ސަރުކާރުން ހިންގަމުން އަންނަ ރާއްޖޭގެ ހަމައެކަނި ސިނަމާ، އޮލިމްޕަހުގައި ބޭނުންކުރަމުން އަންނަ ޕްރޮޖެކްޓަރަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް، މިނިސްޓަރ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް ދުންޔާ މަޢުމޫން ވިދާޅުވެއްޖެއެވެ.

އޮލިމްޕަހުގައި ފިލްމު ދެއްކުމަށް ބޭނުންކުރާ ޕްރޮޖެކްޓަރު ހަލާކުވިފަހުން، ރަނގަޅު ނުކޮށް ހުންނަތާ ވަރަށް ގިނަދުވަސް ވެފައިވާކަމަށް މުނިއަވަސް އަށް މަޢުލޫމާތު ލިބެއެވެ. ޕްރޮޖެކްޓަރ ހަލާކުވެފައި ހުންނަތާ ދުވަސްތަކެއްވީއިރު އެ ރަނގަޅު ނުކޮށް ހުންނާތީ ބައެއް ފިލްމީ ތަރިން މިއަދު މީސްމީޑިޔާގައި ދައްކަމުންދާ ވާހަކައަށް އިޝާރާތްކޮށް މިނިސްޓަރ ޔުމްނާ އާއި ސުވާލުކޮށްލުމުން އެކަމަނާ ވިދާޅުވީ ޕްރޮޖްކްޓަރުގެ ކަންތައް ރަނގަޅުކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.

އޮލިމްޕަސް ޕްރޮޖެކްޓަރ ހަލާކުވީމާ ރަނގަޅު ނުކޮށް އެ ބަހައްޓައިގެން މިއަހަރު އެކަނި މިހާތަނަށް 90،000 (ނުވަދިހަ ހާސް) ރުފިޔާ ނާގާފަ އެކަން ރަނގަޅު ނުކުރަނީ އެއީ މިއުޒިކް ބޭންޑް ތައް ބޭނުންކުރާ އެއްޗަކަށް ނުވާތީ ތޯ ސީޒަން ސުވާލުކޮށްފައިވެއެވެ.

އެންސީއޭ، އިކްރާމް އަދި ވަލީދާ އަށް ޓެގްކޮށް ޢަލީ ސީޒަން ކޮށްފައިވާ ޓްވީޓްގެ އިތުރުން އެހެން ޓްވީޓެއްވެސް މި މައްސަލައިގައި ސީޒަން ކޮށްފައިވެއެވެ.

ހަލާކުވެފައިވާ ޕްރޮޖެކްޓަރެއް ބޭނުންކުރުމަށް ފިލްމު ދައްކާ ކޮންމެ ރެއަކަށް ހަތަރުހާސް ރުފިޔާ ދައްކާ ކަމަށާއި ކޮންމެ ޕްރޮޑަކްޝަން އަކަށް 80،000 (އަށްޑިހަ ހާސް) ރުފިޔާ ހޭދަކުރާއިރު ލިބޭ އެއްޗަކީ މިއީތޯއޭ ސީޒަން ސުވާލުކުރީ މިނިސްޓަރ ޔުމްނާ، އެންސީއޭ، މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖަށްވެސް ޓެގްކޮށްފައެވެ.

ނެށުންތެރިޔާ އަދި އެކްޓަރ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) ވެސް ޕްރޮޖެކްޓަރު މައްސަލައިގައި ވަރުގަދަ ޓްވީޓެއް ކޮށްފައިވެއެވެ. މިއަހަރު އެކަނިވެސް 90 ހާސް ރުފިޔާ ލިބިއްޖެ ކަމަށާއި ޕްރޮޖެކްޓަރެއް ގަނެލެވޭވަރުވެސް ނުވަނީތޯ ޢަލީ ޝާހިދު ސުވާލުކުރިއެވެ.

“ޕީއެސްއެމްގެ ހަވާލުގައި ތަން ދޫކޮށްލީމާ (ޕީއެސްއެމްގެ ދަށަށް އޮލިމްޕަސް ބަދަލުކުރީމާ) ވާނެއެތި ވެފަ މިއޮތީ. މިކަން ހައްލުކޮށްދެއްވާ.” މިނިސްޓަރ ޔުމްނާ، މިނިސްޓްރީ އަދި ކުރީގެ އެކްޓްރެސް ވަލީދާ އާއި ޠާރިޤަށް ޓެގްކޮށް އައްޔަ އެދިފައިވެއެވެ.


މާދަމާ ރޭ އޮލިމްޕަހުގައި ޕްރިމިއާކުރާ “ފޯޓީ ޕްލަސް” ދައްކަންވާއިރަށް ޕްރޮޖެކްޓަރަށް ދިމާވެފައިވާ މައްސަލަ ހައްލުވެދާނެތޯ މުނިއަވަސް އިން ސުވާލުކުރުމުން މިނިސްޓަރ ޔުމްނާ ވިދާޅުވީ އިރާދަކުރެއްވިއްޔާ އެކަން ހައްލުކުރުމަށް މަސައްކަތްކުރެވެން އޮތް އެންމެ ބޮޑަކަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.