅާއި ކުޅެމުން ދިޔައެވެ. އަތުގައި ބެންޑޭޖުކޮށްފައި އޮތްއިރު އެ މައުސޫމު ޒީނާގެ މޫނުވަނީ މިލާ މޯޅިވެފައެވެ. ހިތާމަކޮށްކޮށް އެފަކީރުގެ ޒިންދަގީވަނީ ފުން އަނދަވަޅަކަށް ވެއްޓިފައެވެ. ލޯބީގައި ހިތާމަ ކޮށްކޮށް ދިރިއުޅުމުގެ ހުރިހާ ދޮރެއް ވަނީ ބަންދުވެފައެވެ.
ސަމާ ވެސް ކާއެއްޗެއް ތައްޔާރުކޮށްލައިގެން ކޮޓަރިއަށް އައިސްވަނީއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ޖެނުއަރީ 2021ވާހަކަޙައްޤުވިޔަސް
- 16 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 25 (ފަހުބައި)
- 11 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 24
- 27 މާރޗް 2019ވާހަކަޙައްޤުވިއަސް – 23