ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށް ރެޖިސްޓްރީކޮށްގެން ހިންގަމުން އަންނަ ހަމައެކަނި އޮންލައިން މެގަޒިން، “މުނިއަވަސް” ރަސްމީކޮށް ލޯންޗްކޮށްފި އެވެ. މުނިއަވަސް ރަސްމީކޮށް ލޯންޗްކޮށްފައިވަނީ މިމަހުގެ 05 ވަނަ ދުވަހުގެރޭ އޮލިމްޕަހުގައި ޕްރިމިއާ ކުރެވުނު، އަހަރުގެ ބޮޑު ފިލްމު “ފޯޓީ ޕްލަސް” ޕްރިމިއާ އިވެންޓްގައި މަޝްހޫރު ފިލްމީތަރި ޢަލީ ސީޒަން އެވެ.

ވީމީޑިއާގެ ވީޓީވީން ވަގުތުން ދުރަށް ދެއްކި މި އިވެންޓްގައި “ފޯޓީ ޕްލަސް”ގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި މިވަގުތު މަސައްކަތް ކުރަމުން އަންނަ މުނިއަވަސް ލޯންޗްކޮށްދެމުން އެކްޓަރ ޑައިރެކްޓް ސީޒަން ބުނީ މުނިއަވަސް އަކީ ވަރަށް ލޯބިވާ އޮންލައިން މެގަޒިންއެއް ކަން ފާހަގަކުރާ ކަމަށެވެ.

“އާދެ މުނިއަވަސް އަކީ އަޅުގަނޑު ވަރަށް ލޯބިވާ އޮންލައިން މެގަޒިންއެއްކަން ފާހަގަ ކޮށްލަން. ރާއްޖޭގަ މުނިފޫހިފިލުވުމުގެ ދާއިރާއަށް ނޫނީ އެންޓަޓެއިންމެންޓް ހަމަ އެކަނި ކަވަރ ކުރާ، ސިޔާސީ ހުރިހާ ނުފޫޒަކުން އެއްކިބާވެފަ އޮތް ހަމައެކަނި އޮންލައިން މެގަޒިން މުނިއަވަސް އިފްތިތާހުކޮށްދިމުގެ އުފާ އަޅުގަނޑު ލިބިގަންނަން. އަދި ޝަރަފުވެސް ލިބިގަންނަން.” މުނިއަވަސް ލޯންޗްކޮށްދެމުން ސީޒަން ބުންޏެވެ.

މުނިއަވަސް ލޯންޗް ކުރުމަށް ތައްޔާރުކޮށްފައިވާ ޚާއްޞަ ވީޑިއޯ ކްލިޕެއް އޮލިމްޕަހުގެ ބޮޑު ސްކްރީންގައި ޕްލޭ ކޮށްލުމާއެކު، 17 ޑިސެމްބަރު 2018 ގައި ރެޖިސްޓްރީ ކުރެވުނު އޮންލައިން މެގަޒިން އިފްތިތާޙް ކުރެވިގެންދިޔައީ މިއަހަރު ސިނަމާއަށް ނުކުތް އެންމެ ވަރުގަދަ މޮޅު ފިލްމު “ފޯޓީ ޕްލަސް” އާއިއެކުގައިކަން ފާހަގަކޮށްލެވެއެވެ.

ރަސްމީކޮށް މިމަހުގެ 05 ދުވަހުގެ ރޭ މުނިއަވަސް އިފްތިތާހު ކުރެވުނަސް، މިއީ 29 ސެޕްޓެމްބަރު 2017 އިން ފެށިގެން ހިންގަމުން އަންނަ އޮންލައިން މެގަޒިން އެކެވެ. ރާއްޖޭގެ މުނިފޫހިފލުވުމުގެ ދާއިރާގެ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމުގެ އެންމެ އުސް ހަރުފަތާ ހަމައަށް ވާޞިލުވުމުގެ ޢަޒުމުގައި ކުރިއަށް ގެންދާ މުނިއަވަސް އަކީ، ލ. ފޮނަދޫ، ރިކާޒް ގައި އިދާރާ ކުރެވިގެން ހިންގަމުން އަންނަ އޮންލައިން މެގަޒިންއެކެވެ.

މުނިއަވަސް ގައި ރާއްޖޭގެ ފިލްމީ ދާއިރާ އާއި މިއުޒިކީ ދާއިރާގެ ޚަބަރާއި މަޢުލޫމާތުގެ އިތުރުން، ޢިލްމީ އަދަބީ، ތާރީޚީ ސަގާފީ ލިޔުންތަކާއި ވައްޓަފާޅި ދައްކުވައިދޭ ލިޔުންތައް ޝާއިޢުކުރަން ގެންދެއެވެ. މުނިއަވަސް އިފްތިތާހު ކޮށްދެމުން ސީޒަން ފާހަގަކުރި ގޮތަށް މުނިއަވަސް އަކީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި ހިންގަމުން އަންނަ، ސިޔާސީ ޚަބަރުތައް އެއްގޮތަކަށްވެސް ނުގެނެސްދޭ އޮންލައިން އެކެވެ.

މުނިއަވަސް އިން މިވަގުތު ރާއްޖޭގެ އުއްމީދު ޒުވާން ދެ މިއުޒިކް ސްޓޫޑިއޯގެ މީޑިއާ ޕާޓްނަރުކަން ކުރަމުން ގެންދާއިރު، ކުރިމަގުގައި އިތުރު ފިލްމުތަކެއްގެ އޮންލައިން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވަމުން ގެންދާނެއެވެ. މީގެ ކުރިން ފިލްމު “ދެވަންސޫރަ” ގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައިވެސް މުނިއަވަސް އިން ވަނީ ހަރަކާތްތެރިވެފައެވެ.

ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަނުން މިފަދަ ފުރުޞަތެއް މުނިއަވަސް އަށް ދެއްވީތީ މުނިއަވަސް އިން ވަރަށް ބޮޑަށް ޝުކުރުވެރިވާކަން ފާހަގަކޮށްލަމެވެ.

މުނިއަވަސްގެ ލިޔުންތެރިންގެ ތެރޭގައި ކިޔަވައިދިނުމުގެ ދާއިރާގައި ދުވަސްތަކެއް ހޭދަކުރުމަށްފަހު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ އެއާރ ޓްރެފިކް ކޮންޓްރޯލް އޮފިސަރެއްގެ ގޮތުގައި ރަސްމީ ވަޒީފާ އަދާކުރަމުން އަންނަ އަޙްމަދު ރަޝީދު އިސް ސަފުގައި ހަރަކާތްތެރިވާއިރު، ޓެލެވިޒަން މޯލްޑިވްސްގެ ދެވަނައަށް އެންމެ ސީނިއާ އެއް މުވައްޒަފު މުޙައްމަދު ނަޒީރު މުނިއަވަސް ގައި ލިޔުއްވަނީ ލައިފްސްޓައިލް އާއި ތަފާތު މައުޟޫތަކަށެވެ.

އޮސްޓްރޭލިޔާގެ ޔުނިވާސިޓީއެއްގައި ލެކްޗަރާއި އެއްގެ ގޮތުގައި އުނގަންވައިދެއްވަމުން ގެންދަވާ ދިވެހި ނޫސްވެރިއެއްގެ ގޮތުގައިވެސް ފާހަގަކޮށްލެވޭ ޑޮކްޓަރ ޢަބްދުލް ޣަފޫރް ޢަބްދުއްރަޙީމު ވެސް ތަފާތު މަޢުޟޫގައި ލިޔުއްވައެވެ.

މީގެ އިތުރުން ވާހަކަ ލިޔުމުގައި މުނިއަވަސްގެ އެޑިޓަރ އަދި ފައުންޑާ އަޙްމަދު ރަޝީދު އާއި އުއްމީދީ ވާހަކަލިޔުންތެރިޔާ އާމިނަތު ފަރުޒާނާ، ޚަދީޖަތު ސަނާ އަދި ޙުސައިން އަސްލަމް އާއި ސާންޑީ ގެ ރީތި ވާހަކަތަކުން ފަޅުފިލުވައިދެމުން ގެންދެއެވެ. ތާރީޚީ ލިޔުންތައް ލިޔަމުން ގެންދަވަނީ މިއަހަރު ރާއްޖޭގެ ތާރީޚް ދުވަހު ދިވެހިބަހުގެ އެކެޑަމީން ދެއްވާ ޚާއްޞަ ފަތްކޮޅު އެރުވިފައިވާ ޠާހާ ޢަބޫބަކުރު އެވެ. މީގެ އިތުރުން ޢަލީ ނިހާސް ވެސް މިދާއިރާ އާއި ބަހުގެ ދާއިރާ އަދި ޓެކްނޮލޮޖީގެ ދާއިރާގައި ލިޔެއެވެ.

ފިލްމީ އަދި މިއުޒިކީ ޚަބަރުތައް ގެނެސްދިނުމުގައި ހަރަކާތްތެރިވަމުން ގެންދަނީ ޢަލީ އަޖްވާން އާއި މަރިޔަމް މިލްނާއެވެ.

އިހުގެ ރަށްފުށުގެ ދިރިއުޅުމާއި ވައްޓަފާޅި ގެނެސްދިނުމަށް ލ. ފޮނަދޫ ބަހުރުވައިން ލިޔުންތައް ގެނެސްދެމުން ގެންދަނީ ލ. ފޮނަދުއަށް ނިސްބަތްވާ ދެ ޒުވާނުން ކަމަށްވާ ޙުސައިން މޫސާ އާއި ޢާއިޝަތު ފައިނާޒް އެވެ.

އިސްލާމީ ލިޔުންތައް ލިޔަމުން ގެންދަނީ މިވަގުތު މަދީނާގައި އިސްލާމިކް ފައިނޭންސް އިން މަތީ ތަޢުލީމު ޙާޞިލްކުރަމުން ގެންދާ ލ. ފޮނަދޫ ޒުވާނެއް ކަމަށްވާ މުޙައްމަދު މަޢުއޫން އެވެ. މީގެ އިތުރުންވެސް ތަފާތު މަޢުޟޫ ތަކުގައި ބައެއް ލިޔުންތެރިން ހަރަކާތްތެރިވެއެވެ.

ރޭގެ ހަފުލާގައި “ފޯޓީ ޕްލަސް” ޕްރިމިއާކޮށްދެއްވީ ރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒް މަޢުމޫނު ޢަބްދުލް ޤައްޔޫމު އެވެ. މި ހަފުލާގައި މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މަޢުމޫނު ވެސް ބައިވެރިވެލެއްވިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އެޑިޓޯރިއަލް
މުނިއަވަސް ގެ އެޑިޓޯރިލް އިން އެޑިޓޯރިއަލް ސިޔާސަތުގެ ތެރޭގައި ހިމެނޭ ލިޔުންތައް ލިޔާނެ އެވެ.