އަޅުގަނޑުމެން މިކިޔާ ދިމަކްރާތީގެ އެންމެ މުހިންމު އެއް އަސާސަކީ ރައްޔިތުންގެ ބާރުވެރިކަމެވެ. އެ ބާރުވެރިކަން އާންމު ރައްޔިތު މީހާގެ އަމިއްލަ ނަފްސަށް އޮޅުވާލައި ބީދައިން ކަންކުރީމާ އަޅުގަނޑުމެން މިކިޔާ ދިމިކްރާތީއަށް ވާނެ ގޮތަކާ މެދު ވިސްނާލަމާތޯއެވެ. ވޯޓަކީ އެމީހަކު ބޭނުން ގޮތަކަށް، ބޭނުން އަގެއްގައި ވެސް ދެވިދާނެ އެއްޗެކެވެ. އެހެންނަމަވެސް އެ ކުރެވެނީ މުސްތަޤްބަލާ ކިހާ ވަރެއްގެ ގުޅުންހުރި ކަމެއްތޯ ކޮންމެ ބޭފުޅަކުމެ ފުންކޮށް ވިސްނާލަމާތޯއެވެ. ތިމާގެ އަމިއްލަ ޖީބަށް ވަންނަ ވަގުތީ ފައިސާކޮޅަކަށް ތިމާއާއި ތިމާގެ ދަރިންނާ ތިމާގެ އާއިލާގެ ފަސް އަހަރުގެ ތަސައްވަރަށް ހަރާންކޯރުވެވެނީ ނޫންތޯއެވެ. ފަސް އަހަރު ދުވަސްތެރޭގައި މުޅި ޤައުމަށް، މުޅި މުޖުތަމައަށް ތިމާގެ ދާއިރާއަށް ކުރާނެ އެތައް ގިނަގުނަ ފައިދާތަކެއްގައި އަމިއްލަ އެދުމައިގެން ކޮޅުފައިން ޖެހުމަކީ ބުއްދިވެރިކަމެއްތޯއެވެ.

ތިމާ އަތަށް 15000 ރުފިޔާ އެއްފަހަރާ ދިނީމާ ތިމާއަށް އެންމެ މޮޅުގޮތަކީ އެފައިސާ ނަގާފައި އެ ދިންމީހާއަށް ވޯޓް ދިނުން ކަމުގައި ދެކޭ ދިވެހިން މަދުން ނަމަވެސް އަޅުގަނޑުމެންގެ ތެރޭގައި އުޅެއެވެ. ނަމަވެސް އެ 15000 ރުފިޔާ، ފަސް އަހަރަށް ބަހާލީމާ ދުވާލަކަށް ޖެހޭވަރު ބައްލަވައިލެއްވުމަށް އަމިއްލަފުޅަށް ހިސާބު ހައްދަވައިލައްވާށެވެ. ހަމަ އެއާއެކު، ހެޔޮ ނިޔަތުގައި ރައްޔިތުންނަށް ކަމެއް ކޮށްދިނުމުގެ ބޭނުމުގައި މަޖިލީހަށް ވަންނަ މީހާ ހުށައަޅާ ރަނގަޅު ބިލަކުން ވާނެ ފައިދާއާއި ވޯޓު ވިއްކައިލެއްވުމުން ލިބިލެއްވި މދު ފައިސާކޮޅާއި އަޅައިކިޔައިލައްވާށެވެ.

އަޅުގަނޑުމެންގެ ޕެންސަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ހަދާ ބިލް މިސާލެއްގެ ގޮތުން ނަންގަވާށެވެ. ހަތް މެންބަރުން ދިރިއުޅޭ އާއިލާއެއް ކަމަށް ވާނަމަ ތިނެއް ނޫނީ ހަތަރު މީހުން އުޅޭނީ ވަޒީފާގައެވެ. އެހެން ކަމަށްވާނަމަ، އެ ހަތަރުވަރަކަށް މީހުންގެ ތެރޭން ކޮންމެ މީހަކަށް ހައްޖަށް ދެވުނީމައި ތިމާގެ ވޯޓު ވިއްކައިލި، އެއްކަލަ 15000 ރުފިޔާ އަށްވުރެން ރަނގަޅު ނުވޭތޯއެވެ.

މިފަދަ އެތައް ގޮތަކުން ރައްޔިތުންނަށް ފައިދާ ބޮޑުވާނީ، ވަގުތީ ގޮތުން އެ ލިބޭ ކުޑަކުޑަ މަންފާއަކަށްޓަކައި ވޯޓު ވިއްކައިލުމުގެ ބަދަލުގައި ދާއިރާއަށް ، އަތޮޅަށް އަދި ޤައުމަށްކަމެއް ކޮށްދިނުމަށް މަޖިލީހަށް ކުރިމަތިލާ ކެންޑިޓޭޓަށްކަން ޔަގީނެވެ. އެހެންނަމަވެސް އެއްކަލަ ވޯޓް ގަންނަ ކެންޑިޑޭޓް ބޭނުންފުޅުވާނީ ވޯޓު ގަތުމަށް އަތުން ހޭދަކުރެވު ފައިސާ މަޖިލީހުގައި ހޭދަކުރާ ފަސް އަހަރު ތެރޭގައި ހޯދައި ހަމަކުރުމަށެވެ. މީގެ އިތުރުންވެސް އެތަކެއް ނާޖާއިރު ފައިދާތައް ހޯދާށެވެ. އެގޮތަށް މަޖިލީހަށް ވަންނަމީހާ ވޯޓުލާ ބަޓަނަށް ވެސް ފިތާނީ ފައިސާއަށެވެ. ގިނައިން ފައިސާދިން ދިން މީހަކު ބުނާ ގޮތަށެވެ. ހަޤީގަތަކީ މެންބަރުންނަށް އެގޮތަށް އުޅެން މަޖުބޫރު ކުރުވަނީވެސް ޚުދު އަޅުގަނޑުމެން ރައްޔިތުން ތެރޭން ބައެކެވެ. އާޚިރު ނަތީޖާއަކީ ފަސް އަހަރުގެ ދައުރު ނިމޭއިރުވެސް އެއްކަލަ މެންބަރަށް ރައްޔިތުންގެ ފައިދާ އަށް އެއްވެސް ކަމެއް ނުކުރެވުމެވެ.

މަޖިލިސް މެންބަރުން ނަޒާހަތްތެރި ކުރުވުމާއި ރައްޔިތުންނަށް ފައިދާހުރި ކަންކަން ކުރުވުމުގެ ފުރަތަމަ މަރުހަލާ ފެށިގެން މި އަންނަނީ ރައްޔިތު މީހާގެ ކިބައިންނެވެ. އެހެން ވީމާ ކޮންމެ ރައްޔިތަކުވެސް މިކަމުގައި ޒިންމާއެއް އޮތްކަން ހަނދާން ކުރަން އެބަޖެހެއެވެ. އެޒިންމާ މިއަދު ރައްޔިތުން އަދާނުކޮށް ފިއްޔާ މާދަމާ އެކަން ފޫބެއްދުމަކީ ދަތި އުނދަގޫ ކަމެކެވެ. ހަނދާނުގައި ބަހައްޓަންވި ކަމަކީ ނަޒާހާތްތެރި މެންބަރެއް ހޮވުމުގެ ޒިންމާ ފެށެނީ ރައްޔިތުމީހާއާ ހަމައިންކަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މޫސާ ނަޒީރު
ކޮލަމިސްޓެއްގެ ގޮތުގައި އީސަދަރި ލިޔާނީ އިޖްތިމާޢީ އަދި ތަރައްޤީ އާއި މުޖުތަމަޢު ހޭލުންތެރި ކުރުވުމުގެ ލިޔުންތަކެވެ.