10 މާރޗް 2019 އާއި ގުޅޭ….

ހަމަ އެކަނި ލޯފެންނަ ގޮތަށް ނިވާވެގެން ހުރި ޒުވާނާ އިރުއިރުކޮޅާ އަތުގައި އޮތް ފޯނަށް ބަލައިލައެވެ.

”އަހަރެން ކަލޭ މަރާލާކަށް ނޫޅެން. ގަދަ ނުހެދިނަމަ ތި އަނިޔާއެއްވެސް ނުލިބުނީސް. މީ އަހަރެން ކާންބޯން ކުރާ މަސައްކަތް. ކިތަންމެ ވަރަކަށް ރުޔަސް އަހަރެންގެ ހިތަކަށް އަސަރެއް ނުކުރާނެ. އެއީ ލޯތްބަކީ، ރަހުމަކީ އަހަރެން ޤަބޫލުކުރާ އެއްޗެއް ނޫން.“ އެ ޒުވާނާ މަލާމާތުގެ ފާޑަށް ހީނގަތެވެ.

އެވަގުތު އެޒުވާނާގެ ފޯނު ރިންގުވާން ފެށިއެވެ. އެންމެ ރިންގަކުން އެޒުވާނާ ކޯލަށް ޖަވާބުދެމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.

“އާން އޯކޭ. އަގު ލިބިއްޖެ. ތި ބޭނުންވާ ގޮތަށް ވާނީ.” ފޯނު ކުރުކޮށްލިއިރު އެޒުވާނާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހިތްހަމަޖެހުމެވެ.

“ފިޒާން. ކަޑައޭ ބްރޯ. ކަލޭ ނައްޓާލާ މިތަނުން. މަބަލާނަން ހުރިހާ ކަމެއް.” ކުއްލިއަކަށް ދުވެފައި އެތަނަށް އައިސް ހުއްޓުނު މީހާ ވާހަކަ ދައްކަމުން ދިޔައީ މާނޭވާލަމުންނެވެ.

އެ ޒުވާނާ އާދެ، ފިޒާން އަވަސް އަވަހަށް ފޯނު ޖީބަށް ޖަހައިލަމުން ދުވެފައި ކަހަލަގޮތަށް، އެ ގަސްބޯ ޖަންގަލިން ނިކުންނަން އަވަސްވެގަތެވެ.

 

އަފްޒަލްމެން އެއާޕޯޓުން ނިކުތްއިރު ލޯންޗް އޮތީ އެމީހުންގެ އިންތިޒާރުގައެވެ. ދިޝާ އޭނާގެ އާއިލާގެ އެއްވެސް މީހަކަށް ރަށަށް އަންނަ ކަމެއް ނާންގައެވެ. ދިޝާގެ ބޭނުމަކީ އެންމެންނަށް ސަޕްރައިޒެއް ދިނުމެެވެ. އެންމެފަހުން ރަށުން ދިޔައިރު ދެވުނީ އެންމެންގެ ހިތް ރޮއްވާލާފައެވެ. އެހެންވުމުން ދިޝާ ބޭނުންވަނީ އެންމެން އުފާކޮށްލާށެވެ.

“އަފޫ. އެއޮތީ ލޯންޗް. ފްރެންޑެއް ކައިރީގައި ބުނެގެން ހަމަޖައްސާލީ. ގޭގެ މީހަކަށް އެނގިއްޖެއްޔާ ސަޕްރައިޒް ފަނިވާނު.” ދިޝާ އަފްޒަލްގެ އަތުގައި ހިފަމުން ލޯންޗާއި ދިމާއަށް ހިނގައިގަތެވެ.

“ދިޝާގެ މަންމަ މަށާ ވާހަކަދައްކާނެތަ؟ އަނެއްކާ ދިޝާ ތިޔައީ ކިޔެވުންވެސް މެދުކަނޑާލާފައެއްނު. ރުޅިއައިއްސިއްޔާ އޯ.” އަފްޒަލްއަށް އަދިވެސް ވިސްނެނީ ދިޝާގެ މަންމަމެން ނުރުހިދާނެތީއެވެ. އެހެންވެއްޖެނަމަ އަފްޒަލް ވަރަށް ދެރަވާނެއެވެ. އެންމެ ވަގުތުކޮޅަކުވެސް އަފްޒަލް އެގޭގައިވެސް ނުހުންނާނެއެވެ.

“މަގޭ މަންމަ މަ ދެކެ ވަރަށް ލޯބިވާނެ ހަމަ ޔަޤީނުންވެސް.” ދިޝާގެ ތުންފަތުގައި ކުޅެލީ ފަނޑު ހިނިތުންވުމެކެވެ. ދިޝާގެ މޫނުމަތިން ހަމަޖެހިފައި ހުރި ކަމުގެ އަސަރު ފެނުމުން އަފްޒަލް ވެސް އަމިއްލަ ހިތް ހަމަޖައްސާލިއެވެ.

 

“ޒަރީހާ. އުތުރު އަވަށުން ގެއްލިގެން އުޅުނު އަންހެންކުއްޖާ އަމިއްލައަށް ގެޔަށް އައިއްސި އޯ ދޯ. އަޑުއެހިންތަ؟” ނާދިޔާ އާއި ޒަރީހާ ވާހަކަ ދައްކަން ތިބީ ޒަރީހާމެންގޭގެ ގޯތިތެރޭގައި ބަހައްޓާފައި ހުރި ޖޯލިފަތީގައެވެ.

“އާން. އަޑުއެހިން ތިވާހަކަ. ރޭގެ ވަގުތެއްގައި ގެއްލުނީއޯ. ކުޑަ އިރުކޮޅެއްކުރިން އަމިއްލައަށް އައިސް ގެޔަށް ވަންތަނޯ ފެނުނީ. މިހާރު އުޅޭ ކުދިންގެ އާދައެއްނު އެއީ. ކުރަން ނޯވޭ ވަކިކަމެއް. މައިންބަފައިންނާއި ދޭތެރޭގައިވެސް ވިސްނާ ދަރިންނެއް މިހާރަކު ނޫޅޭނެ.” ޒަރީހާގެ އަޑުގައިވާ ރިހުމުން ޒަރީހާގެ ސިކުނޑި ތެރޭގައި އެނބުރެމުން އެދަނީ ދިޝާގެ ހަނދާންތައްކަން ނާދިޔާ ދެނެގަތެވެ. ނަމަވެސް އެވާހަކަ އިތުރަށް ދައްކައި ޒަރީހާގެ މާޔޫސްވެފައިވާ ހިތް އިތުރަށް ހިތްދަތިވާކަށް ނާދިޔާ ނޭދެއެވެ.

“ވެދާނެއެއްނު ހިތާވެގެން އުޅޭ ކުއްޖާއާއި އެކީގައި ދިޔައީ ކަމަށްވެސް. ހެނދުނުވީމަ ދެން ގެޔަށް އައީ ކަންނޭނގެ.” ނާދިޔާ ފާޅުކޮށްލީ އޭނާގެ ޚިޔާލެވެ.

“މަންމާ.” އެވަގުތަކީ ދޮރާށި ހުޅުވާލާފައި ދިޝާ އައިސް ހުއްޓުނު ވަގުތެވެ. އިން ތަނުން ޒަރީހާ އަށާއި ނާދިޔާއަށް ވެސް ތެދުވެވުނީ އެކު އެކީގައެވެ.

ޒަރީހާ ހުރީ ގުޑިލަންވެސް ހިނިތުންވެލަންވެސް ނޭނގިފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ ލޯމަތިން ފެންނަމުން ދިޔަ މަންޒަރަކީ ޒަރީހާ ހުވަފެނުންވެސް ދެކެފައިވާ މަންޒަރެއްނޫނެވެ.

“ސަޕްރައިޒް.” ދިޝާ އެއްކައިރިއަށް ޖެހިލަމުން ދިޝާގެ ފުރަގަހުގައި ހުރި އަފްޒަލް ޒަރީހާއަށް ދައްކައިލިއެވެ.

އަފްޒަލް ހުރީ ހީލަންވެސް ނުކެރިފައެވެ. މުޅިތަނަށްވެސް ވެރިވެފައިވަނީ ހިމޭންކަމެވެ، ޒަރީހާ ވެސް އަފްޒަލް ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ޒަރީހާ. މިވަގުތު ގޮސްލާނަން އިނގޭ. ދިޝާ. ނާދިޔާ ދައްތަ އަންނާނަން އިނގޭ އަދި ފަހުން.” ނާދިޔާ ދެފަރާތަށް ދެޖުމްލަ ފޮނުވާލަމުން ހިނގައިގަތެވެ. އެވަގުތު އެތަނުގައި ހުރުން ނާދިޔާއަށް ރަނގަޅުކަމަށް ނުފެނުނީއެވެ.

“މަންމާ. މީ އަފޫ.” ނާދިޔާ ދިޔުމުން ދިޝާ އަފްޒަލްގެ އަތުގައި ހިފައިގެން ގޮސް ޒަރީހާއާއި ގާތްވެލިއެވެ.

“ދަރިފުޅުމެން އަންގާވެސް ނުލާ އައީ އޯ ތި. އަންގާލިނަމަ ރަނގަޅު ކާއެއްޗެއްވެސް ތައްޔާރުކުރަން އެނގޭނީ.” ޒަރީހާ ހިނިތުންވެލަމުން އަފްޒަލްއާއި ސަލާމްކުރަން އަތް ދިއްކޮށްލިއެވެ.

“އެ އޯކޭ ވާނެ މަންމާ. އަންނަ ވާހަކަ ނުބުނީ މަންމަ ސަޕްރައިޒް ކޮށްލަންވެގެން.” ދިޝާ ޒަރީހާގެ ކޮނޑުގައި އެލިގަތީ ކުޑަ ކުއްޖެއް ފަަދައިންނެވެ.

“ކޮބާ އަފޫގެ މަންމަމެންގެ ހާލު ރަނގަޅުތަ؟ ދިޝާ ދޭބަލަ އޭނަ ގޮވައިގެން ކޮޓަރިއަށް. މަންމަ އަންނާނަން ސައި ހަދާފައި.” ޒަރީހާ އަފްޒަލްއާއި ވާހަކަ ދެއްކި ނަމަވެސް ޒަރީހާގެ ސިކުނޑި ވަނީ ހާސްވެފައެވެ. ދިޝާ މާލެ ދިޔަތާ ހަފްތާއެއް ނުވަނީސް އަނެއްކާ އެނބުރި ރަށަށް އައުމުގެ ކޮންމެވެސް ސަބަބެއް ވާނެއޭ ޒަރީހާގެ ހިތް ބުނަނީއެވެ. ރަށުގައި ހުރިއިރު ދިޝާގެ މޫނުމަތިން ފެނުނު އުދާސްކަން ކުއްލިއަކަށް ބަދަލުވާން ޖެހުނު ސަބަބެއްވެސް އޮންނާނެއެވެ. އަފްޒަލް ގޮވައިގެން ދިޝާ ޒަރީހާގެ ކުރިމައްޗަށް ނާންނާނަމޭ ދިޝާ ބުނެފައިވާއިރު ކުއްލިއަކަށް ހުރިހާ ކަމެއް ބަދަލުވީ ކީއްވެބާއެވެ.

ސިކުނޑި ފުރިގެން ބަންޑުންވާ ވަރަށް ސުވާލުތައް ފުނިޖަހައިގެން ހުރެ ޒަރީހާ ގޮސް ވަނީ ބަދިގެއަށެވެ.

 

“ދިޝޫ. މަންމަ ހީވަނީ ނުރުހިފަ ހުންނަހެން.” ކޮޓަރިއަށް ވަން ގޮތަށް އަފްޒަލް ފުރަތަމަވެސް އޭނާގެ ހިތުގެ ހާސްކަން ފިލުވާލުމަށް މަސައްކަތް ފެށި ކަހަލައެވެ.

“ތީ ހީވާ ގޮތް. އަލަށް ދިމާވީމަ ވެދާނެ ދޯ އެހެންވެސް.” އަފްޒަލްގެ ވާހަކައަށް މާބޮޑު ސަމާލުކަމެއް ނުދީ ދިޝާ ފޮށީގައި ހުރި އެއްޗެހިތައް ނަގައި އަލަމާރި ތެރޭގައި ތަރުތީބުކުރަން ފެށިއެވެ.

އަފްޒަލްވެސް އިތުރު އެއްޗެއް ނުބުނެ ގޮސް ވަނީ ފާހާނާއަށެވެ.

 

“ތިވެސް ދެން ގޮތެއް އިނގޭ.” ކުދި ކިޔަމުން އައި ހަމްދާ އެގެޔަށް އައިސްވަނީ ދިޝާއާއި އަފްޒަލް ސައިބޯން ތިއްބައެވެ.

“އަޅޭ ދޮންތާ. ސަޕްރައިޒެއް ދޭން ވެގެންނޭ.” ދިޝާ ހީނގަތެވެ.

“އަފްޒަލް. ވެލްކަމް ޓް ދި ފެމެލީ އިނގޭ. އަދި ކިރިޔާ ވިއްޔަ މިފެނުނީ.” ހަމްދާ ފަރުވާތެރިކަމާއެކު އަފްޒަލްއާއި ދިމާއަށް ބަލާލަމުން ހިނިތުންވެލިއެވެ.

ޖަވާބުގައި އަފްޒަލްވެސް ހިނިތުންވެލުމަކުން ނިންމާލީއެވެ.

“ކޮބާ އިޒޫ ކޮއްކޮ އާއި ދޮންތަބެ. ދާނަން އިނގޭ ހަދިޔާ ހިފައިގެން.” ދިޝާ ކާމޭޒުދޮށުން ތެދުވަމުން އަހާލިއެވެ.

“އިޒޫ ނިންދާފައި މިއައީ. ދޮންތަބެ ނެތް ރަށަކު. ނޭނގެ އިޒޫ ނުހޭލާ ކަމެއްވެސް. ދަނީ އިނގޭ. އަންނާތި ފަހުން” ހަމްދާ އަވަސް ފިޔަވަޅުތަކެއްގައި އެތަނުން ނިކުތެވެ.

ހަމްދާ ގާތްކޮށް ވާހަކަ ދެއްކުމުން އަފްޒަލް ހުރީ ހިތްހަމަޖެހިފައެވެ. އެކަމަކު ޒަރީހާ ދެކެ އަފްޒަލް އަދިވެސް ފަސްޖެހެއެވެ.

 

މުޅި ދުވަސް ހޭދަވީ އަފްޒަލްއާއި ދިޝާ ރައްޓެހިންނާއި އާއިލާ މީހުންނާއި ބައްދަލުކުރުމުގައެވެ. އެކަމުގައި އެންމެ އިސްކޮށް އުޅުނީ ޒަރީހާއެވެ. އަފްޒަލްއާއި މެދު ގޯސް ނަޒަރަކުން އެކަކުވެސް ދެކެން ޒަރީހާ ބޭނުންނުވަނީއެވެ.

އަފްޒަލްއަށް ރާއްޖެތެރޭގެ އެ މާޙައުލު ވަރަށް ކަމުދިޔައެވެ.

 

“ދިޝޫ. އަޅެ އަހަރެންވެސް މިރަށު މީހަކަށްވީނަަމަ.” ކޮޓަރިއަށް ވަން ގޮތަށް އަފްޒަލް އެނދު މައްޗަށް ވެއްޓިގަތެވެ.

“ޗީ. ދެން ބޭރުގައި އުޅެފައި ދަލާއި އެއްކޮށް އެނދުގައި މޮޑެވެނީއޯ ތި. ދޭ ފެންވަރަން”. ދިޝާގެ ތުން އޫ ކޮށްލަމުން އަފްޒަލްއާއި ދިމާއަށް ލޯއަޅައިލިއެވެ. އަދި ހަރުގަނޑުގައި އޮތް ތުވާލި ނަގައި އަފްޒަލްއަށް ދިއްކޮށްލިއެވެ.

ފަނޑު ހިނިތުންވުމަކާއެކު ދިޝާ ދިއްކޮށްލި ތުވާލީގައި ހިފަމުން އަފްޒަލް ގޮސް ވަނީ ފާހާނާއަށެވެ.

ފުރުސަތެއްގެ އިންތިޒާރުގައި ހުރި ދިޝާ އަވަސް އަވަހަށް ހިނގައިގަތީ ކޮޓަރިން ނިކުންނާށެވެ. ދިޝާ ހުރީ އޭނާގެ މަންމަ ޒަރީހާ އާއި އެކަނި ވާހަކަ ދައްކާލަން ބޭނުންވެފައެވެ.

“ދިޝޫ.” ދިޝާއަށް ދެވުނީ ދޮރާއި ހަމައަށެވެ. އަފްޒަލް ދިޝާއަށް ގޮވައިލިއެވެ.

“ކީކޭ.؟” މޫނުމައްޗަށް ވެރިވެގެންދިޔަ ފޫހިކަމާއެކުވެސް ދިޝާ ފަސްއެނބުރުނެވެ.

“ޓޫތުޕޭސްޓް ނެތް. ނުގެނެވެނީ ކަަންނޭނގެ.” ފާހާނާގެ ދޮރު ކުޑަކޮށް ހުޅުވާލަމުން އަފްޒަލް ބޯގުދު ކޮށްލިއެވެ

“ހުރޭ. މިއަންނަނީ މަންމަ ކޮޓަރިން ހިފައިގެން.” ދިޝާ ބޭރަށް ނިކުތެވެ.

އެކި ދިމަ ދިމާއަށް ކަޅި އުކަމުން ގޮސް މުޅި ގެ ހޯދި އިރުވެސް ދިޝާއަކަށް މަންމައެއް ނުފެނުނެވެ.

އެންމެ ފަހުން ދިޝާ ނިންމީ ކައިރި ފިހާރައަކަށް ގޮއްސަ ގަނެލާށެވެ.

 

“މޭ އަގަރް ކަހޫ ތުމްސާ ހަސީން…ކާއިނާތުމޭ ނެހީ ހޭ ކަހީ….ތަޢުރީފް ޔޭބި ތޯ ސަޗްހެ ކުޗްބީ ނެހީ.”
މަގުގެ އެއްފަރާތުން އިސްޖަހައިގެން ހިނގާފައި ދިޔަ ދިޝާ އިސްއުފުލާލީ އިވުނު ލަވައިގެ އަޑުންނެވެ.
އޭރު މަގުގެ އަނެއްފަރާތުގައި ބަހައްޓާފައި ހުރި ޖޯއްޔެއްގައި ތިން ފިރިހެންކުދިން އިށީނދެ ތިއްބެވެ.
ދިޝާ އެއްވެސް ސަމާލުކަމެއް ނުދީ ހިނގުން ބާރުކޮށްލިއެވެ

“ފިޒާން. ބަލާލަބަލަ އެޔޮށް ކަމެއް ކައެ އާ ހާދަ ގުޅޭ ކުއްޖެކޭ އެއީ.” އެތަނުން އެކަކު އަޑަށް ބާރުލަމުން ދިޝާއަށް އަޑު އިވޭ ވަރަށް ބުނެލިއެެވެ.

އެވަގުތު މޫނުމަތީގައި އަޅާފައި އޮތް ތޮފި ނަގަމުން ޖޯލިން ތެދުވިއެވެ.

“ފިޒާން. ކަލޭ މީހަކަށް ވާނީ އެކުއްޖާގެ ނަން ހޯދިއްޔާ. އެވެސް އެކުއްޖާގެ އަނގައިން.” ފިޒާންގެ އެކުވެރިން ފިޒާންއަށް ކޮށްލީ ޗެލެންޖެކެވެ.

ފިޒާން އެއްމިޔަކަނުން ހީލިއެވެ. އަދި ތަންކޮޅެއް ދުރުގައި ހުރި ދިޝާއަށް ނަޒަރު ހިންގާލަމުން ދުއްވައިގަތެވެ.

“މަށަކަށް ފަލަ ކުދިން ކަމަކުނުދޭ.” ވަރަށް ގާތުން އިވުނު އަޑާއެކު ދިޝާ ދިޔައީ ސިއްސައިގެންނެވެ.
​ފަސްއެނބުރި ބަލާލަމުން ދިޝާ އުޅުނީ ހަޅޭލަވައިގަންނާށެވެ.
ނަމަވެސް ދިޝާގެ އަނގައިގެ ހަރަކާތް ހުއްޓުނު ކަހަލައެވެ.

“މި ބުނީ މަންޖެ ކުޑަކޮށް ފަލައޭ. ކޮން ނަމެއްތަ ކިޔަނީ.” ފިޒާން ދިޝާ އާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

ދިޝާއަށް ހިންދިރުވާލެވުނެވެ. މީ ހަމަ އޭނާ ހެއްޔެވެ.؟ ކެފޭ ތެރެއިން ފެނުނު މަޑުމައިތިރި ޒުވާނާ ހެއްޔެވެ؟ އުޅެނީ ހަމަ މާބުރެއްހެން ހެއްޔެވެ؟

ކަޅި ޖަހައިލަން ހަނދާންނެތިފައި ފިޒާންގެ މޫނަށް ދިޝާ ބަލަން ހުއްޓެވެ.

“ޤަބޫލު ނުކުރެވެނީތަ ފަލަ ކަމަށް. ދައްކަންވީތަ؟” އެއްވެސް ޖެހިލުމެއްނެތި ދިޝާގެ ބަނޑުގައި ފިޒާން އަތް ޖައްސާލިއެވެ.
ދިޝާއަށް ލިބުނީ ކަރަންޓް ޝޮކެއް ކަހަލައެވެ. ފިޒާންގެ ގޮތެއްފޮތެއް ނެތީތީ ދިޝާގެ ގާތަށް އިންތިހާއަށް ރުޅިއައެވެ.

އަތް ދަމާފައި ފިޒާންގެ ކަންފަތްމަތީގައި ދިޝާ ހޫނު އެތިފަހަރެއް އަޅާލިއެވެ.

ހަމަ އެސިކުންތުގައި ފިޒާންވެސް ދިޝާގެ ކަންފަތްމައްޗަށް އަތްތިލަ އަރުވާލައިފިއެވެ.

“ދައްކާހާ ތުޔެއް މި ފިޒާންއެއް ނުބަލާނަން.” ދެލޯ ބޮޑުކޮށްލަމުން ފިޒާން ދިޝާގެ މޫނާއި ކައިރިވެލިއެވެ.

ރުއިން ފިޔަވައި ދިޝާ އަކަށް އިތުރު އެއްވެސް ކަމެއް ނުކުރެވުނެވެ. ދިޝާ އުޅުނީ އަވަސްވީ ގޮތަކުން އެތަނުން ދާށެވެ.

ނަަމަވެސް ފިޒާން ކުރިޔަށް ޖެހިލައި ދިޝާގެ އަތުގައި ހިފާލިއެވެ.

“ނަން ބުނެފަ ނޫނީ ނުދެވޭނެ.” ފިޒާން އަމުރުކޮށްލިއެވެ.

“ތީނަ މަގޭ ހިތަށް ބަލާނަމޭ ބުނެ އެދުވަހު ބޯޖަހާލި ނަމަވެސް އެއީ ހަމަ ދައްކާލި ދަޅައެއް.” ފިޒާންގެ އަތު ތެރެއިން އަތް ދަމައިގަންނަމުން ދިޝާ ދުއްވައިގަތެވެ.

ފިޒާން ހުރީ ވީ ނުވީއެއް ނޭނގިފައެވެ. ދެކޮނޑު އަރުވާލަމުން ފިޒާން އެނބުރި އެކުވެރިންނާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ބިންމަތިން އެއްޗެއް ވިދާތީ ފިޒާންގެ ލޮލުގައި އަޅައިގަތެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އާމިނަތު ފަރުޒާނާ
ހުނަރުވެރި ވާހަކަލިޔުންތެރިއެކެވެ. ފީޗާ ލިޔުމަށްވެސް ވަރަށް ކުޅަދާނައެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް