8 މާރޗް 2019 އާ ގުޅޭ…
”އަހާން. މިއޮތީ އަނެއްކާވެސް ދިމާވެފައެއްނު.“ ދަންނަ އަޑެއް ކަންފަތުގައި ޖެހުމާއެކު ދިޝާ ދިޔައީ ސިއްސައިގެންނެވެ. ކަންފަތަށް އިވުނު އަޑަކީ ކުށްހީއެއް ކަމަށް ހީކޮށް ދިޝާ އަޑުއައި ދިމާއަށް އެނބުރިލިއެވެ.
އެވަގުތު ދިޝާއަށް ފަހަތަށް ޖެހެވުނީ ބޭއިޚްތިޔާރުގައެވެ. އާއެކެވެ. އެއީ ހަމަ އޭނާ އެވެ.
ދިޝާގެ އަތްފައި ފިނިވެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގަތެވެ. ލޮލަށް ފެންނަމުން ދިޔަ މަންޒަރު ޤަބޫލުކުރަން ދަތިވުމާއެކު ދިޝާގެ ފައިކޮޅުން ވާގިވެސް ދޫވި ކަހަލައެވެ.
“އޯވް. އަހަރެންގެ ހާދަ ނަސީބު ގަދައޭ. އަހަރެން ބުނި ހަނދާން އެބަހުރިތަ މަށަށް ފިލައިގެން އުޅުނަސް ހޯދާނަމޭ ހުރިތަނަކުން.” އާމިރު ދިޝާ އާއި ގާތަށް ޖެހިލަމުން ވައި އަޑުން ބުނެލިއެވެ.
ދިޝާ ހުރި ފިޔަވަޅުމަތީގައި ހުރީއެވެ. އާމިރުގެ ވާހަކައާއި އޭނާ ކުޅޭހާ ކުޅިވަރެއް ބެލުމަށް ދިޝާއަށް މަޖުބޫރުވާ ކަހަލައެވެ. އެހެން ނޫންނަމަ ދިޝާއަކީ މީހަކާއި ދިމާއަށް އެއްޗެއް ބުނަން ފަސްޖެހޭ މީހެއް ނޫނެވެ.
“އަފްޒަލްގެ އަންހެނުންދޯ. މީ ދިޝާގެ ބޮޑުބޭބެ އޭ. ނޭނގޭތަ؟” އާމިރުގެ މަލާމާތުގެ ރާގުން ދިޝާއަށް މުށް ކަވައިލެވުނެވެ. އަތް ދަމާފައި ހޫނު އެތިފަހަރަކުން ކޯމަތީގައި ފިރުމާލާން ދިޝާގެ ހިތަށް އެރިއެވެ. ނަަމަވެސް ހިމޭނުން ހުރުން ނޫން ގޮތެއް ދިޝާއަށް ނެތްކަހަލައެވެ.
ކޮޓަރިއެއްގެ ދޮރު ހުޅުވުނު އަޑާއެކު ދިޝާއާއި އާމިރު ސިހިފައި އެކަކު އަނެކަކާއި ދުރަށް ޖެހެވެނުވެ. އަޑު އައި ދިމާއަށް ބަލާލިއެވެ. އެވަގުތު ދެލޯ އުނގުޅަމުން އާސިމާ އެމީހުންނާއި ދިމާއަށް އަންނަނީއެވެ.
“ދިޝާ. ކޮލެޖަށް ނުދަނީތަ؟ ކޮބާތަ އަފޫ؟ ހޭލައިފިތަ އޮފީހަށް ދާން؟” އާސިމާ ހިނިތުންވެލަމުން ދިޝާގެ ކުރިމަތީގައި ހުއްޓިލިއެވެ. ދިޝާގެ ދުލުގައި ކަސްތޮޅު އެޅިފައިވާ ކަހަލައެވެ. އެއްވެސް ޖަވާބެއް ދިޝާއަކަށް ނުދެވުނެވެ.
“ކޮއްކޮއަށް އެނގޭތަ؟ ބޭބެ ދަންނަމޭ ދިޝާ؟” އާމިރުގެ އަޑުން ދިޝާއަށް ތެޅިގަނެވުނެވެ. އާސިމާ އަށް ހަމަ ރަނގަޅަށްވެސް ދިޝާއަށް ވެގެން ދިޔަ ގޮތް ފެނުނެވެ. ހައިރާންވެފައި އާސިމާ އާމިރުއާއި ދިމާއަށް ބަލައިލެވުނީ ސުވާލުގެ ނަޒަރަކުންނެވެ.
ދިޝާގެ ދެލޮލަށް ކަރުނަތައް ބޮޑިވެގަތެވެ. ހީވަނީ ހަމަހަަމަ ދެންމެ ދެންމެ ދެލޯ ފުރިގެން ބަންޑުން ވެދާނެހެންނެވެ.
“މި ބުނީ މީގެ ތިން އަހަރު ކުރިން ދިޝާ އެނގެޔޭ. ދިޝާ ކިޔަވަން ހުރީ މަގޭ ރައްޓެއްސެއް ގޭގައި. ދަތުރު ކުރަން އުޅެފައި އޭރު ޗުއްޓީގައި މާލެ އައިސް އަހަރެންވެސް ހުރީ ދިޝާ ހުރި ގޭގައި.” އާމިރު ވާހަކަ ދައްކަމުން ދިޔައީ ލޮލުގެ ހިމަކަޅިން ދިޝާގެ އޮއްސިފައިވާ މޫނަށް ބަލަމުންނެވެ.
ދިޝޫ…ދިޝޫ… އަފްޒަލްގެ އަޑަށް ދިޝާ އަވަސް އަވަހަށް އެތަނުން ދިއުމަށް ހިނގައިގަތެވެ. އަފްޒަލް ގޮވިކަން ނަސީބެކޭ ހިތަށް އަރުވަމުންނެވެ.
ނަަމަވެސް، ހާސްކަން ވަނީ ދިޝާގެ ސިކުނޑި ވަށާލާފައެވެ. އެއްކަމަކާއި ބޯ ގޮއްވަނިކޮށް އަނެއްކާ އަނެއް ކަމެކެވެ. އަފްޒަލްގެ ހަރުކަށި މިޒާޖުން ކިޔެވުން ހުއްޓާލައި އަބަދު ގޭގައި ހުންނަން ދިޝާ ނިންމީ އަދި ރޭގައެވެ. އެކަމަކު މިހާރު ގޭގައި ހުރުމަކީ ދިޝާއަށް ބޮޑު ވޭނެއް ކަހަލައެެވެ. ސަލާމަތެއް ނެތެވެ. ލޮލަށް ބޮޑިވެފައިވާ ކަރުނަތައް ހިފެހެއްޓުމުގައި މިފަހަރު ދިޝާއަކަށް ކާމިޔާބެއް ނުވިއެވެ. ކަރުނަ ތިކިތައް އެއްވެސް ހުރަހެއްނެތި ދިޝާގެ ކޯތާފަތް މަތީގައި ފިރުމަންފަށައިފިއެވެ.
ކޮޓަރީގެ ދޮރާއި ހަމައަށް ދެވުމާއެކު ދިޝާ ހުއްޓުނެވެ. އަދި އަވަސް އަވަހަށް ތެމިފައިވާ އެސްފިޔަތަކުގައި އަތް ހާކާލަމުން މޫނު ރީތި ކޮށްލިއެވެ. ދިޝާއަށް އެނގެއެެވެ. އެ މޮޅިވެރިކަންމަތީގައި އަފްޒަލް އާއި ކުރިމަތިލައިިފި ނަމަ އަފްޒަލްގެ އެތަކެއް ސުވާލެއް ދިޝާއާއި ކުރިމަތިވާނެެއެވެ. ދިޝާއަށް ރަނގަޅަށް ޖަވާބު ނުދެވުނަސް އަފްޒަލްގެ އަތުގެ ވޭންދެނިވި ފިރުމަންތަކުން ދިޝާގެ ހަށިގަނޑު ހޫނުކޮށްލާނެކަން ވެސް ދިޝާ ދެނެހުއްޓެވެ.
ހަމަ ޖެހޭ ގޮތް މޫނު މައްޗަށް ގެންނަމުން ދިޝާ ދޮރު ހުޅުވާލާފައި ކޮޓަރިތެރެއަށް ވަނެވެ.
އޭރު އަފްޒަލް އޮފީހަށް ދާން ތައްޔާރުވަނީއެވެ.
“ކީކޭ؟” ދިޝާ ފަރުވާކުޑަ ގޮތަކަށް އަހައިލިއެވެ. އަފްޒަލް ދިޝާއާއި ދިމާއަށް އެނބުރިލަމުން ފުން ނަޒަރަކުން ދިޝާގެ މޫނަށް ބަލައިލިއެވެ. އިއްޔެގެ ހާދިސާ އާއި މެދު ވިސްނައިލެވުމުން އަފްޒަލް ހުރީ ދިޝާއާއި ވާހަކަ ދައްކަން ފަސްޖެހިފައި ކަހަލައެވެ.
ދިޝާ އިސްޖަހާލައިގެން ހުރީއެވެ. އަފްޒަލްއާއި ދިމާއަށް ބަލައިވެސްނުލައެވެ.
“ދިޝޫ. ސޮރީ. މާފްކުރޭ. ދެން އެކަހަލަ ކަމެއްނުވާނެ.” ދިޝާގެ ހަމަހިމޭންކަމާއި ފަރުވާކުޑަކަން އަފްޒަލްގެ ހިތަށް ތަދުކުރަނީއެވެ.
ދިޝާ އެއްވެސް ޖަވާބެއް ނުދީ އެނދުމަތީގައި އޮތް އަފްޒަލްގެ ތެތް ތުވާލި ނަގައިގެން ހަރުގަނޑާއި ދިމާއަށް ހިނގައިގަތެވެ. ނަމަވެސް އެއްލި އަތުން ދިޝާގެ އަތުގައި ހިފަހައްޓަމުން އަފްޒަލް ދިޝާ ހުއްޓުވިއެވެ.
“އައި ޕްރޮމިސް. ދިޝާ ހިތުގައިޖެހޭ ފަދަ އެއްވެސް ކަމެއް މީގެ ފަހުން ނުކުރާނަން.” އަފްޒަލް ދިޝާ ގެނެސް މޭގައި ލައްކޮށްލިއެވެ.
އަފްޒަލް ދިޝާގެ ބުރަކަށީގައި ފިރުމަން ފެށުމާއެކު ދިޝާއަށް ރޮވެން ފެށުނެވެ.
– އަފްޒަލްއެވެ. އަފްޒަލްގެ އަނިޔާވެރިކަމާއި ރަޙުމުކުޑަަކަމަށް ދިޝާ މިހާރު އާދަވެއްޖެއެވެ. އެކަމަކު އަހަރެމެންގެ ދިރިއުޅުމަށް ކުރިމަތިވާން އުޅޭ ތޫފާނުގެ ބޮޑުކަން އަފްޒަލްއަށް އަންގައިދޭނީ ކިހިނެއް ހެއްޔެވެ؟- އަމިއްލަ ނަސީބާމެދު ދެރަވެ ރޮއެރޮއެ އޮތް ހާލުގައި ދިޝާ އަމިއްލަ ހިތާއި ސުވާލުކުރަމުން ދިޔައެވެ.
“މާފްކޮށްފިން އަފޫ. އެކަމަކު.” ދިޝާ އަފްޒަލްގެ މޭމަތީގައި އޭނާގެ މޫނު ފިއްތާ ބާރުކޮށްލިއެވެ.
“އެކަަމަކު ކިހިނެއްވީ؟ ދިޝާއަށް މަަށަށް އިތުބާރު ނުކުރެވެނީތަ؟” އަފްޒަލް ފުން ނޭވާއެއް ދޫކޮށްލަމުން ދިޝާގެ ކޮނޑުގައި ނިއްކުރި ޖައްސާލިއެވެ.
އަނެއްކާވެސް ދިޝާ ހިމޭންވިއެވެ. ދިޝާ ވިސްނަނީއެވެ. ފުރުސަތުގެ ބޭނުން ހިފައި ކުރިމަތިވާން އުޅޭ ނުރައްކަލުން ސަލާމަތްވާން ދިޝާ ބޭނުމެވެ. ރުޅި އަޔަސްހެވެވެ. އަފްޒަލްގެ ރުޅިއަކީ ދިޝާއަށް އާކަމެއް ނޫނެވެ.
“ދިޝާ ކަމަކުކިޔަންތަ؟ ކޮށްދޭނަންދޯ އަފޫ.؟” ދިޝާ އަފްޒަލްގެ މޭމަތިން މޫނު އުފުލާލަމުން އަފްޒަލްގެ މޫނަށް ނަޒަރު ހުއްޓައިލިއެވެ.
“އަވަހަށް ބުނޭ. ބުނި ކޮންމެ ކަމެއް ކޮށްދޭނަން.” އަފްޒަލް އަވަސް އަވަހަށް ބުނެލިއެވެ. ހީވާ ކަހަލައެވެ. ދިޝާގެ ހިތް ރުހުން އަފްޒަލް ހުރީ އިންތިހާއަށް ބޭނުންވެފައެވެ.
“އަފޫ އަށް އެނގޭދޯ އަފޫގެ މަންމަމެން ދެކެ ދިޝާ ވަރަށް ލޯބިވާކަން. އެކަމަކު ދިޝާގެވެސް މަންމައެއް އެބަހުރި. ބައްޕައަކާއި ނުލައި ދިޝާ ބަލާ ބޮޑު ކުރީވެސް މަންމަ އެކަނި. މަންމަ އުޅެނީ ވަރަށް ބަލިވެ. އަފޫ އަދި މަންމަ ކައިިރިއަށް ނުވެސް ދަމެއްނު. ދިޝާ ދެކެ ލޯބިވަންޏާ ދިޝާގެ މަންމަދެކެވެސް ލޯބިވާނެ. މަންމަ އަހަރެމެންގެ ކައިވެންޏާއި ނުރުހުނީ ދިޝާ ކިޔަވާ ނުނިމޭތީ.” ދިޝާ ވާހަކަ ދައްކަމުން ދިޔައީ ސީދާ އަފްޒަލްގެ ލޮލަށް ބަލަން ހުރެއެވެ.
“ދެން؟” ހީވެސް ނުކުރާ ކަހަލަ މަޢުޟޫއަކަށް ދިޝާ ވާހަކަދައްކަން ފެށުމާއެކު ބުނާނެ އެއްޗެއްވެސް އަފްޒަލްއަކަށް ނޭގުނެވެ.
“ހިނގާބަލަ މިހާރު މަންމަ ކައިިިރިއަށް ގޮސްލަން.” ދިޝާ ރާގުގައި ވަނީ އާދޭހެވެ.
އަފްޒަލް އަކަށް ދެކޮޅު ހަދާކަށް ނުކެރުނެވެ. ހާލަތުގެ ގޮތުން ދިޝާ އުދާސް ކޮށްލާކަށް ވެސް އަފްޒަލް ބޭނުމެއް ނޫނެވެ.
“އޯކޭ. މިއަދު އޮފީހަށް ގޮސް ޗުއްޓީ ހަމަޖައްސާލާފައި މާދަން ފުރޭ ގޮތަށް ހަމަޖައްސާލަނަން. ހެޕީތަ؟” އަފްޒަލް ދިޝާގެ ބޮޑު ކޮލުގައި ހިފާލީ ވަރަށް ލޯބިންނެވެ. ދިޝާ ހިިނިތުންވެލިއެވެ. ނަމަވެސް އަފްޒަލް ހުރީ އެހައި އުފަލުން ނޫންކަން ދިޝާއަށް ހަމަރަނގަޅަށްވެސް އަފްޒަލްގެ މޫނުމަތިން ފެންނަން ހުއްޓެވެ.
އަފްޒަލް ކޮޓަރިން ނިކުތުމާއެކު ދިޝާ ހިތްހަމަޖެހުމުގެ ނޭވާއެއްލަމުން އެނދުގައި އޮށޯވެލިއެވެ. ނަމަވެސް ހިތާމައަކީ ފާރުގައިވެސް ކަންފަތް ހުންނަކަން ދިޝާއަށް ނުވިސްނުނުކަމެވެ.
“ދަރިފުޅުމެންގެ ނިންމުން ވަރަށް ރަނގަޅު. ދިޝާގެ މަންމައަކީ ވެސް ހަމަ އަފްޒަލްގެވެސް މަންމަ.” ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށް އެންމެން ތިބީ ކާމޭޒުދޮށުގައެވެ. ހަޤީޤަތުގައިވެސް އާސިމާ ހުރީ އުފަލުންނެވެ. އަފްޒަލްއާއި ދިޝާގެ ކައިވެންޏަށް ދެމަސްވީއިރު ވެސް އެދެމީހުން އެހާ ހަމަނުޖެހޭކަން އާސިމާއަށް އެނގެއެވެ. މާހައުުލު ބަދަލުވެ އެކަކު އަނެކަކާއި އެކު ގިނަވަގުތު ހޭދަކުރެވެން ފެށުމާއެކު ގުުޅުން ރަނގަޅުވާނެކަަން އާސިމާ ޤަބޫލުކުރެއެވެ.
“ކޮންއިރަކު ފުރުން އޮތީ؟” ނާހިދު އަފްޒަލްއާއި ދިމާއަށް ބަލައިލަމުން އަހައިލިއެވެ.
“މާދަމާ ހެނދުނު. އެހެންވެ ބޭނުންވާ ބައެއް އެއްޗެހި ހޯދާލަން ޝޮޕިންއަށް ނިކުމެލަން މިއުޅެނީ.” އަފްޒަލް އަވަސް ކޮށްލައިގެން ގޮޑިން ތެދުވުމާއެކު ފަހަތުން ދިޝާ ވެސް ތެދުވިއެވެ. އެވަގުތަކީ އާމިރު އައިސް ކާކޮޓަރިއަށް ވަން ވަގުތެވެ.
“ހާދަ އަވަހަށް ނިންމާލީ.” އާމިރު އަފްޒަލްގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ދިޝާއާއި ދިމާއަށް ލޯ އަޅާލިއެވެ.
“މެންދުރުއްސުރެ ބޭބެ ތިޔައީ ކޮންތާކުންތަ؟” އާމިރު ފެނުމާއެކު އާސިމާ އިށީނދެއިން ގޮޑިން ތެދުވިއެވެ.
އާމިރުއަށް ހިނިތުންވެލަމުން އަފްޒަލް ދިޝާ އަތުގައި ހިފައިގެން ހިނގައިގަތީ ކޮޓަރިއާއި ދިމާއަށެވެ.
އެމަންޒަރު ބަލަން ހުރި އާމިރު ހިންދިރުވާލަމުން ދުރަށް މޫނު އަނބުރާލިއެވެ.
ފްލައިޓް ނައްޓައިލިއިރު ދިޝާގެވެސް އަފްޒަލްގެވެސް މޫނުމަތިން ފެންނަމުން ދިޔައީ ނުތަނަވަސްކަމެވެ. އާ ތަނަކަށް ދެވޭތީއާއި ދިޝާގެ މަންމަމެންނާއި ކުރިމަތިލާން ޖެހޭތީ އަފްޒަލްގެ ހިތް ނުތަނަވަސްވަނީއެވެ.
ދިޝާއަށް ވަނީ ކީއްކަން ޚުދު ދިޝާއަށް ވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އެ ނުދަންނަ ޒުވާނާގެ ހަނދާންތަކުން ސިކުނޑި ފޯވެފައިވާ ކަމެވެ.
ފްލައިޓް ޖެއްސިއިރު ވެސް ދެމީހުންވެސް އެކަކު އަނެކަކާއި އަނގަޔަކުން ނުބުނެއެވެ.
“އަފޫ. ނުފައިބަނީތަ؟” އެންމެން ފްލައިޓްއިން ފޭބުމުގައި މަސްޢޫލުވެގެން އުޅުނުއިރުވެސް އަފްޒަލް ހަމަ އިން ގޮތަށް އިންތަން ފެނިފައި ދިޝާ އަފްޒަލްގެ އަތުގައި ހިފައި ތަޅުވައިގަތެވެ.
ކުޑަކޮށް ސިހުުނު ނަމަވެސް ފަނޑު ހިނިތުންވުމަކާއެކު އަފްޒަލް ބެލްޓް ނައްޓައިލިއެވެ.
“ހެޔޮ ނުވާނެ. އަަހަންނަށް ތިހެން ނުހަދާ. އަހަރެންގެ ކުށަކީ ކޮބާ؟ ތީ ކާކު؟ ކީއްވެ ތިހެން ތިހަދަނީ.” ގަސްބޯވެފައިވާ އެޖަންގަލީގައި ޒަޚަމްވެފައިވާ ހާލުގައި އޮތް އެއަންހެން ކުއްޖާގެ އާދޭހުގެ އަޑު އަހަން ކުރިމަތީގައި ހުރީ ބީރު މީހެއް ކަހަލައެވެ.
ހަމަ އެކަނި ލޯފެންނަ ގޮތަށް ނިވާވެގެން ހުރި ޒުވާނާ އިރުއިރުކޮޅާ އަތުގައި އޮތް ފޯނަށް ބަލައިލައެވެ.
“އަހަރެން ކަލޭ މަރާލާކަށް ނޫޅެން. ގަދަ ނުހެދިނަމަ ތި އަނިޔާއެއްވެސް ނުލިބުނީސް. މީ އަހަރެން ކާންބޯން ކުރާ މަސައްކަތް. ކިތަންމެ ވަރަކަށް ރުޔަސް އަހަރެންގެ ހިތަކަށް އަސަރެއް ނުކުރާނެ. އެއީ ލޯތްބަކީ، ރަހުމަކީ އަހަރެން ޤަބޫލުކުރާ އެއްޗެއް ނޫން.” އެ ޒުވާނާ މަލާމާތުގެ ފާޑަށް ހީނގަތެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 12 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 02
- 7 ސެޕްޓެމްބަރ 2024ވާހަކައެކު މަށާވީ ހަނދާނޭ – 01
- 12 ޖެނުއަރީ 2021ވާހަކަމާފުކުރާށޭ ކަލާ
- 28 އޭޕްރިލް 2020ބިރުވެރިލޯބިވެވުނީ އެވެ.
Kon dhuvasthakehga up vaa vaahakaeh mee? Vvv reethi vaahakaeh
Weekly TWICE – Thank you for the support