28 ފެބްރުއަރީ 2019 އާއި ގުޅޭ…..
ޒީނާ ކޮޓަރީގެ އެނދުމަތީގައި ނިދާލާފައި އޮތެވެ. އެނބުރެމުންދިޔަ ފަންކާގެ ވައި ޒީނާގެ އިސްތަށިކޮޅާއި ކުޅެމުން ދިޔައެވެ. އަތުގައި ބެންޑޭޖުކޮށްފައި އޮތްއިރު އެ މައުސޫމު ޒީނާގެ މޫނުވަނީ މިލާ މޯޅިވެފައެވެ. ހިތާމަކޮށްކޮށް އެފަކީރުގެ ޒިންދަގީވަނީ ފުން އަނދަވަޅަކަށް ވެއްޓިފައެވެ. ލޯބީގައި ހިތާމަ ކޮށްކޮށް ދިރިއުޅުމުގެ ހުރިހާ ދޮރެއް ވަނީ ބަންދުވެފައެވެ.
ސަމާ ވެސް ކާއެއްޗެއް ތައްޔާރުކޮށްލައިގެން ކޮޓަރިއަށް އައިސްވަނީއެވެ. އޭރުވެސް ޒީނާއަށް އޮތީ ނިދިފައެވެ. ސަމާ ގެނައި ނޫޑްލްސް ތަށި އެނދުގެ އެއްފަރާތެއްގައި ބެހެއްޓުމަށްފަހު ޒީނާއަށް ގޮވާލިއެވެ. ޒީނާ މަޑުމަޑުން ދެލޯ ހުޅުވަން މަސައްކަތްކުރިއެވެ. އޭނަގެ ހާލަތު އެހާ ރަނގަޅު ނޫންކަން އޭނަ އޮތް ހާލަތުންވެސް އެނގޭނެއެވެ.
“ތެދުވޭ އެއްޗެއް ކާލަން. ގައިގައި ވަރުވެސް ޖެހޭނީ އޭރުން..” ޒީނާ ނަގަން މަސައްކަތްކުރަމުން ސަމާ ވާހަކަ ދެއްކިއެވެ. ޒީނާއަށް ދޭންޖެހޭ ލޯތްބާއި އޯގާތެރިކަން ސަމާގެ ފަރާތުން ދިޔައީ ލިބެމުންނެވެ. ޒީނާ ތެދުވެ ދެލޯ ރަނގަޅަށް ހުޅުވާލަމުން އެނދުގައި ހަމަޖެހުނެވެ. ސަމާވެސް ޒީނާއަށް ފަސޭހަކޮށްދިނުމުގެ ގޮތުން ބުރަކައްޓަށް ވާގޮތަށް ބާލީހެއް ލައްވައިދިނެވެ. ސަމާ އަވަސްވެގަތީ ޒީނާއަށް ކާންދިނުމަށެވެ. ނުކައި ގިނައިރުވުމުގެ ސަބަބުން ވަރުބަލިކަން އޭނަގެ މޫނުމަތިން ފެންނަމުން ދިޔައެވެ. ޒީނާ މަޑުމޮޅިވެފައި ސަމާގެ މޫނަށް ބަލައިލިއެވެ. އެބެލުމުގައިވަނީ ލޯތްބާއި ހަމްދަރުދީއެވެ.
“ޒީ ކީއްވެ ތިގޮތަށް ކަންތައްކުރީ..؟ އެންމެ ފަހަރަކުވެސް މި ދައްތައާ ދޭތެރޭ ވިސްނާލި ނަމަ” ސަމާ ވާހަކަ ދައްކަން ފެށިއެވެ. ހަމަ އެވަގުތު ޒީނާއަށް ރޮވުނެވެ. ވާހަކަ ދައްކަން މަސައްކަތްކުރި ނަމަވެސް ޒީނާއަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ހިތްވަރު ކުރަން މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތްވީ ބޭކާރެވެ. އެއަށްވުރެ ބޮޑަށް އޭނަގެ ހިތަށްވަނީ އަސަރުކޮށްފައެވެ.
“އިއްޔެ ކޯޓުން ގުޅި ވަރިވާން ފޯމުލާފައި އޮތީމަ. އެ ޖަނަވާރު ކައިރިން މުޅިން ސަލާމަތްވާން މަ ބޭނުންވަނީ..” ޒީނާ ރޯންފެށުމުން ސަމާ ވާހަކައިގެ މައުޟޫއު ބަދަލުކޮށްލިއެވެ. އަޒުލީމު ކައިރިންވަރިވާން ފޯމު ލާފައި އޮތުމުން ކޯޓުން ގުޅި ވާހަކަ ފެށީ ޒީނާ އަށް އެވާހަކަތައް ހިއްސާކުރުމުގެ ގޮތުންނެވެ. ޒީނާ ވާހަކަ ދައްކަން ބޭނުންވިއެވެ. ނަމަވެސް އެއްވެސް ވާހަކައެއް ދައްކާނެ ހިތްވަރެއް އޭނައަށް ނުލިބުނެވެ.
“ޒީ ގެ މައްސަލަވެސް މިހާރު އޮތީ ޕީ ޖީ އަށް ފޮނުވާފަ. އިޔެއް އެކަމުގައި ފުލުހުސް އޮފީހުން ވެސް ގުޅި. އެހެންވެ މަށަށް ދާންޖެހުނީ. ޒީގެ ހާލަތު ހުރިގޮތުން އޭރު އެވާހަކަ ނުދެއްކީ. އަޒުލީމަށް އޭނަ ކުރި ކުށުގެ ހައްޤު އަދަބު ލިބޭނެ. ލާހިކެއްނޫން ސަލާމަތްވެގެން މި ސޮސައިޓީގަ ނޭވާލާކަށްވެސް..” ސަމާގެ ވާހަކަތަށް އަޑުއަހަން އިން ޒީނާ އެވާހަކަތައް އަޑުއަހަން ވަރަށް ޝައުޤުވެރިފައި އިނެވެ. ދެރަވި ނަމަވެސް ޒީނާ އެވާހަކަތައް އަޑުއަހަން އިނީ ކެތްކޮށްލައިގެންނެވެ. އޭރުވެސް ދައްކަން ޖެހޭ ހުރިހާ ވާހަކަތަކެއް ހުއްޓާނުލާ ދައްކަމުން ދިޔައީ ސަމާއެވެ. ސަމާގެ ވާހަކަތަކުން އޭނަ އަޒުލީމަށް ނަފުރަތު ކުރާ ވަރު ހާމަވަމުން ދިޔައެވެ.
“އެނގޭތަ ޒީއަށް.. މިކަން ވެގެން ހޮސްޕިޓަލަށް ގެންދިޔަ ދުވަހު އައި މެޓް އިޒްވާން..” ޒީނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އިޒުވާނުގެ ނަން އިވުމުން އޭނަގެ ހިތް ބާރުބާރަށް ތެޅިގަތެވެ. ސަމާއަށް ހަޤީގަތް އެނގިދާނެތީ ޒީނާ އިނީ ކަންތައްބޮޑުވެފައެވެ. ހިތްވަރުކޮށްފައިވެސް އިޒުވާނުގެ ވާހަކަ ސަމާގާތު ބުނަން ހިތްއެދުނެވެ. ނަމަވެސް ޒީނާއަށް ހިތްވަރެއް ނުލިބުނެވެ. އޭރުވެސް ސަމާ ޒީނާގެ އަނގަޔަށް ނޫޑްލްސްކޮޅެއް ލަވައިދެމުން ދިޔައެވެ.
“ހީވަނީ ދޮރުގައި މީހަކު ޓަކި ޖެހިހެން.!. އެބަ އަންނަން..” ޒީނާއަށް ކާންދޭން ހިފައިގެން އިން ތަށި ބަހައްޓަމުން ސަމާ ތެދުވެގެން ހިނގައިގަތީ ދޮރުގައި ޓަކި ދިނީ ކާކުތޯ ބެލުމަށެވެ. ޒީނާ އެނދުގައި ހަމަޖެހުނެވެ. ސަމާ ގޮސް ދޮރުހުޅުވާލިއެވެ. އޭރު ދޮރުމަތީގައި ހުރީ އިޒުވާނެވެ. ލުއި ހިނިތުންވުމަކާއެކު އެތެރެއަށް ވަނުމަށް އެދުނެވެ. އޭރު އިޒުވާނުގެ އަތުގައި ރަތް ފިނިފެންމަލެއްވެސް އޮތެވެ. ސަމާ ގެ ފަސްފަހަތުން އިޒުވާނު އެތެރެއަށް ވަދެގެން ޒީނާ އޮތް ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.
ޒީނާއަށް އިޒުވާނު ފެނުމާއެކު މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ހީވަނީ އިޒުވާނުގެ ސިފަ ވެސް ދެކެން ބޭނުންނުވަނީ ހެންނެވެ. ސަމާ ބޭނުންވީ އެމީހުންނަސް ވަގުތުކޮޅެއް ދޭށެވެ. އިޒުވާނަށް ހިނިތުންވުމެއް ފޮނުވާލަމުން ސަމާ ކޮޓަރިން ނުކުތެވެ. ސަމާ ކޮޓަރިން ނުކުތުމުން އިޒުވާނު އެނދުގެ މަގަތުގައި އިށީނެވެ. އޭރުވެސް ޒީނާ ބަލާނުލާ މޫނު އަނެއް ފަރާތަށް އަނބުރައިގެން އިނެވެ.
“ދެން މަވެސް ބޭނުމެއްނޫން އިތުރަށް އެއްވެސް ވާހަކަތަކެއް ދައްކާކަށް..” އިޒުވާނު އިންތަނުންތެދުވިއެވެ. އޭރު ޒީނާއަށް ރޮވެމުން ދިޔައެވެ. އިޒުވާނަށް ބަލާކަށް މިހާރު ޒީނާގެ ހިތެއް ނޭދެއެވެ. ހިތް އެދުނަސް ކުރާނެ އެއްވެސް ފައިދާ އެއް ނެތެވެ. އިޒުވާނު ގެނައި ރަތްކުލައިގެ ފިނިފެންމާ ޒީނާއަށް ދިއްކޮށްލިއެވެ. ނަމަވެސް ޒީނާ އޭގައި ހިފާނެ ހިތްވަރެއް ނުލިބުނެވެ. ޒީނާއަށް ދެލޯ މަރާލެވުނެވެ. ކޮންމެ ގޮތެއް ވިޔަސް އިޒުވާނު ދޭ އެއްވެސް އެއްޗެއްގައި ހިފާނެ ހިތްވަރެއް ނެތެވެ.
“ޒީ މަގޭ މީހަކަށް ވާނަންތަ؟ މުޅި އުމުރަށް!!..” އިޒުވާނަށް އެހެން ބުނެވުނީ ޒުހުރީ އައިސް ދޮރުމައްޗަށް އަރާ ހުއްޓުނު ވަގުތެވެ. ޒުހުރީ އަތުގައި އޮތް މާބޮނޑި ބިންމައްޗަށް ވެއްޓުނު ވަގުތު ޒީނާއަށާއި އިޒުވާނަށް އެއްފަހަރާ ދޮރާއި ދިމާއަށް ބަލާލެވުނެވެ. ޒުހުރީއަށް އާދެވުނީ އެންމެ ނުބައި ވަގުތަށެވެ. ޒުހުރީ އެގެއަށް އައީ ޒީނާގެ ހާލު ދެކިލުމަށެވެ. އޭނަގެ ހިތުގައި ޒީނާއަށް ދެވިފައިވާ ލޯބި ހާމަ ކުރުމަށެވެ. ނަމަވެސް ފެނުނީ ދުވަހަކުވެސް ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. އިވުނީ އަޑުއަހަން ކުޅަދާނަވާވަރުގެ އަޑެއް ނޫނެވެ. ނަމަވެސް ކަންތައް ވެގެން ދިޔައީ ޒުހުރީވެސް ހީނުކުރާވަރުގެ ކަމެކެވެ. އިވުނު ޖުމުލައިން އޭނަގެ ހިތް ދެކަފިވެގެން ދިޔަ ކަހަލައެވެ. އޭނައަށް ހީވީ އޭނަގެ ފައިން ބިންގަނޑު ދެމިގަތްހެންނެވެ. ޒުހުރީ އަށް އެމަންޒަރު ބަލާކަށް ކެތެއް ނުކުރެވުނެވެ. މުޅި އުމުރުގައި ވެސް ލޯބިވި މަލިކާވެސް އޭނައަށް ގެއްލުނީއެވެ. ހިތުގައި ޒީނާގެ ލޯބި ވަގުތުން ކަފުން ކުރެވުނެވެ. ހިތަށް ލިބެމުން ދިޔަ ކެކުޅުން އިންތިހާއަށް އުތުރި އަރައިގެން ދިޔައެވެ.
“ސޮރީ. ނުބައި ގަޑިއެއް..” ޒުހުރީ އެންމެ ސިކުންތުކޮޅަކުވެސް އެތަނުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ. ފަސްފަހަތަށް ފިޔަވަޅު އަޅަމުން އެތަނުން ދުރައްދިޔައީ އެމަންޒަރު އިތުރަށް ބަލަން ކެތް ނުކުރެވިގެންނެވެ. އެމަންޒަރު ބަލާކަށްވެސް އޭނަގެ ދެލޮލަށް ކުޅާދާނައެއް ނުވިއެވެ. ގަބޫލު ކުރެވުނަސް ފެނުނު މަންޒަރަކީ ބަލާލަން ކެތްވާވަރުގެ މަންޒަރެއް ނޫނެވެ. ޤަބޫލުކުރަން ބޭނުން ނުވިއަސް އެއީ ހަޤީގީ މަންޒަރެކެވެ. ހިޔާލީ ފިލްމެއް ނޫނެވެ.
ޒުހުރީ ދިއުމުން ޒީނާ ވަރަށް އުނދަގުލުން ކަހަލަ ގޮތަކަށް އެނދުން ތެދުވިއެވެ. ތެދުވަން އުޅުނު ވަގުތު ޒީނާ އަރިއަޅައިލިއެވެ. އެވެގުތު އިޒުވާނުގެ އަތުތެރެއަށް އޭނަވެއްޓުނެވެ. އެންމެ ފުރަތަމަ އެދެމީހުންގެ ބައްދަލުވުން ފެށިގެން ދިޔައީވެސް އެކަހަލަ ގޮތަކަށެވެ. ދެމީހުންނަށްވެސް އެދުވަސް ހިޔާލުކުރެވިގެން ދިޔައެވެ. ދެމީހުންވެސް އެކަކު އަނެކަކުގެ ދެލޮލަށް ނަޒަރު ހުއްޓިގެން ދިޔައެވެ. އޭނަގެ ދެލޮލުން އިޒުވާނަށްޓަކައި ހަޤީޤީ ލޯބި ފެންނަމުން ދިޔައެވެ. އެދެމީހުން އެކަކު އަނެކަކުގެ ނޭވާ އިހްސާސް ކުރެވޭހާ ވެސް ދެމީހުން ތިބީ ތަތްވެފައެވެ. އޭނަގެ ހާލަތު ހުރިގޮތުންނާއި މޫނުމަތިންވެސް އަދިވެސް ޒީނާގެ ގައިގައި އެހާ ވަރެއްނެތްކަން މޭރުންވެގެންދިޔައެވެ. ޒީނާ ބަލިގޮތަކަށް އިޒުވާނުގެ އަތުގެ މުށުތެރެއިން ސަލާމަތްވެގަތެވެ.
“ކީއްވެ ޖަވާބެއް ނުދިނީ؟” ޒީނާ މަޑުމަޑުން އިޒުވާނާއި ދުރައްދިޔައެވެ. އިޒުވާނު ކޮށްލީ ސުވާލެކެވެ. ޒީނާ އާދައިގެ ހިނގުމެއްގައި ލަސްފިޔަވަޅުތަކެއް އަޅަމުން ގޮސް މަޑުޖެހުނެވެ. ދެލޯ މަރާލުމަށްފަހު ފަސް އެނބުރި އިޒުވާނަށް ބަލައިލިއެވެ. ހިތްވަރުކޮށްފައި ޒީނާ ވާހަކަ ދައްކަން ބޭނުންވިއެވެ. އެ ބެލުމުގައިވަނީ ލޯތްބެވެ. އެ ލޯތްބަށް އެދި އެދޭ އެދުމެވެ. އިޒުވާނަށްވެސް ޒީނާއަށް ބަލަހައްޓައިގެން ހުރެވުނެވެ. ޒީނާއަށް އިތުރަކަށް ކެތެއްނުކުރެވުނެވެ. ފަޔަށް ލެވުނު ބާރެއްލަމުން ގޮސް އިޒުވާނުގެ ގައިގައި އޮޅުލައިގަތެވެ.
“އާނ އާނ އަހަރެން …” ޒީނާއަށް ދުނިޔޭގެ ހުރިހާ އުފަލެއް ހާސިލްވެގެން ދިޔައެވެ. އެލޯތްބަށްޓަކައި ކުރި އުއްމީދުތަކުގައި ހަޤީގީ ކުލަ ޖެހިގެން ދިޔައެވެ. އިޒުވާނު ވެސް އުފަލުން ޒީނާގެ ގައިގައި ބައްދާލެވުނެވެ. އެކަކު އަނެކަކަށް ބޮސްދެމުން ބައްދަމުން ދިޔައެވެ. ހީވަނީ މުޅި ދުނިޔެވެސް އެމީހުންގެ ލޯބީގައި ބައިވެރިވަމުންދާހެންނެވެ. ޒީނާއަށް ހީވީ މުޅި ދުނިޔެވެސް އޭނަގެ އެ ލޯބީގެ ކާމިޔާބީގައި ބައިވެރިވަމުން ދިޔަހެންނެވެ. އެ ލޯތްބަށްޓަކައި ކުރި އިންތިޒާރުގެ ނިމުން އައީއެވެ. އެންމެފަހުން އިޒުވާނުވެސް އޭނަގެ ހައްޤަކަށް ވީއެވެ. އެ ލޯތްބަށްޓަކައި ރުއި ރުއިމާއި އެޅިހާ ކަރުނަތަކާއި ކެކުޅުންތަކުގެ ބަދަލުގައި މިއަދު ޒީނާ އެވަނީ އިޒުވާނުގެ މީހަކަށް ވެފައެވެ.
“އަހަރެން ދުވަހަކުވެސް ޒީނާ ދެރަވާވަރުގެ ކަމެއް ނުކުރާނަން. ޒީނާ ވައްޓާލި ކޮންމެ ކަރުނަތިއްކެއްގެ ބަދަލުގައި ޒީނާއަށް ލޯތްބާއި އަޅާލުން ދޭނަން. ޒީ އަހަރެންދެކެ ވީ ހަޤީގީ ލޯބީގެ ބަދަލުގައި އަހަރެންގެ ފަރާތުން ހުރިހާ ލޯތްބެއް ދޭން އަހަރެން ވައުދުވަން..” ޒީނާ ގައިގައި ބައްދާލައިގެން ހުރެ އިޒުވާނު ލޯތްބާއެކު ޒިނާގެ ބޮލުގައި ފިރުމާލުމަށްފަހު އޭނަގެ ނިތްކުރިއަށް ބޮސްދިނެވެ. ޒީނާ އެދެމުންދިޔަ ފަރާތުގެ އޯގާތެރި ފިރުމުންތަށް އެމީހެއްގެ ފަރާތުން ލިބެމުން ދިޔައެވެ.
***
ޒުހުރީ އެތަނުން ނުކުމެގެން ދިޔަ ގޮތަށް ސައިކަލުގައި މާލެ ދިޔައީ ހިތް އަތަށްލައިގެން ކަހަލަ ގޮތަކަށެވެ. ޒީނާގެ ލޯބި ބީވުމުން ޒުހުރީ ހިތްވެސް ފުނޑުފުޑުވެގެން ދިޔައެވެ. މާލެ ދެވުމާއެކު ބެލީ ވީހާވެސް އަވަސް ގޮތަކުން ގެއަށް ދާށެވެ. ގެއަށް ގޮސް ކޮޓަރިއަށް ވަދެވުމާއެކު އަވަސް އަވަހަށް ގޮސް ފާހަނާއަށް ވަނެވެ. ފާހަނާއަށް ވަދެވުމާއެކު މާގަނޑު ދޫކޮށްލިއެވެ. އިސާހިތަކު ޒުހުރީގެ ހަށިގަނޑު ތެމި ފޯވެގެން ދިޔައެވެ. މާގަނޑު ދަށުގައި ހުރެ ފާރުގައި ދެއަތުން ތަޅަންފެށިއެވެ. މޫނުމައްޗަށް ޖަހައިގެން ހުރެ ބާރަށް “ޒީނާ” އޭ ކިޔައި ހަޅޭއްލަވައިގަތެވެ. އެ އަޑުގައި ވަނީ ވޭނާއި ކެކުޅުމެވެ. ދެލޯ މަރާލެވުމާއެކު ޒުހުރީއަށް ފެނުނު މަންޒަރު ސިފަވަމުން ދިޔައެވެ. އެ މަންޒަރު ސިފަވެގެން ދިޔަ ވަގުތު އޭނަގެ ދެލޮމުން ފައިބަމުން ދިޔަ ކަރުނަތައްވެސް މާގަނޑުން އޮހެމުންދިޔަ ތިކިތަކާއެކު ޓައިސް މައްޗަށް ފައިބަމުން ދިޔައެވެ. ޒީނާގެ ލޯތްބަށްޓަކައި ކުރެވުނު ހުރިހާ އުއްމީދެއް އެފެންތަކާއެކު ހިނދުނީއެވެ. ލޯތްބަކީ ވާއެއްޗެއްނަމަ ޒުހުރީއަށް ޒީނާދެކެ ލޯބި ވެވޭނެހެއްޔެވެ؟ ޒުހުރީއަށް އޭނަގެ އަމިއްލަ ނަފުސަށްވެސް މަލާމާތްކުރެވުނެވެ. ޝަކުވާވެސް ކުރެވުނެވެ. ޒީނާއާއި ނުލައި އުޅެންވެސް ޒުހުރީއަށް އުނދަގޫވަމުންދިޔައީ ޒީނާ ދެކެ ލޯބިވެވުނު ހިސާބުންނެވެ. މިއަދު އޭނަގެ މަންޒިލަކަށް ވެފައި ވަނީ ޒީނާއެވެ. އޭނަގެ މީހަކަށް ވިނަމަ ދުނިޔޭގައި ލިބޭނެ ހުރިހާ އުފަލެއް މިއަދު ޒުހުރީއަށް ހާސިލުވެގެން ދާނެއެވެ. ނަމަވެސް އެ ހުރިހާ އުއްމީދެއް ކުޑަ ސިކުންތުކޮޅެއްގެ ތެރޭގައި ވިއްސިވިހާލެވިގެން ދިޔައީއެވެ.
***
ކޮޓަރީގައި ދެކޮޅަށް ހިނގާލަ ހިނގާލާ ހައުލާ ހުއްޓެވެ. އޭނަގެ މޫނުމަތިން ފެންނަމުންދަނީ ރުޅިވެރިކަމާއި ނަފުރަތެވެ. ހައުލާގެ ހިތުގައި އަނދަމުންދަނީ ބަދަލުހިފުމުގެ ރޫހެކެވެ. އޭނަގެ ނަޒަރު ކުއްލިއަކަށް ގޮސް ހުއްޓުނީ ފާރުގައި ހަރުކޮށްފައި އިން އިޒުވާޏުގެ ފޮޓޯ ފްރޭމަށެވެ. ކިތައްމެ ލޯތްބެއް އޭނަގެ ހިތުގައި އިޒުވާނަށްޓަކައި އޮތް ނަމަވެސް ހިތުގައި ހަމަ އެވަރަށް ނަފުރަތުގެ އަލިފާންވެސް ރޯވެ އަނދަމުން ދިޔައެވެ. ދިޔަ ގޮތަށް ގޮސް ފާރުގައި ހަރުކޮށްފައި އިން އިޒުވާނުގެ ތަސްވީރު ނަގާ ބިމަށް ޖެހިއެވެ. އެވަގުތު އެ ބިއްލޫރި ފްރޭމް ތަޅައިގެންގޮސް ފުނޑުފުނޑުވެގެން ދިޔައެވެ.
“އަދިވެސް، އަދިވެސް މަށަށް ހަމަޖެހުމުގެ ނޭވާއެއް ލެވޭނީ ކަލޭގެ ދިރިއުޅުން ހަމަ މިގޮތަށް ފުނޑުފުނޑު ކޮށްލައިގެން. ހިތަން އަރާ ފެނުނީމަ ގޮސް ކަރުގައި ހިފާ މަރާލާނަމޭ.. މަށަށް އޮޅުވާލާފަ ލާހިކެއްނޫންހަމަޖެހިލައިގެން ދުވަހަކުވެސް ދިރިއުޅުމައިގެން ކުރިއަށްދާކަށް..” ހައުލާގެ ރުޅި ދިޔައީ އިންތިހާއަށް ގަދަވަމުންނެވެ. ދެލޯ ކުޑަކޮށްލުމަށްފަހު ބިންމަތީގައިވާ ތަސްވީރު މައްޗަށް ފައިން އެރިއެވެ. އެވަގުތު މުށިކޮޅެއް އޭނަގެ ފަޔަށް ހެރި ލޭވެސް އަންނަމުން ދިޔައެވެ. ނަމަވެސް އޭނަގެ އެއްވެސް ފަރުވާލެއްނެތެވެ.
***
“ވަގުތު ޖެހުނީމަ މެރީ ކުރަންވީ.. މަވެސް ބޭނުންވަނީ ހަމަޖެހިލައިގެން އުފަލުގައި ދިރިއުޅުމެއް އުޅެން.. ޒީގެ ކޮންމެ އުފަލަކީވެސް މަގޭ ހިންހަމަ ޖެހުން. ޒީ އުފާކޮށްދޭން ކޮންމެ ކަމެއްވެސް ކުރަން މިހުރީ ތައްޔާރަށް.. ޒީ ދެކެ މަ ވަރަށް ލޯބިވޭ..” އިޒުވާނު ވާހަކަ ދައްކަމުން ބުންޏެވެ. އެދެމީހުން ވާހަކަ ދައްކަން ތިބީ ޒީނާގެ ގޭގައެވެ. ސޯފާގައި ތިބި އިރު ޒީނާ އިނީ އިޒުވާނުގެ ކޮނޑުގައި ބޯއަޅާލައިގެންނެވެ. އޭނައަށް އިޒުވާނުގެ މޫނަށް ބަލާލެވުނެވެ.
“އަހަރެން މިއަދު ވަރަށް އުފާވޭ.. މަގޭ މީހަކަށް އިޒުވާނު ވީމަ. ކޮން އިރަކުން ޑިއުޓީއަށް ދަނީ..” ޒީނާ އުފަލުން އިނދެ ވާހަކަ ދައްކަމުން ބުންޏެވެ.
“ދެން ދާންވީ. މިހާރު ދެގަޑި ބައިވަނީ ދޯ. ހަވީރު ޑިއުޓީ ހަފްތާ މި ފެށުނީ. ރޭގަނޑު މީޓްކޮށްލަންވެސް ނާދެވޭނެ. އެކަމަކުވެސް ގުޅާނަން. ދެން ދަނީ އިނގޭ..” އިޒުވާނު ހިނިތުންވަމުން ޒީނާ ގެނެސް ގަޔާ ކައިރިކޮށްލިއެވެ. ޒީނާ ލަދުވެތި ގޮތަކަށް ހިނިތުން ވެލިއެވެ. އިޒުވާނު އެގޮތަށް ލޯބި ކޮށްލުމުން ޒީނާގެ ހިތް އުފަލުން ފުރުނެވެ.
“ދެން ދޭ އަވަހަށް. ޒީވެސް ދެން މިދަނީ ފެންވަރާލަން..” އިޒުވާނުގެ އަތުގައި ހިފައިގެން ގޮސް ދޮރު ހުޅުވާލުމަށްފަހު ދއުމަށް އަތުގެ އިޝާރާތެއް ޒީނާ ކޮށްލިއެވެ. އިޒުވާނު ބަލަން ފެށިގޮތުން ޒީނާ ލަދުވެސްގަތެވެ.
“ދޭ އަވަހަށް ޑިއުޓީއަށް ދާން.. ފްރީވެފަ ގުޅައްޗޭ ޕްލީޒް..” ޒީނާ އެހެން ބުނުމަށްފަހު އިޒުވާނުގެ ގައިގައި ބައްދާލިއެވެ. އިޒުވާނު އުފަލުން ހުރެ ޑިއުޓީއަށް ދިއުމަށް ގެއިން ނުކުތެވެ. ޒީނާ މިހާރު ހުންނަނީ ވަރަށް ވެސް އުފަލުންނެވެ. އިޒުވާނުގެ ލޯތްބަށް އެދި އެދި ހުއްޓާ އެ ލޯބި ލިބުމުން އޭނައަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުނު ކަހަލައެވެ.،
ޒީނާ ކޮޓަރިއަށް ވަންނަން ހިނގައިގަތް ވަގުތު މީހަކު ދޮރުގައި ޓަކިދިނެވެ. އިސްތަށިގަނޑު ރީތިކޮށްލަމުން ޒީނާ ދޮރާއި ދިމާއަށް ހިނގައިގަތެވެ. ޒީނާގޮސް ދޮރު ހުޅުވާލިއެވެ. ޒުހުރީ ފެނުމުން ޒީނާ ހިނިތުންވެލިއެވެ. ލޮލުގެ އިޝާރާތުން އެތެރެއަށް ވަނުމަށް އެދުނެވެ.
“ޒުޒު..” ޒުހުރީ ފެނުމުން ޒީނާ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެކަން އޭނަގެ މޫނުމައްޗަށް ވެރިވެގެން ދިޔަ ހިނިތުންވުމުންވެސް ހާމަ ވެގެން ދިޔައެވެ. ޒުހުރީއަށް އައިސްފައިވާ ހެޔޮ ބަދަލު އެއީ ޒީނާ ހެޔޮހިތުން ގަބޫލުކުރިކަމެކެވެ. އޭނަގެ އެކުވެރިކަން ޒުހުރީ ޤަބޫލުކުރި ކަމުގެ ހެއްކެކެވެ. ޒީނާ ފެނުމުން ޒުހުރީއަށް ހިތްހަމަ ޖެހުމެއް ލިބުނު ނަމަވެސް ހިތުގައި އަޅަމުންދިޔަ ވޭންތަކަކަށް ކެތެއް ނުކުރެވުނެވެ. ޒީނާގެ ހުރިހާ ހަރަކާތަކަށް ޒުހުރީ ދިޔައީ ބަލަމުންނެވެ. ޒީނާގެ އަތުގައި އަޅާފައިވާ ބެންޑޭޖް ފެނުމުން ޒުހުރީގެ ހިތަށް އިތުރަށް ތަދުވެގެން ދިޔައެވެ.
“އަދިވެސް ރަނގަޅެއްނޫންދޯ.. ޒީ އޮތް ހާލުފެނިފަ މަވެސް ވަރަށް ދެރަވި.. ޒީ މަރުވިނަމަ ..” ސޯފާގައި އިށީންނަމުން ޒުހުރީގައި ވާހަކަ މެދުކަނޑާލިއެވެ. ސޯފާގައި އިށީންނަމުން ޒީނާއަށް ބަލާލެވުނެވެ. ޒުހުރީ ވާހަކަ ދެއްކި ރާގާއި އަޑުގައި ހުރި ތުރުތުރުލުމެއްގެ ސަބަބުން ޒީނާއަށް އެކަން ފާހަގަ ކުރެވުނެވެ.
ޒީނާ ބަލަން ފެށުމުން ޒުހުރީ އިސްދަށަށް ޖެހިއެވެ. ޒުހުރީ ވާހަކަ ދެއްކުމުގެ ރާގު ހުރިގޮތުން ކޮންމެވެސް ކަމެއް ފާހަގަ ކުރެވުނެވެ. ޒުހުރީ ކިތައްމެ ފޮރުވަން މަސައްކަތް ކުރިއަސް ޒީނާއަށް އެކަން ފާހަގަ ކުރެވުނެވެ. ސޯފާގައި ހަމަޖެހިލަމުން ޒުހުރީއަށް ބަލަމުން ދިޔައެވެ. ޒީނާ ބަލަން ފެށިގޮތުން ޒުހުރީއަށް އުނދަގޫވިއެވެ. ޒުހުރީއަށް ޒީނާއަށް ބަލާކަށްވެސް ނުކެރުނެވެ. އޭނަ މަސައްކަތް ކުރަމުންދިޔައީ ހަމަޖެހޭގޮތް ދެއްކޭތޯއެވެ. އެހެނަސް ޒުހުރީ އުޅުނުގޮތުން ޒީނާއަށް އެކަން އުނދަގޫ ކުރުވަންފެށިއެވެ.
“ޒުހުރީ..” ޒީނާ މަޑުމަޑުން ޒުހުރީއަށް ގޮވައިލިއެވެ. ނަމަވެސް ޒުހުރީއަށް ޒީނާއަށް ބަލައިލާކަށްވެސް ނުކެރުނެވެ. އިސްދަށަށް ޖަހައިގެން ބިމަށް ތުންހެރިފައި އިންނަހެން ޒުހުރީ އިނީ ޒީނާ ބަލާކަށް އެނގުމުންނެވެ. ޒީނާއަށް ބަލައިލާނެހާ ހިތްވަރެއްވެސް ނުލިބުނެވެ. ޒުހުރީ ދެކޭގޮތުގައި އޭނަ ކަހަލަ ހިލަ ހިތެއްގެ ވެރިޔަކަށް ޒީނާ ކަހަލަ ސާފު ހިތެއްގެ ކުއްޖަކާ ލޯބިވެނުކަމީ އޭނަގެ ވެސް މޮޔަކަމެވެ. އޭނަގެ އުޅުމަށާއި ސިފަތަކަށް އެހާބޮޑު ބަދަލެއްވެސް އައީ ޒީނާދެކެ ލޯބިވެވުނު ހިސާބުންފެށިގެންނެވެ.
ޒުހުރީގެ ލޮލުން ވެއްޓުނު ކަރުނަތިކި ޓައިލްސް މަތީގައި ޖެހުނުތަން ވަރަށް ރީއްޗަށް ޒީނާއަށް ފެނިގެންދިޔައެވެ. ޒުހުރީއަށް ވަމުންދާގޮތް ޒީނާއަށް ވަރަށް ރަނގަޅަށް އިހްސާސް ކުރެވުނެވެ. އޭރުވެސް ޒުހުރީ އިންގޮތަށް އިނީއެވެ. އެއްވެސް ވާހަކަ އެއް ނުދައްކާ އިނީއެވެ.
“ޒުހުރީ އަހަރެންދެކެ ލޯބިވޭތަ؟” އިތުރު އެއްވެސް ވާހަކަތަކެއް ދައްކާކަށް ޒީނާ ބޭނުމެއް ނުވިއެވެ. ޒީނާގެ ސުވާލުން ޒުހުރީއަށް ބޭއިޙްތިޔާރުގައި ޒީނާއަށް ބަލާލެވުނެވެ. ޒުހުރީގެ ދެލޮލުގައި ޖަމާވެފައިވާ ކަރުނަތަށް ޒީނާއަށް ފެނުނެވެ. އެދެލޮލުން ޒީނާއަށް ހުރިހާ ސުވާލުތަކެއްގެ ޖަވާބު ލިބިގެން ދިޔަ ކަހަލައެވެ. ޒުހުރީ ކިތައްމެ ފޮރުވަން މަސައްކަތް ކުރަން އުޅުނު ނަމަވެސް ޒީނާއަށް އެކަން ވަރަށް ރަނގަޅަށް ސާފުވެގެން ދިޔައެވެ.
ޒުހުރީ ބަލައިލިގޮތުން ޒީނާއަށް އެކަން ވަރަށް ރަނގަޅަށް އެނގިގެން ދިޔައެވެ. ޒީނާ ތެދުވެގެން ގޮސް ޒުހުރީ ގާތުގައި އިށީނެވެ. ޒުހުރީގެ ނޭވާ ހިނގުންވެސް އަވަސް ވެގެން ދިޔައެވެ. ޒުހުރީއަށް ކެތް ނުވެގެން އިންތަނުން ތެދުވިއެވެ. އެތަނުގައި ހުންނާކަށްވެސް ބޭނުމެއް ނުވިއެވެ. ލޯބިވާކަށް ސިއްރު ކުރަން އުޅުނަސް ޒީނާއަށް އެކަން އެނގި ހާމަވުމުން ޒުހުރީ ހައިރާން ވިއެވެ. ޒުހުރީއަށް އެގެއަށް އާދެވުނު މޮޔަ ހީކުރެވުނެވެ.
“ދެން ދަނީ. ހީކުރަން ކޮންމެވެސް ދުވަހަކުން ދިމާވާނެކަމަށް. މަ ޒީ ދެކެ ލޯބިވިއަސް ޒީގެ ދިރިއުޅުމަށް ވަންނާކަށް ނެތިން. މަ ކޮންމެ ތާކު އުޅުނަސް ޒީގެ ހުރިހާ ކަމެއްވެސް ވަރަށް ގާތުން ބަލާނަން. މަ ޒީ ދެކެ ލޯބިވުން އެއީ ހަޔާތުގައިވެސް ކުރެވުނު އެންމެ އުފާވާ ކަންތައް. މިވާހަކަ ދައްކަން ބޭނުންވިއަސް ނުވިއަސް އަބަދުވެސް ޒީ ދެކެ މަ ލޯބިވާނަން. ޒީ ނޫން އެއްވެސް ކުއްޖެއް މަގޭ ދިރިއުޅުމަކަށް ނާންނާނެ.” ޒުހުރީ އިތުރަށް އެތަނުގައި މަޑުކުރާކަށް ބޭނުމެއް ނުވިއެވެ. ބުނަން ބޭނުން ހުރިހާ ވާހަކަތަކެއް ބުނެލިއެވެ. ހިތަށް ހަމަޖެހުމެއް ލިބޭތޯއެވެ. ޒީނާ އަށް ބަލަން ހުރުމަށްފަހު އޭނަގެ ޖީބުން ފޯނުނެގިއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ނަން ހިނގާ ލިޔުންތެރިއެކެވެ. ލޯބީގެ ވާހަކަތަކަކީ އަސްލަމްގެ ފާހަގަކޮށްލެވޭ ޖޮންރާއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ޖެނުއަރީ 2021ވާހަކަޙައްޤުވިޔަސް
- 16 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 25 (ފަހުބައި)
- 11 އޭޕްރިލް 2019ވާހަކަޙައްޤުވިއަސް – 24
- 27 މާރޗް 2019ވާހަކަޙައްޤުވިއަސް – 23