ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކޮމެޑީ ފިލްމު “މާމުއިގެ ފޮނިކަން ބެލުންތެރިންނާ ހަމައަށް ޖުލައި މަހު ގެނެސްދިނުމަށް އެ ޕްރޮޑަކްޝަން ހައުސް އިން ތައްޔާރުވެފައިވާކަމަށް ތަކުރާރުކޮށް ބުނެފިއެވެ. ޑާކް ރެއިން އެންޓަޓެއިންމެންޓްގެ “ގޮށްރާޅު”ގެ ބާނިތައް އޮލިމްޕަސް ސިނަމާއި ރޭގެ ވަގުތެއްގައި ފިލައިގެން ގޮސްފައިވާއިރު ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ކޮށްފައިވާ ޕޯސްޓެއްގައި ފިލްމު ބުނީ 2018 ވަނަ އަހަރު “މާމުއި”ގެ ޕޯސްޓަރު ނެރުނު ހަފުލާގައިވެސް ބުނިގޮތަށް 01 ޖުލައި 2019 ގައި ފިލްމު ނެރޭނެ ކަމަށެވެ.

ފިލްމު “މާމުއިގެ ޕްރިންސިޕަލް ފޮޓޯގްރަފީގެ މަސައްކަތް މިދިޔަ އަހަރު ނޮވެމްބަރުމަހު ނިންމައިލެވިފައިވާއިރު މުނިއަވަސް އަށް މޮގާ ބުނެފައިވަނީ ފިލްމުގެ ޝޫޓިން ކުރިއަށްދިޔަ ގޮތާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ހަމަ އެހެންމެ ފިލްމުގައި ހަރަކާތްތެރިވެފައިވާ ހުރިހާ ތަރިންގެ މަސައްކަތާމެދު ވެސް ހިތްހަމަޖެހޭ ކަމަށް މޮގާ ބުންޏެވެ. މިދިޔަ ނޮވެމްބަރު މަހު މޮގާ ބުނީ “މާމުއި ގެ އެޑިޓިންގެ މަސައްކަތް ވެސް ނިމި ޑަބިންގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށެވެ.

ހުރިހާ ރަހަތަކެއް އެކުލެވިގެންވާ ކޮމެޑީ ފިލްމުގައި ބޮޑު ކާސްޓެއް ހަރަކާތްތެރިވެއެވެ. “މާމުއި އަކީ ތަފާތު ފިލްމަކަށް ވާނެކަން ފާހަގަ ކުރަމުން މޮގާ ބުނީ ރާއްޖޭގެ އެހެން އެއްވެސް ފިލްމެއް ޝޫޓް ކޮށްފައި ނުވާފަދަ ލޮކޭޝަން ތަކުގައި މި ފިލްމުގެ ބައެއް މަންޒަރުތައް ނަގާފައިވާކަމަށެވެ. އެގޮތުން ތިލަފުށީގައި އޮތް ކާގޯ ބޯޓެއްގައި ޝޫޓްކޮށްފައިވާއިރު، ފިލްމުގެ މުހިންމު މަންޒަރުތަކެއް އެއާޕޯޓްގައި އޮތް ޕްރައިވެޓް ޖެޓެއްގައާއި އަގުބޮޑު ޔޮޓެއްގައި ނަގާފައިވާނެކަން ފާހަގަކުރިއެވެ.

ފިލްމާމެދު މޮގާ ބުނީ، “އެއްފަހަރު ބަލައިފި ނަމަ އަނެއް ފަހަރު ވެސް ބަލާ ހިތްވާނެ. ހެއްވާ މަޖާ ގިނަ ކަންތައްތަކެއް އެކުލެވިގެންވާނެ،” ކަމަށެވެ.

އައިޝަތު ފުއާދު އަދި އަލީ ޝިފާއު ސްކްރީން ޕްލޭ ލިޔެ، ޢަލީ ޝިފާޢު ޑައިރެކްޓް ކޮށްފައިވާ “މާމުއި ގައި ހަރަކާތްތެރިވާ ތަރިންގެ ތެރޭގައި ޖުމައްޔިލް (ޖުމަލް) ނިމާލް، މަރިޔަމް އައްޒަ، މުހައްމަދު ފައިސަލް، މަރިޔަމް މަޖުދާ (މަޖޫ)، ޝީލާ ނަޖީބް، ނުޒުހަތު ޝުއައިބް (ނުޒޫ)، އިބްރާހީމް ޝާފިއު (ފުބޫ)، އިސްމާއިލް ޖުމައިހް (ޖުމާ)، އަހުމަދު ސުނީ، ހަމްދާން ފާރޫގް، މަރިޔަމް ނޫރާ، އަލީ ޝަޒްލީމް، އާދަމް ރިޒްވީ (ރެކްސް)، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އަދި އިބްރާހީމް އަމާން ފަދަ ތަރިން ހިމެނެ އެވެ.

މި ފިލްމުގެ ކާސްޓަށް އިތުރުވެފައިވާ ތަރިންގެ ތެރޭގައި ހިމެނެނީ ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރު އެންމެ ޑިމާންޑް ބޮޑު ބަތަލާ މަރިޔަމް އައްޒަ، ބަތަލާ ޝީލާ ނަޖީބު، އިބްރާހިމް އަމާން، މާރިއާ ތްރޭސާ އަދި އަޙްމަދު ސަޢީދުގެ އިތުރުން އަލީ ޝަޒްލީމް އެވެ.

މީގެ އިތުރުން “މާމުއި ގެ ކާސްޓުންގެ ތެރޭގައި މަޝްހޫރު ފިލްމީ ތަރި އިސްމާޢީލް ވަޖީހްގެ މުހިންމު ރޯލެއް ފެންނައިރު، ޗިއްޕެގެ އަންހެނުން އައިޝަތު ޔާދާ ވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.