ކާކުހެދި ފިލްމެއްކަމެއް ބުނާކަށް ނެތީމެވެ. ހެދިގޮތަކާއި ހެދިމީހެއް ބަލާވަރަށްވުރެން މިހާރު ވަގުތު ކުޑަތަން ވެއްޖެއެވެ. އަހަންނަށްވެސް ތަންކޮޅެއް ލާނެތް ވެވެނީދޯއެވެ. މައްސަލައެއްނެތެވެ. ކުޑަކުޑަ އެކްސްކިއުޒް ކޮޅެއް ނަގާފައި މި ބުނަނީއެވެ.

“ނޯޓީ ފޯޓީ”ގެ ނޯޓީކަމާ، އެ ފިލްމު ބަލާފައި ހޭންޖެހުނުވަރު ހަނދާން އެބަހުރިދޯ އެވެ. “ފޯޓީ ޕްލަސް” އަކީ “ނޯޓީ ފޯޓީ”ގެ ބަނޑުން ވިހޭ ދަރިއެކެވެ. މިވަރަށް ބުނުމުން މިބުނާ އެއްޗެއް ‘ގެޓް’ ދޯއެވެ.

ކޮންމެއަކަސް މިރެއަކީ ދިގު އިންތިޒާރަކަށްފަހު، “ފޯޓީ ޕްލަސް” އޮލިމްޕަހަށ،ް ހުނުމުގެ ތޫފާނެއް ގެނެސްދޭން އަންނަ ބޮޑު ރެއެވެ. އަހަރުގެ ބޮޑު ފިލްމުގެ ލަޤާބާއިއެކުގައެވެ.

“ފޯޓީ ޕްލަސް” އަކީ ރާއްޖޭގެ ސިނަމާ ތަކަށް އަންނަ ފުރަތަމަ ބިރުވެރި މަޖާ ފިލްމެވެ. ބިރުވެރި މަންޒަރުތަކެއް ފިލްމުގައި ހުރި ނަމަވެސް ނުހީ ނީންދެވޭނެ ކަމަށް ފިލްމުގެ ޓީމުން ބުނެއެވެ. ބައެއް ސްޓާރުން އެކަމަށް ޗެލެންޖްވެސް ކޮށްފިއެވެ. އެނގިދާނެތާއެވެ. މިރޭ އޮލިމްޕަހަށް އަހަރެންވެސް ދާނަމެވެ. ނުހީ އިނދެގެން ފިލްމުގެ އެއް ތަރި، ސްޓެޕް އައްޔަ ބުނެފައިވާ ލަންކާ ދެކޮޅު ޓިކެޓް ހޯދާކަށް ނޫނެވެ. އަހަރެން ދާނީ ހޭށެވެ.

ޝައި ޕްރޮޑަކްޝަންއާއި، ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އުފައްދާފައިވާ “ފޯޓީ ޕްލަސް” މިރޭ ޕްރިމިއާކޮށްދެއްވާނީ ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް އެވެ.

ތ. ބުރުނީގައި ޝޫޓްކޮށްފައިވާ މި ފިލްމުގެ ތަރިންނަކީ ސީޒަން، މުހައްމަދު މަނިކު، ޔޫއްޕެ، އަލީ ޝާހިދު (ސްޓެޕް އައްޔަ)، އަހްމަދު އީސާ، މައިޝާ އަހްމަދު ސައީދު، ޝީލާ ނަޖީބު، މުހައްމަދު ފައިސަލް، މަރިޔަމް ޝަކީލާ، އަލީ އާޒިމް (ދޮން އައްޔަ) އަދި ފާތިމަތު އާޒިފާ (އަޒޫ) އެވެ. މީގެ އިތުރުން ދެވަންސޫރައިން ފިލްމީ ދާއިރާއަށް ތައާރަފުވި، ޝިފާ، އާނަންދު އަދި މަރިޔަމް ޝަކީލާ އާއި މުޅިން އަލަށް ތައާރަފުވާ ބަތަލާ އިރްފާނާ އިބްރާހީމްވެސް ހިމެނެއެވެ.

މިއީ ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. “ފޯޓީ ޕްލަސް” މިރޭ! ނޯޓީވެގެން އޮލިމްޕަހަށް އަންނައިރު، އެތަނަށް ގޮސް ހުނުމަށް ތައްޔާރުދޯއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.