ދިގު މުއްދަތަކަށް މެދުކެނޑުމަކަށްފަހު އަލުން ފަށަނީ – އެޑިޓޯރިއަލްގެ ބަހެއް 

މުނިއަވަސް ގެ ވާހަކަ ލިޔުންތެރިންގެ ތެރެއިން ލީޑްކުރަނީ ޒާނާ އެވެ. ޒާނާގެ ވާހަކަތަކަކީ ކިޔުންތެރިން އެއަށް ދެވިހިފާހައި މޮޅު ވާހަކަ ތަކެކެވެ.

“އެހެނަސް” އަކީ ޒާނާ ވަރަށް އުއްމީދާއިއެކު ލިޔަންފެށި ވާހަކައެކެވެ. ނަމަވެސް އިންސާނީ ޠަބީޢާތާއި ކުރިމަތިވާ ގޮންޖެހުންތައް ހުންނާނެއެވެ. ޒާނާގެ މި ވާހަކަ މެދުކެނޑުމަކަށް އައީ ގިނަ ދުވަސްތަކެއް ވާންދެން ބަލިވެ އުޅެން ޖެހުމުންނެވެ. ބަލިވެ އުޅެމުން، ބަލިވެ އިނދެ ލޯބިލޯބި ކުއްޖެއްވެސް ޒާނާއަށް މިހާރުވަނީ ލިބިފައެވެ. މުނިއަވަސް އާއި ކިޔުންތެރިންގެ ފަރާތުން ޒާނާއާއި އާއިލާއަށް މަރުޙަބާ އެވެ. ޒާނާ އަށް މިފަހު ލިބުނީ އޭނާގެ ދެވަނަ ދަރިފުޅެވެ. ބޭބީ އެއް ލިބުނުތާ ކުޑަދުވަސްކޮޅެއް ފަހުން އަނެއްކާވެސް ޒާނާގެ ވާހަކަތައް ގެނެސްދޭން ފަށަނީ އެވެ.

‘އެހެނަސް’ ގެ އާ އެޕިސޯޑުތަކަށް އިންތިޒާރުކޮށްލާށެވެ.

ގޮނޑުދޮށަށް ބީއްސާލާ ރާޅުތައް ކޮންމެ ފަހަރަކުވެސް ދިޝާގެ ދޮން ފައިތިލައިގައި ބޮސްދީފައި އެނބުރިދަނީ ނިކަން އުފަލުންނެވެ. ޖެހެމުންދާ މަޑުމަޑު ހިތްގައިމު ވައިރޯޅިތައް ދިޝާގެ ދިގު ފަން އިސްތަށިކޮޅާއި އިރުއިރުކޮޅާ ސަމާސާކޮށްލައެވެ. މި ސާފު ހުދު ދޮންވެލި ގަނޑަކީ ދިޝާއަށް އާ ތަނެއް ނޫނެވެ. ކުޑައިރުއްސުރެ އަބަދުމެ އައިސް އެތައް ވަގުތެއް ހޭދަކޮށްފައިވާ ތަނަކެވެ. ނަމަވެސް މިފަހަރު ދިޝާ އެގޮނޑުދޮށަށް އެއައީ ހަ އަހަރު ފަހުންނެވެ.

އިރުއޮއްސި އުދަރެހަށް ރަތްވިލާގެ އަސަރުތައް ވެރިވާންފެށީ ވެސް ދިޝާ އެތަނުގައި އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ހުއްޓައެވެ.

“ދަރިފުޅާ. އިރުއޮއްސޭ ދަޅަ މައްޗަށް މިތަނުގައި ހުންނާކަށް ނުވާނެ.” ދިޝާގެ މަންމަ ޒަރީހާގެ އަޑުން ދިޝާ ސިހުނެވެ. ފަނޑު ހިނިތުންވުމެއް ތުންފަތް މައްޗަށް ވެރިކޮށްލަމުން ދިޝާ ފައިވާން އަތަށް ނަގައިގެން މަންމައާއި ދިމާއަށް ހިނގައިގަތެވެ.

“އެއްވެސް ކަމެއް ބަދަލެއްނުވޭ ދޯ މަންމާ.” ދިޝާ ޒަރީހާގެ ކޮނޑުގައި އެލިގަތީ ކުޑަ ކުއްޖެއް ފަދައިންނެވެ.

“އެއްވެސް ކަމެއް ބަދަލެއްނުވޭ. ބަދަލުވީ މަންމަގެ ދަރިފުޅު.” ޒަރީހާގެ ދެމާނަ އެކުލެވޭ ޖުމްލައިންވެސް ޒަރީހާ ދައްކަން އެއުޅޭ ވާހަކަ ދިޝާއަށް ނަގައިގަނެވުނެވެ. މަންމަގެ އަތުން ދޫކޮށްލަމުން ގެޔާއި ދިމާއަށް ދިޝާ މިސްރާބުޖެހީވެސް ޒަރީހާ ވާހަކަދައްކަން އެއުޅޭ މައުޟޫޢުގައި ކުރިޔަށް ދާން ބޭނުންނުވާތީއެވެ.

ނަމަވެސް ޒަރީހާ ބާރު ހިނގުމެއްގައި އައިސް ދިޝާއާއި އަރާ ހަމަކުރިއެވެ.

“ދަރިފުޅު އަފްޒަލްއާއި ކައިވެނި ތިކުރީ ހަމަ ލޯބިންތަ؟” ޒަރީހާގެ ސުވާލު ދިޝާގެ ފައިގައި ކަސްތޮޅު އަޅުވާލިފަދައެވެ. ދިޝާ ޒަރީހާގެ މޫނަށް ބަލާލީ ނުރުހިފައެވެ.

“ރުޅިއަޔަސް މަންމައަށް މިސުވާލުކުރުން ހައްޤޭ ދިޝާ. އަދި އެންމެ ނަވާރަ އަހަރޭ ދިޝާއަށް ވީ. މަންމަ ދިޝާ މާލެ ފޮނުވީ ކިޔަވަންށޭ. މީހަކާއި އިންނާކަށް ނޫނޭ. އެކަމަކު ދިޝާ މީހަކާއި އިނީ މަންމައަށް އަންގާވެސްނުލާ. އެންމެ ފަހުވަގުތު އެނގުމުންވެސް މަންމަ ދިޝާއަށް ކިހާ ވަރަކަށް އާދޭސް ކުރީ. އަދިވެސް ލަހެއް ނުވޭ. ދަރިފުޅު އަފްޒަލް ކައިރިން ދުރުވޭ.” އެތައް ދުވަހެއް ވަންދެން ސިކުނޑީގައި އެނބުރި އެނބުރި ހުރި ވާހަކަތައް ދިޝާގެ ކުރިމައްޗަށް ޒަރީހާ ބަންޑުންކޮށްލިއެވެ. ޒަރީހާ ދިޝާގެ ފުސްވެފައިވާ މޫނަށް ބަލަން ހުރީ ޖަވާބެއްގެ އިންތިޒާރުގަައެވެ. ނަމަވެސް މިފަހަރުވެސް ދިޝާ ހިޔާރުކުރީ ހިމޭންކަމެވެ.

“އަދި އައި ގޮތަށް ފެންވެސް ނުވަރަން މަންމާ. މިދަނީ ފެންވަރާލަން. ވަރަށް ވަރުބަލި.” ދިޝާ ހިނގައިގަތީ ފަސްއެނބުރި ބަލައިވެސް ނުލައެވެ. ޒަރީހާގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ނަމަވެސް ދިޝާގެ ހިތުގައި ޖެހޭފަދަ ގޮތަކަށް އެއްވެސް އެއްޗެއް ބުނާކަށް ޒަރީހާ ބޭނުމެއްނޫނެވެ. ދިޝާގެ ފަހަތުން ޒަރީހާވެސް ހިނގައިގަތެވެ.

ކޮޓަރިއަށް ވަން އިރު ދިޝާގެ އެރީތި ދެލޯ ވަނީ ކަރުނުން ތެމިފޯވެފައެވެ. ހަށިގަނޑުގައި އުފެދިފައިވާ ވޭނުން ދިޝާ އަށް ކޮޅަށް ހުރުމަށްވެސް ދަތިވާ ކަހަލައެވެ. މަޑުމަޑުން ދިޝާ އަށް ތިރިވެވި ޓައިލްސް މަތީގައި އިށީނދެލެވުނެވެ. މަންމަގެ ހިތުގައި ޖައްސާކަށް ދިޝާ ބޭނުމެއްނޫނެވެ. ނަމަވެސް ހަޤީޤަތް ބަޔާން ކުރެވޭކަށްވެސް ނެތެވެ. ދިޝާއަކީ އެ މަންމަ ހީކުރާފަދަ މާ މާތް ކުއްޖެއްނޫނެވެ. މާޒީގެ ސޮފްޙާތައް ލޯމަތީގައި ހުޅުވެން ފެށުމާއެކު ދިޝާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ބޭއިޚްތިޔާރުގައެވެ.

އެވަގުތު އެނދުމަތީގައި އޮތް ފޯނު ރިންގްވާާން ފެށިއެވެ. އެތައް އިރަކު ރިންގްވެ ކެނޑުނު އިރުވެސް ދިޝާ އިން ގޮތަށް އިނީއެވެ. ގަނޑުވެފައިވާ ދިޝާގެ ދެފައިގައި ފޯނާއި ހަމައަށް ދާނެހާ ބާރުވެސް ނެތީއެވެ.

“މިހުރީ ލޮނު މިރުސްގަނޑު. ދިޝާ އެއައީ އެއްކޮށްތަ؟” ނާދިޔާ އާއި ޒަރީހާ ވާހަކަދައްކަން ތިބީ ނާދިޔާ މެންގެ ބަދިގެ ތެރޭގައެވެ. ނާދިޔާ އަކީ ޒަރީހާގެ ގާތް އަވަށްޓެރިއެކެވެ. އަދި ޒަރީހާގެ ގާތް އެކުވެރިއެއްވެސް މެއެވެ.

“ހީވޭތަ އެމަންޖެ އެއްކޮށް އަންނާނެހެން. އަފްޒަލްގެ ދެފައި ބުޑަށް ވެއްޓި ރޮއެ އާދޭސްކޮށްގެން އެންމެ ހަފްތާއެއްހާ ދުވަހަށް ފޮނުވާފައި އެހުރީ.” ނާދިޔާ ދިއްކޮށްލި ލޮނުމިރުސްތަށީގައި ހިފަމުން ޒަރީހާ ދޫކޮށްލީ ފުން ނޭވާއެކެވެ.

“ރަނގަޅުތާ ދެން. ކީއްވެތަ އަފްޒަލް ނައީ.” ނާދިޔާ އަނެއްކާވެސް ސުވާލުކޮށްލިއެވެ.

“އޭނައަށް ނުކެރުނީ ކަންނޭނގެ އަންނަން. އަހަރެމެން ނުރުހޭ ކަން އިނގޭތީ.” ޒަރީހާ އިށީނދެގެން އިން ގޮޑިން ތެދުވިއެވެ.

“ދެން ދަނީ. މިހާރު ދިޝާ ފެންވަރައިގެން ނިކުމެދާނެ.” ޒަރީހާ ހިނިތުންވެލުމާއެކު ނާދިޔާ ބޯޖަހާލިއެވެ.

ލޯގަނޑު ކުރިމަތީގައި ދިޝާ ހުއްޓިލައިގެން ހުއްޓެވެ. ފެންނަ ފެނުމަށް ދިޝާ އެބަލަނީ ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށެވެ. މަޑުމަޑުން ދިޝާގެ އަތް ހަރަކާތްކޮށްލިއެވެ.

ގައިގައި އޮޅާލައިގެން ހުރި ތުވާލި ޓައިލްސް މައްޗަށް ވެއްޓުމާއެކު ދިޝާގެ ލޮލުން ކަރުނަ އޮހެން ފެށީ އެއްވެސް އިހްތިޔާރަކާއި ނުލައެވެ. ދިޝާގެ ހަށިގަނޑުގެ އެތަން މިތަން ރަތްވެފައިވާ އިރު ދެތިން ތަނެއް ޒަހަމްވެ ލޭގަނޑުވެފައި ހުއްޓެވެ.

“ދަރިފުޅާ. އަދިވެސް ނުނިމޭތަ. އާދެބަލަ ކާން އަވަސްކޮށްލައިގެން.” ޒަރީހާ ދޮރުގައި ތަޅައިގަތުމާއެކު ދިޝާ ދިޔައީ ސިއްސައިގެންނެވެ. ކޮޓަރި ތަޅުލާފައި ހުރިކަން އެނގޭއިރުވެސް ޓައިލްސް މަތީގައި ވެއްޓިފައި އޮތް ތުވާލި ނަގާ ގައިގައި އަވަސް އަވަހަށް އޮޅާލީ ހަށިގަނޑުގައިވާ ޒަހަމްތައް ފޮރުވުމަށެވެ. އެފަދަ އަނިޔާއާއި ވޭން ދިޝާ އަށް ދިނީ ކާކުބާއެވެ. ކީއްވެހެއްޔެވެ؟ ޖަވާބު އެނގޭނީ ހަމައެކަނި ދިޝާ އަށެވެ. ނަމަވެސް ދިޝާގެ ތަފާތު މިޒާޖުވެސް އަޖައިބެއްފަދައެވެ. އަމިއްލަ ޒާތީ އެއްވެސް ކަމެއް އެއްވެސް މީހަކާއި ހިއްސާކުރާކަށް ދިޝާ ބޭނުމެއްނޫނެވެ.

އެއްކޮށް ކަރުބެދިފައިވާ ޓީޝާޓެއް ބޮލުން ވައްޓާލަމުން ދިޝާ އޭނާގެ ދިގު އިސްތަށިގަނޑު އަތަށް އެއްކޮށްލަމުން ރަބަރެއް އައްސާލިއެވެ. ފެންވަރާ ތާޒާ ވެލުމުން ދިޝާގެ ޖަންބު ކުލައިގެ މޫނު ވަނީ މަލެއްހެން ފޮޅިފައެވެ.

“ދިޝޫ. އަންގާވެސް ނުލާ ތިއައީ އޯ.” ދިޝާ ކޮޓަރިން ނިކުތުމާއެކު ދިޝާގެ ދޮންތަ ހަމްދާ ހެވި ދިލިފައި އައިސް ދިޝާގެ އަތުގައި ހިފިއެވެ.

“ސަޕްރައިޒެއް ދޭންވެގެން. ކޮބާތަ އިޒޫ.” ދިޝާ ހިނިތުންވެލިއެވެ.

“ނިދާފައި އޮތީ. ދޮންތަބެ ކައިރީގައި ބަހައްޓާފައި މިއައީ. މާދަން ގެންނާނަން އިނގޭ. މިހާރު ވަރަށް ބޮޑުވެއްޖެއޭ.” ހަމްދާ އަދިވެސް ހުރީ ދިޝާގެ އަތުގައި ހިފަހައްޓައިގެންނެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ހުރި ހަމައެކަނި ކޮއްކޮ ލޮލަށް އެފެނުނީ ހަ އަހަރު ފަހުންނެވެ.

“ދަރިފުޅުމެން އާދޭ ކާން. މަންމަ މިހާރު ބަނޑުހައިވެގެން ގޮސް ހަލާކުވަނީ މި.” ބަދިގެ ފަރާތުން ޒަރީހާގެ އަޑު އިވުމާއެކު ދިޝާއާއި ހަމްދާ ހެމުން ހެމުން އެދިމާއަށް ހިނގައިގަތެވެ.

ކާމޭޒުކައިރީގައި ދިޝާ އިނީ ހިތް ނުތަނަވަސް ވެފައެވެ. އަފްޒަލްއާއި ބެހޭގޮތުން ހަމްދާ ސުވާލެއް ކޮށްފާނެތީއެވެ. ނަމަވެސް ގެޔަށް ދަމުންވެސް ހަމްދާ އެއްވެސް ސުވާލެއް ނުކުރުމާއެކު ދިޝާގެ ހިތް ހަމަޖެހުނެވެ.

މުޅި ދުނިޔެއަށް ވެރިވެފައިވަނީ މަރުގެ ހިމޭންކަން ފަދައެވެ. މުޅި ދުނިޔެވެސް ނިދާފައިވާ ކަހަލައެވެ. ދުވާލުގެ ހޭލަމޭލަައަށްފަހު ރޭގަނޑުގެ ވަގުތަކީ އެންމެންހެން ހިތްހަމަ ޖައްސާލައި އަރާމު ކުރާ ވަގުތެވެ. ދިޝާ ފިޔަވައެވެ.

ފޯނު ކަންފަތުގައި ޖަހާލައިގެން ދިޝާ އޮތެވެ.

“އަފޫ. ނޭނގުނީ ގުޅިކަން. އެހާ ދުވަސްކޮށްފަ އާދެވުނީމަ މަންމަމެންގެ ވާހަކަ ހުހެއް ނުވާނެއެއްނު.” ދިޝާ ވާހަކަ ދައްކަމުން ދިޔައީ ވައި އަޑުންނެވެ.

“އޯކޭ. ނިދަނީ އިނގޭ. މިސްވޭ ބޮޑުކޮށް.” ދިޝާ ކައިރީގައި ފޯނު ބާއްވާލަމުން ދެލޯ މަރާލިއެވެ. އެޔާއެކު ލޮލަށް ސިފަވެގެން ދިޔަ މަންޒަރުން ދިޝާގެ ސިކުނޑި ހިނދުކޮޅަކަށް މަސައްކަތް ކުރުން ހުއްޓާލިއެވެ.

“ދިޝޫ. ހޭވް އަ ޑްރިންކް. ލެޓްސް ޕާޓީ.” ރިސޯޓެއްގެ ހިތްގައިމު ގޮނޑުދޮށެވެ. ފުރިބާރުވެފައިވަނީ ދެޖިންސްގެ މީހުންނެވެ. ހަށިގަނޑުގެ ބޮޑުބައެއް ހާމައަށް ފެންނަ ގޮތަށް ތުނި ހެދުމެއްގައި އެއޮތީ ދިޝާ ނޫން ދެވަނަ މީހެއް ނޫނެވެ.

ދުނިޔޭގެ އެއްވެސް ހޭވެރިކަމެއް ނެތްކަން ދޭހަކޮށްދެނީ ލެއްޕިފައި ހުޅުވެމުންދާ ދިޝާގެ ކުޑަވެފައިވާ ދެލޮލުންނެވެ. އެއް އަތުން ރާ ތަށި ހިފާލައިގެން އޮތް ދިޝާ އޮތީ އުފަލުންނެވެ.

މެރިފައިވާ ދިޝާގެ ދެލޯ ހުޅުވުނީ ކުއްލިއަކަށެވެ. އޭސީގެ ފިނި މުޅި ކޮޓަރީގެ ތެރޭގައި ރަސްކަން ކުރަމުންދާއިރުވެސް ދިޝާ އޮތީ ދާހިތްލާ ފޯވެފައެވެ. ބޮލުގައި ދެއަތުން ބާރަށް ހިފަހައްޓާލަމުން ދިޝާ ދެފަރާތަށް ބޯ ހޫރުވަންފެށިއެވެ.

އޮވެވުނީ އަމިއްލަ ކޮޓަރީގައި ކަން ދިޝާއަށް ރޭކާލީވެސް އިރުކޮޅެއް ފަހުންނެވެ.

އިރު ފެނުން މައްޗަށް ތޮޅިލިއިރުވެސް ދިޝާ އޮތީ ހަމަ އެހާލުގައެވެ. ހަނދާން ކުރަން ބޭނުންނުވާ ހަނދާންތަކަކުން މުޅި މީހާގެ ސިކުނޑި ފުރާލައިގެންނެވެ.
ނަމަވެސް މަޑުމަޑުން ދިޝާގެ ދިގު އެސްފިޔަތައް ލެއްޕިއްޖެއެވެ. ދެން އިތުރު ހިތްވަރެެއް އެދެލޮލުގައި ނެތީ ކަންނޭނގެއެވެ. ނޫނީ ސިކުނޑިއަށްވެސް ކެތްނުވާވަރުވީއެވެ.

“ދަރިފުޅާ ދިޝާ. މިއަދު ނުހޭލަނީތަ؟ މިހާރު މެންދުރުވަނީ އެޔޮށްގެން” ޒަރީހާ ދިޝާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލަ ޖަހާލަ ހުރީ ދިޝާގެ ޚަބަރެއް ނުވެގެންނެވެ.
“ދިޝާ؟. މި ދޮރު ހުޅުވަބަލަ ނިކަން.” ޒަރީހާ އަޑަށް ބާރުލަމުން ފާޑަކަށް ހަޅޭލަވައިގަތެވެ. ނިދިފައި އޮތް ދިޝާގެ ދެފައި ކޮޅަށް ޖެހުނީވެސް އެވަގުތުއެވެ.

އަވަސް އަވަހަށް ދިޝާ ގޮސް ދޮރުހުޅުވާލިއެވެ.

“އެކަމަކު ދޯ. ބަލާބަލަ ގަޑި. ހެނދުނުގެ ސައި ގަޑިވެސް ނިމިއްޖެ. ރޭގަ ނުނިދަނީތަ؟” ޒަރީހާ ފަރުވާތެރިކަމާއެކު ދިޝާގެ މޫނަށް ބަލަމުން ދިޔައެވެ.

ދިޝާއަށް ކިރިޔާ ބަދަލެއް އައިސްފައި ހުއްޓަސް ޒަރީހާއަށް އެނގޭ ކަހަލައެވެ.

“ކުއްލިއަކަށް މާހަައުލު ބަދަލުވީމަ ރޭގައި ނުނިދުނީ.” ދިޝާ އާފުރިލަމުން މޯޅިއަކަށް ދެމިލިއެވެ.

ޒަރީހާ އެއްވެސް އެއްޗެއް ނުބުނެ ދިޝާއަށް ފުރަގަސްދެމުން ހިނގައިގަތެވެ. އެ މަންޒަރު ފެނިފައި ދިޝާ ހިސާބަކަަށް ހައިރާންވެސް ވިއެވެ.

މަންމަ އަކީ އަބަދުވެސް ސުވާލު ގިނަ މީހެކެވެ. ނަމަވެސް މިފަހަރު ޒަރީހާގެ އެ ބަދަލުން ދިޝާ ދެރަވެސްވިއެވެ.

މަންމަ ފަސްއެނބުރި ބަލާލާތޯވެސް ދިޝާ އިރުކޮޅަކު ދޮރުމަތީގައި ބަލަހަައްޓައިގެން ހުއްޓެވެ.

ނަމަވެސް ދިޝާގެ ލޯމައްޗަށް ޒަރީހާ ގެއްލުނުއިރުވެސް ޒަރީހާ އެނބުރި ބަލާވެސްނުލިއެވެ.

އެއް ދުވަސް ހީވަނީ ދިޝާ އަށް އެއްހާސް ދުވަސް ހެންނެވެ.

ކުރާނެކަމެއް ނެތެވެ. ދާނެ ތަނެއް ނެތެވެ. ދިޝާގެ އަމިއްލަ ރަށުގައި ދިޝާގެ ރައްޓެއްވެސް ނުހުރެއެވެ.

“ފޫހިވަންޏާ ދޭބަލަ ދޮންތަމެން ގެޔަށް ގޮސްލަން.” ޒަރީހާ ދިޝާގެ ކައިރިއަށް އައިސް ހުއްޓިލީ ދިޝާ ގޯތި ތެރޭގައި ހުރި ބޮޑު ހިރުނދު ގަހުގައި އެލުވާފައި އޮތް އުނދޯލީގައި އޮއްވައެވެ.

“މަންމަވެސް ހިނގާބަލަ. އެކަނިދާކަށް ނުކެރޭނެ.” ދިޝާ ޒަރީހާގެ އަތުގައި ހިފަމުން ހިނިތުންވެލިއެވެ.

“މިގަޑީގަ މަންމަ މިދަނީ ނާދިޔާ ބުނެގެން އެގެޔަށް ކުޑަ މަސައްކަތެއް ކޮށްލަން. މާ ދުރެއްވެސް ނޫނެއްނު. ދޭބަލަ ހިނގާލާފައި.” ޒަރީހާ އަވަސް އަވަހަށް ނިކުމެގެން ދިޔައީއެވެ. މަންމަ ހަމަ ގަސްތުގައި ދިޝާ އާއި ދުރުގައި ހުންނަނީކަން ދިޝާއަށް ފުރަތަމަ ފަހަރަށް އިޙްސާސްވެގެން ދިޔައެވެ. ސަބަބުވެސް ދިޝާ އަށް އެނގެއެވެ. ދެރަވެ ކަރު އެލުވާލަމުން ދިޝާ ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.

އެވަގުތު މީހަކު ސަލާމް ގޮވާލިތަނާ ދިޝާ ފަސްއެނބުރުނެވެ.

“ދިޝާ؟ ކޮންއިރަކު އައީ. ހާދަ ރީއްޗޭ މިހާރު.” ކުރިމަތީގައި ހުރީ ކުޑައިރު ދިޝާ އާއެކީ ގާތް ކޮށް އުޅުނު ޔަސްނާ އެވެ. ދަތްޕިލަ ނަގާ އަތްމައްޗަށް ލައިގެން ޔަސްނާ ހުރީ ދިޝާ ފެނިފައި އުފަލުންނެވެ.

“މަންމަ ދޯ ބުނީ އަހަރެން އައި ވާހަކަ؟” ދިޝާ ބޭނުންވީ ޔަޤީންކުރާށެވެ. މަންމަ ދިޝާ އާއި ދޭތެރޭ ވިސްނާކަން އަމިއްލަ ހިތަށް ޔަޤީންކޮށްދޭށެވެ.

“ނޫން. ދިޝާގެ ދޮންތަ ބުނީ. އާދެބަލަ ބޭރަށް ނިކުމެލަން.” ޔަސްނާ ކުރިޔަށް ޖެހިލާ ދިޝާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ދާން ބޭނުން ނުވި ނަމަވެސް ދިޝާ އެއްވެސް ނުރުހުމެއް ނުދައްކައެވެ.

ހަވީރުގެ އެންމެ ހިތްފަސޭހަ ވަގުތަށް ވުމާއެކު މަގުގެ އެތައް މިތަނުގައި މީހުން ޖަމާވެފައި ތިއްބެވެ. ކޮންމެ މީހަކުވެސް ދިޝާ ފެނިފައި ހިނިތުންވެލައެވެ. އެހެންވެ ކަންނޭނގެއެވެ. ދިޝާއަށް މީހުންގެ ތެރޭގައި ހުންނާކަށް މާކަ އުނދަގުލެއްނުވިއެވެ.

ހިނގަމުން ގޮސް ދިޝާ އާއި ޔަސްނާ ނިކުތީ ރަށުގެ ތުނޑީ ކޮޅަށެވެ. ރީތި ސާފު ދޮންވެލި ގަނޑު ފެނިފައި ދިޝާއަކަށް ނުހުރެވުނެވެ. ފައިވާން އަތަށް ނަގައިގެން ދުއްވައިގަތެވެ. ފަހަތުން ޔަސްނާ ވެސް ދުއްވައިގަތެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް ދިޝާގެ ސިކުނޑިއަށް ހިތްހަމަ ޖެހުން ލިބުނުފަދައެވެ. ޚިޔާލުތަކުން އެއްކިބާވެ ދިޝާގެ ހަޤީޤީ ދުނިޔޭގައި ދިޝާ ނަށަމުންދެއެވެ.

“ވަރަށް ހަނދާނީ ތަނެއް ދޯ. އަހަރެމެން ކުޑައިރު ބިޓުން ގޮވައިގެން އަންނަމެއްނު.” ޔަސްނާ ހެމުން ހެމުން ބުނެލިއެވެ.

“އޭ މަށެއް ނޫން. ތި މީހުން. މަ ވަރަށް ބަސްއަހަން.” ދިޝާ ވެސް ޔަސްނާގެ ހުނުމުގައި ބައިވެރިވެލިއެވެ.

“ނުވާނެ އެހެނެއް. ދިޝާ ނަޒީފްއާއި ރައްޓެހިވީމެއްނު.” ނިތްކުރިޔަށް އަރުވާލި ކުދި ރޫތަކާއެކު ޔަސްނާ ދެލޯ ކުޑަކޮށްލަމުން ދިޝާއަށް ބަލާލިއެވެ.

“ނޫން. ހަމައެކަނި ވާހަކަދެއްކީ. އޯލެވެލް ނިމެންދެން ވެއިޓް ކުރާށޭ ބުނިން.” ދިޝާ ދޮންވެލިގަނޑު މަތީގައި އިށީނދެލިއެވެ.

“ދެން؟ ނަޒީފް މަޑުކުރިއެއްނު. ދޯ. އެއީ މަށަށް އިނގޭ އޭނަ ދިޝާ އާއި ހެދި ވަރަށް އުޅުނުކަން.” ދިޝާ އާާއި ޖެހިގެން ޔަސްނާ ވެސް އިށީނދެލިއެވެ.

“މަށެއް ނާންނަމެއްނު ރަށަކަށް. އެހެން ނޫނަސް މާކުޑައިރުއެއްނު.” ޔަސްނާ ވާހަކަދައްކަމުން ގެންދިޔައީ ދިޝާ މާ ގަޔާވާ މައުލޫއުއަކަަށް ނުވިއެވެ. އެކަން ދޭހަކޮށްދިނީ ދިޝާ ދެމުން ގެންދިޔަ ފަރުވާކުޑަ ޖަވާބެވެ.

“ބައެއް މީހުންގެ އުމުރުވެސް ހާދަ ދިގޭ ދޯ.” ޔަސްނާގެ އަޑުން ދިޝާ ސިހުނެވެ. އަދި ޔަސްނާގެ ލޯ ސީދާވެފައިވާ ދިމާއަށް ދިޝާ އަށް ބަލާލެވުނެވެ.

ރައްޓެހިކުއްޖަކާއި ވާހަކަ ދައްކަން ތަންކޮޅެއް ދުރުގައި ހުރި ނަޒީފް ދިޝާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ.

އޭރު ނަޒީފްވެސް ހުރީ ދިޝާއަށް ބަލާށެވެ. ދިޝާ އިސްޖަހާލިއެވެ.

“އަޅެ ފަހެ މީ ފިލްމެއްގެ މަންޒަރެއްތަ؟ ވަރަށް ހިތް ތެޅޭތަ؟” ދިޝާގެ ކަންފަތާއި ކައިރިވެލަމުން ޔަސްނާ ލާނެއްފާޑަކަށް ހީނގަތެވެ.
ނަމަވެސް ދިޝާގެ ހިތުގެ ހާލަތު އެންމެ ބޮޑަށް އެނގޭނީ ދިޝާ އަށެވެ. ހަޤީޤަތަކީ ނަޒީފު ފެނިގެން އެއްވެސް ޚާއްސަ އިޙްސާސެއް ދިޝާއަށް ނުކުރެވުނުކަމެވެ. ދިޝާ އުފަލެއްވެސް ނުވިއެވެ.

ދެވަނަ ފަހަރަށް ނަޒީފްއާއި ދިމާއަށް ބަލާކަށްވެސް ދިޝާ ބޭނުމެއް ނުވިއެވެ.

“އިރުއޮއްސެނީ ހިނގާ ދާން.” ދިޝާ ތެދުވެ ގައިން ވެލިފޮޅާލިއެވެ.

“ނަޒީފް ހާދަ ރީއްޗޭ ދޯ. މިރަށުން މަށަށް އެންމެ ރީތީ އޭނަ.” ޔަސްނާ ނަޒީފްއަށް ބަލަން ހުރެ ސިއްރު ސިއްރުން ބުނެލިއެވެ.

“އެކަމަކު ދިޝާގެ މީހެއްނު އެއީ.” މިފަހަރު ޔަަސްނާގެ ރާގު ތަފާތުވުމާއެކު ދިޝާއަކަށް އަނގަ މަޑުން ލައިގެން ނުހުރެވުނެވެ.

“ސާބަސް. އައި އެމް މެރިޑް. ނަޒީފް ސެޓްކޮށްބަލަ ޔަސްނާ. ސިންގަލް ކޮށް ހުރިއިރުވެސް މަށަކަށް ނަޒީފް ކަމަކުނުދެޔޭ.” ދިޝާ ކުރިޔަށް ހިނގައިގަތެވެ.

“ވަޓް. ކޯސް ނިމުނީތަ؟ ދިޝާ. އަދި ނަވާރަ އަހަރެއްނު. ހާދަ އަވަހަަށް. ކާކު އެއީ؟” ޔަސްނާ ސުވާލުތައް ފުނި ފުންޏަށް ޖަހާލިއެވެ. ދެލޯ ބޮޑުކޮށްލައިގެން ދިޝާގެ މޫނަށް ބަލަމުން ޔަސްނާ ދިޔައީ ލިބުނު ހައިރާންކަމުގައެވެ.

“ހިނގާ އަވަހަަށް ގެޔަށް ދާން. ތި ވާހަކަ ދައްކާނީ ފަހުން.” ޔަސްނާގެ އެއްވެސް ސުވާލަކަށް ދިޝާ ޖަވާބުދޭކަށް ބޭނުމެއްނުވިއެވެ. ގެޔާއި ހަމައަށް ދެވެންދެންވެސް ޔަސްނާ ދިޔައީ އެކިއެކި ސުވާލުތައް ކުރަމުންނެވެ. ނަމަވެސް ދިޝާ އެއްވެސް ޖަވާާބެއް ނުދިނެވެ. ރަށުގެ ގިނަ ބަޔަކަށް ދިޝާ ކައިވެނިކުރިކަން ނޭނގޭ ކަންވެސް ދިޝާއަށް އެނގެއެވެ.

ފެންވަރާ ތާޒާވެލުމަށްފަހު ދިޝާ ނިކުތީ ބޭރަށެވެ. ރީތި ހަނދުވަރެއްދީފައި އޮތް ރެއެކެވެ. މަންމަވެސް ގޭގައި ނޫޅޭތީ ދިޝާ ފޫހިވެގެން ނިކުތީއެވެ. އުޑުމަތީގައި ފުރާ ފުރިހަމަވެފައިވާ ހަނދަށް ބަލަހައްޓައިގެން ދިޝާ ހުރީ އެއްވެސް ޚިޔާލެއް ފިކުރެއްނެތިއެވެ. މިއަދު ޔަސްނާއާއި އެކީ ބޭރަށް ގޮސް މީހުންގެ ތެރެއަަށް ނިކުމެލާ ހެދުމުން ދިޝާ ހުރީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައެވެ.

“ދިޝާ.” ނަޒީފްގެ އަޑުން ދިޝާ ސިހުނެވެ. ކަންފަތުގައި ޖެހުމާއެކުވެސް އެއަޑު ދިޝާއަށް ފާހަގަވެއްޖެއެވެ.

“ހާސްނުވޭ. އިނގޭ މީހެއްގެ ހައްޤެއްކަން. ހަމަ ގޮވާލީ މިހެން ދަމުން.” ދިޝާ ހާސްވެފައި ހުރުމުން ނަޒީފް ބުނެލިއެވެ.

“ނަޒީފްއަށް ކިހިނެއް އެނގުނީ އަހަރެން މެރީ ކުރި ކަމެއް.” ދިޝާ ހައިރާންވީ ދިޝާ އެހާ ސިއްރުކޮށްގެން އުޅުނު ކަންތައް ނަޒީފްއަށް އެނގުނީމައެވެ. ޔަސްނާ ބުނީ ކަންނޭނގެއެވެ.

ދިޝާ އިތުރަށް ސުވާލެއް ކުރަން އަނގަ ހުޅުވާލިތަނާ އަނެއްކާވެސް ނަޒީފް ވާހަކަދައްކަން ފެށިއެވެ.

“އަދި ދެމަސް ދޯ މިވީ. އަފްޒަލްއެއްނު ކިޔަނީ.” ދިޝާ ހުރީ ހަމަ ކޮސްވެފައެވެ. ދިޝާ އަށް އިސްޖަހާލެވުނީ ބުނާނެ އެއްޗެއް ނޭނގިގެންނެވެ. އިތުރު ސުވާލެއްވެސް ކުރާކަށް އަދި ނަޒީފްއާައި ހަތަރުކަޅި ހަމަކުރާކަށްވެސް ދިޝާއަކަށް ނުކެރުނެވެ.

“ދިޝާއަށް އަހަރެން ވަރަަށް އިންތިޒާރު ކުރިން. ދިޝާގެ ހާލުވެސް ދުރުގައި ހުއްޓަސް ބަލަން. އަހަރެން އެދެނީ ދިޝާާއަށް އުފާވެރި ހަޔާތަކަށް.” ނަޒީފްގެ ކުރެހިފައިވާ އަޑު ދިޝާގެ ހިތުގައި ވިކާލިއެވެ. ނަޒީފް އެނބުރި އައިކޮޅަށް ހިނގައިގަތުމާއެކު ދިޝާ އިސް އުފުލާ ނަޒީފްއަށް ބަލާލިއެވެ. ދިޝާ ހިތުގައި ޖެހުނެވެ. ނަމަވެސް ތަޤުދީރުގައި ވާން ނެތްކަމެއް ނުވާނެ ނޫން ހެއްޔެވެ؟

ދުވަސްތައް ފާއިތުވަމުން ގޮސް ދިޝާ ފުރާ ދުވަސް ޖެހިއްޖެއެވެ. ދިޝާ ދެރަވަނީ ފުރަން ޖެހޭތީއެއް ނޫނެވެ. ދިޝާ ދެރަވަނީ ލޯބިވާ މަންމަގެ ބަދަލުވެފައިވާ މިޒާޖުންނެވެ. ދިޝާއަށް އެހާ އަޅާނުލާތީއެވެ. ދިޝާ ފުރާ ގަޑި ޖެހުނު އިރުވެސް މަންމަ ގެޔަކުވެސް ނޫޅެއެވެ.
“ދިޝޫ. ދޮންތަބެ އަންނާނެ އިރުކޮޅަކުން ދިޝާގެ ފޮށި ބަލާ. އޭނައާއެކު އާދޭ އިނގޭ. ދޮންތަ ހުންނާނަން ޖެޓީގަ.” ދިޝާއަށް ޕެކްކޮށް ފުރަން ތައްޔާރުކޮށްދިނުމަށްފަހު ހަމްދާ ނިކުތީ ގެޔަށް ދިޔުމަށެވެ.

ގަޑި ނުޖެހޭތީ ދިޝާ ނިކުތީ ބޭރަށެވެ. މަންމަގެ ޚަބަރެއްވެސް ވޭތޯ އެވެ.

“އަޅެ. މަ ކިިހިނެއްތަ އެމަންޖެއަަށް ވިސްނަދޭނީ. އެއީ މަގޭ ދަރިއެކޭ. މަށަށް ދޯ އެނގޭނީ އޭނަގެ މޫނުމަތިން ފެންނަ މޮޅިވެރިކަން.” ޒަރީހާ ރޮމުން ރޮމުން އޭނަގެ ހިތުގެ އުދާާސްތައް ބޭރުކުރަމުން ދިޔައިރު ނާދިޔާއިނީ ފެންކަޅިވެފައެވެ. މަންމައެއްގެ ހިތުގެ އުދާާސްތަކާއި އިޙްސާސްތައް ނާދިޔާއަށްވެސް ރަނގަޅަށް އެނގެއެވެ. ދަރިންގެ އުފަލަކީ މައިންބަފައިންގެ އުފަލަަށްވާއިރު އެދަރިން ހިތާމަކުރަން އެދޭނެ މަޔަކު ނުހުންނާނެކަން ޔަޤީނެވެ.

“އެމަންޖެއާއި ދުރުގައި މިހުންނަނީވެސް އެމަންޖެ އުޅޭ ހާލު މަށަށް ފެންނާތީ. މަށަށް ވެގެންވަންޏާ ލާހިކެއްނޫން ދާކަށްވެސް.” ޒަރީހާ ދެލޯ ފޮހެލިއެވެ.

އެގޭގެ ބޮޑު ދޮރާއި ނިވާވެ މަންމަ ދެއްކި ވާހަކަތައް އަޑުއަހަން ހުރި ދިޝާގެ ލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުންދެއެވެ. ނަމަވެސް މަންމަގެ ފަހު ޖުމްލައާއި އެކު ދިޝާ ކުރިޔަށް ހިނގައިގަތެވެ.

އެއްވެސް ހާލެއްގައި ދިޝާ އެނބުރި ދިޔުމަށް މަންމަ ހުރަސް އަޅާކަށް ދިޝާ ބޭނުމެއްނޫނެވެ.

އަވަސް އަވަހަށް ފޯނުން ދޮންތަބެއަށް ގުޅާލިއެވެ. ދެތިން މިނެޓް ތެރޭގައި ވިޔާމް ސައިކަލްގައި އައިސް މަޑުކޮށްލިިއިރު ދިޝާ ހުރީ ލަގެޖް ހިފައިގެން ނިކުމެއެވެ. ދިޝާ އަވަސް އަވަހަށް ސައިކަލަށް އެރުމާއެކު ވިޔާމް ސައިކަލް ދުއްވާލިއެވެ.

“އަދި ލޯންޗް ޑްރައިވަރު ނާދޭ. ހިނގާ މިކެފޭ އަށްވަންނަމާ. ދޮންތަވެސް އަންނާނެ އިރުކޮޅަކުން.” ވިޔާމް ސައިކަލް މަޑުކޮށްލީ ޖެޓީގައި ހުރި ކުޑަކުޑަ ކެފޭއެއްގެ ދޮރުމައްޗަށެވެ.

“ލޯންޗް ޑްރައިވަރަށް ގުޅާބަލަ. ޗެކިން އަވަސް ވެއްޖޭ. ސައިބޯން ނުއެއް ތިބެވޭނެއެއްނު. ލޯންޗް މަތީގައި ކާލަން އެއްޗެއް ގަނެގެން ދާނީ ދޯ.” ދިޝާ ބޭނުންވަނީ މަންމަ އައުމުގެ ކުރިން އަވަހަށް ފުރާށެވެ. ދިޝާގެ ހިތް ބުނަނީ ދޮންތައާއި އެކު މަންމަ އަންނާނެ ކަމަށެވެ.

ވިޔާމް ބޯޖަހާލަމުން ލޯންޗް ޑްރައިވަރަށް ގުޅާލާފައި ކެފޭ ތެރެއަށް ވަނެވެ. ފަހަތުން ދިޝާވެސް ހިނގައިގަތެވެ.

އެކި ދިމަދިމާއަށް ނަޒަރު ހިންގަމުން ދިޝާ ދިޔައީ ނޭފަތުގައި އަތް އަޅައިގެންނެވެ. ކެފޭ ތެރޭގައި އެހާވެސް މީހުން ގިނައެވެ.

ކުއްލިއަކަށް ދިޝާގެ ލޮލުގައި އަޅައިގަތީ ކެފޭގެ ކައުންޓަރުގައި އިން ފިރިހެން ކުއްޖާއެވެ.

ކުރިޔަށް އަޅަން ނެގި ދިޝާގެ ފިޔަވަޅުވެސް ވަގުތުން ހުއްޓުނެވެ. ދިޝާގެ ނަޒަރު ސީދާ ހުއްޓިފައިވަނީ އެކުއްޖާގެ މޫނަށެވެ. ފުރަތަމަ ނަޒަރުންވެސް ދިޝާގެ ހިތް ދޫވެއްޖެއެވެ. ހަލަބޮލިކަން ހިތަށް ވެރިވެ ކުރިމަތީގައި އިން ޒުވާނާގެ ތަސްވީރު ހިތުގައި ކުރެހިއްޖެއެވެ. އެ

ހަލަބޮލި މާހައުލުން ދިޝާއަށް ފެންނަނީ ހަމައެކަނި އެ ޒުވާނާ އެކަންޏެވެ.

ކުއްލިއަކަށް އެ ޒުވާނާ އިސްއުފުލާލުމާއެކު ދިޝާއަށް އިސްޖަހައި ލެވިއްޖެއެވެ.

ދިޝާ ހީކުރީ ކުރިމަތީގައި އިން ޒުވާނާ އިސްއުފުލާލައި ދިޝާއަށް ބަލާލާނެކަމަށެވެ. ހިތް އުފަލުން ނަށަމުން ދިޔައިރު އިރުއިރުކޮޅާ ދިޝާ އަށް ހިނިތުންވެލެވެއެވެ.

“ދިޝާ. މިވަރުން ވާނެތަ؟” ވިޔާމްގެ އަޑަށް ދިޝާ އިސްއުފުލާލިއެވެ. ފުރަތަމަވެސް ދިޝާގެ ނަޒަރު ހުއްޓުނީ ކައުންޓަރުގައި އިން ޒުވާނާއަށެވެ.

ނަމަވެސް އޭނާގެ އެއްވެސް ޝައުޤެއް ދިޝާއަކަށް ނެތެވެ. އަތުގައި އޮތް ފޯނާއި ކުޅެލަ ކުޅެލާ އެޒުވާނާ އިނީ މުޅިން އަމިއްލަ ދުނިޔެއެއްގައެވެ.

“ވާނެ. ހިނގާ ދާން.” ހަމަ ރަނގަޅަށްވެސް ދިޝާގެ ހިތުގައި ޖެހިއްޖެއެވެ. ދިޝާއަށް ކެރޭ ނަމަ ދިޝާ އެޒުވާނާއާއި ކުރިމަތިލީހެވެ. އެއްފަހަރު ނަމަވެސްހެވެ. ހިތުގައި ހިނގާ އިޙްސާސްތައް ފޮރުވުމަކީ ކިހާ ބޮޑު ވޭނެއްކަން ދިޝާއަށް އިޙްސާސްވީ އަދި ކިރިޔާއެވެ. ވިޔާމްގެ ފަސްފަހަތުން ކެފޭ އިން ނިކުންނަމުން ދިޝާ ފަސްއެނބުރި ބަލާލިއެވެ. ދިޝާއަކީ މީހެއްގެ ހައްޤެއްކަމެއްވެސް ދިޝާ ހަނދާންނެތް ކަހަލައެވެ. އެޒުވާނާ އެއްފަހަރު ނަމަވެސް ބަލާލާނެނަމައޭ ދިޝާގެ ހިތަށް އަރަމުންދިޔައެވެ. އެ ނުދަންނަ ޒުވާނާއަކީ ކާކުކަމެއް ،ކިޔާ ނަމެއްވެސް ދިޝާ އަކަށް ނޭނގެއެވެ. ހަޤީޤީ ލޯތްބަކީ މިއީ ހެއްޔެވެ؟ ދިޝާ ރަށުން ދާންވެސް ވަގުތުން ފޫހިވެއްޖެއެވެ. އެޒުވާނާއަކީ ކާކުކަން ހޯދަން ހިތްއެދެނީއެވެ. ވާހަކަ ދައްކާލަންވެސް އެހާ ބޭނުމެވެ.

“މަގޭ ހިތަށް ބަލައްޗޭ.” ހިތުން ހިތަށް ދިޝާ މެސެޖެއް ފޮނުވާލިއެވެ. އެޒުވާނާ ބޯޖަހާލިތަން ދިޝާއަށް ފެނުނެވެ. ދިޝާއަކަށް ނޫނެވެ. ކައިރީގައި ތިބި މީހުންނަށެވެ. ނަމަވެސް ދިޝާ ހިނިތުންވެލީ އުފަލުންނެވެ. ދިޝާގެ ހިތުން ފޮނުވާލި މެސެޖް އެޒުވާނާއަށް ލިބުނު ކަމަށް އުއްމީދުކުރަމުންނެވެ. ތަޤުދީރު އެކަމަށް ފުރުސަތުދީފިއެވެ. އެޒުވާނާއަށް ބޯޖަހާލެވުނީ އެހެންވެގެންކަމަަށް ދިޝާގެ ހިތަށް ވިސްނުނެވެ.
ދިޝާ ދެފަޔަށް ބާރުލަމުން ހިނގައިގަތެވެ. އުފަލުންނެވެ. ހިތްހަމަޖެހިގެން ހުރެއެވެ. ލޯންޗަށް އަރާ ނައްޓާލިތަނާ މާދުރުން އަންނަ މަންމައާއި ދޮންތަ ދިޝާގެ ލޮލުގައި އަޅައިގަތެވެ. ދިޝާ ހިނިތުންވެލަމުން އަތް ހޫރާލިއެވެ.

ދެން މަންމަމެން ފެންނާނެ ދުވަހަކާއި މެދު ވިސްނާލެވުމުން ދިޝާގެ މޫނު ފުސްވިއެވެ. ބާރު ސްޕީޑްގައި ލޯންޗް ދުއްވާލުމާއެކު ދިޝާ އެންމެ ފަހު ފަހަރަށް އަމިއްލަ ރަށާއި ދިމާއަށް ބަލާލިއެވެ. ހިތް އެދެނީ އެނބުރި ދިޔުމަށެވެ. ފުރަތަމަ ނަޒަރުން ދިޝާގެ ހިތުގައި ބިންވަޅު އެނެގުނު ޒުވާނާ ފެންނަ ހިސާބުގައި ހުރުމަށެވެ. ނަމަވެސް ދިޝާގެ ދިރިއުޅުން ފެށިފައިވަނީ މުޅިން އެހެން ތަނެއްގައެވެ. ދާން ބޭނުން ނުވިޔަސް ދާން ޖެހޭނެއެވެ.

ފްލައިޓްގެ ގޮޑީގައި ބުރަކަށި ޖައްސާލުމާއެކު ދިޝާ ދެލޯ މަރާލިއެވެ. ފުރަތަމަވެސް ކުރެހިގެން ދިޔައީ އެނުދަންނަ ޒުވާނާގެ ސޫރައެވެ. ކޮންފަދަ ހިތްގައިމު ކަމެއް ހެއްޔެވެ؟ ކޮންފަދަ ސާފު މޫނެއް ހެއްޔެވެ؟ އެހާ ސާދާ ހިނިތުންވުމެކެވެ. ލިބޭނީ ނަސީބުވެރިއަކަށެވެ. އަނެއްކާ މީހެއްގެ ހައްޤެއްބާއެވެ. ތަފާތު ޚިޔާލުތަކުން ދިޝާގެ ހިތް ނުތަނަވަސް ކުރުވަމުން ދެއެވެ. ފްލައިޓްގައި ހޭދަވެގެން އެދިޔަ ހުރިހާ ވަގުތެއްވެސް ދިޝާ ހޭދަކޮށްލީ އެޒުވާނާއާއި ދޭތެރޭގައި ވިސްނުމުގައެވެ.

ހުޅުލޭ އެއާޕޯޓްގައި ފްލައިޓް ޖެއްސިއިރުވެސް ދިޝާ އިނީއެވެ. ތެދުވަން ބޭނުން ނުވެފައެވެ. އަލުން އަނބުރާ ރަށަށް ދެވޭނެ ނަމައޭ ދިޝާގެ ހިތަށް އެރިއެވެ.

ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލަމުން ދިޝާ ތެދުވިއެވެ.

ލަގެޖް ދަމަމުން ދިޝާ ބޭރަށް ނިކުންއިރު ހެވި ދިިލިފައި ހުރެ އަފްޒަލް ދިޝާ އާއި ދިމާއަށް އަންނަތަން ފެނިފައި ދިޝާ ހުއްޓުނެވެ.
“ޑްރާމާ.” ހިތާއި ހިތުން ދިޝާ ބުނެލިއެވެ. މީހުންގެ ތެރޭގައި ގޮތް ދެއްކުމަކީ އަފްޒަލްގެ އާދައެވެ. ދިޝާ ހުއްޓިގެން ހުރީވެސް އަފްޒަލް އައިސް އޭނާގެ ގައިގައި އޮޅުލައިގަންނާނެ ކަން އެނގިގެންނެވެ.
ވީވެސް އެހެންނެވެ.

“ވެލް ކަމް ބެކް ބޭބީ. މިސްޑް ޔޫ ސޯ މަޗް.” ވަށައިގެން ތިބިހާ މީހުންނަށް ބެލުމެއްނެތި އަފްޒަލް ދިޝާގެ ގައިގައި އޮޅުލައިގަތެވެ. ގަތް ލަދުންނާއި އުނދަގޫވިވަރުން ދިޝާ ދުރަށް ޖެހުނެވެ. ނަމަވެސް އަފްޒަލް ދިޝާގެ އަތުގައި ހިފައި ކައިރިއަށް ގެނެސް އަނެއްކާވެސް ބައްދައިގަތެވެ.

“ތި އެޓިޓިޔުޑް މަށަށް ދެން ނުދައްކައްޗޭ.” އަފްޒަލް ދިނީ އިންޒާރެކެވެ. ދިޝާގެ ކަންފަތާއި ކައިރިވެލަމުންނެވެ. ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެއެެވެ.

“މީހުންގެ ތެރޭގައި-” ދިޝާއަށް ބުނެވުނީ އެހިސާބަށެވެ. އަފްޒަލް އޭނާގެ އިނގިލި ދިޝާގެ ތުންފަތުގައި ޖައްސާލަމުން ފިއްތާލިއެވެ.

“ގެނޭ ލަގެޖް. އާދޭ ދާން.” ދިޝާގެ އަތުން ލަގެޖް އަތުލަމުން އަފްޒަލް އަނެއް އަތުން ދިޝާގެ އަތުގައި ހިފިއެވެ.

ދިޝާ އަފްޒަލް އާއެކީ ދަމުން އަފްޒަލްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. މީ ކޮންކަހަލަ ލޯތްބެއް ހެއްޔެވެ؟ ކޮން ކަހަލަ ދިރިއުޅުމެއް ހެއްޔެވެ؟
ހިންދިރުވާލަމުން ދެލޮލަށް ޖަމާވި ކަރުނަތައް ދިޝާ ގަދަކަމުން އެތެރެއަށް ހިންދާލިއެވެ. ރޯތަން ފެނުނަސް އަފްޒަލް އަށް މައްސަލައަކަަށް ވާނެއެވެ.

ގެޔާއި ހަމައަށް ދެވެން ދެން އަފްޒަލްވެސް އަނގަޔަކުން ނުބުނެއެވެ.

ދޮރު ހުޅުވާފައި ވަން އިރު އަފްޒަލްގެ މަންމަ އާސިމާ އާއި ބައްޕަ ނާހިދު ސިޓިންގްރޫމްގައި ތިއްބެވެ. ދިޝާގެ އިންތިޒާރުގައެވެ.

“ދަރިފުޅާ ދިޝާ.” އާސިމާ ދިޝާ ދެކެވަނީ ހަމަ އަމިއްލަ ދަރިޔަކުދެކެވާ ލޯތްބެވެ. ދިޝާ ފެނުމާއެކު އާސިމާ އައީ ދުވެފައެވެ. ލޯބިން ދިޝާގެ ބޮލުގައި ފިރުމާލިއެވެ.

“ދަރިފުޅު ބަލީތަ؟ މާ މަޑުމަޑުން ތި ހުންނަނީ؟” ނާހިދުގެ އޯގާތެރި އަޑުން ދިޝާ ހިނިތުންވެލިއެވެ. ގަދަކަމުންނެވެ.

“ހަމަ ވަރަށް ރަނގަޅު. ވަރުބަލިވީމަ ހީވާ ގޮތް ކަންނޭނގެ.” ދިޝާ ހަމަޖައްސާލިއެވެ.

އަފްޒަލް ފޮށި ހިފައިގެން ގޮސް ވަނީ ކޮޓަރިއަށެވެ.

“ކައިގެން ދޯ ރެސްޓްކޮށްލަން ދާނީ. ހިނގާ އަވަހަަށް.” އާސިމާ ދިޝާގެ އަތުގައި ހިފައިގެން ކާގެޔާއި ދިމާއަށް ހިނގައިގަތެވެ.
ފަހަތުން ނާހިދުވެސް ހިނގައިގަތެވެ.

“އަފޫ. އާދޭ ދަރިފުޅުވެސް ކާން.” އާސިމާ ދަމުން ދަމުން ގޮވާލިއެވެ. ނަމަވެސް އަފްޒަލް އަޑު އިވޭ ކަމަށްވެސް ނުހެދީއެވެ.

ދިޝާ އަޅާވެސްނުލިއެވެ. ކައި ނިމިގެން ދިޝާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެވަގުތު ފެނުނު މަންޒަރުން ހުއްޓިފައި ދިޝާއަށް ހުރެވުނީއެވެ.

މުޅި ކޮޓަރިތެރެ ވަނީ ތަފާތު އެކު ކުލައިގެ މާތަކުން ޒީނަތްތެރިކޮށްފައެވެ.

ހިތް ބައްޓަމަށް ހުރި އެތައް އުއްބަތި ތަކަކުން ކޮޓަރި ތެރެ ދިއްލާފައިވާއިރު ހީވަނީ އައު ކައިވެނީގެ ރެޔަށް ތައްޔާރުކޮށްފައި އޮތް ހެންނެވެ.

އެނދު ކައިރީގައި ބަހައްޓާފައި ހުރި ކުޑަ މޭޒެއްގެ މަތީގައި ރަތް ކުލައިގެ ފިނިފެންމަލެއް ބާއްވާލާފައި އޮތެވެ. އަދި ކުޑަ ޕާރުސަލެއް ވެސް އޮތެވެ.

އެނދުގެ އެއްފަރާތުގައި ދިޝާއަށް ބަލަހައްޓައިގެން އަފްޒަލް އިނެވެ.

އެ ހުރިހާ ކަމެއް ފެނިފައިވެސް ދިޝާ އުފަލެއް ނުވެއެވެ. އެއީ ވަގުތީ އުފަލެއްކަން އެނގޭތީއެވެ.

“މީ ހަމަ ދިޝާގެ ކޮޓަރިއޭ. މިތަނަށް ދިޝާ ވަނުން މަނަލެއް ނޫނޭ.” ދިޝާއާއި ހަތަރުކަޅި ހަމަކޮށްލަމުން އަފްޒަލް ބުނެލިއެވެ.

“ކިހިނެއް އެނގެނީ. މި ކޮޓަރިތެރޭގައި ފައި އެޅޭ ގޮތަކުންވެސް އަފްޒަލް ހިތްހަމަ ނުޖެހިދާނެ.” ދިޝާ ދުރަށް މޫނު އަނބުރާލިއެވެ. އަފްޒަލް އެއާޕޯޓް ތެރޭގައި ކަންތައް ކުރިގޮތުން ދިޝާ ހުރީ ހިތްހަމަ ނުޖެހިފައެވެ.

އަލަމާރިން ނިދާ ހެދުމެއް ނަގައިގެން ދިޝާ ހިނގައިގަތީ ފާހާނާއާއި ދިމާއަށެވެ. ނަމަވެސް ފަހަތުން އައިސް އަފްޒަލް ދިޝާގެ އަތުގައި ހިފަމުން ގާތަަށް ދަމާލިއެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި ދިޝާއަށް އޮއެވުނީ އަފްޒަލްގެ އަތުގެ ތެރޭގައެވެ.

އަފްޒަލްގެ ދެއަތުން ދިޝާގެ ހަށިގަނޑުގައި ވަނީ ދިޝާއަށް ގުޑިވެސް ނުލެވޭހާ ބާރަށް ހިފަހައްޓާލާފައެވެ.

އަފްޒަލް ލައިގެން ހުރި ގަމީހުގެ މޭމަތިން ދެތިން ގޮށް ނެއްޓިފައިވުމާއެކު އަފްޒަލްގެ ތަނަވަސް މޭމަތިން ބައެއް އޮތީ ހާމައަށް ފެންނާށެވެ.

އަދި އަފްޒަލްގެ ގައިން ދުވަމުންދާ ސެންޓްގެ މީރުވަސް ދިޝާގެ ހިއްސުތަކާއި ކުޅެމުންދާ ކަހަލައެވެ. ދިޝާ އަށް ދެލޯ މަރާލެވުނެވެ.

“ސޮރީ.” އަފްޒަލް ދިޝާގެ ނިއްކުރީގައި ތުންފަތް ޖައްސާލިއެވެ.

ދިޝާއަށް އަފްޒަލްގެ މޭމަތީގައި ބޯ އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. ދިޝާގެ މޫނުމަތިން ފެންނަމުން ދިޔަ މަސްތީ އަސަރުތައް އަފްޒަލް އަަށް ވިސްނުމާއެކު އަފްޒަލް އޭނާގެ އަތްމައްޗަށް ދިޝާ އުފުލާލަމުން އެނދާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ހުޅުވިފައިވާ ކުޑަދޮރުން ފެންނަން ހުރި ހަނދުވެސް ފުސްތަކާއި ނިވާވެލީ ފެންނަމުން ދިޔަ މަންޒަރު ނުބަލަން ލަދުން ކަހަލައެވެ.

އަރައިގެން އައި އިރާއެކު ދިޝާ ތެދުވިއެވެ. ފޭރާމެއް ނެތް އޭނާގެ ހަށިގަނޑު ނިވާ ކޮށްލަމުން ނިދިފައި އޮތް އަފްޒަލްއަށް ދިޝާ ބަލާލިއެވެ. އަބަދުވެސް އަފްޒަލް އެހާ ލޯބިން އުޅޭނެނަމައޭ ދިޝާގެ ހިތަށް އެރިއެވެ. ކޮންމެ ފަދަ ހާލަތެއްގައި ކުރެވުނު ކައިވެންޏެއް ނަމަވެސް ދިރިއުޅުން އާރާސްތު ކުރަން ދިޝާ ވެސް ބޭނުމެވެ.

އަފްޒަލްއަށް ވިސްނައިދޭނެ ގޮތަކާއިމެދު ފިކުރުކުރަމުން ދިޝާ ހިނގައިގަތީ ފާހާނާއާއި ދިމާއަށެވެ.

“އަފޫ. ތެދުވެބަލަ. އޮފީސް ގަޑި ޖެހެނީ.” ތެތްވެފައިވާ އިސްތަށިގަނޑުގައި ތުވާލި އޮޅާލަމުން ދިޝާ އަފްޒަލްގެ އަތުގައި ހިފައި ތަޅުވައިގަތެވެ.

އަފްޒަލް އެނދުން ހިއްލާލީ ދިޝާ ގޮވާތާ އެތައް އިރެއްވީ ފަހުންނެވެ.

“ދިޝޫ ކޮލެޖަށްވެސް ދާން ޖެހޭދޯ. ވަރަށް އަވަސްކޮށްލާނަން އިނގޭ.” ދިޝާގެ ކޮލުގައި އަފްޒަލް ހިފާލީ ވަރަށް ލޯބިންނެވެ.
ދިޝާ އަވަސްއަވަހަށް އެނދު ތަންމަތި އަޅާ ރީތި ކޮށްލިއެވެ. ތަރުތީބު ގެއްލިފައިވާ ކޮޓަރިތެރެވެސް ހަމައަކަަށް އަޅުވާލަމުން އަފްޒަލްގެ އޮފީސް ހެދުންވެސް ތައްޔާރުކޮށްލިއެވެ.

“ކޮބާ ރެޑީވީތަ؟” ބޮލުން ފެން ހިއްކަމުން އަފްޒަލް ނިކުތީ ހިނިތުންވެ ހުރެއެވެ.
ދިޝާ ބޯޖަހާލަމުން ކޮލެޖްގެ ފޮތްތައް ހަމަކުރަން ފެށިއެވެ.

ހެނދުނުގެ ހަލަބޮލި ވަގުތަށް ވުމުން މަގުމަތި ވަރަށްބާރު ބޮޑެވެ. ސުކޫލަަށްދާ ކުދިންނާއި އޮފީސްތަކަށްދާ މީހުންތަކުންނެވެ.

“ދިޝާ. ނިކަން ބައްދާލައިގެން އިނދެބަލަ. މާދުރުގަ ތި އިންނަނީ ކާކަަށް ފެނިދާނެތީތަ. މީހުންނަށްވެސް އެނގެންވާނެ ދޯ ތީ މަގޭ އަންހެނުންކަން.” އަފްޒަލްގެ ރާގުގައިވަނީ ސީރިއަސްކަމެވެ.

“މީހުންނަށް އަންގަން ޖެހޭތަ އަދި؟” ދިޝާ ސަމާސާކޮށްލީ ހެމުންނެވެ.

ވަގުތުން މަގުގެ މެދަށް އަފްޒަލް ސައިކަލް ހުއްޓާލިއެވެ.

“އަފޫ. މިތާގަ ނޫން އިނގޭ.” އަފްޒަލްގެ ހަރަކާތް ހުރި ގޮތުން ދިޝާ ބިރުގަތެވެ. އަފްޒަލް ރުޅި އައީކަންވެސް ދިޝާއަށް ވިސްނުނެވެ.
“އަފޫ. އަހަރެން މަޖަލަކަށޭ އެހެންބުނީ. ދެން އިންނާނީ ބައްދާލައިގެންނޭ.” ދިޝާއަށް އޭނާގެ ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ ރޮވެން އުޅުނީމައެވެ.

ނަމަވެސް ދިޝާގެ ވާހަކަތަކަށް އަފްޒަލް ދިނީ ބީރުކަންފަތެކެވެ. ސައިކަލުން ފޭބުމަށްފަހު ލައިގެން ހުރި ފަޓްލޫނުގެ ޖީބަށް އަފްޒަލް އަތް ޖަހާލިއެވެ.

“އޭ. އެންމެންނޭ. މީ މަގޭ އަންހެނުން އިނގޭ. ހަލާލު އަނބިމީހާ. މިހާރު އެނގިއްޖެދޯ.” ދިޝާއާއި ދިމާއަށް އިނގިލި ދިގުކޮށްގެން ހުރެ އަފްޒަލް މަގުމަތީގައި ހަޅޭލަވަމުން ދިޔައެވެ. އެންމެންގެ ލޯތައް އަމާޒުވެފައިވަނީ ސީދާ އަފްޒަލް އާއި ދިޝާ އަށެވެ. ބައެއް މީހުން މަލާމާތުގެ ފާޑަށް ހީވެސް ހެދިތަން ދިޝާއަށް ފެނުނެވެ.

ލަދުން ގޮސް ދިޝާ ހަލާކުވަނީއެވެ. އެކަމަކު ދިޝާ އަށް ކުރެވޭނެކަމެއްވެސް ނެތެވެ.

“މިހާރު އެނގޭނެ ދޯ ތީ މަގޭ އަންހެނުންކަން.” މޭފުއްޕާލާފައި އަފްޒަލް އައިސް ސައިކަލަށް އެރިއެވެ. އަފްޒަލް ހިތުން އަފްޒަލް އެކުރީ ވަރަށް މޮޅުކަމެކެވެ. ދިޝާގެ އިސްޖެހުމާއި މޮަޅިވެރިވެފައިވާ މޫނު އެއީ އަފްޒަލްގެ ކާމިޔާބީކަމަށް އަބަދުވެސް އަފްޒަލް ދެކެއެވެ. ދިޝާގެ އަގު މީހުންގެ ކުރިމަތީގައި ވައްޓަން ހަދައިގެން ޚުދު އަމިއްލަ މީހާގެ އަގުވެއްޓޭ އިރުވެސް އަފްޒަލް އަށް ރޭކާނުލައެވެ.

ކޮލެޖް ދޮރުމައްޗަށް ސައިކަލް މަޑު ކުރުމާއެކު ދިޝާ އަވަަހަށް ސައިކަލުން ފޭބިއެވެ. ހަޤީޤަތުގައި ދިޝާ އިނީ އެސައިކަލުން ނުފޭބިގެން ލަސްވެފައެވެ.

“ދިޝާ.” ދިޝާ ހިނގައިގަތްތަނާ އަފްޒަލް ދިޝާއަށް ގޮވާލިއެވެ.

“ކޮބާ ކިސް.؟” ދިޝާ ފަސްއެނބުރި ބަލާލުމާއެކު އަފްޒަލް ހިނިތުންވެލިއެވެ. ކަމެއްވީ ހެނެއްވެސް އަފްޒަލްގެ މޫނުމަތިން ހީނުވެއެވެ.

ދިޝާ ވަށައިގެން ނަޒަރު ހިންގާލިއެވެ. ފެންނަ ހިސާބެއްގައި މީހަކު ހުރިތޯއެވެ.

ނަސީބުވެސް ރަނގަޅީއެވެ. އެވަގުތު އެހިސާބުގައި އެކަކުވެސް ފެންނާކަށްނެތެވެ.

ދިޝާ ކުރިޔަށް ޖެހިލާ އަފްޒަލްގެ ކޮލުގައި ކިސް ކޮށްލިއެވެ. މަޖުބޫރުންނެވެ. އެއީ އަބަދުވެސް އަފްޒަލް ލޯބި ބޭނުންވާ ގޮތެވެ. ގަދަބާރުންނެވެ. ބިރުދައްކައިގެންނެވެ.

ކޮލެޖް ދޮރުމަތީގައި ބޮޑު ކަންތައްގަނޑެއް އަފްޒަލް ހިންގާކަށް ދިޝާ ނޭދޭތީއާވެސް އެކުގައެވެ.

“އަހަރުމެން ހީކުރީ މިއަދު އަފްޒަލް އޮފީހަށްވެސް ނާންނާނެކަމަށް.” އަފްޒަލް އޮފީހަށް ގޮސް ވަނުމާއެކު އަފްޒަލްގެ އެކުވެރި އިނާޒު އަފްޒަލްއާއި ދިމާކޮށްލިއެވެ.

“އެއީ؟ ކީއްވެތިހެން ތިބުނީ.؟”އަފްޒަލް އައި ބާރުމިނުގައި ގޮސް ގޮޑިއަށް ވެއްޓިގަތެވެ.

“އަންހެނުން ދުރުގައި ހުރެފަ އައީމައެއްނު.” އިނާޒު ލާނެއް ފާޑަކަށް ހީލިއެވެ.

“އެއީ އޮފީހަށް ނާންނަވަރުގެ ކަމެއްތަ؟ އަނެއްކާ ބޭނުންއިރަކު ލިބޭ އެއްޗެއްސަށް މާބޮޑަށް އަޅާލާ އެއްޗެއް ނޫން.” އަފްޒަލްގެ ރާގުގައިވަނީ ބޮޑާކަމެވެ.

“ނޫނޭ. ދިޝާއަކީ ތަފާތު ކުއްޖެއްނު. މާބޮޑަށް އަޅާނުލަންޏާ ގެއްލިދާނެ.” އިނާޒުގެ ޚިޔާލާއި އަފްޒަލްގެ ޚިޔާލު އުޑާައި ބިމާއި ހާ ތަފާތެވެ.

“އެެހެންވެގެން ވަރަށް އަޅާލަމޭ. ތަދުވިޔަސް” އަފްޒަލްގެ ދެމާނަ އެކުލެވޭ ޖުމްލައަށް ބޯޖަހާލަމުން އިނާޒު މަސައްކަތާއިގެން މަސްޢޫލުވެއްޖެ އެވެ.

ނާރސިންގެ ފަހު ސެމެސްޓަރ ކިޔަވަމުންދާއިރު ދިޝާ ހާސިލްކުރަން ބޭނުންވާ އެތައް ކަމެއް އެބަހުއްޓެވެ. އެންމެ މަތިން ފާސްވުން އެއީ ދިޝާގެ އުއްމީދެވެ. ނަމަވެސް މިއަދު ދިޝާގެ މޫޑެއްނެތެވެ. ކިޔަވައިދޭ އެއްޗެއްވެސް ދިޝާގެ ބޮލަށްވެސް ނުވަންނަނީއެވެ.

ބޮލުގެ ތެރޭގައި އެނބުރެމުންދަނީ އެނުދަންނަ ޒުވާނާގެ ޚިޔާލުތަކެވެ. ބަލައިލި ކޮންމެ ދިމާއަކުންވެސް ފެންނަނީ އެ އަޖައިބެއްފަދަ ރީތި ސޫރައެވެ.

ޚިޔާލުތަކުުން ސިކުނޑިއާއި ހިތް ފުރާލައިގެން އިންދާ ކްލާސް ގަޑިވެސް ނިމި ގެޔަށްދާ ގަޑި ޖެހިއްޖެއެވެ.

އަފްޒަލް ބަލައި އައިސް ހުންނާނެތީ ދިޝާ އަވަސް އަވަހަށް ކްލާހުން ނިކުތެވެ.

ލަސްވެއްޖެއްޔާވެސް ރުޅި އައިސްދާނެތީއެވެ.

މަގަށް ނިކުންއިރު މަގުގެ އަނެއް ފަރާތުގައި ސައިކަލްމަތީގައި އިން އަފްޒަލް ދިޝާގެ ލޮލުގައި އަޅައިގަތެވެ.

“ދިޝާ. މީ ދިޝާ އެއްޗެއްތަ؟” ކުރިޔަށް ދެތިން ފިޔަވަޅު އެޅިތަނާ ފަހަތުން ދަންނަ އަޑެއް އިވުމާއެކު ދިޝާ އެނބުރި ބަލާލިއެވެ.

އޭރު ކޮލެޖްގެ އޮފީހުގައި މަސައްކަތް ކުރާ އަހްސަން މަޑު ފެހި ކުލައިގެ ރުމާލެއް ދައްކާލައިގެން ހުއްޓެވެ.

“އޯ ޔެސް. ތީތި ގެއްލިގެން މިއުޅެނީވެސް. ތޭންކްސް އިނގޭ.” ދިޝާ އަހްސަން އަތުން ރުމާ އަތުލައިގެން ޝުކުރު އަދާކުރުމަށްފަހު އަނެއްކާވެސް އައިކޮޅަށް ދިޔުމަށް އެނބުރިލިއެވެ.

ނަމަވެސް ދިޝާ ލައްވެގަތީ ކޮންމެވެސް މީހެއްގެ ގައިގައެވެ. ސިހިފައި ދިޝާ އިސް އުފުލާލެވުމާއެކު ދިޝާ ތުރުތުރު އަޅައިގަތީ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި އަފްޒަލް ހުއްޓާ ފެނުނީމައެވެ.

ދިޝާގެ މޫނުމަތިން ދާތިކިތައް ފާއްދާލީ ދިޝާއަށް ހާސްވެވުނު ވަރުންނެވެ. އަފްޒަލްގެ ވިހަ ބެލުންތައް އަހްސަން އަށް އަމާޒުވެފައިވާއިރު ކޮލެޖް މީހުންގެ ކުރިމަތީގައި އަގު ވެއްޓިދާނެތީ ދިޝާގެ ހިތް ބިރުގަންނަނީއެވެ.

ދިޝާ މަޑުމަޑުން އަފްޒަލްގެ އަތުގައި ހިފާލިއެވެ. އެވަގުތު އަފްޒަލް ދެލޯ ބޮޑުކޮށްލަމުން ދިޝާއާއި ދިމާއަށް މޫނު އަނބުރާލިއެވެ.

ދިޝާ ލޮލުގެ އިޝާރާތުން އެއްވެސް އެއްޗެއް ނުބުނުމަށް އެދުނެވެ. އާދޭސްކުރާފަދަ ގޮތަކަށެވެ.

ކޮން އެއްޗެއް ވިސްނިގެން ކަމެއް ނޭނގެއެވެ. އަފްޒަލް ދިޝާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ދިޝާ ފިނި ނޭވާއެއް ލަމުން ހިތްހަމަ ޖައްސާާލިއެވެ. އަފްޒަލް އޭނާގެ ގޮތްގަނޑު ދައްކާނުލާ ހިނގައިގަތުމުން ދިޝާގެ ހިތަށް ފިނިކަމެއް ލިބުނު ފަދައެވެ.

ގޭގެ ދޮރު މައްޗަށް ސައިކަލް މަޑުކޮށްލުމާއެކު އަފްޒަލް ދިޝާއަށް ވުރެ ކުރިން ސައިކަލުން ފޭބިއެވެ. ދިޝާވެސް އުޅުނީ ސައިކަލުން ފައިބާށެވެ. ނަމަވެސް ދިޝާ ސިހުނީ އަފްޒަލްގެ އަތަށް ދިޝާގެ އިސްތަށިގަނޑު އޮޅާލުމާއެކުގައެވެ. ވީތަދުން ދިޝާއަށް ހަޅޭއްލަވައިގަނެވުނެވެ.

ނަމަވެސް އަފްޒަލްގެ ފަރުވާލެއްނެތެވެ. ގަދަކަމުން ދިޝާ ދަމާފައި ކޮޓަރިއަށް ގެންދިޔައިރު ދިޝާ ރޮމުންވެސް ވަށައި ހޯދައި ބަލަމުންދެއެވެ. އަފްޒަލްގެ މަންމަމެންގެ ހިލަމެއްވެސް ވޭތޯއެވެ. ގޭގައި ނޫޅެނީ ކަންނޭނގެއެވެ. އެހެން ނޫނީ ދިޝާ ރޯއަޑަށް އެމީހުން ނިކުންނާނެއެވެ.
އަފްޒަލް ކޮޓަރިއަށް ވަން ގޮތަށް ދިޝާ އެނދާއި ދިމާއަށް ކޮށްޕާލިއެވެ.

“އަފޫ. ކިހިނެއްވެގެންތަ ތިއުޅެނީ އަޅެ. އަހަރެންނަށް ކޮން ކަމެއްތަ ކުރެވުނީ.” އަފްޒަލް ކޮށްޕާލުމުން ދިޝާ ވެއްޓުނީ ޓައިލްސް މައްޗަށެވެ. ތަދުވި ނަމަވެސް ދިޝާ ރޮމުން އަފްޒަލްއަަށް ބަލާލިއެވެ.

“ދިޝާއަށް އެބައެނގޭތަ ތި އުޅެވޭ ގޮތް. ބަލަ ހިލޭ ފިރިހެނުންނާއި ސަކަރާތް ޖަހާއިރު ނޭނގޭތަ ތީ މީހެއްގެ އަތްބެއްކަމެއް. އިރެއްގައި ބޭނުން ގޮތަކަށް އުޅުނަސް މިހާރަކު އެހެން ނޫޅެވޭނެ.” އަފްޒަލް ދިޝާގެ މޫނާއި ދިމާއަަށް އިނގިލި ދިއްކޮށްލަމުން ހަޅޭލަވައިގަތެވެ. ދިޝާއަށް ކުރެވުނުހާވެސް ކަމަކީ ދެލޯ މަރައިގެން އިނދެ ރުއިމެވެ. އަފްޒަލްގެ މިޒާޖު ހުންނަގޮތުން ދިޝާ އިތުރަށް އަމިއްލަ ދިފާޢުގައި ވާހަކަ ދެއްކިޔަސް އަންނާނީ ރުޅިއެވެ. ބައެއް ފަހަރު ދިޝާގެ ހިތަށް އަރައެވެ. އަފްޒަލް ކައިރިން ދުރުވާންވީއެވެ. އަފްޒަލް ދިޝާ ދެކެ އެވާ ކަހަލަ ލޯބިދެކެ ދިޝާ ބިރުގަނެއެވެ. އިންތިހާއަށެވެ.

“ހަނދާންކުރައްޗޭ. އެ އަޙްސަން ހުރި ތަނަކަށް ދިޔަޔަސް…” އަފްޒަލް ބުނަމުން ދިޔަ ޖުމްލަ ފުރިހަމަނުކޮށް ހުއްޓާލަމުން ކޮޓަރީގެ ދޮރު ބަންލާފައި ލައްޕާފައި ނިކުމެގެން ދިޔައީއެވެ.

ދިޝާގެ ބަނޑިފަޅައިގެން ދިޔައެވެ. ދިޝާގެ ނިކަމެތި ހިތަށް ކެތްނުވީއެވެ. އުޅެންވީ ގޮތެއް ކުރަންވީ ކަމެއް ދިޝާއަކަށް ނޭނގުނެވެ. މީހުންގެ ތެރެއަށް ނުނިކުމެ ދިޝާ އުޅޭނީ ކިހިނެއް ހެއްޔެވެ؟ ރައްޓެހިން ތިބުމަކީ މައްސަލައެއް ހެއްޔެވެ؟ އެއްވެސް މީހަކާއި ވާހަކަ ނުދައްކައި އުޅޭނީ ކިހިނެއް ހެއްޔެވެ؟

ހިތްދަތިވެފައިވާ ހާލު ދިޝާ ޓައިލްސް މަތިން ތެދުވެ އެނދުގައި އިށީނދެލިއެވެ. އެވަގުތު އަނެއްކާވެސް އެނުދަންނަ ޒުވާނާގެ ރީތި ސޫރަ ލޯމަތީގައި ކުރެހިގެން ދިޔައެވެ.

ދިޝާ ތެޅިގެންފައި ދެފަރާތަށް ބޯ ހޫރާލިއެވެ. ދިޝާއަކަށް އެޒުވާނާގެ ހަނދާން ކުރުމުގެ ހުއްދައެއް ނެތެވެ. އެޚިޔާާލުތައް ސިކުނޑިއަށް އައުމަކީވެސް ފާފައެކެވެ. އަމިއްލަ ހާލަތު އިޙްސާސްވުމާއެކު އަނެއްކާވެސް ދިޝާގެ ދެލޯ ފުރިގެން ބަންޑުންވެއްޖެއެވެ.

“އަފްޒަލް. ހާދަ ފުއްޕާފަ ތިހުރީ. ގުޅާ ގުޅާ ބަލިވިއިރުވެސް ފޯނެއްވެސް ނެނގީކީނޫން.” އަފްޒަލް އޮފީހަށް ވަނުމާއެކު އިނާޒު އަފްޒަލް އަށް ގޮވާލިއެވެ. އަފްޒަލް އެއްވެސް ޖަވާބެއް ނުދީ ގޮސްވަނީ މީޓިން ރޫމްގެ ތެރެއަށެވެ.

ފަހަތުން އިނާޒުވެސް އެތަނަށް ވަނީ އަފްޒަލްގެ ސަކަރާތް ވެފައިވާ މޫޑް ފެނި ވީގޮތް އޮޅުންފިލުވުމަށްޓަކައެވެ.

“ކަމެއް ގޯސްވީތަ އަނެއްކާ. ބޮލަށް ލުއި ވާނީ ހިއްސާކޮށްލީމަ.” އަފްޒަލް އިށީނުމާއެކު ޖެހިގެން އިން ގޮޑީގައި އިނާޒު އިށީނދެލިއެވެ.

“ދިޝާގެ ފަހަތުން އޭނަގެ ކޮލެޖް ކުއްޖެއް އުޅޭތީ އެކަމާއި އޯފްވެފަ މިހުންނަނީ.” އަފްޒަލް ދޫކޮށްލީ ފުން ނޭވާއެކެވެ.

“އެވަރު ކަމަކާ. އަފްޒަލް އަށް މައްސަލައަކަށް ވާން ވާނީ ދިޝާ އުޅޭނަމަ ދޯ. އެހެން މީހުން ކިތަންމެ ވަރަކަށް އުޅުނަސް ދިޝާ

ކުރާނެކަމެއް ނީންނާނެ ދޯ އޭގަ.” އަފްޒަލްގެ ޖަވާބު އަހާފައި އިނާޒުގެ ގާތަށް އައީ ހިންޏެވެ.

“ބޮޑު ނުވާ ތަނުން މީހުންނާއި އިނީމަ ވާނީ ތިހެން. ތި ކަހަލަ ކުދިކުދި ކަންތައްތަކާއި އަޅާލާ އެއްޗެއް ނޫން.” އިނާޒުއަކީ އަފްޒަލްއަށް އަބަދުވެސް ހެޔޮއެދޭ ގާތް ރައްޓެއްސެކެވެ. އިނާޒު އެތަނުން ނިކުތީ އަފްޒަލްއަށް ވަރަށް ނަސޭޙަތްތެރިވެފައެވެ.

އަފްޒަލް މޭޒުމަތީގައި ބޯއަޅާލީ ދިޝާއާާއި ދޭތެރޭގައި ކަންތައް ކުރެވުނު ގޮތް ހިތަށް އަރާފައެވެ. ދެރަކަމަކީ އަފްޒަލްއަށް ކޮންމެ ފަހަރަކުވެސް ވިސްނެނީ ކަންތައްތައްވެ ނިމުނީމައެވެ. ކަމެއް ކުރުމުގެ ކުރިން އެއްފަހަރުވެސް އަފްޒަލް ވިސްނައެއް ނުލައެވެ.

އަނދިރިކަން ރަސްކަން ކުރަމުންދާ ކޮޓަރި ތެރޭގައި ދިޝާ އިންނަތާ އެތައް އިރެކެވެ. އިރުއޮއްސުނުއިރުވެސް ދިޝާއަށް ރޭކާނުލައެވެ. ރޮއެރޮއެ ދިޝާގެ ބޮޑު ދެލޯ ވަނީ ކުޑަވެފައެވެ. އެ ރީތި ދެލޮލުގައި އެއްވެސް އުޖާލާކަމެއްނެތެވެ.

އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލާފައި އަފްޒަލް އެތެރެއަށްވަދެ ކޮޓަރީގެ ބޮކި ޖައްސާލިއެވެ.

ދިޝާ އިން ހާލު ފެނިފައި އަފްޒަލްއަށް އިސްޖަހާލެވުނެވެ. ކުށްވެރިއެއް ފަދައިންނެވެ.

“ސޮރީ.” އަފްޒަލް އިސްޖަހާލައިގެން ހުރެ ބުނެލިއެވެ. ދިޝާ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. ހަޤީޤަތުގައިވެސް ދިޝާ އަފްޒަލްދެކެ ވަރަށް ފޫހިވެއްޖެއެވެ.

ދިޝާ ބޭނުންވަނީ އަފްޒަލްގެ ހަޔާތުންވެސް ދުރަށްދާށެވެ.

ދިޝާގެ ނުރުހުން ފެނިފަައި އަފްޒަލްއަކަށް ނުހުރެވުނެވެ. ބާރު ހިނގުމެއްގައި ގޮސް ދިޝާގެ ކުރިމަތީގައި އިށީނދެ ކުޑަ ކަކޫ ޖަހާލިއެވެ.
“ޕްލީސް. ފޮގިވް މީ.” އަފްޒަލް ދިޝާގެ ދެފައިތިލައިގައި ހިފަހައްޓާލީ އާދޭސް ކުރާފަދަ ގޮތަކަށެވެ.

“މީހުން މާފަށް އެދެނީ އޮޅިގެން ކުރާ ކަންތައްތަކަށް އެކަނި. ގަސްތުގައި ކުރާ ކަންތައްތަކަށް މާފަކަށް ނޭދޭނެ.” ދިޝާ އަފްޒަލްގެ އަތް ދުރަށް ޖައްސާލިއެވެ.

“ދިޝާ ދެކެ މާބޮޑަށް ލޯބިވެވުނީމަ ވާގޮތް. ކީއްކުރާނީ. އެކަމަކު ދެން އެހެން ނުވާނެ.” އަފްޒަލް އޭނާގެ ފެންކަޅިވެފައިވާ ދެލޯ ދިޝާގެ ލޮލާއި ސީދާ ކޮށްލިއެވެ.

ދިޝާއަށް އެއްވެސް އެއްޗެއް ނުބުނެވުނެވެ. ދިޝާއަށް އިނދެވުނީ އަފްޒަލްގެ އުދާސްވެފައިވާ މޫނަށް ބަލާށެވެ.

ހަނދާނެގޮތް ހުސްވެފައިވާ ކަހަލަ ގޮތަކަށެވެ. ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އަފްޒަލް ދެރަވެފައި ހުންނަތަން ފެނުމުން ދިޝާވެސް ދެރަވެއެވެ. ނަމަވެސް އަބަދު އަނިޔާއަށް ކެތްކުރާާނެހާ ހިތްވަރެއް ދިޝާގެ ނެތެވެ.

އަފްޒަލް ހެދިހާ ގޮތެއް ހެދިގެން އުޅޭކަށް ދިޝާ ބޭނުމެއްވެސް ނޫނެވެ.

“ދިޝާ. ކޮންމެވެސް އެއްޗެއް ބުނެބަލަ. މާފެއް ނުކުރާނަންތަ؟” އަފްޒަލް ދިޝާގެ އަތުގައި ހިފާލީ ދިޝާ އޭނާއަށް މާފްކޮށްދިނުމަށް އުއްމީދުކުރަމުންނެވެ.

ދިޝާ ބޮލުގެ އިޝާރާތުން އާއެކޭ ބުނަމުން އަފްޒަލްއާއި ދުރަށް ޖެހުނެވެ.

އަދި އަވަސް އަވަހަށް ތެދުވެގެން ފާހާނާއާއި ދިމާއަށް ހިނގައިގަތެވެ.

އަފްޒަލް ދިޝާ ހުއްޓުވާކަށް ނޫޅުނެވެ. ދިޝާ މާފްކުރުމުން އޭނާގެ ހިތް ހަމަޖެހިއްޖެއެވެ.

އަފްޒަލް ސިޓިންގް ރޫމްގައި ސޯފާގައި އޮށޯވެލައިގެން އޮތީ ދިޝާ ފާހާނާއިން ނުނިކުތީމައެވެ. އެވަގުތު ގޭގެ ދޮރު ހުޅުވުނު އަޑަށް އަފްޒަލް ބޯ ހިއްލާާލިއެވެ.

“ދަރިފުޅާ. ބަލާލަބަލަ. މިހުރީ ކާކުކަން އެނގޭތަ؟” ނާހިދު ހެވިފައި ހުރިއިރު އާސިމާ ހުރީ ނާހިދުގެ އަތުގައި ހިފަހައްޓާލައިގެންނެވެ.
ކުރިމަތީގައި ހުރި ދެބައި އުމުރުގެ ފިރިހެނަކީ ކާކުކަން ނޭނގިފައި އަފްޒަލްއަށް ހުރެވުނީ ބަލާށެވެ.

“ކާކުތަ؟” އަފްޒަލް ނިތްކުރިއަށް ރޫތައް ގިނަކޮށްލަމުން ބައްޕަގެ މޫނަށް ބަލާލިއެވެ.

“މީ ދަރިފުޅުގެ ބޮޑުބޭބެ އާާމިރު.” މަންމަގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ ބޭބެ. ކުރިން ދަތުރު ކުރަން އުޅުނީމަ ނޭނގުނީ އުޅޭތަނެއްވެސް. މިއަދު ހޮސްޕިޓަލުން ދިމާވީ މި ދިހަ އަހަރު ކޮށްފަ.” އާސިމާ ހުރީ އިންތިހާއަށް އުފާވެފައެވެ. އެކަން ދޭހަކޮށްދެނީ އާސިމާގެ ލޮލުން ވިދަމުން ދިޔަ އުފާވެރިކަމުގެ ކަރުނައެވެ.

“އެހެންތަ؟” އަފްޒަލް އާމިރުއާއި ސަލާމްކުރަން އަތް ދިއްކޮށްލިއެވެ.

“ކުރިން އައިއިރު އަފްޒަލް ހުރީ ރާއްޖޭން ބޭރުގަ ކިޔަވަން ދޯ.” އާމިރު ހިނިތުންވެލަމުން އަފްޒަލްގެ އަތުގައި ހިފާލިއެވެ.
“އާން. އުމުރުން ނުވަ އަހަރު ވީތަނާ މަންމަމެންނަށް އަހަންނާއި ހެދި އުނދަގޫވެއްޖެ ވިއްޔަ.” އަފްޒަލްގެ ރާގުގައި ވަނީ ސަމާސާއެވެ.

އަފްޒަލްގެ ވާހަކަ އިވިފައި އާސިމާއާއި ނާހިދުއަށް ހެވުނެވެ.

“ބޭބެ ދެން ހުންނާނީ މިގޭގަ ދޯ.” އާސިމާ ބޭނުންވީ ހުރި ހަމައެކަނި ބޭބެ އާސިމާ އަށް ފެންނަ ހިސާބުގައި އަބަދުވެސް ހުންނާށެވެ.

“ބޭބެ ވައިފްއާއި ކުދިން ކޮބާ؟” އަފްޒަލްގެ ސުވާލުން އާމިރު ހީލިއެވެ.

“ބޭބެ އަދި އަލަށްވެސް މީހަކާއި ނުއިންނަން.” އާމިރު ހަޤީޤަތް އަފްޒަލްއަށް އޮޅުންފިލުވާދިނެވެ.

“ނުވާނެ އެހެނެއް. ސަމާސާއެއް ދޯ؟” އަފްޒަލްއަކަށް އާާމިރުގެ ވާހަކަ ޤަބޫލެއްނުކުރެވުނެވެ.

“އަސްލުވެސް ދަރިފުޅާ. ބޮޑު ބޭބެ އެބުނީ ތެދެއް. ބޮޑު ބޭބެ އަދި އަލަށްވެސް މީހަކާއި ނުއިނދެ.” އަފްޒަލްގެ ސުވާލަށް ޖަވާބުދިނީ އާސިމާއެވެ.

“އަފްޒަލް މިހާރު މީހަކާއިވެސް އިނދެފި.” ނާހިދު އާސިމާގެ ވާހަކައާއި ގުޅުވައިގެން އާމިރުއަށް ބުނެލިއެވެ.

“މިޒަމާނުގެ ކުދިން ތިބެނީ އަށާރަ އަހަރު ނުވެގެންވިއްޔަ.” އާމިރުގެ ގާތަށް ހިނިއައެވެ.

“ކޮބާތަ ދިޝާ؟” އާސިމާ ގޭތެރެއަށް ނަޒަރު ހިންގާލީ ފެންނަ ހިސާބެއްގައި ދިޝާ ހުރިތޯއެވެ.
އަފްޒަލް ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ. ދިޝާ ގޮވައިގެން ބޮޑުބޭބެ އަށް ދައްކާލަން ގެންނާށެވެ.

އަފްޒަލް ކޮޓަރީގެ ދޮރު ހުޅުވާލިއިރު ދިޝާ އަށް އޮތީ ނިދިފައެވެ. އަފްޒަލް ކޮޓަރިއަށްވަދެ ދޮރު ތަޅުލިއެވެ. މަޑުހިނގުމެއްގައި އަފްޒަލް ގޮސް ދިޝާގެ ކައިރީގައި އޮށޯވެލިއެވެ.

ދިޝާގެ މައުސޫމް މޫނަށް އަފްޒަލް އަށް އެތައް އިރަކު ބަލަން އޮވެވުނެވެ. މާގިނައިރުތަކެއް ނުވެ ނިދީގެ ފޮނި މީރުކަމުގެ ތެރެއަށް އަފްޒަލް ގެބިގެންދިޔައެވެ.

ނިދިފައި އޮތް ދިޝާގެ ލޯ ހުޅުވުނީ އަފްޒަލްގެ އަތް ދިޝާާގެ މޫނުގައި ޖެހުމުންނެވެ. ސިހިފައި ދިޝާއަށް ތެދުވެވުނެވެ. އަވަސް އަވަހަަށް ބާލީސް ދަށުގައި އޮތް ފޯނު ނަގާ ގަޑި ބަލާލިއެވެ. ހަތެއް ޖަހާ ބޮޑުވެގެންދާތަން ފެނިފައި ދިޝާ އަވަސްވެގަތީ ކޮލެޖަށް ދިއުމަށް ތައްޔާރުވާށެވެ. ނަމަވެސް ހަމައެހިނދުކޮޅުގައި އިއްޔެގެ ހާދިސާ ދިޝާގެ ލޯމައްޗަށް ސިފަވެގެން ދިޔައެވެ. ވަގުތުން ދިޝާގެ ދެލޯ ފެންކަޅިވިއެވެ. ކުޑައިރުކޮޅަކު ވިސްނާލަން އިނުމަށްފަހު ދިޝާ ނިންމީ ކޮލެޖުން ވަކިވާށެވެ. ބައެއް ހުވަފެންތަކަކީ ކުލަ ޖެހޭނެ ހުވަފެންތަކެއް ނޫނެވެ. އެންމެ ފަހު ސެމެސްޓަރ އާާއި ހަމައަށް ދިއުމަށް ދިޝާ ކުރިހާ ބުރަ މަސައްކަތްތަކާއި މެދުވެސް ދިޝާ އަކަށް ވިސްނައެއް ނުލެވުނެވެ. އެޔަށްވުރެ ބޮޑަށް އަފްޒަލްދެކެ ދިޝާ ބިރުގަނެއެވެ.

ފުން ވިސްނުމެއްގައި ހުރެގެން ދިޝާ ކޮޓަރިން ނިކުމެ ކާާގެޔާއި ދިމާއަށް މިސްރާބުޖެހީ ފެން ބޮވައިގަނެގެންނެވެ.

“އަހާން. މިއޮތީ އަނެއްކާވެސް ދިމާވެފައެއްނު.” ދަންނަ އަޑެއް ކަންފަތުގައި ޖެހުމާއެކު ދިޝާ ދިޔައީ ސިއްސައިގެންނެވެ. ކަންފަތަށް އިވުނު އަޑަކީ ކުށްހީއެއް ކަމަށް ހީކޮށް ދިޝާ އަޑުއައި ދިމާއަށް އެނބުރިލިއެވެ.

އެވަގުތު ދިޝާއަށް ފަހަތަށް ޖެހެވުނީ ބޭއިޚްތިޔާރުގައެވެ. އާއެކެވެ. އެއީ ހަމަ އޭނާ އެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް