ޕްރިމިއާ ޝޯ އިން އެކަނިވެސް އަހަރުގެ ބޮޑު ފިލްމަށް “ފޯޓީ ޕްލަސް” ވެއްޖެ ކަން ސާބިތުކޮށްދީފި އެވެ. “ފޯޓީ ޕްލަސް” ޕްރިމިއާ ކުރިއިރު ކުރިއަށް އޮތް ފަސް ޝޯ އަށް ހައުސްފުލް ވެފައިވާކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. “ފޯޓީ ޕްލަސް”ގެ ޕްރޮޑިއުސަރު އިސްމާޢީލް ޝަފީޤްވެސް މުނިއަވަސް އަށް މިކަން ކަށަވަރުކޮށްދެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ހޮރޯ ކޮމެޑީ ސިނަމާއަށް ގެނައީ އަހަރުގެ ބޮޑު ފިލްމުގެ ޓެގްލައިންއާއެކުގައެވެ. ފިލްމު އިޝްތިހާރު ކުރުމަށް މާސްމީޑިއާތަކުގައި އެތަކެއް ދުވަހެއް ވާންދެން އިޝްތިހާރެއް ނުދައްކައެވެ. އަނެއްކޮޅުން ފޮރުވިގެންތިބެ ވަރަށް ފިނޑި ބަޔަކު ހިންގަމުން އަންނަ ފޭސްބްކް ޕޭޖް “ފިލްމީ ދުނިޔެ’އިން އެންޓިކެމްޕޭން ކުރިއެވެ. މިކަން ވަނި “ފޯޓީ ޕްލަސް”ގައި ތަފާތު ދެ ކެރެކްޓާއެއް ދައްކާލައިގެން ބެލުންތެރިން ހެއްވާލާފައިވާ ފިލްމީ ތަރި އަޙްމަދު ސަޢީދުވެސް ފާހަގަކޮށްފައެވެ.

“ފިލްމީ ދުނިޔެއިން ވަރަށް މަސައްކަތްކުރި، ފިލްމުގެ އަގުއްވައްޓައިލުމަށް. ތަރިންގެ އަގުވައްޓައިލުމަށް. މުޅިންވެސް އެމީހުން ޖެހީ ނެގެޓިވް ޕޯސްޓްތައް. އެހެންނަމަވެސް ފިލްމަށް ލިބިގެންދަނީ ހީވެސް ނުކުރާފަދަ ބޮޑު ތަރުޙީބެއް.” މިވަގުތު ލަންކާގައި ހުރި ސަޢީދު މުނިއަވަސް އަށް ބުންޏެވެ.

ފިލްމީ ދުނިޔެ ޕޭޖަށް ސަޢީދު ވަނީ ވަރަށް ވަރުގަދަ ރައްދެއްވެސް ދީފައެވެ.

“ފިލްމީ ދުނިޔެ ޕޭޖްގެ ޓާގެޓަކީ ހަމަ ސީދާ ޔޫއްޕެގެ އަގުވައްޓައިލުން ކަމަށް އަޅުގަނޑަށް ބުނަން ކެރޭ. އެކަމަކު ޔޫއްޕެ އަށްވުރެ މޮޅު ގާބިލުކަން ޑައިރެކްޓަރެއް ރާއްޖޭގައި ނެތްކަން މިއޮތީ އަނެއްކާވެސް ސާބިތުވެފަ. ފިލްމީ ދުނިޔެ ޕޭޖުން “ފޯޓީ ޕްލަސް” އާއި ޔޫއްޕެގެ އަގުވައްޓައިލުމަށް ކުރި ހުރިހާ މަސައްކަތެއް ތިއޮތީ ހަމަ ރަނގަޅަށް އަތަށްގޮވާފަ. ފިލްމީ ދުނިޔެ ޕޭޖުންގެ މަސައްކަތް އަތަށް ގޮވައި މައިތިރިވެ، ރާކަނިމަސްކެވިފަ މިހާރު އެތިބީ. މިޕޭޖަކީ ފިލްމީ ދާއިރާގެ ބަޔަކު އަޑީގައި ތިބެގެން ހިންގަމުން އަންނަ ފިނޑި ޖަރީމާއެއް.”

“ފޯޓީ ޕްލަސް”ގެ ފުރަތަމަ ޝޯ އާއެކު، ބެލުންތެރިން މި ފިލްމުވެސް މިވަނީ ވަރަށް ރަނގަޅަށް ބަލައިގެންފައެވެ. ފިލްމެއް ބަލައިލުމުގެ ފުރިހަމަ ހިތްހަމަޖެހުން ލިބުމާއެކު، ހުއްޓައިނުލާ ހުނުމުގައި ތިންގަޑިއެއްހައި އިރު ތިބެން މަޖުބޫރުވާހާ މޮޅު ކޮމެޑީ ފިލްމެއް ޝައި ޕްރޮޑަކްޝަން އާއި ޔޫއްޕެ ޕްރޮޑަކްޝަން ގުޅިގެން އަނެއްކާވެސް މިޔޮތީ ގެނެސްދީފައެވެ.

“ފޯޓީ ޕްލަސް”ގެ ވާހަކަތައް ދައްކަން ފަށަންވީ ހިސާބެއް ނޭނގޭހައި މޮޅަށް، ފިލްމު އޮތީ ރާވާލާފައެވެ. ފިލްމުގެ ވާހަކަ ހުށައަޅައިދިނުން ފުރިހަމަވެފައިވަނީ ޑައިރެކްޝަންގެ މޮޅުކަމުންނެވެ. ޑައިރެކްޝަން މޮޅުކަން އެންމެ ބޮޑަށް ފެނިގެންދަނީ ފިލްމުގައި ހަރަކާތްތެރިވާ ބޮޑު ކާސްޓުގައި ހިމެނޭ ކޮންމެ ފަންނާނަކަށް ދީފައިވާ ކެރެކްޓަރ ހުށައަޅައިދިނުން މޮޅުކަމުންނެވެ. އެކްޓަރުންގެ މި ހުނަރު ނެރެދިނީ ފިލްމުގެ ޑައިރެކްޓަރު ޔޫސުފު ޝަފީޢު (ޔޫއްޕެ) އެވެ. ފިލްމުގައި ހަރަކާތެރިވި އާތަރިންނެއް، ބާތަރިންނެއް ނޭނގޭހައި މޮޅުު އެކްޓިންއެއް ކޮންމެ ފަންނާނަކުވެސް ގެނެސްދީފައިވެއެވެ.

“ފޯޓީ ޕްލަސް” ގެ ދެ ޝޯ އޮލިމްޕަހުގައި އަޅުވާފައިވާާއިރު، ކުރިއަށްހުރި ޝޯތަކަށް ޓިކެޓް ވިއްކުން ފޯރިއާއެކު ކުރިއަށްއެބަދެއެވެ. ހައުސްފުލްވެފައިވާ ޝޯތަކުން ޖާގައެއް ނުލިބުނަސް ހާސްނުވާާށެވެ. އޮލިމްޕަހުގައި މި ފިލްމުގެ 20 ޝޯ ދައްކާނެއެވެ. މީގެ އިތުރުން ހުޅުމާލެ ޝްވެކްގައިވެސް ދައްކާނެ އެވެ.

އަތޮޅުތެރެއަށް “ފޯޓީ ޕްލަސް”ގެ ލާނެތްކަން ފެތުރިގެންދާއިރު، މިވަގުތަށް ޔަޤީންވެފައި ހުރި ތަންތަން ހިއްސާކޮށްލާނަމެވެ. ”ފޯޓީ ޕްލަސް“ ރަށްރަށުގައި އަޅުވާއިރު، ވަރަށް ޚާއްޞަކަމެއްވެސް އެބައޮތެވެ. ކޮންމެ ރަށަކަށްވެސް ފިލްމު އަޅުވަން ދާނީ ފިލްމުގައި ހަރަކާތްތެރިވާ ކޮންމެވެސް ސްޓާރެކެވެ. ނުވަތަ ޓެކްނިކަލް ބޭފުޅެކެވެ.

– މާރިޗް 14 އަދި 15 ގައި ބ. ތުޅާދޫގައި ފިލްމު ޕްރިމިއާކުރަން ދާނީ މިހާރު އެންމެ އުއްމީދީ އެއް ތަރި ޢަލީ އާޒިމް (ދޮން އައްޔަ) އެވެ.

– މާރިޗް 15 ގައި ފ. ނިލަންދު އަށް ފިލްމު ޕްރިމިއާކުރަން ދާނީ، ”ފޯޓީ ޕްލަސް“ ގައި ފެންނާނެ އެންމެ ތަފާތު އެއް ކެރެކްޓަރ ކުޅެފައިވާ ޢަލީ ޝާހިދު (ސްޓެޕް އައްޔަ) އެވެ.

– މާރިޗް 14 ގައި ޅ. އަތޮޅު ނައިފަރުގައި ފިލްމު ޕްރިމިއާކުރަން ދާނީ ހާއްޕެ އެވެ.

– މާރިޗް 14 ގައި ކުޅުދުއްފުއްޓަށް ”ފޯޓީ ޕްލަސް“ ގެ ނޯޓީކަން ދައްކައިލަން ދާނީ ޔޫސުފް ޝަފީޢު (ޔޫއްޕެ) އާއި ޢަލީ ސީޒަން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.